ރިޕޯޓް / ކޮކޫން މޯލްޑިވްސް

ލާގޯގެ ޑިޒައިންތަކުން ކޮކޫން މޯލްޑިވްސް ފަރިވެފައި

ކޮކޫން މޯލްޑިވްސްގެ ލޮބީ އޭރިއާގެ ބޭރު: މިއީ ވަރަށް ތަފާތު ޑިޒައިންތަކެއް ހިމެނޭ ރީތި ރިސޯޓެއް --ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ކޮކޫން މޯލްޑިވްސް އިން،  އަބްދުﷲ ޖަމީލު، މިހާރު

14 ޖޫން 2017 - 08:01

6 comments

ބަލާބެލުމަށް ރާއްޖޭގެ އެހެން ރިސޯޓުތަކާ މި ރަށާ މާ ބޮޑު ތަފާތެއް ނުފެނިދާނެ އެވެ. އެކަމަކު މި ރިސޯޓުގެ ތަފާތުކަން ގެނެސްދެނީ ރެސްޓޯރަންޓްތަކާއި ގެސްޓް ކޮޓަރިތަކުގެ ޑިޒައިނާއި ބޭނުންކޮށްފައިވާ ފަރުނީޗަރުންނެވެ. ޔޫރަޕްގައި މިހާރު އެންމެ މަޝްހޫރު އެއް ލަގްޒަރީ ފަރުނީޗަރު އުފައްދާ ކުންފުނި، އިޓަލީގެ "ލާގޯ"ގެ ހިތްގައިމު ޑިޒައިންތަކުގެ ފަރުނީޗަރުން މި ރަށަށް އެހެން ރިސޯޓްތަކަށް ވުރެ މުޅިން ތަފާތު ސިފައެއް ގެނެސްދެ އެވެ.

ޅ. އޫކޮޅުގައި ތަރައްގީކޮށްފައިވާ ލަގްޒަރީ ރިސޯޓު މިދިޔަ ޑިސެމްބަރު 26 ގައި ހުޅުވީ އެ ހިތްގައިމުކަމާ އެކު އެވެ.

ވެލާނާ އިންޓަނޭޝަނަލް‎ އެއާޕޯޓް (އައިއެންއައިއޭ) އިން ސީޕްލޭންގައި 30 މިނެޓުން ދެވޭ ހިސާބުގައި އޮންނަ 6.9 ހެކްޓަރުގެ ކޮކޫން ރިސޯޓުގައި 151 ކޮޓަރި ހުރެ އެވެ. އެ ކޮޓަރިތައް ތައްޔާރުކޮށްފައި ވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަން އަސްލަކަށް ބަލައިގެން، އިޓަލީގެ ޑިޒައިން ހިމަނައިގެންނެވެ. މީގެ އިތުރުން، މި ރިސޯޓަށް ހާއްސަކޮށް ލާގޯ އިން ފަރުމާކޮށް ދީފައިވާ ތިން ރެސްޓޯރަންޓަކާއި ބާއެއް ވެސް ހުރެ އެވެ.

ކޮކޫންގެ ވޯޓާ ވިލާއެއް: މުޅި ރިސޯޓް ޑިޒައިންކޮށްފައި ވަނީ އިޓަލީ އެންމެ މަޝްހޫރު އެއް ޑިޒައިނިން ފާމް 'ލާގޯ" އިން. --ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ހިތްގައިމު ބޮޑު ފަޅެއްގެ ތެރޭގައި އޮންނަ ރިސޯޓުގެ ހުރިހާ ކޮޓަރިތަކާއި ރެސްޓޯރަންޓްތަކުގައި ބޭނުންކޮށްފައި ވަނީ ލާގޯގެ ފަރުނީޗަރެވެ. އެތަންތަން ޑިޒައިން ވެސް ކުރީ އެ ކުންފުނިންނެވެ. މިއީ ޑިޒައިނަރެއް ބޭނުންކޮށްގެން ތަރައްގީކުރި ފުރަތަމަ ރިސޯޓަށް ވީ އެހެންވެ އެވެ.

