ރިޕޯޓް / ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2017

ބައްޔަށް ފަހު ޕީޕީއެމަށް ބޮޑު ގޮންޖެހުންތަކެއް

ޕީޕީއެމަށް މެމްބަރުން ވައްދަން ބޭއްވި ހަފުލާއެއްގައި ރައީސް ޔާމީން އާއި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން -- ފޮޓޯ: ހުސެން ވަހީދު/ މިހާރު

ޕީޕީއެމުން ފަހުރުވެރިކަމާ އެކު އަބަދުވެސް ދައްކާ އެއް ވާހަކައެއް އޮވެ އެވެ. އެ ޕާޓީ އުފެދުނު ފަހުން ފުލުފުލުގައި ބޭއްވި ބައި އިލެކްޝަންތައް "ކިހިލި" ޖަހައިގެން ނެގި ވާހަކަ އެވެ. އިލެކްޝަންސް ކޮމިޝަނުން އޭރު ބޭއްވި ވިއްސަށް ވުރެ ގިނަ ބައި އިލެކްޝަންގައި ކައުންސިލްތަކުގެ އެންމެ ގޮނޑިއެއް ވެސް އެމްޑީޕީއަކަށް ނުލިބުނެވެ. އޭގެ ފަހުން ބޭއްވި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ވެސް ކާމިޔާބުކޮށް ސިޔާސީ މައިދާނުގެ ޕީޕީއެމުން "ރަސްކަން" ކުރަން ފެށި އެވެ.

އެކަމަކު މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގެ އެކި ރަށްރަށުގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ ނުކުތީ ދިމާ އިދިކޮޅަށެވެ. ހާލަތު މުޅިން ބަދަލުވެއްޖެ އެވެ. ރައީސް އަބްދުﷲ ޔާމީން ގިނިކަންޏާ ނުކުމެވަޑައިގަތް ބޮޑު ފުރަތަމަ އިންތިހާބުގައި ލިބިވަޑައިގަތީ ވެސް އެހާމެ ބޮޑު ނާކާމިޔާބީއެކެވެ. އިދިކޮޅު ހަތަރު ލީޑަރުންގެ ތާއީދާ އެކު ގިނަ ކައުންސިލްތަކެއްގެ މެޖޯރިޓީ އާއި އާބާދީ ބޮޑެތި ގިނަ ސަރަހައްދުތަކުގެ ކައުންސިލް ވެސް ހޯދީ އިދިކޮޅު އެމްޑީޕީންނެވެ.

ޕީޕީއެމް މަޖިލިސް މެމްބަރުންގެ ހިޔާލު ދެކަފިވެފައި!

އިންތިހާބުގެ ނުކުތް ނަތީޖާ އިން އެންމެ ބޮޑު އަސަރެއް ކުރި އެއް ބަޔަކީ މަޖިލިހުގައި ތިއްބަވާ ޕީޕީއެމްގެ މެމްބަރުންނެވެ. އެ މެމްބަރުން ނިސްބަތްވާ ގިނަ ދާއިރާތަކުގެ ކައުންސިލް ގޮނޑިތައް ނެގީ އެމްޑީޕީންނެވެ. ބައެއް މެމްބަރުން އިއްތިފާގުވާ ކަމެއް އެބަ އޮތެވެ: ރަށްރަށަށް ތަރައްގީ އަޔަސް، ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުވެގެން ނޫނީ ޕީޕީއެމަށާއި ސަރުކާރަށް އާނ ބަސް ނުބުނާނެ ބަޔަކު ތިބި ކަމެވެ.

އަސާސީ ހައްގުތަކުން ރައްޔިތުން މަހްރޫމްކޮށް، ހިދުމަތްތަކުގެ އަގު ބޮޑުކުރުމާ ގުޅިގެން ސަރުކާރަށް ހަނދާނުން ނުފޮހެލެވޭ ވަރުގެ ފިލާވަޅެއް ރައްޔިތުން ދިނީ ކަމަށް އެ މެމްބަރުން ގަބޫލުކުރައްވަ އެވެ.

