ރިޕޯޓް / ރޯދަމަހުގެ އިނާޔަތް

ރޯދަ އިނާޔަތް ނުދިނުން: ބޮޑު ހައްގަކުން މުވައްޒަފުން މަހްރޫމް ކުރުން

ސަރުކާރުގެ ގިނަ އޮފީސްތައް ހިންގާ ވެލާނާގެ: ރޯދަ އިނާޔަތް ނުދޭ މައްސަލަ އެންމެ ބޮޑީ ޕްރައިވެޓް ސެކްޓަރުގެ މުވައްޒަފުންގެ މެދުގައި

ކޮންމެ އަހަރެއްގެ ރޯދަ މަސް ފެށުމުގެ ކުރިން ދިވެހި ކޮންމެ މުވައްޒަފަކަށް ރޯދަ އިނާޔަތް ދިނުމަކީ ވަޒީފާއާ ބެހޭ ގާނޫނު ލާޒިމްކުރާ ކަމެކެވެ. ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް އަދި ޕްރައިވެޓް ސެކްޓާގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ވެސް އެ އިނާޔަތް ދޭން ޖެހެ އެވެ. ވަގުތީ މުވައްޒަފުންނާއި ދާއިމީ މުވައްޒަފުން ވެސް ހިމެނޭ ގޮތުން އެއީ ކޮންމެ މުވައްޒަފަކަށް ލިބިގެންވާ ހައްގެކެވެ.

އެންމެ ފުރަތަމަ ވަޒީފާއާ ބެހޭ ގާނޫނު ވުޖޫދަށް އައިއިރު ރޯދަ އިނާޔަތް ދޭ ނުޖެހުނަސް އެ ގާނޫނަށް ފުރަތަމަ އިސްލާހު ގެނައީ 10،000ރ. އަށް ވުރެ އިތުރުނުވާ ގޮތަށް އަދި 2،000ރ. އަށް ވުރެ މަދުނުވާ ގޮތަށް، ކޮންމެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ ތިން ބައި ކުޅަ އެއް ބައި ރޯދަ އިނާޔަތުގެ ގޮތުގައި ދިނުމަށެވެ. އޭގެ ފަހުން 2015 ގައި އަނެއްކާވެސް ގާނޫނަށް އިސްލާހު ގެނެސް، ހުރިހާ މުވައްޒަފުންނަށް ދޭ އިނާޔަތް ހަމަހަމަ ކުރި އެވެ.

އެ އިސްލާހާ އެކު، ވަޒީފާއާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާ މިހާރު ބުނާ ގޮތުން ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000ރ. ރޯދަ މަސް ފެށުމުގެ ކުރިން ދިވެހި ކޮންމެ މުވައްޒަފަކަށް ދޭން ޖެހޭނެ އެވެ. އެ މާއްދާގައި، ރޯދަ އިނާޔަތް ދިނުން ވަޒީފާ ދޭ ފަރާތުގެ އިހްތިޔާރީ ކަމަކަށް އޮންނަނީ ބިދޭސީ މުވައްޒަފުންނަށް ދިނުމާއި ނުދިނުމާ މެދުގަ އެވެ. އެކަމަކު ދިވެހި ކޮންމެ މުވައްޒަފަކަށް ރޯދަ ފެށުމުގެ ކުރިން އެ އިނާޔަތް ދިނުމަކީ މަޖުބޫރު ކަމެކެވެ.