މި ރިސޯޓުގެ ފަރުނީޗަރު ތައްޔާރުކޮށްފައި ވަނީ ފްރާންސްގައި 200 އަހަރު ވެފައިވާ ލަކުޑިންނެވެ. އަދި ބޭނުންކޮށްފައި ވަނީ އިޓަލީގެ އެންމެ އަގު ބޮޑު އެއް މުއްޓެވެ. އޭގެ އިތުރުން ކޮޓަރިތަކުގައި ޖަހާފައިވާ ވޯލް ޕޭޕަރާއި އެނދާއި އަލަމާރި އާއި އެނޫން ވެސް ފަރުނީޗަރުތަކުގެ ޑިޒަައިނުން އިތުރު ފުރިހަމަ ކަމެއް ގެނެސްދެ އެވެ.

ކޮކޫން މޯލްޑިވްސް ބީޗް ވިލާގެ އެތެރެ: މިތަނުގައި ބޭނުންކޮށްފައިވާ ފަރުނީޗަރުތަކާއި ވޯލް ޕޭޕަރުތަކަކީ އިޓަލީގެ ލާގޯ ކުންފުނީގެ އުފެއްދުންތައް --ފޮޓޯ: ކޮކޫން މޯލްޑިވްސް

މި ރިސޯޓުގެ ބީޗް ވިލާތަކުގައި ހިޔަންޏެއް ފެންނަ ގޮތަށް ހަދާފައިވާ ވޯލް ޕޭޕާއިން ބައެއް މީހުންނަށް ހައިރާންކަން ލިބެ އެވެ. ފެންނައިރު ހިޔަންޏެއްހެން ސިފަވިޔަސް އެއީ ވޯލް ޕޭޕަރުގެ ޑިޒައިނެވެ. އެތަނުގައި ބަހައްޓާފައިވާ ކޮންމެ ފަރުނީޗަރެއްގައި ހަރުކޮށްފައިވާ ޓެގުން އެ ފަރުނީޗަރާ ބެހޭ ހުރިހާ މައުލޫމާތު މޮބައިލް ފޯނުގައިވާ ލާގޯގެ އެޕްލިކޭޝަނުން ބަލައިލެވެ އެވެ. އޭގެ އިތުރުން ރިސޯޓުގެ ވިލާތަކުގަ އާއި ރެސްޓޯރަންޓާއި އެ ނޫން ވެސް އެކި ތަންތަނުގައި ބޭނުންކުރާ ހުރިހާ ފަރުނިޗަރުތަކެއްގައި ހެން ހުންނަނީ ބިއްލޫރި ފަ އެވެ. ނުވަތަ މިޑް އެއާ ފަރުނީޗަރުތަކެވެ.

ކޮކޫން ރިސޯޓުގެ މެނޭޖިން ޑިރެކްޓަރު އެލެކްސެންޑްރޯ އަޒޮއްލާ "މިހާރު" އަށް ވިދާޅުވީ އެ ރިސޯޓު ތަރައްގީކުރިއިރު އެންމެ ބޮޑު އިސްކަމެއް ދެއްވީ ގުދުރަތީ ރީތިކަން ނުގެއްލޭ ގޮތަށް ރަށް ފުރިހަމަކުރުމަށް ކަމަށެވެ.

"މި ތަނުގެ އެއްގަމު ކޮޓަރިތައް ވެސް އަޅާފައި ހުންނާނީ އެހެން ރިސޯޓްތަކާ ހިލާފަށް ބީޗްގެ ރުއްތަކާއި ގަސްތަކުގެ ތެރޭގައި ފޮރުވިފައި ހުންނަ ގޮތަށް. އަޅުގަނޑުމެން ބޭނުންވީ މުޅި ރިސޯޓަކީ ވެސް ވަރަށް ތަފާތު ރިސޯޓަކަށް ހަދަން،" އޭނާ ވިދާޅުވި އެވެ.