އަސާސީ ހިދުމަތްތަކުގެ ތެރެއިން ކާޑުގެ އަގަށާއި ކަރަންޓުގެ އަގަށް އައި ބަދަލަކީ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވި. އެހެންވެ، އެކަމުން އިންތިހާބަށް އަސަރު ކުރި --އަބްދުއްރަހީމް

އިންތިހާބަށް ފަހު ޕީޕީއެމް އޮފީހުގައި ބޭއްވި ކައުންސިލް ބައްދަލުވުމުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ

ޕީޕީއެމްގެ މަޖިލިސް މެމްބަރަކު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ރާއްޖޭގެ ތަރައްގީއަށް ގެންނެވި ފަދަ ބަދަލެއް އިތުރު ވެރިއަކަށް އަދި މިހާތަނަށް ގެންނެވިފައެއް ނެތެވެ. އެކަމަކު ތަރައްގީއަށް ވުރެ ރައްޔިތުން ބޭނުންވީ ހަމަހަމަކަމާއި އިންސާފުކަން ހާމަވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި އަސާސީ ހިދުމަތްތަކުގެ ތެރެއިން ކާޑުގެ އަގަށާއި ކަރަންޓުގެ އަގަށް އައި ބަދަލުން ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވި އެވެ. އެހެންވެ، އެކަމުން އިންތިހާބަށް އަސަރު ކުރި ކަމަށް އޭނާ ވެސް އެއްބަސްވެވަޑައިގަތެވެ.

އެކަމަކު އިންތިހާބުން ސަރުކާރަށާއި ޕީޕީއެމަށް ނާކާމިޔާބީ ލިބުނު ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ. ލޯކަލް ކައުންސިލް އިންތިހާބަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ އެއްވެސް ގުޅުމެއް ނެތް އިންތިހާބެއްގެ އިތުރުން އެމްޑީޕީ އަށް ލޯކަލް ކައުންސިލް އިންތިހާބުގައި ބޮޑު ކަމިޔާބީއެއް ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންތިހާބުގައި ކުރިމަތިވި އަނެއް ސަބަބަކީ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ ޓިކެޓްގައި ތިން ކެންޑިޑޭޓުން ނުކުން ތަންތަނަށް ވެސް ޕީޕީއެމްގެ މެމްބަރުން އަމިއްލަ ގޮތުން ވާދަކުރުމެވެ.

ލޯކަލް ކައުންސިލް ތަކުގެ އިންތިހާބުގެ ކެމްޕެއިން ޖަލްސާއެއްގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. -މިހާރު ފޮޓޯ: ހުސައިން ވަހީދު

