ލައިފްސްޓައިލް / ސައިންޓިފިކް ރިސާޗް

ކުއްޖާގެ އުމުރުން ހަ މަހުގައި ފޮތް ކިޔައިދިނުމުން ވެސް ބަހުގެ ހުނަރު އިތުރުވޭ

ކުޑަ ކުއްޖަކަށް މަންމައަކު ފޮތް ދައްކަނީ

އުމުރުން އެންމެ ހަ މަހުގެ ކުދިންނަށް ފޮތް ކިޔައިދެނީ ކީއްކުރަންތޯ ބައެއް މީހުން ސުވާލު ކުރެ އެވެ. އެހާ ކުޑައިރު ފޮތް ކިޔައިދިނަސް އެކުދިންނަށް އެއްވެސް އެއްޗެއް ނޭނގޭނެ ކަމަށް ގަބޫލު ކުރެވޭތީ އެވެ. ނަމަވެސް އެއީ ކުށް ހީއެކެވެ.

މިދިޔަ ހަފުތާގައި އޮތް ޕީޑިއެޓްރިކް އެކަޑަމިކް ސޮސައިޓީޒް ގެ ބައްދަލުވުމަކަށް ހުށަހެޅި ދިރާސާއެއްގައި ބުނާ ގޮތުން އެންމެ ތުއްތު އިރުން ފެށިގެން ދަރިފުޅަށް ވާހަކަ ކިޔައިދިނުމުން އެ ކުއްޖާގެ ބަސްކޮށާރު މުއްސަނދިވެ ކިޔުމުގެ ހުނަރު އިތުރުވެ އެވެ. މިކަން ދެނެގަނެވޭނީ ކުއްޖާގެ އުމުރުން ހަތަރު ވަރަކަށް އަހަރުފަހުން ސްކޫލަށް ގޮސް ކުއްޖާ ކިޔަވަން ފެށުމުން ކަމަށް ދިރާސާގައިވެ އެވެ..

މި ދިރާސާ ކުރުމަށް ސައިންސްވެރިން މަންމައިންނާއި ދަރިންގެ 250 ޖޯޑު ހަތަރު ހަތަރު އަހަރަށް ވުރެ ގިނަ ދުވަހު މޮނިޓަ ކޮށްފައިވެ އެވެ. މި މުއްދަތުގައި ކުދިންގެ ބަސް ދެނެގަތުމާއި ވާހަކަ ދެއްކުން އަދި ލިޔެކިއުމުގެ ގާބިލްކަން ހުރި މިންވަރު ވެސް ބެލި އެވެ. އަދި ފޮތް ކިޔައިދީފައި ހުރި މިންވަރަކާއި މި ކުދިންގެ ހުނަރުތައް ތަރައްގީވެފައިވާ މިންވަރެއް ވަޒަންކުރި އެވެ. މިސާލަކަށް، ގޭގައި ކޮންމެ ދުވަހަކު ކުދިންނަށް ކިޔައިދީފައިވާ ފޮތުގެ އަދަދާއި ދަރިފުޅާ އެކުގައި ކިއުމުގައި ބައިވެރިވެފައިވާ މިންވަރަކާއި ފޮތްކިއުމުގައި ހޭދަކޮށްފައިވާ ވަގުތު ވެސް ބެލި އެވެ.

ފޮތް ކިޔައިދިނުމުގައި ހޭދަކުރި "ރަނގަޅު ވަގުތު" ބެލީ ފޮތް ކިޔައިދިނުމަށް ފަހު އެ ފޮތަކާ ބެހޭ ގޮތުން ދަރިފުޅާ ވާހަކަ ދައްކާ ޚިޔާލު ބަދަލުކޮށްފައިވާ މިންވަރަކަށް ބަލައިގެންނެވެ. އަދި ފޮތުގައި ހުރި ފޮޓޯތަކަށް ކުދިންގެ ސަމާލުކަން ހުއްޓި އެ ފޮޓޯތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވާ މިންވަރަކަށެވެ. އަދި ފޮތުގައިވާ ކެރެކްޓާތަކަށް ކުދިން ދެއްކި އެކި ކަހަލަ އިމޯޝަން ތަކަށާއި ކިޔައިދިން ފޮތަކީ އެ ކުއްޖާގެ އުމުރާ އެކަށީގެންވާ ފޮތެއްކަން ބެލުމަށް ފަހުގަ އެވެ.

ކުދިންނަށް ފޮތް ކިޔައިދިނުމުން އަވަހަށް ކިއުމާއި ދަސްކުރުމުގެ ހުނަރު އަށަގަނޭ

މި ހުރިހާ ކަމަކަށް ބެލުމަށް ފަހު ސައިންސްވެރިން ބެލި ބެލުމުން ހާމަވެފައިވާ ގޮތުގައި ގިނައިން ކޮލިޓީ ރަނގަޅު އެއްޗެހި ކިޔައިދިނުމުން އެ ކުއްޖާގެ އުމުރުން ހަތަރު އަހަރު ފުރޭއިރު ކިޔުމާއި އަޑުއެހުމުގެ ހުނަރު ވަރަށް ބޮޑަށް ހުންނަނީ ތަރައްގީވެފަ އެވެ. އެންމެ ތުއްތުއިރުން ފެށިގެން، ފޮތް ކިޔައިދިނުމުން އެ ކުއްޖާއަށް ކިއުމުގެ ހުނަރު ވަރަށް ރަނގަޅަށް އަށަގަނެ އެވެ. އަދި ލިޔެކިޔުމުގެ ހުނަރު އިތުރުވެފައިވާ ވަރުން ހަތަރު އަހަރުގައި އަމިއްލަ ނަން ލިޔެލުން ކުއްޖާއަށް އުނދަގޫ ކަމަކަށް ނުވެ އެވެ.

"މި ހޯދުންތަކަކީ ވަރަށް ހިތްހަމަޖެހޭ ހޯދުންތަކެއް. މި ހޯދުންތަކުން ހާމަވެފައިވަނީ ތުއްތު ކުދިންނަށް ވީހާ ވެސް ޅަފަތުގައި ފޮތް ކިޔައިދިނުމުން އެ ކުއްޖާގެ ވާހަކަ ދެއްކުމަށާއި ލިޔެކިއުމުގެ ހުނަރު ވަރަށް ރަނގަޅަށް ތަރައްގީވާކަން. އަދި މިއީ ކުއްޖާގެ މުޅި އުމުރަށް އޭގެ ހެޔޮ ނަތީޖާތައް ފެނިގެން ދާނެ ކަމެއްކަން،" ދިރާސާގައި ބައިވެރިވި ސައިންސްވެރިއަކު ވިދާޅުވި އެވެ.

0 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 13%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454