ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޝިފާއު އަދި ޗެއާމަން މިއަދު މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
15 ޖޫން 2017 - 16:54
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) މެދުވެރިކޮށް މާލެ އިން ކުނި އުކާލުމަށް މިހާތަނަށް ރަޖިސްޓްރީކޮށްފައި ވަނީ 1،500 ގެއިން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މަޖިލީހުގެ މަސްއޫލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއު މިއަދު ވިދާޅުވީ 27،000 ގޭބިސީ ހުންނައިރު ރަޖިސްޓްރީކުރި ގޭބިސީގެ އަދަދު މަދު ކަމަށެވެ. އަދި އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ޑޭޓާބޭސްއެއް ތައްޔާރުކޮށްފައި ނެތް ކަމަށާއި ނަމަވެސް އަންނަ ހަފުތާގައި އެ ސިސްޓަމް ގާއިމުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"މި ޑޭޓާބޭސް ގާއިމުކުރެވުމުން ކަސްޓަމަރަށް އެސްއެމްއެސްއަކުން އަންގާނެ ވަކި ދުވަހަކުން ފެށިގެން ކުނި އުކާލަން ފަށާނެކަން. އަދި އެ މަސައްކަތުގެ އަގު ވެސް އަންގާނެ. ތިން މަސް ދުވަހުގެ ތެރޭގައި ބިލް ދެއްކުމަށް ވެސް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާނެ،" ޝިފާއު ވިދާޅުވި އެވެ.
މަޖިލީހުގެ މަސްއޫލިއްޔަތު ކޮމިޓީގެ މެމްބަރުންތަކެއް ވެމްކޯއާ ސުވާލުކުރައްވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
ސަރުކާރުން މިހާރު ހަމަޖައްސާފައި ވަނީ، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ރަޖިސްޓްރީ ނުކޮށް ގޭގެއިން ބިދޭސީންނާ ހަވާލުކޮށްގެން ކުނި އުކާލުމަކީ މަނާ ކަމެއްގެ ގޮތުގަ އެވެ. އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އެ ނިންމުން ނިންމާފައި ވަނީ އެ ކުންފުނިން ނޫން ކަމަށެވެ. އަދި އަމިއްލަ ގޭގައި ގެންގުޅޭ މީހަކާ ހަވާލުކޮށްގެން ކުނި އުކާލާ ނަމަ ރަޖިސްޓްރީކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިދިޔަ ދެ ހަފުތާގައި ވެސް މާލޭގެ އެކި ސަރަހައްދުތަކަށް އުކާލާފައިވާ ކުނިތައް އެކި ފަހަރުމަތިން ނަގާފައިވާނެ. އަޅުގަނޑުމެންގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވި ނަމަވެސް މަގުމައްޗަށް ވެސް އުކާލާފައި ހުންނަ ކުނިތައް ނަގަމުން ދަނީ،" ޝިފާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލެއިން އުކާލުމަށް ދިހަ ޒޯނަކަށް ބަހާލައި، ދިހަ ޒޯނުން އުކާލަން ބޭނުންވާ ވެހިކަލްތައް ވެސް ލިބިފައިވާ ކަމަށެވެ. މާލެއިން ކުނި އުކާލަން ނަގަނީ ކޮންމެ އެޕާޓްމަންޓްތަކުން 150ރ. ކަމަށާއި އެކަމަކު އެއް ތަނަކަށް ޖަމާކުރާނަމަ ކޮންމެ އެޕާޓްމަންޓަކުން ނަގާނީ 100ރ. ކަމަށް ވެސް މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.
މަޖިލީހުގެ މަސްއޫލިއްޔަތު ކޮމިޓީގެ މެމްބަރަކު ވެމްކޯގެ އިސްވެރިންނާ ސުވާލުކުރައްވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
"އަޅުގަނޑުމެން އަދި މި ހިދުމަތް ފައްޓައިގެން މި އުޅެނީ. އަޅުގަނޑުމެންނަށް ދެއްވާ ދެތިން މަސް މިކަން ފުރިހަމަކުރަން،" އޭނާ ވިދާޅުވި އެވެ.
ޝިފާއު ވިދާޅުވީ ކުނި އުކާލުމުގެ ނިޒާމް ހަރުދަނާކުރުމުގެ ގޮތުން ކޮންމެ ގެއަކުން ކުނި ނެގުމަށްފަހު އެކަން އެ ކުންފުނީގެ ކޯލް ސެންޓަރަށް އަންގާނެ ނިޒާމެއް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ބިލް ދެއްކުން ވެސް އޮންލައިން މެދުވެރިކޮށް އަދި ބިލް ދައްކާ ތަންތަނުން ވެސް ބިލް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވެމްކޯ އިން ބުނީ ތިން މަހެއްހާ ދުވަހުގެ ތެރޭގައި ފޯނު އެޕްލިކޭޝަން މެދުވެރިކޮށް ބިލް ދެއްކޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުހޭރު
16 June 2017
ނުދޭނަން 150/- ހަމަ މަގަށް އުކާލާނީ. އަމިއްލަ ސައިކަލުގަ އަމިއްލަ ތެލުގަ ކުނި އުކަން ނުދެވެންޔާ ދެން ކަލޭމެން ޖެހޭނީ މަގު ތަކުން ކުނި ހޮވަން. ގަދަބާރުން ލާރި ފޭރެން ހިތައްވެސް ނާރުވާތި. ނުވާނެ ތިކަމެއް..
ބޮޑާ
16 June 2017
ރުޅީގައި މާލެ ގޮނޑު ނުކުރޭ. މަގުތަކަކީ އެންމެންގެވެސް ތަނެއް.