އޭނާ ވިދާޅުވީ އަމިއްލަ ގޮތުން ނިކުމެ ކާމިޔާބުކުރީ "ސީދާ ޕީޕީއެމްގެ އާންމު މެމްބަރުން"ނެވެ. އެ 100 އެއްހާ ކެންޑިޑޭޓުންގެ ތެރެއިން ޕީޕީއެމް ފިކުރުގެ ކެންޑިޑޭޓުންނާއި ޕީޕީއެމަށް މިހާރު ލިބިފައިވާ ގޮނޑިތައް އެއްކޮށްލީމަ އެމްޑީޕީ އަށް ވުރެ ގިނަ ގޮނޑި، ޕީޕީއެމަށް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކައުންސިލް އިންތިހާބަށް ނިކުންނައިރު، ކެންޑިޑޭޓުން ބައްލަވާ، އެންމެ ގިނަ ވޯޓު ލިބޭނީ ކޮން ގޮތަކަށްތޯ. ޕާޓީއަކުން ނުކުމެގެންތޯ ނުވަތަ އަމިއްލަ ގޮތުން ނިކުމެގެންތޯ. ބައެއް ގެތަކުގައި އެބަ ތިބޭ އެމްޑީޕީގެ ސަޕޯޓަރުންނާއި ޕީޕީއެމްގެ ސަޕޯޓަރުންނާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން. ވަކި ލޭބަލެއްގައި ނުކުމެގެން ވޯޓުލުން މަދުވެދާނެތީ ހުރިހާ ވޯޓެއް ހޯދަން އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން އެބަ އުޅޭ. މިނިވަންކޮށް ހޮވުނު 100 ކެންޑިޑޭޓުންގެ ތެރެއިން 60 ނޫނީ 70 ކެންޑިޑޭޓުންނަކީ ޕީޕީއެމްގެ މެމްބަރުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕީޕީއެމްގެ މެމްބަރުން ރަސްމީ ޕްލެޓްފޯމަށް އަންނާނެ. އެ މަންޒަރު ފެންނާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ރަސްމީ ނަތީޖާ އަށް ބަލާއިރު، ޕީޕީއެމް މިއޮތީ ދަށުގައި އެމްޑީޕީއަށް ވުރެ، އެކަމަކާ އަޅުގަނޑު ދެކޮޅު ހަދަނީކީ ނޫން. އެ ނަތީޖާއަކީ އަޅުގަނޑުމެންނަށް 2018 ގެއްލޭނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެކަމަކު މިއީ ބަލި ގަބޫލުނުކުރަން ޕީޕީއެމުން ދައްކާ ވާހަކައެއް ކަމަށް އިދިކޮޅު މީހުން ބުނެ އެވެ. އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރާ އެތައް ބަޔަކު އަމިއްލަ ކެންޑިޑޭޓުންގެ ތެރޭގައި ވެސް ތިބޭނެތީ، އަބްދުއްރަހީމްގެ ވާހަކަ އަކީ "ތާކުންތާކުނުޖެހޭ" ވާހަކައެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދެކެ އެވެ. މައުމޫން މިހާރު ވެސް ވަނީ އަމިއްލަ ކެންޑިޑޭޓުން، އިސްލާހީ މަސައްކަތުގައި އެހީތެރިވެ ތިބެން ގޮވާލައްވައިފަ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެއީ ސަރުކާރާ އިދިކޮޅު އިއްތިހާދާ އެކު ތިބުމެވެ.

ބަލި ގަބޫލުނުކޮށް ގިނަ ވާހަކަތަކެއް

"މިހާރު" އާ ވާހަކަ ދެއްކެވި ޕީޕީއެމް އެހެން މެމްބަރުންގެ ޝަކުވާއަކީ އެ ޕާޓީގެ ލީޑާޝިޕުގެ ބޭފުޅުން ބަލި ގަބޫލު ނުކުރެއްވުމެވެ. އާބާދީ ބޮޑެތި ރަށްތަކުން ޕީޕީއެމަށް ލިބުނު ނާކާމިޔާބީން ބޮޑު ހައިރާންކަމެއް ލިބިވަޑައިގެންނެވި ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.

"ސަރުކާރުން ގިނަ މަޝްރޫއުތަކެއް ހިންގަނީ އާބާދީ ބޮޑެތި ރަށްރަށުގައި. އެހެންވީމަ ތަރައްގީ ފެނިފައި ވެސް ރައްޔިތުން ނުކުމެ ޕީޕީއެމް ކެންޑިޑޭޓުންނަށް ވޯޓު ނުދޭން ނުނިކުތީ ކީއްވެތޯ؟" މެމްބަރަކު ސުވާލުކުރެއްވި އެވެ.

"މީގައި އޮތީ ދެ ސަބަބެއް. ކައުންސިލަރުންނަށް ބާރެއް ނެތީމަ ރައްޔިތުން ފޫހިވީ. ދެވަނަ ސަބަބަކީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ވޯޓުލާން ފޫހިވީ."

އަބްދުއްރަހީމް ވެސް ވިދާޅުވީ އިންތިހާބުގެ ނަތީޖާ އިން ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ. އެ ގޮތުން ރަށްރަށަށް އަންނަ ތަރައްގީ އަށް ވުރެ މުހިންމު ކަންތައްތަކެއް ހުރިކަން އިންތިހާބުން އެނގުނު ކަމަށާއި ސަރުކާރުން އެކަމަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެންނަނީ އަދިވެސް އެ މަންޒަރެއް ނޫން. ބަލި ގަބޫލު ކުރައްވާފައި ކުރިއަށް ވަޑައިނުގަންނަވާތީ މައްސަލައަކީ. އަދިވެސް މަސައްކަތް ކުރައްވަނީ ޖަދަލުކުރައްވަން،" - މެމްބަރެއް