އެކަމަކު ގާނޫނުގައި ބުނާ ގޮތުގެ މަތިން އެ އިނާޔަތް ނުދޭ މައްސަލަ ފަހަކަށް އައިސް ވަރަށް ބޮޑެވެ. ޚާއްސަކޮށް ޕްރައިވެޓް ސެކްޓާގެ ވަޒީފާތަކުގަ އެވެ. ބައެއް ފަރާތްތަކުން ރޯދަ އިނާޔަތް އެއްގޮތަކަށް ވެސް ނުދޭއިރު އަނެއް ބައި ފަރާތްތަކުން ދެނީ ގާނޫނުގައި ބުނާ އަދަދަށް ވުރެ މަދުންނެވެ. އަނެއް ބައި ފަރާތްތަކުން އެ އިނާޔަތް ދެނީ ރޯދަ މަސް ފެށި އެތައް ދުވަސްތަކެއް ފާއިތުވާ ފަހުންނެވެ. އެހެންވެ، ބައެއް މުވައްޒަފުންނަށް ރޯދަ މަސް ނިމިގެން ދަނީ އެ އިނާޔަތް ނުލިބި ހުސް އަތާ އެވެ.

މިކަން ލޭބާ ރިލޭޝަންސް އޮތޯރިޓީގެ ސަމާލު ކަމަށް ވެސް ވަނީ އައިސްފަ އެވެ. އެ އޮތޯރިޓީން ދަނީ އެކަން ބަލައި، އިނާޔަތް ހޯދައި ދޭން މަސައްކަތް ކުރަމުންނެވެ. އެ އޮތޯރިޓީން ބުނާ ގޮތުން އެތަނުގެ އިންސްޕެކްޝަންތަކުން ފާހަގަވީ ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ ގިނަ ކަންކަން ވަޒީފާ ދޭ ފަރާތްތަކުން ފުރިހަމަ ނުކުރާ މައްސަލަ އެވެ.

އެހެންވެ، ވަޒީފާއާ ބެހޭ ގާނޫނާ މެދު މުވައްޒަފުންނާއި ވަޒީފާ ދޭ ފަރާތްތައް ހޭލުންތެރި ކުރުވަން އެ އޮތޯރިޓީން ވަނީ ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ވެސް ހިންގައިފަ އެވެ. އެކަންކަން އިސްލާހު ކުރަން ފުރުސަތެއް ދޭން އެ އޮތޯރިޓީން ވަނީ ނިންމައިފަ އެވެ. އެ ފުރުސަތުގައި އިސްލާހު ނުކޮށްފި ނަމަ ފިޔަވަޅު އަޅައިގެން ވިޔަސް މުވައްޒަފުންނަށް ހައްގު އިނާޔަތް ހޯދައިދޭނެ ކަމުގެ ޔަގީންކަން އޮތޯރިޓީން ދެ އެވެ. އޭގެ ހެޔޮ ބަދަލު މިިހާރު ފެންނަމުންދާ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

"މި ދޭ ފުރުސަތުގައި ރަނގަޅު ނުކޮށްފި ނަމަ ދެން ޖެހޭނީ ފިޔަވަޅު އަޅަން. މިހާރު ވަރަށް ގިނަ ތަންތަނުން އެކަން އިސްލާހުކޮށްފައި އަޅުގަނޑުމެންނަށް އެބަ އަންގާ ރަނގަޅުކޮށްފީމޭ، އަދި އިތުރު ކަމެއް އިސްލާހު ކުރަން ހުރިއްޔާ ވެސް އަންގާލާށޭ އެބަ ބުނޭ. އަޅުގަނޑަށް ހިއެއް ނުވޭ 3،000ރ. ނުދީގެން 50،000ރ. ގެ ޖޫރިމަނާއެއް އަންނަން އެއްވެސް ބޭފުޅަކު ބޭނުންވާނެއޭ،" ލޭބާ ރިލޭޝަންސް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވި އެވެ.

ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން އެ ގާނޫނުގައި ކުރަން ލާޒިމް ކަންކަން ވަޒީފާ ދޭ ފަރާތުން އަދާ ނުކުރާ ނަމަ ފިޔަވަޅު އެޅިދާނެ އެވެ. އެގޮތުން 5،000ރ. އިން ފެށިގެން 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިިމަނާ ކުރުން ނުވަތަ ވަޒީފާ ދޭ ފަރާތުގެ ހުއްދަ ބާތިލްކުރުން ފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު ގާނޫނުން ދީފައިވެ އެވެ.

