މިދިޔަ ސީޒަނުގެ މެޗެއްގައި މާޒިޔާގެ މުލަކޭ (ވ) ކައިރިން ޓީސީގެ ދާދު ދެމި ގަންނަން މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
12 މެއި 2017 - 08:04
އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި މިރޭ މާޒިޔާއާ ދެކޮޅަށް ނުކުންނައިރު ޓީސީ ސްޕޯޓްސް ކްލަބަށް ލިބިފައިވާ އެންމެ ބޮޑު ހިތްވަރަކީ މާޒިޔާގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް ގެންނަން ލިބިފައިވާ ފުރުސަތު ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ކުޅުނު ހަ މެޗުން މޮޅުވެ 18 ޕޮއިންޓާ އެކު ތާވަލުގެ އެއް ވަނައިގައި މާޒިޔާ އޮތްއިރު މިރޭ މޮޅުވެއްޖެ ނަމަ ހަ ޕޮއިންޓުގެ ލީޑަކާ އެކު ފުރަތަމަ ބުރު ނިންމާލެވޭނެ އެވެ. އަނެއްކޮޅުން 10 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތް ޓީސީ އަށް މިރޭ މޮޅެވެގެން ތިން ވަނައިގައި އޮވެ ފުރަތަމަ ބުރު ނިންމާލެވޭނެ އެވެ.
"ހަމަ ވަރަށް ބޮޑަށް އިތުބާރެއް އެބައޮތް މި ބުރު ތިން ވަނައިގައި ނިންމާލެވޭނެ ކަމުގެ. މި ބުރު ތިން ވަނައިގައި ނިންމަން ޖެހޭ ވެސް މެ. އަންނަ ބުރަށް 13 ޕޮއިންޓާ އެކު ވަދެވުން ވަރަށް ބޮޑު ރޯލެއް ކުޅޭނެ ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުކުރަން،" ނިޒާމްބެ ބުންޏެވެ.
އޭނާ ބުނީ ގިނަ ފަހަރަށް ދިވެހި ކުޅުންތެރިން ބޮޑު ޓީމެއް ނުވަތަ ނަން މަޝްހޫރު ކުޅުންތެރިން ގިނަ ޓީމަކާ ދެކޮޅަށް ކުޅޭއިރު އިތުރު ހިތްވަރެއްލާ ކަމަށާއި އާދައިގެ ޓީމަކާ ދެކޮޅަށް ކުޅޭއިރު ފަސޭހަކޮށްލާ ކަމަށެވެ.
"މި މެޗުގައި ޓީސީގެ ކުޅުންތެރިން 100 ޕަސެންޓް އެކްސްޓްރާ އެފަޓެއް ލާނެ ކަމަށް ގަބޫލުކުރަނީ. އެ ގެރެންޓީއާ އެކު މި ބުނަނީ މިއީ ތިން ޕޮއިންޓް ހޯދަން ފަސޭހަ މެޗަކަށްވެގެންދާނެއޭ،" ނިޒާމްބެ ބުންޏެވެ.
އޭނާ ބުނީ އެންމެ ފަހުން ކުޅުނު މެޗުން ގްރީން ސްޓްރީޓްސް އަތުން 3-1 އިން ބަލިވި ނަމަވެސް އެ މެޗުގެ ނަތީޖާއަށް ބަރޯސާވެގެން މި މެޗަށް ނުކުތުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
"ކޮންމެ ގޮތެއް ވިޔަސް އެއީ އަޅުގަނޑުމެންނަށް ގަބޫލުކުރަން އެހާ ފަސޭހަ ނަތީޖާއެއް ނޫން މެޗުގެ ކުރިން ޕްރެސްގައި ވެސް ބުނިން އެއީ އެންމެ އުނދަގޫ އެއް މެޗަށްވެގެންދާނެ ކަމަށް. އެ މެޗުގައި ފެނުނީ ޓީމުގެ ނިސްބަތަށް ބަލާއިރު ތަންކޮޅެއް ފަސޭހަކޮށް ބައެއް ކުޅުންތެރިން ނެގި މަންޒަރު. އެކަމަކު މެޗުގެ ނަތީޖާ އެނބުރު ހިސާބުން މަސައްކަތުގެ ރޭޓު ރަނގަޅުވި. ޖުމްލަކޮށް ބަލާއިރު އެ ފެށީ ރަނގަޅަށް އެކަމަކު ކުރީކޮޅު ކޮޅަށް އައި ބޯޅަ ފަސޭހައިން ވަދެގެން ގޭމުގެ އޮއިވަރު ބަދަލުވި. ވަރަށް ގިނަ ޗާންސް ލިބުނު މެޗެއް އެއީ،" ނިޒާމްބެ ބުންޏެވެ.
މިދިޔަ ސީޒަނުގައި މާޒިޔާގެ މައްޗަށް ޓީސީ ވަނީ މުހިއްމު މެޗުތަކުގައި ކުރި ހޯދައިފަ އެވެ. ނިޒާމްބެ ބުނީ ޓީސީގެ ކުޅުންތެރިންގެ ކިބައިގައި އެ ހިތްވަރު އެބަހުރި ކަމަށާއި އެ މަސައްކަތް ދަނޑުމަތީގައި ކުރާނެ ކަމަށެވެ.
"މިހާތަނަށް އައިއިރު ޓީސީ ކުޅެފައި ހުރި މެޗުތަކާއި ސްކޮޑަށް ބަލާއިރު އަދި ނަތީޖާތައްކަށް ބަލާއިރު ޓީސީގެ ކިބައިގައި އެ ފެންވަރު ނެތެކޭ ނުބުނާނަން. ކޮންމެ ގޮތެއް ވިޔަސް މާޒިޔާ ކުޅޭއިރު ހުންނާޏެ ސަމާލުވާން ޖެހޭނެ. ހުރިހާ ކަމަކަށް ސަމާލުވެގެން ނުކުމެ ޓީމު ޓީމެއްގެ ގޮތުގައި ކުޅެފިއްޔާ މާދަމާގެ މެޗަކީ ޓީސީގެ މެޗެއް،" ނިޒާމްބެ ބުންޏެވެ.
އޭނާ ބުނީ މި ސީޒަނުގައި ޓީސީގެ ފިޓްނަސް ވަރަށް ރަނގަޅު ކަމަށާއި ގިނަ މެޗު ތަކުގެ ދެ ވަނަ ހާފު ޓީސީން ޑޮމިނޭޓްކޮށް މެޗު ނިމޭއިރު ވެސް އެއް ވާނެއްގައި ކުޅޭ ކަމަށެވެ. މާޒިޔާ ފަދަ މަސައްކަތުގެ ރޭޓު ރަނގަޅު ޓީމަކާ ދެކޮޅަށް ނުކުންނައިރު އެއީ ޓީސީ އަށް އޮތް އެޑްވާންޓޭޖެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.
"ކޮންމެ ޓީމެއްގައި ވެސް ވީކްނެސް އާއި ސްޓްރެންތް ހުންނާނެ. މާޒިޔާ އިން އަޅުގަނޑު ފެންނަން ހުރި ސްޓްރެންތަށް ސަމާލުވާނަން އަދި ވީކްނެސް އަށް އެޓޭކްކުރަން ރާވާނީ،" ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ބުނީ މާޒިޔާ ފެންވަރުގެ ޓީމެއްގެ މައްޗަށް ކުރި ހޯދުން ވެގެންދާނީ ޓީސީގައި މިހާރު ތިބި ކުޅުންތެރިންނަށް ލިބޭ އިތުރު ކުރިއެރުމެއްގެ ގޮތުގައި އެ ކުޅުންތެރިން ދެކޭނެ ކަމަށާއި އަދި މާޒިޔާ ބަލިނުވެ ކުރިއަށްގެންދާ ސިލްސިލާ ނިންމާލުމަކީ ކޮންމެ ޓީމެއްގެ ވެސް ބޭނުމަކަށް ވާނެ ކަމަށެވެ.
"މާދަމާގެ މެޗުން ޓީސީ މޮޅުވާން އެންމެ ބޮޑު މޯޓިވޭޝަނަކީ މިހާތަނަށް އައިއިރު މާޒިޔާ ބަލިނުވެ އެދާ ރަން. އެއީ ހަމަ ގައިމުން ވެސް ދެން ތިބި ހުރިހާ ޓީމުތަކުން ހުއްޓުވަން ބޭނުންވާނެ ކަމެއް. ދެން އަނެއްކޮޅުން މާޒިޔާ މައްޗަށް ކުރި ހޯދުމަކީ ޓީސީގައި މިތިބަ ކުޅުންތެރިންނަށް ލިބޭ އިތުރު ކުރިއެރުމަކަށް ކުޅުންތެރިން ދެކޭނޭ. މި ހުރިހާ ކަމަކަށް ބަލާއިރު މުހިއްމު މޮޅަކަށް ވާނެތީ ކުޅުންތެރިން މޯޓިވޭޝަން އެބަހުރި. މުޅި ޓީމުގެ ވެސް އެ މޯޓިވޭޝަން އެބަހުރި،" ނިޒާމްބެ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުލޯމޭން
12 May 2017
މާޒިޔާ ހުންޓްވަން ނިޒާމްބެއަށް ޖެހޭނި ގޯލު ކުރިމަތީ ދާޖަހަށް. ލައްކަވާހަކަ މީ..
ޓޮޓީ
12 May 2017
ޓީސީވެސް މިހާރު ދެން މާ އައްޑޫވެފަ. އައްޑޫ ކެފްޓަށް.
ޓޮޓީ
12 May 2017
ޓީސީވެސް މިހާރު ދެން މާ އައްޑޫވެފަ. އައްޑޫ ކެފްޓަށް.