"އަޅުގަނޑު ގަބޫލު ކުރަނީ ރައީސްގެ ވިސްނުންފުޅުގައި ހުންނާނެއޭ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯއްދަވައި ދެއްވުމުގައި. އުންމީދަކީ ކުރިއަށް އޮތް ތަނުގައި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ލިބިގެން ދިއުން،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ހިޔާލު ތަފާތު މެމްބަރުން ވިދާޅުވާ ގޮތުގައި ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ގައުމުގެ ކަންކަން އިސްލާހު ނުކުރާ ނަމަ، ރައީސް ޔާމީނަކަށް ރިޔާސީ ކާމިޔާބު ކާމިޔާބެއް ނުކުރެއްވޭނެ އެވެ.

"ރައީސަށް އޮތީ ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތް ކުރެއްވުން. އެހެންނޫނީ 2018 ގެ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ފަސޭހަ ކަމަކަށް ނުވާނެ ކާމިޔާބު ކުރަން،" މެމްބަރަކު ވިދާޅުވި އެވެ.

"އެކަމަކު ފެންނަނީ އަދިވެސް އެ މަންޒަރެއް ނޫން. ބަލި ގަބޫލުކުރައްވާފައި ކުރިއަށް ވަޑައިނުގަންނަވާތީ މައްސަލައަކީ. އަދިވެސް މަސައްކަތް ކުރައްވަނީ ޖަދަލުކުރައްވަން."

ރައީސް ދެއްވީ ކުރު ޖަވާބެއް، ކުރިއަށް ވަޑައިގަންނަވާ!

ޕީޕީއެމްގެ މެމްބަރުންގެ ފަރާތުން އެނގުނު ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއާ ގުޅިގެން ރައީސް ޔާމީން ދެއްވީ ވަރަށް ކުރު ޖަވާބެކެވެ.

"ރައީސް ވިދާޅުވީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އިނގިލި ދިއްކޮށް ނުހެދުމަށް. ފިލާވަޅެއްގެ ގޮތުގައި ބަލައިގަނެ، މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ގެންދިއުމަށް،" ނަން ޖަހަން ބޭނުންނުވާ މެމްބަރަކު ވިދާޅުވި އެވެ.

އެކަމަކު ޕީޕީއެމް ތެރޭގައި އެއް ބަޔަކު އަނެއް ބަޔަކު ގޯސްކުރުން އެބަ އޮތެވެ. އެގޮތުން ބައެއް މެމްބަރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެއްވި ކަމަށް ވިދާޅުވެ، އެހެން މެމްބަރުންނަށް ބަހުގެ ހަމަލާތައް ދެއްވި އެވެ. އެހެންކަމުން މިވަގުތު ހުރިހާ މެމްބަރުން އެއް ތަނަކުން ބައްދަލުވެ މަޝްވަރާކުރެވޭ ވަރަށް މާޔޫސްކަމާއި ޝަކުވާތައް އަދި ނުފިލަ އެވެ.

ރައީސް ޔާމީން ވިދާޅުވި ކަމަށް ވަނީ ނިމުނު ކަމެއް ނިމުނީ ކަމަށް ބަލާފައި ރިޔާސީ އިންތިހާބަށް މަސައްކަތް ފެށުމަށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިން ވަރުގަދަ ކުރުމެވެ.

އެކަމަކު ކައުންސިލް އިންތިހާބުން ނުކުތް ނަތީޖާ އަކީ ކުޑަ މެސެޖެއް ނޫނެވެ. އެހެންކަމުން ރައްޔިތުން އެ ބުނި އެއްޗަކާ ފުންކޮށް ވިސްނައި، ސަރުކާރުން ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅުނުކޮށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުން ކުރާނެ އަސަރެއް ނޯންނާނެ ކަމަށް ބައެއް މެމްބަރުން ދެކެ އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ކޮންޓްރޯލް ހޯދަން އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތުގެ ހިޔަނި ވެސް އެކަމަށް އެޅޭނެ އެވެ.