ލޭބަ ރިލޭޝަން އޮތޯރިޓީގެ ޗެއާމަން ނާފިޒް: ގާނޫނުގައި ބުނާ ގޮތަށް އިނާޔަތް ދޭން ޖެހޭނެ

ރޯދަ އިނާޔަތް ނުދީގެން ޝަކުވާ ހުށަހެޅީ މަދު ފަރާތްތަކަކުން ކަމަށް ވިޔަސް އެ އިނާޔަތް ނުލިބޭ ގިނަ ބަޔަކު ތިބޭނެ ކަމަށް ބެލެވެ އެވެ. ޚާއްސަކޮށް ޕްރައިވެޓް ސެކްޓާގެ ވަޒީފާތަކުގައި މި މައްސަލަ ބޮޑެވެ. މަޝްހޫރު އަދި ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ވެސް ގާނޫނާ އެއްގޮތަށް ރޯދަ އިނާޔަތް ނުދޭ ކުންފުނިތައް އެބަ ހުއްޓެވެ. އެކަމަކު ކަމާ ބެހޭ އިދާރާތަކާ ހަމައަށް ދަނީ އޭގެ ތެރެއިން ނިސްބަތުން ވަރަށް މަދު މައްސަލަތަކެކެވެ. އޭގެ އެންމެ ބޮޑު ސަބަބެއް ކަމަށް ބެލެވެނީ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށް ނުވަތަ ކުރިއެރުމަށް ހުރަސް އެޅިދާނެތީ ފަސް ޖެހުމެވެ.

މިކަން ލޭބާ ރިލޭޝަންސް އޮތޯރިޓީ އަށް ވެސް ވަނީ ފާހަގަވެފަ އެވެ. އެކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން އެ އޮތޯރިޓީން ނިންމާފައި ވަނީ މައްސަލަ ހުށަހަޅާ ފަރާތުގެ މައުލޫމާތު ސިއްރުކޮށްދޭ ގޮތަށެވެ. އެއީ ވަޒީފާ ދޭ ފަރާތާ ހިއްސާ ނުކުރާނެ މައުލޫމާތެއް ކަމުގެ ޔަގީންކަން އެ އޮތޯރިޓީން ދެ އެވެ.

"މިސާލަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ގާނޫނުގައި ބުނާ 3،000 ރުފިޔާ ނުދީ އެއަށް ވުރެ މަދުން ދިނީމަ ވެސް އެއްކަލަ ލިބުނު އެތިކޮޅު ގެއްލިދާނެތީ އަޅުގަނޑުމެންނާ ހަމައަށް ޝަކުވާ ހުށަހަޅަން ގިނަ މުވައްޒަފުން ޖެހިލުންވޭ. އެކަމަކު އަޅުގަނޑުމެން ޔަގީންކޮށް އަރުވަން ޝަކުވާ ހުށަހަޅާ މުވައްޒަފުގެ އެއްވެސް މައުލޫމާތެއް އަޅުގަނޑުމެން ވަޒީފާ ދޭ ފަރާތްތަކަށް ހާމައެއް ނުކުރާނެ" ނާފިޒް ވިދާޅުވި އެވެ.

މުވައްޒަފެއްގެ ފަރާތުން ޝަކުވާއެއް އައިސްގެން ތަނެއް އިންސްޕެކްޓް ކުރިޔަސް އެކަން ކުރާނީ މައްސަލަ ހުށަހެޅި މުވައްޒަފަކީ ކާކުކަން ހާމަނުވާނެ ގޮތްތަކަށް ކަމަށް އެ އޮތޯރިޓީން ބުނެ އެވެ. އެހެންވެ، މައްސަލަ ހުށަހަޅަން ފަސް ނުޖެހުމަކީ އެ އޮތޯރިޓީގެ އިލްތިމާސެކެވެ.