ކޮކޫން މޯލްޑިވްސްގެ ވޯޓާ ވިލާއެއްގެ ފާޚާނާ: މިތަނުގައި ގުދުރަތީ ރީތިކަން ދައްކައިދޭން ގިނައިން ބިއްލޫރި ބޭނުންކޮށްފައިވޭ. --ފޮޓޯ: ކޮކޫން މޯލްޑިވްސް

ފަސް ތަރީގެ ފެންވަރަށް ތަރައްގީކޮށްފައިވާ މި ރިސޯޓުގެ މުވައްޒަފުންގެ އޯތެރިކަމަކީ ވެސް ގެސްޓުންނަށް އިތުރު ހިތްހަމަޖެހުމެކެވެ. ރިސޯޓްގެ މެނޭޖްމަންޓުން ގަބޫލުކުރަނީ މުވައްޒަފުންގެ ފަރާތުން މަތީ ޚިދުމަތް ނުދެވި ގެސްޓުންގެ ހިތްއަތުލައިނުގަނެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ރިސޯޓު ޑިޒައިންކޮށްފައި ވަނީ ފަސް ތަރިއަކަށް ބަލައިގެނެއް ނޫން. އަޅުގަނޑުމެން ބޭނުންވީ ފަސް ތަރީގެ ހިދުމަތް މުވައްޒަފުންގެ ފަރާތުން ލިބުން. އެގޮތަށް މަސައްކަތްކުރުމުގެ ނަތީޖާއަކީ ހަ މަސް ދުވަސް ވީއިރު ރިޕީޓް ގެސްޓުން އައުން،" އެލެކްސެންޑްރޯ ވިދާޅުވި އެވެ.

ލާގޯގެ އިސްކަން ގުދުރަތީ ރީތިކަމަށް

ޑެނިއަލޭ ލާގޯއަކީ މިހާރު ޔޫރަޕްގައި އެންމެ މަޝްހޫރު އެއް ފަރުނީޗަރު އުފައްދާ ކުންފުނީގެ ވެރިޔާ އެވެ. ދުވަހަކު ވެސް ރާއްޖެ ދެކެވަޑައިގެންފައިނުވާ ޑެނިއަލޭ ފުރަތަމަ ރާއްޖެ ވަޑައިގަތީ އޫކޮޅުފުށީގައި ރިސޯޓް ތަރައްގީކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން އޭނާގެ އެކުވެރިޔާ އެލެކްސެންޑްރޯ ދެއްވި ދައުވަތަކަށް، ރަށް ބައްލަވައިލެއްވުމަށެވެ. އޭނާ އެންމެ ފުރަތަމަ ވެސް ބޭނުންވީ ރަށުގެ ގުދުރަތީ ރީތިކަމާއި ރާއްޖޭގެ ކަނޑުގެ ނޫ ކުލައިގެ ރީތިކަން އެ ރިސޯޓުން ވެސް ދައްކުވައިދިނުމަށެވެ.

"އަހަރެން ނުދެކެން މިހާ ހިތްގައިމު ރަށްތަކެއް ހުރި ގައުމެއް. ރާއްޖޭގެ ރީތިކަން ފެނިފައި އަހަރެން ހުރީ ކޮސްވެފައި. އެހެންވެ ހިތަށްއެރީ މި ރަށް ޑިޒައިންކުރަންވާނީ މި ރާއްޖޭގެ ގުދުރަތީ ރީތިކަމާ ގުޅުވައިގެންނޭ،" ޑެނިއަލޭ ވިދާޅުވި އެވެ.

ލާގޯ ޑިޒައިންގެ އިސް މޭސްތިރިޔާ ޑެނިއަލޭ ލާގޯ --ފޮޓޯ: ހުސެއިން ވަހީދު /މިހާރު

އިންޓަވިއު ކުރިޔަށް ދިޔައިރު ވެސް ރާއްޖޭގެ ރީތިކަމާ މެދު އޭނާ އާޝޯޚުވެފައި ހުންނެވި މިންވަރު ފެނުނެވެ. އެފަދަ ރީތިކަމެއް އޭނާ ދުވަހަކު ވެސް ދެކެވަޑައިގެންފައި ނުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތަނުގައި މައިގަނޑު ގޮތެއްގައި ފަރުނީޗަރު ތައްޔާރުކުރަން ބޭނުންކޮށްފައި ވަނީ ޓްރެޑިޝަނަލް ލަކުޑި އާއި ބިއްލޫރި. ބިއްލޫރި ބޭނުންކޮށްފައި ވަނީ ޓްރާންސްޕޭރަންޓްކޮށް ރީތިކަން ދައްކައިދިނުމަށް. އޭގެ އިތުރުން ޑިޒައިންކުރުމުގައި ތާރީހީ ގޮތްތައް ޒަމާނާ އެއްގޮތަށް ދައްކައިދިނުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާނެ،" ޑެނިއަލޭ ވިދާޅުވި އެވެ.

ކޮޓަރިތައް ޑިޒައިންކުރުމުގައި ލާގޯއިން އިސްކަންދިނީ ވަރަށް ބޮޑަށް އާއިލީ ގުޅުމާއި ތާޒާކަން އިހުސާސްކުރެވޭ ގޮތަށެވެ. ކޮޓަރިތަކުގެ ޖާގަ ތަނަވަސްކޮށް ބެހެއްޓުމަށް ވެސް ވަރަށް ބޮޑު އިސްކަމެއްދީފައިވާކަން ފާހަގަކުރެވެ އެވެ. ބިއްލޫރި ބޭނުންކުރުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ވިލުތަކަކީ ހުދު ބިއްލޫރިކޮޅެއްހާ ސާފު ތަންތަނަށް ވާތީ އެ އިހުސާސް ގެނެސްދިނުމަށެވެ.

ކޮކޫން މޯލްޑިވްސްގެ ރެސްޓޯރަންޓެއް: މިތަނުގެ ޑިޒައިންތައް ވަރަށް ހިތްގައިމު. --ފޮޓޯ: ކޮކޫން މޯލްޑިވްސް

ޑެނިއަލޭ ވިދާޅުވީ ރާއްޖޭގެ އެހެން ރިސޯޓްތަކާ ހިލާފު ލަގްޒަރީ ރިސޯޓެއް ހެދުމުގައި ބެއްލެވީ އަގުބޮޑު ތަކެތި ބޭނުންކުރުމަށް ނޫން ކަމަށެވެ. ފެންނަ ފެނުމުގައި ވީހާ ވެސް އާދައިގެ ގޮތަކަށް ހުރި ނަމަވެސް އެއީ ވަރަށް ބޮޑަށް ވިސްނައިގެން ކޮށްފައިވާ އަގު ބޮޑު މަސައްކަތްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ލާގޯއަކީ ހޮޓާ އަދި ރިސޯޓްތަކުގައި ބޭނުންކުރާ ފަރުނީޗަރު އުފައްދާ ބައެއް ނޫން. އަޅުގަނޑުމެންނަކީ އެންމެ މަތީ ފެންވަރު އެޕާޓްމަންޓްތަކަށް ބޭނުންވާ ފަރުނީޗަރު އުފައްދާ ބައެއް. ނަމަވެސް މިހާރު މަޑުމަޑުން މިދަނީ ޓޫރިޒަމްގެ ބޭނުންތަކަށް ފަރުނީޗަރު ޑިޒައިންކޮށް އުފައްދަމުން،" ޑެނިއަލޭ ވިދާޅުވި އެވެ.

ލާގޯ އިން މިހާރު ޔޫރަޕްގެ އެކި ސަރަހައްދުތަކުގައި 400 އެއްހާ އައުޓްލެޓް ހިންގަ އެވެ.

ކޮކޫން ގެސްޓުންގެ ހިތް އަތުލައިގެންފި

ރާއްޖޭގެ ގިނަ ރިސޯޓްތަކުގެ އޮކިއުޕަންސީ މި ދުވަސްވަރު 50 ޕަސެންޓަށް ވުރެ ދަށުގައި ހުރި ނަމަވެސް ކޮކޫންގައި މިވަގުތު ވެސް އޮކިއުޕަންސީ އުޅެނީ ގާތްގަނޑަކަށް 60 ޕަސެންޓްގަ އެވެ.

ރިސޯޓުގެ އެއް ހިއްސާދާރު އެލެގްޒެންޑްރޯ ވިދާޅުވި ގޮތުގައި އެ ރިސޯޓުގެ އޮކިއުޕަންސީ އެ މިންވަރުގައި ހިފެހެއްޓެނީ ގެސްޓުންނަށް އެކަށީގެންވާ އަގެއްގައި ހުރިހާ ހިދުމަތެއް ފޯރުކޮށްދެވޭތީ އެވެ.

ކޮކޫން މޯލްޑިވްސް މެނޭޖިން ޑިރެކްޓަރު އެލެގްޒެންޑްރޯ އިންޓަވިއު ދެއްވަނީ. --ފޮޓޯ: ހުސެއިން ވަހީދު /މިހާރު

"ގެސްޓުން މިތަނަށް އަންނަނީ ވަރަށް ބޮޑު ހަރަދެއް ކޮށްފައި. އެހެންވެ އަޅުގަނޑުމެން ނިންމާފައި ވާނީ އެހެން ރިސޯޓްތަކާ ހިލާފަށް ރިސޯޓުން ދޭ ހިދުމަތްތަކުގެ އަގު ހެޔޮކޮށް ދޭން. އެގޮތުން ބުއިންތަކާއި ކެއުންތަކާއި ސްޕާ އަދި އެނޫން ވެސް ހިދުމަތްތަކުގެ އަގު ހުންނާނީ އެހެން ރިސޯޓްތަކުގެ އެވްރެޖް އަގުތަކަށް ވުރެ ހެޔޮކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ގެސްޓުންގެ ފަރާތުން ވަރަށް ޕޮޒިޓިވް ކޮމެންޓްތައް ލިބެމުން އަންނަނީ އެހެންވެގެންކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ރިސޯޓުގެ މައިގަނޑު މާކެޓަކީ ޔޫރަޕެވެ. ނަމަވެސް މަދުމަދުން ދެކުނު އެފްރިކާއިން މިހާރު ޓޫރިސްޓުން އަންނަން ވާނީ ފަށައިފަ އެވެ.

އެވްރެޖްކޮށް ރިސޯޓުގެ ރޫމް ރޭޓް އުޅެނީ ރެއަކަށް 400 ޑޮލަރުން ފެށިގެން މަތީގަ އެވެ.

ކޮކޫން މޯލްޑިވްސްގެ ރެސްޓޯރަންޓެއްގައި ގެސްޓުންތަކެއް މެންދުރު ކެއުމުގައި --ފޮޓޯ: ހުސެއިން ވަހީދު /މިހާރު

"އަޅުގަނޑުމެން ބޭނުންވަނީ މިތަނަށް އެންމެ ފަހަރަކު އަންނަ ގެސްޓަކު ވެސް ދުވަހަކު ވެސް ހިތުން ފިލައިގެން ނުދާނެ ކަހަލަ ހިތްގައިމުކަން އިހުސާސްކޮށްދިނުން. އަދި ރިސޯޓާ މެދު ހާއްސަ ލޯތްބެއް އުފެއްދުން. ޝައްކެތް ނެތް ރާއްޖެއަކީ ސުވަރުގެއް ފަދަ ރީތި ތަނެއް. މިތަން ދެކެ އެތައް މިލިއަން ބަޔަކު ލޯބިވޭ،" އެލެގްޒެންޑްރޯ ވިދާޅުވި އެވެ.

މީގެ 35 ވަރަކަށް އަހަރު ކުރިން އައިލާއާ އެކު ޗުއްޓީއަކަށް ވަޑައިގެންނެވި އިޓަލީގެ މަޝްހޫރު ޓުއާ އޮޕަރޭޓަރު އެ ދުވަހުން ފެށިގެން ވެސް ރާއްޖޭގައި އަމިއްލަ ރިސޯޓެއް ހިންގުމުގެ ޝައުގު އުފެދުނެވެ. އެއާ އެކު އޭނާގެ އާއިލީ އެހެން މީހުންގެ ހިއްސާއާ އެކު ތަރައްގީކުރި "ކޮކޫން" އަކީ ރީތިކަން ދައްކުވައިދޭ ތަފާތު ރިސޯޓެކެވެ.

"އަޅުގަނޑުމެން އައިލާއާ އެކު 1981 ވަނަ އަހަރު އެންމެ ފުރަތަމަ އައީ ކުރީގެ ބޮލިފުއްޓަށް. އޭރުން ފެށިގެން ވެސް ހިތުގައި އޮވޭ މިތަނުގައި އަމިއްލަ ރިސޯޓެއް ހެދުމަށް. މިހާރު މިވަނީ އެއް ރިސޯޓު ހުޅުވާފައި. ކުރިޔަށް އޮތް ތަނުގައި އިތުރު ރިސޯޓްތަކެއް ވެސް ހެދުމުގެ ވިސްނުން އެބަ އޮތް. ވަރަށް އަވަހަށް އެކަން ފެނިގެންދާނެ،" އެލެގްޒެންޑްރޯގެ ކުރިމަގުގެ ޕްލޭންތަކާ ބެހޭ ގޮތުން ވިދާޅުވި އެވެ.

ކޮކޫންގެ ވޯޓާ ވިލާއެއް ކައިރީގައި ޓޫރިސްޓަކު ސެލްފީއެއް ނަގަނީ: ޔޫރަޕް މީހުންގެ މެދުގައި މި ރިސޯޓްގެ މަގުބޫލްކަން އަންނަނީ ބޮޑުވަމުން --ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ފޮޓޯއަކުން މި ރިސޯޓުގެ އަސްލު ރީތިކަމެއް ވަޒަނެއް ނުކުރެވޭނެ އެވެ. ހަމަލޮލުން ފެނުމުން ނޫނީ މި ހިތްގައިމުކަމުގެ ފުރިހަމަ ތަސްވީރެއް ހިތުގައި ނުކުރެހޭނެ އެވެ. މި ރަށަށް އެއް ފަހަރު އާދެވިއްޖެ ނަމަ ދެވަނަ ފަހަރަށް ހިތްކިޔާނެ ކަމާ މެދު ޝައްކެއް ނެތެވެ.

6 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 10%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާދަނު

15 June 2017

ދިވެހިންގެ ތެރޭގަައި އެބަތިބި ފަންނުވެރިން، އެކަމަކު ދިވެއްސަކަށަ ވީ ތީ ބަލައެއްނުގަނޭ. ދޮންމީހުން އެއީ މާމޮޅު ބަޔަކަށް ހަދާގެން، ބޮޑު އގަުގަ މަސައްކަތް ދެނީ. ހަދާފަ ހުންނަ އެއްޗެހިބަލާލަން ނުކުރޭ.

The name is already taken The name is available. Register?

GAN Island

14 June 2017

މިހިރަ ހިތްގައިމު ރިސޯޓް ތަކާއި މިރީތިރަށްތައްހިމެނެ ޤުދުރަތީ ރީތިކަން ވިއްކައިގެންލިބޭ ފައިސާ އިން މަދުބަޔަކު ދުނިޔޭގެ ފެންވަރުގެ މަހުޖަނުންނަށް ބަދަލުވެފައިވާ އިރު މިރަށްތަކާއި ޤުދުރަތީ މުއްސަނދިކަމުގެ މިލްކުވެރި ފަރާތް ތަކުން އަމިއްލަ ޤައުމުގައި ބީރައްޓެހިން ތަކެއް އަޅުމަސައްކަތު މީހުން ތަކެއްފަދައިން އުޅޭ ހިތްދަތި ނިކަމެތި ހާލު ފެންނަ މީހެއްގެ ހައިސީއްޔަތުން ތިފަދަ ލިއުންތަކުން އިތުރަށް ހިތްދަތިވުން ނޫން ކަމެއް އިހްސާސެއްނުވޭ.

The name is already taken The name is available. Register?

އަންތަރީސް

14 June 2017

ކިހިނެއް އެންމެ ފުރަތަމަ ޑިޒައިން ރިސޯޓަށްވީ؟ ރާއްޖޭގެ އެހެން ރިސޯޓްތައް ހަދާފައި ހުރީ ޑިޒައިނަރެއް ބޭނުން ނުކޮށްތަ؟ އެހެން ނޫނަސް މިރިސޯޓެކޭ އެހެން ރިސޯޓެކޭ މާ ބޮޑު ތަފާތެއް ނުވަތަ ފުރިހަމަކަމެއް ނެތް.

The name is already taken The name is available. Register?

ދިވހިން

14 June 2017

ތިކަހަލަ ތާކުން ތާކުނުޖެހޭ ޑިޒައިން. ތިރިސޯޓްގަ ހުރި ކުނިވަޅުތަކުގެ ވާހަކަ ދައްކަބަލަ، ހަލާކުނުވާޒާތުގެ އެތައްކުންޏެ ބިމުގެއަޑީގަ، ބޭނުމިއްޔާ ފޮޓޯތައް ހިއްސާކުރެވިދާނެ.

The name is already taken The name is available. Register?

އުމަރު

14 June 2017

ތިޔައީ ހަމަ ރާއްޖޭގައި ހުރި ޑިޒައިންތަށް، އެކަމަކު އެބަހުރި ޑިޒައިންތަކެއް ބޭރުގެ މާހައުލު ދައްކުވައިދޭ، އެކަމަކު އެއީ ރާއްޖޭގެ ރިސޯޓްތަކަށް އެހާ ރަނގަޅު ޑިޒައިންތަކެއްނޫން، މިސާލަކަށް ބުފޭ މޭޒް ކުރިން ރާއްޖޭގެ ޑިޒައިނަކީ ދޯންޏެއް އެއީ ޓޫރިސްޓުން ބޭނުންވާ ޑިޒައިނަކީ، އެކަމަކު އެކަހަލަ ޑިޒައިންތަށް މިހާރު މަޑުމަޑުން ރާއްޖެއިން ދަނީ ނެތެމުން އެކަމަކު ޓޫރިސްޓް ގެސްޓްހައުސްތަކުން މިހާރު ރާއްޖޭގެ ޓޫރިޒަމްގެ އަސްލު ޑިޒައިން މަޑުމަޑުން ނަމަވެސް އެބަފެނޭ، އެހެންކަމުން އަދިވެސް ޓޫރިސްޓުންނަށް މަގުބޫލީ ހަމަ ދިވެހިވަންތަ ދިވެހި ރާއްޖެތެރޭގެ ޑިޒައިންތަށް

The name is already taken The name is available. Register?

އާއިޝާ

14 June 2017

ދެރައީ ދިވެހިންނަށް ތީގެ އެއްވެސް ފޮނިމީރުކަމެއް ނުލިބޭތީ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454