86 ކޮމެންޓް, 207 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 4%
icon angry icon angry 81%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސޭން

21 May 2017

ގޮނޑި މަދުވީމާ ، އަމިއްލަ ގޮތުން ނިކުން ކެނޑިޑޭޓުންގެ ވާހަކަ ދައްކަން ލަދުގަނެބަލަ ، ތިޔަ ބައިގެޑެއް ނޫންތަ އެކަމަށްވެސް ހުރަސްއަޅަން އުޅުނީ ، ނާކާމިޔާބްވެސް ހަޖަމްވެ ބަލަ ، ކައުންސިލް އިންތިހާބްއަކީ ޕީ.ޕީ.އެމްއަށް ބޮޑު ލަދެއް!

The name is already taken The name is available. Register?

ހަނު ހުންނަ މީހާ

18 May 2017

ހަޤީޤަތުގައި ލިބުނީ ކުރިއެރުމެއް. ރައީސް މައުމޫނާއެކު ނުކުމެ %25 ލިބުނު ބަޔަކަށް %30 ލިބުމަކީ ކާމިޔާބެއް. މަޖުބޫރުވެގެންނޭ ކިޔާ ބަޔަކު ވޯޓްލީވާކައެއް އަދި ނުދައްކަން.

The name is already taken The name is available. Register?

ޔަގީން

15 May 2017

އަދިވެސް އަދުރޭ މެން ޒަމީރުމެން ކުރިއަށް ނެރޭވަރަކަށް ނަތީޖާދާނީ ފަހަތަށް.

The name is already taken The name is available. Register?

އަސްލުމީހާ

15 May 2017

އިންތިހާބުން ޕޕއމ ބަލިވީ ބާޒާރުގަ ބޮޑުއަގުގަ ގަނެގެން ގެނެސްފަ ތިބި ބަޔަކު އިސްކޮއްގެން އިންތިހާބުގެ ގޮޑިތައް ކާމިޔާބްކުރަން ނެރުމުން، މިބޭފުޅުންގެ ޖީބް ރފުރާލުމަށް ނޫން އިތުރު އެއްވެސް ވިސްނުމެއްނެތް، ޔަގީނުންވެސް އިނގޭ އެއްރަށަކީ ތިނަދޫ، ރައްޔިތުން ތަރައްޤީބަލައިގެންފި އެކަމް އިންތިހާބްގެ ލީޑް ރޯލް އަދާކުެއްވި ބޭފުޅާ ފޭލްކޮށްލަން ދިންވޯޓެއް ކައުންސިލް އިންތިހާބަކީ، ވައްފާސްކޮށް ދާއިރާގެ މެންބަުރުން ބުނަމުންދިޔައީ އެމީހުންގެ ގެތަކަށް މެންބަރު ނުވަނުމަށް އަދި ކައުންސިލްއަށް ކުރިމަތި ލެއްވި ކެންޑިޑޭޓުން އެކަނި އައުމަށް ހިލާ ގޮތްދޫނުކޮށް ކައުންސިލްއަށް ކުރިމަތި ލެއްވި ކުޑިން ގުނބޯ ހައްދައިގެން ގެންގުޅިނީ، ޑޯޓްޑޯވެސް މެންބަރުނެތި ކުރިޔަށް ގެންދިއުންމަނާ، ކައުންސިލްއަށް ކުރިމަތި ލެއްވި ބޭފޫލުންގެ ފޮޓޯތަކަށްވުގެ ސޯޝަލްމީޑިޔާގަ އަބުރަމުންދިޔައީ މެންބަރުގެ ޕޮޓޯތައް، އޭގެ ނަތީއްޖާ ފެނިގެން މިދިޔައީ، ހުރިހާ ނިކަމެތި ކަމެއް އާންމު މެންބަރުންނަށް

The name is already taken The name is available. Register?

