ދުނިޔެ

މުސްލިމުން މަނާކުުރުން އެންމެ ފަހުން ސުޕްރީމް ކޯޓަށް

މުސްލިމުން މަނާކުރި އަމުރާ ގުޅިގެން އެމެރިކާގައި ވަނީ މުޒާހަރާތައް ކޮށްފައި. --ފޮޓޯ:ރޮއިޓާސް

ވޮޝިންޓަން (ޖޫން 2) - މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ބައެއް ގައުމުތަކުގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރަން ނެރުނު އަމުރު އިޔާދަކޮށް ދިނުމަށް އެދި ވައިޓް ހައުސް އިން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރަކީ މުސްލިމުން ތަފާތު ކުރާ އަމުރެއް ކަމަށް ބުނެ ދަށު ކޯޓުތަކުން ވަނީ އެ އަމުރު ހުއްޓުވައިފަ އެވެ. ނަމަވެސް މިހާރު ގޮތެއް ނިންމުން އޮތީ ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާރުންގެ އަތްމަތީގަ އެވެ.

"ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރަކީ އެމަނިކުފާނުގެ ރިޔާސީ ބާރުތަކުގެ ތެރޭން، އެމެރިކާގެ ރައްޔިތުން ޓެރަރިޒަމުން ހިމާޔާތް ކުރަން ނެރުނު އަމުރެއް ކަމަށް ނިންމާނެކަމުގެ ޔަގީންކަން ބޮޑު،" ޖަސްޓިސް ޑިޕާޓްމަންޓުގެ ތަރުޖަމާން ވިދާޅުވި އެވެ. "ޓެރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ މީހުން އެމެރިކާ އަށް ނުވެއްދުމުގެ އިޚްތިޔާރު ރައީސް އަށް ލިބިގެންވޭ."

އަމުރާ ދެކޮޅު ފަރާތްތަކުން ބުނަނީ އެ މީހުންގެ ކެމްޕޭން ކުރިއަށް ގެންދާނެ ކަމަށެވެ. އެމެރިކަން ސިވިލް ލިބަޓީސް ޔޫނިއަން އިން ބުނީ ޓްރަމްޕުގެ އަމުރު ކުރިން ވެސް ބަލިކޮށްފައިވާ ކަމަށާއި ދެން ވެސް ބަލި ކުރާނެ ކަމަށެވެ. ނޭޝަނަލް އިމިގްރޭޝަން ލޯ ސެންޓަރުން ބުނީ ކޯޓުތަކުން ތަކުރާރުކޮށް ދަނީ ޓްރަމްޕުގެ އަމުރު ގާނޫނު އަސާސީއާ ޚިލާފު ކަމަށް ނިންމަމުން ކަމަށެވެ.

މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމުގެ އަމުރު ޓްރަމްޕް ނެރުއްވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ވަރަށް ކުރީކޮޅު، ޖެނުއަރީ މަހު އެވެ. ނުވަ ދިހަ ދުވަހަށް އެމެރިކާ އަށް ވަނުން މަނާކޮށްފައި ވަނީ ސޯމާލިއާ، އީރާން، އިރާގު، ސީރިއާ، ސޫދާން، ލީބިއާ އަދި ޔަމަން މީހުންނެވެ. އަދި ރެފިއުޖީ ޕްރޮގްރާމް ވެސް ވަނީ 120 ދުވަހަށް މެދުކަނޑާލައިފަ އެވެ.

މި އަމުރާ ގުޅިގެން އެމެރިކާގައި މުޒާހަރާތައްކޮށް އަދި ކޯޓަށް ވަނީ އެ މައްސަލަ ގެންގޮސްފަ އެވެ. ވޮޝިންޓަނާއި މިނެސޮޓާގެ ޑިސްޓްރިކްޓް ކޯޓުން ވަނީ އެ އަމުރު ހުއްޓުވައިފަ އެވެ. އޭގެ ފަހުން މާޗު މަހު ޓްރަމްޕް ވަނީ އެ ލިސްޓުން އިރާގު އުނިކޮށް އާ އަމުރެއް ނެރުއްވައިފަ އެވެ. ނަމަވެސް އެ އަމުރަށް މާޗު 16 ވަނަ ދުވަހު އަމަލު ކުރަން ފެށުމުގެ ކުރިން މެރީލޭންޑުގެ ޑިސްޓްރިކްޓް ކޯޓުން ވަނީ އެއީ ގާނޫނު އަސާސީގެ ހައްގުތަކާ ޚިލާފު އަމުރެއް ކަމަށް ނިންމައިފަ އެވެ. އަދި ހަވާއީގެ ފަނޑިޔާރަކު ވެސް ވަނީ އެ ގޮތަށް ނިންމައިފަ އެވެ. ވާޖީނިއާގެ ފެޑެރަލް އެޕީލްސް ކޯޓަކުން މިދިޔަ މަހު ވަނީ ޓްރަމްޕުގެ އަމުރު މަނާކުރުން އިޔާދަ ކުރަން ދެކޮޅު ހަދައިފަ އެވެ.

ޓްރަމްޕާ އެއްކޮޅަށް ނިންމަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ތާއީދު ބޭނުންވާނެ އެވެ. ނީލް ގޯސަޗް ފަނޑިޔާރު ކަމަށް ޓްރަމްޕް ހަމަޖެއްސެވުމާ އެކު 5-4 އިން ސުޕްރީމް ކޯޓުގައި އޮންނަނީ ކޮންޒަވެޓިވް އަޣުލަބިއްޔަތެވެ. ނަމަވެސް ކޮންޒަވެޓިވް ފަނޑިޔާރު އެންތަނީ ކެނެޑީ އަކީ ބައެއް ފަހަރު ލިބެރަލްސްއާ އެއްކޮޅަށް ވެސް ނިންމާ ފަނޑިޔާރެކެވެ.

0 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 8%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454