ޚިޔާލު / ޕްރޮފެސަރު އުގެއިލްގެ ކޮލަމް

ޕްރޮފެސަރު އުގެއިލްގެ ހަދިޔާ: އެކި ވައްތަރުގެ ރޭޑިއޭޝަންތަކުން ސަލާމަތްވުން

މިއީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރެވިދާނެ ގޮތާ ބެހޭ ގޮތުން މި އަހަރުގެ ޖެނުއަރީ މަހު ޕްރޮފެސަރު ހަސަން އުގެއިލް، އޭނާގެ އަމިއްލަ ދިރާސާ އާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް ލިއުއްވި ފޮތް "ސިއްހީ ހަދިޔާ"ގެ ބައެއް ބައިތަކެވެ. މި ފޮތް ނެރުނީ ސޮނީ ހާޑުވެއާގެ ހެޔޮ އެދުންތަކާ އެކު އެވެ. ކޮންމެ އަންގާރަ އަދި ބުރާސްފަތީގައި މި ބައިތައް ޖަހަމުން ދާނެ އެވެ.

އެންޓަނާތަކެއް: މިފަދަ އެންޓަނާތަކުން ތަފާތު އެކި ވައްތަރުގެ ރޭޑިއޭޝަން ބޭރުކުރޭ

ހަސަން އުގެއިލް

28 ޖޫން 2016 - 08:07

ތަފާތު އެކި ވައްތަރުގެ ރޭޑިއޭޝަންތައް ގިނަ މިންވަރަކަށް ހަށިގަނޑަށް ވާސިލްވުމަކީ އޭގެ ނުރައްކާތެރި އަސަރު ހަށިގަނޑަށް ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށް ދިރާސާތަކުން ވަނީ ހޯދައިފަ އެވެ. ނަމަވެސް ކަރަންޓް ސާމާނުން ޖައްވަށް ދޫކުރާ ރޭޑިއޭޝަންތަކުގެ މަދު މިންވަރަކުން ހަށިގަނޑަށް ކުރަނީ ކޮން ފަދަ ގެއްލުމެއް ކަމާ މެދު ސީދަ ވަކި އެއްޗެއް ސައިންސްވެރިން ނުބުނެ އެވެ.

ސައިންސްގެ ދިރާސާތަކުން ހާމަވެފައިވާ މުޖައްރިބު އެއް ކަމަކީ ކަރަންޓް ސާމާނުތަކުން ނުވަތަ އެނޫން ވެސް ކޮންމެވެސް ގޮތަކަށް ޖައްވުގެ ތެރެއަށް ދާ ރޭޑިއޭޝަންތަކަކީ އިންސާނާގެ ހަށިގަނޑަށް ނުރައްކާތެރި އަދި ވަކިން ހާއްސަކޮށް ސިއްހީ ގިނަ މައްސަލަތައް ދިމާވާން މެދުވެރިވާ ކަމެއް ކަމެވެ. މީގެ ސަބަބުން، އިންސާނާގެ ޖީންތަކަށް ބަދަލުތަކެއް އަންނަން މަގުފަހިވާ ކަމަށް ވެސް ސައިންސްވެރިންނަށް ވަނީ ހޯދިފަ އެވެ.

ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ހޯދަމުން އަންނަ ކުރިއެރުމާއި ޓެކްނޮލޮޖީއާ އެކު ދުނިޔެއަށް އަންނަ ބަދަލުތަކާ އެކު ތަފާތު އެކި ގޮތްގޮތަށް އުފެދޭ ރޭޑިއޭޝަންތައް މި ވަނީ އިތުރުވެފަ އެވެ. ސެޓެލައިޓް ޓްރާންސްމިޓާ، ފޯނު ޓަވަރު، ރޭޑިއޯ، ޓީވީ، ރާޑަރު ސިސްޓަމް، އެންޓެނާ ފަދަ ބާވަތްތަކުން އަބަދުވެސް ހަށިގަނޑާއި ރައްޓެހި ނޫން ރޭޑިއޭޝަންތައް ޖައްވުގެ ތެރެއަށް ދޫކުރެ އެވެ. މި ތަކެތީގެ ބޭނުން ނުހިފައި ދިރިއުޅުން ކުރިއަށް ގެންދަން ދަތިވެފައިވާ މި ޒަމާނުގައި، މިފަދަ ތަކެތިން އަޅުގަނޑުމެންގެ ހަށިގަނޑަށް ދުވާލު ހަތަރުދަމު ރޭޑިއޭޝަނުގެ އަސަރު ކުރެ އެވެ.

ތުބުޅި ބޭލުން ފަދަ ކަންކަމުގައި ކަރަންޓް އެއްޗެހި މާ ގިނައިން ބޭނުންކުރުން ރަނގަޅު ނޫން ކަމަށް ސައިންސްވެރިން ބުނޭ

ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޒަމާނެއްގައި މިފަދަ ރޭޑިއޭޝަންތަކާ ދުރުގައި ތިބުމަކީ ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. ނަމަވެސް މިފަދަ ތަކެއްޗަށް ކޮންމެވެސް ވަރަކަށް ސަމާލުވާން ޖެހެ އެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކަށް ބަލައިލާނަމެވެ.

• އިސްތަށިގަނޑު ހިއްކަން ބޭނުންކުރާ ހެއާ ޑްރަޔާ، ތުނބުޅި މަތިމަސް ބާލަން ބޭނުންކުރާ ކަރަންޓު ރޭޒަރު އަދި ގިނަ އަދަދަކަށް ހަކަތަ ބޭނުންކުރާ ކަރަންޓް ސާމާނު ބޭނުން ކުރުން ވީހާ ވެސް ބޮޑަށް މަދުކުރާށެވެ.

• ޓީވީ ބަލާއިރު ޓީވީއާ މަދުވެގެން ދިހަ ފޫޓު ދުރުގައި ތިބެގެން ޓީވީ ބަލަން އާދަކުރާށެވެ. ހާއްސަކޮށް މިގޮތަށް އަމަލްކުރަން ކުޑަކުދިންނަށް ނަސޭހަތްތެރިވާށެވެ.

• އިންޖީނުގެތަކާއި ރޭޑިއޯ އާއި ޓީވީ އަދި އެހެނިހެން ވެސް އެންޓަނާ ފަދަ ތަންތަނުގެ ކައިރީގައި އުޅޭ ވަގުތު މަދުކުރާށެވެ. އަދި އެފަދަ ސަރަހައްދުތަކުގައި ދިރިއުޅުމުން ދުރުވާން ވިސްނުމަކީ ބުއްދިވެރި ކަމެކެވެ

• މޮބައިލް ފޯނު ކަންފަތާ ކައިރިކޮށްގެން މާ ގިނަ ވަގުތު ނުހުރުމަށާއި ނިދާ ވަގުތު ފޯނު އަދި ޓެބްލެޓް ފަދަ ތަކެތި އެނދާ ދުރުގައި ބެހެއްޓުމަކީ ބުއްދިވެރި ކަމެކެވެ. މިއީ ތިމާގެ ހަށިގަނޑާއި ސިކުނޑި ނޭދެވޭ ރޭޑިއޭޝަންތަކުން ސަލާމަތްކުރަން އެޅޭ ފިޔަވަޅެއްގެ އިތުރުން ހަމަހިމޭން އަރާމު ނިންޖެއް ހޯދަން ވެސް މުހިއްމު ކަމެކެވެ.

0 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 6%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454