ރައްޔިތުމިހާ

14 May 2017

ރައީސް ޔާމިނަށް އަދިވެސް ރައްޔިތުންބުނާ އެއްޗެއް ގަބޫލުނުކުރެވެއެވެ. ރައްޔިތުންބުނަނީ އަނިޔާ ވެރިކަމާއި ދެކޮޅެވެ. ކަރެޕްޝަނާއި ދެކޮޅެވެ. އިންސާފު ރައްޔިތުން ބޭނުންވެއެވެ. މިނިވަން މުއައްސަސާތަށް ގާނޫނުގެ ބާރުވެރިކަން ދޭށޭ ؟ އިންސާފުގެ ކުރިމައްޗަށް ފައިސާއަށް ޚިޔާނާތެރިވީ މީހުން ގެންނާށޭ ؟

The name is already taken The name is available. Register?

ނުރަބޯ

14 May 2017

އަދުރޭ ތިޔަ ވިދާޅުވީ ވަރަށްބޮޑު ދޮގެއް.. ކާޑުގެ ބާވަތްތައް އަގުބޮޑު ކުރުމުން އެކަމަކާ ރައްޔުން ކަންބޮޑުވެގެން ނޫޅޭ ކަމަށް ޕީ.ޕީ.އެއްމް ޕާލަމެންޓް މެމްބަރު އިލްހާމު ވިދާޅުވި..... އެހެންވީމާ، އަދުރޭ އިތުރުފުޅު ނުހައްދަވާ.... ރައްޔިތުންގެ އެއްވެސް ކަންބޮޑުވުމެއް ނެތްކަން ރިއަލިޓީކޮށް ވޯޓުގެ ނަތީޖާއިން ވަރަށް ސާފު... ނިހާނުއާއި އަދުރޭއާއި އިލްހާމުމެން ރައީސް މައުމޫނަށް ދިންވަރަށްވުރެ ބޮޑު ލަނޑެއް ޔާމީނަށްދޭނެ މިޢި، ރިއަލިޓީއަކީ

The name is already taken The name is available. Register?

އަލިބެ

14 May 2017

ދެން ކިތަންމެ ރަގަޅުވާން އުޅުނަސް އެކަމެއް ބަލައެއް ނުގަންނާނެ.

The name is already taken The name is available. Register?

ޙަނަފު

14 May 2017

ނިހާނު އަނެއްކާ ރައީސް ގުއިރޯނުގަ ޖައްސަނީތަ.

The name is already taken The name is available. Register?

އިބުރާހިމް

14 May 2017

މާލޭ ސިޓީއިން ފަސްގަޑި އިރުތެރޭ ފާޓީއަށް ސޮއިކުރި 11000 މީހުން ވޯޓްނުލަނީތަ، ޕޕމ އަށް މާލެއިން 1 ގޮނޑިވެސް ނުލިބުނީ، ރިކެޓް ސްޕީޑްއަށްވުރެ ބާރަށް ޕާޓީއަށް މީހުންވެއްދި، ގަދަބާރުންދެއްތޯ! މިކަމުން އެނގިގެންދަނީ އިންސާފުން ކަންކަން ކޮށްގެންކަން ކުރިއެރުންއޮތީ، މީހުން ތަޅުއަޅުވައިގެން ތާއީދެއްނުހޭދޭނެކަން. ﷲ އަކްބަރު

The name is already taken The name is available. Register?

ތަކުރުފާނު

13 May 2017

މުސްލިމުންގެ ދުސްތޫރުގެ ކިތައް ތަނުގައި ތަރައްޤީ އޮތްތޯ ބަލަމާ ހިނގާށެވެ. އަދި އެއަށްފަހު އަދުލު އޮތްތޯއާއި އިޙްސާން މިބަސް ކިތައް ފަހަރު އޮތްތޯ ބަލަމާ ހިނގާށެވެ. އަދުލުވެރިކަން ނެތިފައި އިޙްސާންތެރިކަން ނެތިއްޔާ ތަރައްޤީއަކުން ކުރެވޭނެ ކަމެއް ނޯންނާނެއެވެ. އަދުލުވެރިކަމާއި އިޙްސާންތެރިކަމަށްވުރެ ކުރިޔަށް ތަރައްޤީ ނެރެގެން އުޅޭ ބަޔަކަށް ލިބޭނެ ކާމިޔާބެއް ނޯންނާނެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454