"މުވައްޒަފެެއްގެ ފަރާތުން ޝަކުވާއެއް އައިސްގެން އަޅުގަނޑުމެން އިންސްޕެކްޓް ކުރާއިރު ވެސް އެކަން ކުރާނީ ގާނޫނުގައި އޮންނަ ގޮތުގެ މަތިން އާދައިގެ އިންސްޕެކްޝަނެއްގެ ގޮތުގައި. މިސާލަކަށް ރޯދަ އިނާޔަތް ނުދީގެން މުވައްޒަފަކު ޝަކުވާ ހުށަހަޅައިގެން އަޅުގަނޑުމެން ތަނެއް އިންސްޕެކްޓް ކުރާއިރު އަޅުގަނޑުމެން ބަލާނަން އެހެން އިނާޔަތްތައް ވެސް މުވައްޒަފުންނަށް ދޭތޯ. ހުރިހާ ކަމެއް ބަލާނެ،" ނާފިޒް ވިދާޅުވި އެވެ.

ވަޒީފާ ދޭ ބައެއް ފަރާތްތަކުން ރޯދަ އިނާޔަތް ދޭން ގަސްދުގައި ދެކޮޅު ހަދަނީ ނުވަތަ ގާނޫނުގައި ބުނާ އަދަދަށް ވުރެ މަދުން ދޭ އެންމެ މައިގަނޑު ސަބަބަކީ ލިބޭ އާމްދަނީ އާއި ކުރަން ޖެހޭ ޚަރަދު ނުބައްދަލުވާ ކަމަށް ބުނެ އެވެ. އެކި ބާވަތުގެ ޓެކުހާއި ފީތައް ތައާރަފް ވަމުން ދާއިރު ކޮންމެ މުވައްޒަފަކަށް 3،000ރ. ގެ އިނާޔަތެއް ދިނުމަކީ އުފުލޭ ވަރަށް ވުރެ ބޮޑު ބުރައެއް ކަމަށް ބަލަ އެވެ.

ޚާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުންނެވެ. މިލިއަން ޑޮލަރުގެ ކުންފުނިތަކާއި އާދައިގެ ކުދި ވިޔަފާރިތަކުން މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެ ހޭ އަދަދު ހަމަހަމަ ވުމަކީ ރޯދަ އިނާޔަތް ދޭން ދެކޮޅުހަދާ ފަރާތްތަކުގެ ޝަކުވާއެކެވެ.

އެކަމަކު ގާނޫނު އޮތް ގޮތުން އެއްވެސް ހާލަތެއް ނުވަތަ އެއްވެސް ފަރާތެއް މިކަމުން އިސްތިސްނާއެއް ނުވެ އެވެ. ކިތަންމެ ބޮޑު ކުންފުންޏެއްގައި ވަޒީފާ އަދާ ކުރިޔަސް ނުވަތަ ކިތަންމެ އާދައިގެ ތަނެއްގައި ވަޒީފާ އަދާކުރާ މުވައްޒަފަކަށް ވިޔަސް އެ އިނާޔަތް އެ މިންވަރަށް ހައްގެވެ.

ޓެކުހާއި ޚަރަދުތައް ބޮޑުވުމަކީ މުވައްޒަފުންނަށް ލިބެންޖެހޭ ހައްގަކުން އެ މީހުން މަހްރޫމް ކުރުވަންޖެހޭ ސަބަބެއް ކަމަކަށް އެ އޮތޯރިޓީން ނުދެ އެވެ. ގާނޫނުން މުވައްޒަފުންނަށް ކަށަވަރުކޮށްދޭ ހައްގެއް އެ މުވައްޒަފުންނަށް ދޭން ޖެހޭނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

"ވިޔަފާރިއެއް ކުރަންޏާ އެކަން ފީޒިބަލް ކުރެވޭނެ ގޮތްތަކެއް ވެސް ވެރިފަރާތުން ޖެހޭނެ ދެއްތޯ ރާވަން. ފައިދާ ނުވަނީއޭ ކިޔާފައި ކަރަންޓް ބިލް ނުދައްކައެއް ނުތިބެވޭނެ ދެއްތޯ؟. ޓެކްސް ދައްކަން ޖެހެނީއޭ ކިޔާފައި މުވައްޒަފުންގެ މުސާރަ ނުދީއެއް ނުތިބެވޭނެ ދެއްތޯ؟." ނާފިޒް ވިދާޅުވި އެވެ.

