މިދިޔަ އަހަރު ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ. މިފަހަރުގެ ޖަލްސާ އޮންނާނީ މިމަހުގެ 30 ވަނަ ދުވަހު.
09 މެއި 2017 - 19:51
ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް ވޯޓިންއާ އެކު އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މި މަހު 30ގައި ބާއްވަން ނިންމައިފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު މިއަދު ވިދާޅުވީ އިލެކްޓްރޯނިކް ވޯޓިން މެދުވެރިކޮށް ވޯޓުލެވޭ ގޮތަށް ހަމަޖެއްސުމުން ހިއްސާދާރުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
"ރާއްޖޭގައި އަލަށް މިގޮތަށް މި ވޯޓު ލެވެނީ. މި ވޯޓިން ސިސްޓަމް ވަނީ އޮޑިޓް ފާމަކުން އޮޑިޓްކޮށްފައި. އަދި ވޯޓު ލެވޭނެ ގޮތް ހިއްސާދާރުންނަށް ކިޔައިދިނުމަށް ޔޫޓިއުބްގައި އެކަމަށް ހާއްސަ ވީޑިއޯއެއް އަޕްލޯޑްކޮށްފައިވާނެ،" އޭނާ ވިދާޅުވި އެވެ.
އެ ކުންފުނިން މި ފަހަރު އަހަރީ ޖަލްސާއާ ދިމާކޮށް ހާއްސަ ވެބް ޕޭޖެއް ވެސް ތައާރަފްކޮށްފައިވެ އެވެ. އެ ވެބް ޕޭޖުގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ބޭފުޅުންގެ މައުލޫމާތާއި އަލަށް ކުރިމަތިލެއްވި ބޭފުޅުންގެ މައުލޫމާތުގެ އިތުރުން މާލީ ހިސާބުތައް ވެސް ހިމަނާފައިވެ އެވެ.
އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގަ އެވެ.
އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ އަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހިއްސާދާރުންނަށް ހުޅުވާލައިފަ އެވެ. މިގޮތުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މި މަހު 25ގެ ނިޔަލަށް ވަނީ ދީފަ އެވެ. އަދި ޕްރޮކްސީ ހުށަހެޅުމުގެ ފުރުސަތު 29 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މެނޭޖިން ޑިރެކްޓަރު ޝަހީރު ވިދާޅުވީ މި އަހަރުގެ އަހަރީ އާއްމު ޖަލްސާގައި "ހިއްސާދާރުންގެ އޮންލައިން ޕޯޓަލް"އެއް ތައާރަފު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ޕޯޓަލް މުސްތަގުބަލުގައި ކަސްޓަމަރުންނާއި އެހެން ފަރާތްތަކަށް ވެސް ބޭނުންކުރެވޭ ގޮތަށް ޑިޒައިން ކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ޕޯޓަލް މި ފަށަނީ ކުންފުނީގެ ހިއްސާދާރުންނާ ހިސާބުން. މި ޕޯޓަލްގައި ކުންފުނީގެ ހިއްސާދާރުންނާއި ޑިވިޑެންޑާ ބެހޭ މައުލޫމާތު ބެލޭނެ،" ޝަހީރު ވިދާޅުވި އެވެ.
އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް ބަހަން ހުށަހަޅާފައި ވަނީ 51ރ. އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy