ކުޅިވަރު / އޭއެފްސީ ކަޕް

ފުރުސަތު ދަމަހައްޓަން އަބަހާނީ ބަލިކުރަންޖެހޭ: އަސަދުﷲ

މާޒިޔާގެ ކެޕްޓަން އަސަދުﷲ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭއެފްސީ ކަޕުގެ ދެ ވަނަ ބުރަށް ދިއުމަށް އޮތް ފުރުސަތު ދަމަހައްޓަން މިއަދު މާލޭގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ލިމިޓެޑް ބަލިކުރަން ޖެހޭ ކަމަށް މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނެފި އެވެ.

މާޒިޔާ މި ވަގުތު ގްރޫޕް އީގެ ދެ ވަނައިގައި އޮތީ އެއް ވަނައިގައި އޮތް ބެންގަލޫރުއާ އެއް ވަރަށް ހަތަރު މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ބެންގަލޫރަށް ކުރި ލިބެނީ ހެޑް ޓު ހެޑް ގަވައިދުންނެވެ. ތިން ވަނައިގައި މޯހަން ބަގާން އޮތީ ހަތަރު މެޗުން ތިން ޕޮއިންޓާ އެކު އެވެ. އަދި ފުލުގައި އޮތް އަބަހާނީ އަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.

އޭއެފްސީ ކަޕުގެ ފޯމެޓަށް މި ފަހަރު ގެނައި ބަދަލާ އެކު މި ޒޯނުން ކޮންމެ ގްރޫޕަކުން އަނެއް ބުރަށްދާނީ އެއް ވަނަ ޓީމެވެ. އަނެއް ބުރަށްދާން މިއަދު އަބަހާނީ އަތުން މޮޅުވުން މާޒިޔާ އަށް ވަރަށް މުހިއްމެވެ. އަސަދުﷲ ބުނީ މުޅި ޓީމު އޮތީ ވެސް މޮޅުވުމުގެ އަޒުމުގައި ކަމަށެވެ.

"މިއީ ކުރިއަށް ދިއުމަށް އެންމެ މުހިއްމު އެއް މެޗު. އެއީ ދެ މެޗު ބާކީ އޮތްއިރު މި މެޗުން މޮޅުވެއްޖިއްޔާ ދެން އޮތް މެޗަށް ނުކުންނައިރު އިތުބާރު ބޮޑުވާނީ. މި މެޗުން ބަލިވެއްޖެނަމަ ވަރަށް އުނދަގޫ ހާލަތަކަށް ޓީމު މި ވެއްޓެނީ،" އޭނާ ބުންޏެވެ.

މި ގްރޫޕުން ދެ ވަނަ ބުރަށް ދިއުމުގެ ދޮރު މޯހަން ބަގާނާއި އަބަހާނީ އަށް ވަނީ ގެއްލިފަ އެވެ. އެންމެ ފަހުން މާލޭގައި ބަގާން އަތުން މާޒިޔާ ވަނީ 5-2 އިން މޮޅުވެފަ އެވެ. އަސަދުﷲ ބުނީ މިއަދުގެ މެޗު ބަގާނާ ދެކޮޅަށް ކުޅުނު މެޗާ މުޅިން ތަފާތު ވާނެ ކަމަށެވެ.

"މިއީ އެންމެ ފަހުން މޯހަން ބަގާންއާ ދެކޮޅަށް ކުޅުނު މެޗާ ވަރަށް ތަފާތު މެޗެއް. އަބަހާނީ އަށް ކުރިއަށް ދެވޭނެ ފުރުސަތެއް ނެތަސް އެމީހުން އައީ އެންމެ ވަރުގަދަ ޓީމު ގޮވައިގެން. އެ ޓީމު އައީ މޮޅުވާން އެ ގޮތަށް ކުޅޭއިރު މާޒިޔާގެ ވިސްނުން ވެސް ތަފާތު ވާނެ. މިހާރު މާޒިޔާ ދެކޭނީ ވެސް މޮޅުވާން ކުރަން ޖެހޭ މަސައްކަތް އިތުރުވާނެ ކަމަށް،" އަސަދުﷲ ބުންޏެވެ.

މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ގާތްގާތުގައި މެޗުތަކެއް ކުޅެން ޖެހުމުން ކުޅުންތެރިން ވަރުބަލިވުމުގެ މައްސަލަ އެެވެ. އަސަދުﷲ ބުނީ ގާތްގާތުގައި މެޗުތަކެއް ކުޅެން ޖެހުމުން ކޮންމެ ވެސް ވަރެއްގެ އެޑްވާންޓޭޖެއް ވެސް އެބައޮތް ކަމަށެވެ.

"ކައިރި ކައިރީގައި މެޗުތަކެއް ކުޅުން އެއީ މި ކަހަލަ މެޗަކަށްދާއިރު ވެދާނެ އެޑްވާންޓޭޖަކަށް ވެސް. ގާތްގަނޑަކަށް ބުނާނަމަ ޕްރެކްޓިހަކާ ނުލައި މި އުޅެނީ މެޗަކަށް ފަހު ރިކަވަރީގައި ދެން އަނެއްކާ ވެސް މެޗަކަށް ނުކުންނަނީ،" އޭނާ ބުންޏެވެ.

މި ސީޒަނުގައި މިހާތަނަށް ޖުމްލަކޮށް މާޒިޔާ ކުޅުނު ހުރިހާ މެޗެއްގައި ވެސް އެ ޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ އޮގަނައިޒް ކުޅުމެކެވެ. އެހެން ޓީމުތަކާ ދެކޮޅަށް ނުކުންނައިރު މާޒިޔާއިން އެކުގައި މޮޅުވާން ކުރާ މަސައްކަތަކީ ފެންނަ އެންމެ ބޮޑު ތަފާތެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އަބަހާނީގެ ކޯޗު މަމިޗް (ކ.2) އާއި މާޒިޔާގެ ކޯޗު ސެކުލޮސްކީ (މ) ސަލާމްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ޓީމް ވޯކް ވަރަށް ރަނގަޅު. މިސާލަކަށް ޑިފެންސްކުރާއިރު ފޯވާޑަކަށް ކުޅޭ ކުޅުންތެރިޔާއޭ އެންމެ ފަހަތަށް ކުޅޭ ކުޅުންތެރިޔާއޭ މާ ބޮޑު ތަފާތެއް ނެތް. ބޭރު ކުޅުންތެރިންނާއި ރާއްޖޭގެ ކުޅުންތެރިން މިއޮތް ގުޅުމާއި ހުރިހާ އެންމެން އެކުވެގެން އެއް ރޫހެއްގައި މޮޅުވާން ކުރާ މަސައްކަތުގެ ނަތީޖާ މި ފެންނަނީ،" އަސަދުﷲ ބުންޏެވެ.

އަބަހާނީގެ ކޯޗު ޑްރަގޯ މަމިޗަކީ 2014 ވަނަ އަހަރު އޭއެފްސީ ޗެލެންޖް ކަޕްގައި ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދިން ކޯޗެވެ. މިއަދުގެ މެޗަށް ނުކުންނައިރު މަމިޗަށް މާޒިޔާގައި ތިބި ކުޅުންތެރިން އެނގޭނެ އެވެ. އެހެން ނަމަވެސް އަސަދުﷲ ބުނީ ކުޅުންތެރިންގެ ލެވެލް މަމިޗަށް ނޭނގޭނެ ކަމަށެވެ.

"މީގެ ދެ އަހަރު ކުރިން އެ ކޯޗު (މަމިޗް) އަށް ކުޅުންތެރިން ހުރި ލެވެލް އިނގޭނީ. މަމިޗަށް ވުރެން ބޮޑަށް މިހާރު މި ކޯޗު (ސެކުލޮސްކީ) އަށް ކުޅުންތެރިންގެ ލެވެލް މާ އެނގޭނެ ހެން އަޅުގަނޑަށް ހީވަނީ. އެއީ މި ކޯޗުގެ ތައްޔާރީތަށް ވަރަށް ރަނގަޅު،" އަސަދުﷲ ބުންޏެވެ.

އަބަހާނީގެ ކީޕަރު ޝާހިދުލް ޔޫސުފް ބުނީ މާޒިޔާއާ ދެކޮޅަށް ފުރަތަމަ މެޗަށް ނުކުތްއިރު އަބަހާނީ އޮތީ ރަނގަޅު ހާލަތެއްގައި ނޫން ކަމަށެވެ.

"މާޒިޔާ އަކީ ވަރަށް ވަރުގަދަ ޓީމެއް. ތައްޔާރީތަކަށް ބަލާއިރު މާޒިޔާއާ ދެކޮޅަށް ފުރަތަމަ މެޗުގައި އަބަހާނީން ރަނގަޅަށް ކުޅުނު. އެކަމަކު އޭރު މާޒިޔާ ފެނުނީ މާ ތަފާތުކޮށް. އެ މެޗު ކުޅުނުއިރު އަބަހާނީ އޮތީ އެންމެ ވަރުގަދަ ކޮށެއްނޫން. އެ ދުވަހު ވެސް އަހަރެމެން ބަލިވީ އަމިއްލަ އަށް ހެދުނު ގޯސްތަކެއްގެ ސަބަބުން،" މިދިޔަ މާޗް މަހު 2-0 އިން ޑާކާގައި މާޒިޔާ އަތުން ބަލިވި މެޗާ ބެހޭގޮތުން ޝާހިދުލް ބުންޏެވެ.

ފުރަތަމަ މެޗުގައި މާޒިޔާ އަތުން ބަލިވި ނަމަވެސް އަބަހާނީން ދެން ކުޅުނު މެޗުތަކަށް ބަލާއިރު އެ ޓީމުން އައީ މެޗަކަށް ފަހު މެޗެއް ކުޅުން ރަނގަޅު ކުރަމުންނެވެ. ފުރަތަމަ ތިން މެޗުން ބަލިވެ ދެ ވަނަ ބުރުގެ ޖާގަ ގެއްލުނު ނަމަވެސް އެ ޓީމުން ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި މި މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް ބެންގަލޫރު އެފްސީ އަތުން ބޮޑު މޮޅެއް ހޯދައިފަ އެވެ.

"ކުރިޔާ އަޅާކިޔާއިރު ޓީމު މިހާރު ވަރަށް ވަރުގަދަ. މިހާރުގެ ކޯޗު (މަމިޗް) ވަރަށް ކުޅުންތެރިންނަށް ހިތްވަރުދޭ ކޯޗުގެ ރޭވުންތަކާ އެއްގޮތަށް ކުޅުންތެރިން މި މަސައްކަތް ކުރަނީ އޭގެ ނަތީޖާ ފެނިއްޖެ ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގައި ބޭނުންވަނީ މި މެޗުގައި ވެސް އެފަދަ ނަތީޖާއެއް ނެރެން. ބޭނުންވަނީ ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗަށް ވުރެ ރަނގަޅަށް މި މެޗުގައި ކުޅެން،" ޝާހިދުލް ބުންޏެވެ.

އޭނާ ބުނީ އަބަހާނީން އަންނަނީ މެޗަކަށް ފަހު މެޗެއް އަމިއްލަ އަށް ހެދިފައި ހުންނަ ގޯސްތަށް ރަނގަޅު ކުރަމުން ކަމަށާއި މުބާރާތުގައި ކުރިއަށްދާނެ ފުރުސަތު ނެތް ނަމަވެސް ބާކީ އޮތް ދެ މެޗުގައި ރަނގަޅު ނަތީޖާ ނެރެން ބޭނުންވާ ކަމަށެވެ.

އަބަހާނީ އާއި މާޒިޔާ ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 25%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454