ގާނޫނުގައި ބުނާ އަދަދަށް ރޯދަ އިނާޔަތް ނުދިނުމަކީ ނުވަތަ ގާނޫނުގައި ބުނާ މުއްދަތަށް ވުރެ އެ އިނާޔަތް ދިނުން ލަސް ކުރުމަކީ މުވައްޒަފުން ހައްގަކުން މަހްރޫމް ކުރުމެވެ. ވަޒީފާ ދޭ ފަރާތްތަކަށް ބާރުތަކާއި އިހްތިޔާރުތަކެއް ގާނޫނުގައި ދީފައި އޮންނަ ފަދައިން ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ވެސް އެ ގާނޫނުން ހައްގުތަކާއި މަންފާތަކެއް ލިބިގެންވެ އެވެ. އެ ހައްގުން އެއްވެސް މުވައްޒަފަކު މަހްރޫމް ކުރާ ނަމަ އެއީ ފިޔަވަޅު އެޅެން ޖެހޭ މައްސަލައެކެވެ.

25 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 20%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފައިސް

31 May 2017

ގިނަ ފިހާރަ ތަކުން ނުދޭ ލޭބަރ ރިލޭޝަން އޮތޯރިޓީން ބެލުން މުހިންމު. ވަޒީފާގެ ބިރައް ގިނަ މީހުން މައްސަލަ ނުޖައްސަނި.

The name is already taken The name is available. Register?

ހަސަނު

31 May 2017

ރޯދަ އިނާޔަތް ނުދިނުމަކީ ޙައްޤަކުން މަހުރޫމުކުރުމޭ ނޫސްވެރިޔާ ތިބުނީ ކީއްވެބާ. ރޯދައިނާޔަތް ލާޒިމުކަން އެނގޭ ޝަރުޢީ ދަލީލެއް އެބައޮތްބާ. ރޯދަ އިނާޔަތްދިނުން ލާޒިމުކޮށްގެން ކަންމަތީފިހާރަ ހިންގާ މީހާއަށް ނުލިބޭ އެއްޗެއް ގާނޫނެއް ހަދައިގެން ގަދަކަމުން އަތުލާފައި އަނެކާއަށް ދިނުމަކީ ކަންމަތީ ފިހާރަ ހިންގާމީހާއަށް އަނިޔާވެރިވުން ނޫންތޯ؟ އާދައިގެ މަސްމަހަށްވުރެ ބުރަކޮށް ރޯދަމަހު މުވައްޒަފު މަސައްކަތް ކުރަން ޖެހޭނަމަ ރަގަޅު ތިބުނާ އެލަވަންސެއް މަޖުބޫރުކޮށްގެން ދޭން. މުވައްޒަފަށް ޝަރުޢީގޮތުން ޙައްޤުނޫން އެއްޗެއް ގަދަކަމުން ނަގާފައި ދިނުމަކީ ވިޔަފާރިވެރިއާ އަށް ވެސް އަދި މުވައްޒަފަށް ވެސް އަނިޔާވެރިވުން ކަމާމެދު ޝައްކެއް ނެތް.

The name is already taken The name is available. Register?

މުހުތާޒު

31 May 2017

މުގުރިކަލޭގެ ބަހަށް ތާއީދު.. މުވައްޒަފު ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ ވަކި މުސާރައެއް އޮވޭ. ރޯދަމަސް އައުމުން ގިނަ ތަންތަނުން މުވައްޒަފަށް ލުއިކޮށްދީ، ވަޒީފާގެ ވަގުތު ކުޑަކޮށްދޭ. ވީއިރު އޭނާ ރޯދަހިފައޭ ކިޔާފައި އޭނާގެ ބޮސް އޭނާއަށް އިތުރު އެލަވަންސެއް ދޭންލާޒިމުކުރުމަކީ ވަރަށްބޮޑު ޖޯކެއް. އޭނާ ރޯދަ ހިފިއަސް، ނުހިފިއަސް ބޮޑުމީހާއަށް ކީއް؟ މިހާ ދެކޮޅުނުޖެހޭ ޤާނޫނެއްގެ ވާހަކަ ތިދައްކަނީ..

The name is already taken The name is available. Register?

ޏިއުމާ

31 May 2017

ރޯދަ އިނާޔަތް ދެނީޔޭ ކިޔާފަ ސަރުކާރުން ހެދި ގޮތަކީ 5 ދުވަހުގެ މުސާރަ ނުދީ އިނާޔަތް ދިނީ. ޢޭރުން އިނާޔަތް ދިނަސް ނުދިނަސް ހަމަ ޖެހުނީ އެއްތާކު.

The name is already taken The name is available. Register?

މުގުރިކަލޭގެ

31 May 2017

ތިޔަ މާއްދާ ބާތިލްކުރަން ކޯޓަށް ދާނެމީހަކު ނެތްބާ. ނުކުރާ މަސައްކަތަކަށް ލާރިދޭކަށް ނުޖެހޭނެ. މުވައްޒަފު ރޯދަހިފަނީ ބޮޑުމީހާއަށްބާ.

The name is already taken The name is available. Register?

މަރީ

31 May 2017

ޕޭލީވްގައި އުޅޭމީހުންނަށްވެސް ސަރުކާރަކުން ރޯދައިނާޔަތެއް ނުދޭ، އެއީ ގާނޫނު ބުނާ ގޮތްތޯ ނާފިޒޫ،، އަހަރުމެން މިމައްސަލަ ޖައްސައިފިއްޔާ ހަންދަމާލާނެކަން ޔަގީން އެހެންވެ ހިންދިރުވާލައިގެން މިތިބެނީ މަޑުން

The name is already taken The name is available. Register?

ރިސޯޓްގެ އާދައިގެ މުވައްފެއް

31 May 2017

އިނާޔަތާ އެހެނިހެން އިނާޔަތްތައް ވަޒީފާދޭ ފަރާތުން ނުނިދެވެނީ ކޮންމެހެން ވަޒީފާދޭ ފަރާތް އެގޮތް ބޭނުންވެގެންނެތް ނޫން ކަމަށް ފެންނަނީ. އެއީ ޤައުމަށް މި އަންނަ ދޯހަޅި ތަރައްޤީގެ ސަބަބުން ކުދި އަދި ބޮޑެތި ވިޔަފާރިތައް ދުވަހަކަށް ވުރެ ދުވަހެން ހީނަރުވެ ލިބޭ އެއްޗަކުން ދެކޮޅު ނުޖެހުން. އެވަރަށް ވިޔަފާރިވެރިން ފެލަންޏަކާ އެމީހުންގެ އަތުގަ ތިޔަބުނާ އެލަވަންސް ތަކެއް ދޭނެ ފައިސާއެއްވެސް ނުހުންނާނެތާ! ލިބޭ ހިރިހާ ލާރިއެއް ބިލްތަކަށް ކަނޑާ ސަރުކާރަށް ދައްކާފަ ދޯ އެހެން ކަމެއް ކުރެވޭނީ. ނެތް އެއްޗެއް ތިޔަބުނާ ކޮންމެ މުއައްސަސާއަކައް ދިޔަސް ނުލިބޭނެ ތިޔަބުނާ ދުވަހަށް ދޭކަށް.

The name is already taken The name is available. Register?

އުމަރު

31 May 2017

ކަރަންޓްބިލް ގިނަ މީހުން ދައްކަނީ ޖުރިމައިނާވެ ދެތިން ބިލު އައުމުން ދެން ކުރާނެ ކަމެއްނެގިގެން، އެހެންނޫނަސް ވިޔަފާރިއެއްގެ އަސާސީ ކަމެއް ކަރަންޓް ކަރަންޓްނެތި ވިޔަފާރިއެއް ނުކުރެވޭނެ އެހެންވެ ކަރަންޓް ބޭނުންކުރަންޖެހެނީ، ދެން އޮތީ ވިޔަފާރިއެއްގައި މުސާރައާއި އިނާޔަތުގެ ވާހަކަ، ކޮންމެ ވިޔަފާރިއެއްގައިވެސް ޤާނޫނުން ލާޒިމްކުރާނީ ޓެކުސް، ދެން ސަރުކާރަށް ދައްކަންޖެހޭ ފީތަށް، ދެން މަސައްކަތްކުރާމީހާއި އެކުގައި ވެވޭ އެއްބަސްވުމުގެ ތެރެއިން ދެވޭ އިނާޔަތް، އެއަށް ލައިގެން ނުވާނެ ރޯދައިގެ އިނާޔަތް، އެއީ ޖަޒްބާތުގައި ތިބެގެން މަޖިލިހުގެ މެންބަރުން ހެދި ޤާނޫނެއް ސަރުކާރަށް ބަލައިގެން، އެކަމަކު ޕްވައިވަޓް ސެކްޓަރުގެ މައްޗަށް އެޤާނޫނެއް ނުހެދޭނެ، ކީއްވެގެންތޯ ސަރުކާުރުން އާންމުންގެ އަތުން ނަގާ ޖުރިމައިނާއާއި ފައިސާއިން ޖީއެއްޓީ ނުނެގެނީ، އެއީ ސަރުކާރުވީމަ، ޕްރައިވަޓް ސެކްޓަރުގެ މައްޗަށް ޤާނޫނެއް އެގޮތަށް ހަދަންޖެހޭނީ ވަރަށްބޮޑަށް ދިރާސާކޮށްފައި، އެކަން އޮންނަންޖެހޭނީ އިހްތިޔާރީކަމެއްގެ ގޮތުގައި، ޕްރައިވަޓް ސެކްޓަރުން ޓެކުސް ދައްކަނީ އެފަދަ އިނާޔަތް ސަރުކާރުން ދިނުމަށް އެއީވެސް އެންމެން ހަމަ ހަމަ އުސޫލުން، އެހެންކަމުން އެކަހަލަ އިނާޔަތްދޭންވާނީ ސަރުކާރުން ރަމަޞާން އިނާޔަތް އެއީ އެމީހުން ކުރާ މަސައްކަތަކަށް ދޭންޖެހޭ އެއްޗެއްނޫން، ރޯދަހިފިއޭ ކިޔާފައި އެފައިސާދޭން ނުޖެހޭ، އެހެންވެއްޖެއްޔާ 65 އަހަރުގެ މަތީގެ މީހުންނަށް 5000 ރުފިޔާ ޕްރައިވަޓް ސެކްޓަރުންވެސް ދޭން ޤާނޫނެއް ފާސްކުރަންވީނޫންތޯ؟ މިއަދު ރައްޔިތުން އަދި ވިޔަފާރިވެރިން އެދައްކަނީ ނުރުހުން އެމީހުންގެ އަތުން ޤާނޫނެއްގެ ތެރެއިން މިފަދަ އިނާޔަތް ނަގާތީ،

The name is already taken The name is available. Register?

އާސިފާ

31 May 2017

20 މީހުންގެންގުޅޭ ކުންފުތްޏަކުން ރޯދަމަހުއިނާޔަތްނުދީގެން -/5000ރުފިޔާއިން ޖޫރިމަނާކުރީމައި ކުންފުތްޏަށް -/55000ރ.(ފަންސާސް ފަސްހާސް ރުފިޔާ ފައިދާވެއެވެ.) އެއީ 20 މީހންނަށް ރޯދަމަހު ދޭންޖިހޭ އެލަވަންސުގެ ޖުމްލައަކީ -/60000 ރުފިޔާއެވެ. އެހެންވީމައި ޖޫރިމަނާ -/5000 ރުފިޔާ ކަނޑާލީމައި ކުންފުތްޏަށްލިބުނުފައިދާ މިއޮތީ ހުރިހާބޭފުޅުންނަށް ފެންނާށެވެ.

The name is already taken The name is available. Register?

ޢާސިފާ މަންމަ

31 May 2017

ބަލަ އާސިފާ އެވެ.ރަނގަޅަށް ހަބަރު ކިޔާށެވެ. ޖޫރިމަނާ އަށް ދައްކަންވަނީ 50000 ރުފިޔާ އެވެ

The name is already taken The name is available. Register?

ޢަލީ

31 May 2017

ތިބުނާ ޤާނޫނަކީ ކުދިވިޔަފާރިތަކަށް އެއްވެސް ހިމާޔަތެއް ނެތް ޤާނޫނެއް. މިސާލަކަށް ވަޒީފާއާބެހޭ ޤާނޫނުގަ އެބައޮވޭ އެއްވެސް ހިފެހެއްޓުމެއް ނެތި 30 ދުވަހު ސަލާމްބުނެވޭ ވާހަކަ. ފިހާރައިގެ ކޭޝިއަރަކަށް ހުންނަ މީހާ ސަލާމްބުނީމާ އެދުވަހު ފިހާރަ ޖެހޭނީ ބަންދުކުރަން. ސަލާމްބުނެފަ ކޭޝިއަރު ދާނީ ދަތުރު. ނުވަތަ އެފަދަ އެހެން ކަމަކު. އެދުވަހުވެސް ފިހާރަވެރިޔާ މިޖެހެނީ އެމުވައްޒަފަށާއި، އެނޫންވެސް ތިބި މުވައްޒަފުންނަށް މުސާރަދީފަ. ކުލިދައްކާފަ ފިހާރަ ބަންދުކޮށްފަ ބަހައްޓަން. މިހާރު ދިވެހި މުވައްޒަފުންގެ މަސައްކަތު އަޚްލާޤު ހުންނަގޮތުން ދިވެހިން ގެންގުޅޭ ކޮންމެ މަޤާމަކަށް ޑަބަލްކޮށް މުވައްޒަފުން ހޯދައިގެން ނޫނީ އެވިޔަފާރިއެއް ނުހުއްޓި ކުރިއަށް ދިއުމަކީ މުސްތަހީލުކަމެއް. ކުދި ވިޔަފާރިތަކަށް މިއީ ކުރެވޭ ވަރުގެ ކަމެއްތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލައްވަ ބައްލަވާ. އަޅުގަނޑުގެ ފިހާރައަކަށް ކޭޝިއަރަކަށް ދާދި ފަހުން ކުއްޖަކު ލައިގެން ތަމްރީނުކޮށް ނިމުނުތަނާ (2 މަސް ނުވަނީސް) އެއްދުވަހު ގުޅާފަ މިބުނީ ތިމަންނަގެ މަންމަމެން ރަށަށްދާއިރު ރަށަށް ޖައްސާލަން ބޭނުމޭ. ތިމަންނައަށް ޗުއްޓީއެއް ދޭށޭ. ޗުއްޓީ ދެވެން ނެތިއްޔާ އެހެން މީހަކު ހޯދާށޭ. އެއަށްފަހު ވީނުވީއެއް ނޭގި ފިހާރައަކަށް ނާދޭ. އަޅުގަނޑު ޖެހުނީ ފިހާރައަށް ބާޒާރުނުކޮށް ފިހާރައިގެ ސޭޓަކަށް އިންނަން. ފިހާރައިން މުދާހުސްވެ ކަސްޓަމަރުންގެ އިތުބާރު ގެއްލުނުފަހުން ބާޒާރަށް ނުކުމެވޭ ވަރުވީ. މިއީ ދިވެހި ކުދިންގެ މަސައްކަތު އަޚްލާޤު ހުރިގޮތަކީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454