ވޯލް
16 June 2017
ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ހަމަ ކޮންމެ މީހަކަށް ކުނި އުކަން ހުއްދަދެވޭބީ ރަޖިސްޓްރީކޮށްގެން. މިހާރު އެކި މީސްމީހުން ކުނި އުކާއިރު އެހުންނީ ތަންތަނަށް އެއްލާލަފަ. މާލެ ތެރެ ސާފުވާނެ ކަމަށް މަޤަބުލުކުރަނީ ވެމްކޯއިން މިކަން ކުރީމަ. 150 ނުވަތަ 100 އެއީ ވަރަށް ކުޑަ އަދަދެއް. އެފަފަ ތަނަވަސްކަން ނެތް މީހާއަށް ސަރުކާރުން ދައްކާދިނީމަ އެވީ. މިކަމުގައި ސަރުކާރުގެ ނިންމުން ރަގަޅު. މަޖިލިސް މެމްބަރުންވެސް މިފަދަ ކަންކަމުގައި ސަރުކަރުގެ ނިންމުމަށް ފާޑު ކިޔާކަށް ނުޖެހޭ.
ޒެޑް
16 June 2017
ބިލް ދެއްކޭނެ ފަޭހަގޮތް އަދި ހަމަނުޖެހޭ. ފޯނު އެޕްލިކޭޝަން ވެސް އަދި ހެދިފައި ނެތް. ހަދަމުން ދަނީ، 3 މަސް ދުވަސް ދޭށޭ އޭރުން ހުރިހާ ކަމެއް ބަރާބަރުވާނޭ އެބަބުނޭ، އެކަމަކު އަންނަ މަހުން ފެށިގެން ގޭބިސީތަކުން އަމިއްލައަށް މީހަކާއި ހަވާލުކޮށްގެން ކުނި އުކުން އެބަ މަނާކުރޭ. ދަތި ކުރޭ. ދެން އަދި މިހާތަނަށް ރަޖިސްޓަރީ ކުރީ 1500 ގޭބިސީ،، ދެން ކުއްލިއަކަށް ތި ހިންގަން އުޅޭ ހަރުކަށި އުސޫލުގެ ސަބަބުން މުޅި މާލޭގައި ކުނި އުކާނުލެވިގެން ގޭގޭގަ ހުރި ކުނި ގިނަވެގެން މުޅި ޓައުނުން ދުވާނީ ކުނިވަސް. ތިޔަ އުޅެނީ އަނެއކާ އަނެއްކަންތައް ރައީސް ގެ ބޮލަށް ކަނޑާލަން. ތީ ރޭވުމެއް
މަންޓޭ
16 June 2017
ދެން މަގުމަށްޗަށް ކުނި އުކާފަ ބަހަށްޓަންވީނު އެޔެށްނޫންތަ ރީތިގޮތަކީ އަޅެ މިތިބަ ގަމާރު ދިވެހިންނަށް ނެތިށްޔޭ ރަނގަޅު އެށްގޮތެށްވެސް
ޙޮލި
16 June 2017
ބިޒީ ސެޑިއުލް ގެ ތެރެއައް މަހަކު އެއްފަހަރު އަރަން ޖެހޭ ކިއުއެއް އިތުރުވީ
ބޯއީ
16 June 2017
ސުބްހާނަﷲ..ފޮޓޯ އިން އެފެންނަ ބޭފުޅާ އަކީ ދާދި އިހަކަށްދުވަހާ ޖެހެންދެން ދިރާގުގެ ޖޫނިއަރ ލެވެލްގައި އުޅުނު އާދައިގެ މުއައްޒަފެއް ނޫންތޯ؟ މިހާރު މިހިރީ އިހަށް ދުވަހު އިރުއަރާފަ އިރުއޮއްސުނު އިރު ޤަޢުމީ ބޮޑު ކުންފުންޏެއްގެ އެމް.ޑީ އަކަށް ކުއްލިއަކަށް ވެފަ.. ބޯހަލާކު.
އިސްލާހު
15 June 2017
ކުނިއުކަން ރަޖިސްޓަރީ ވާންޖެހޭ ސަބަބެއް ކޮންމެވެސް ބޭފުޅަކު ވިދާޅުވެދެއްވަބައްލަވާށެވެ. މިހާރު އަމިއްލަ އަށް ކުނި އުކިޔަސް ތިމާމީހާވެސް ރަޖިސްޓްރީ ވާން ޖެހޭވާހަކަ އެބަ އަޑުއިވެއެވެ. ދުވަސް ކޮޅަކުން ގެއިން ބޭރަށް ނުކުންނަށް ބޭނުންވިޔަސް ޖެހޭނީ ރަޖިސްޓްރީ ކުރަން ތޯއްޗެކެވެ.
ހާމިދު
15 June 2017
މީ ރައްޔިތުންނަށް އުނދަގޫ ކުރަންވެގެން ފައްޓާ ކަމެއް. ސެކިއުރިޓީ ހުންނަ ތަންތަނުގަ މީހަކު ނޫޅޭ ގަޑިއެއްގަ ކުނި ނަގަން އައިސް ނުހުޅުވެޖިއްޔާ އެދުވަހެއްގެ ކުނި އުކާ ނުލެވުނީ. ކުނި ނަގަން އަންނަ ގަޑިއެއް އެނގެނީކީ ނޫން. މިދެން ކިހާ ދެރަ ކަމެއް. މިހާރު ދެން ހުދު މުޙްތާރު ކަމުން މި ޤައުމުގަ އުޅެވެންނެތް. މީ ވަކި މީހެއްގެ ނުވަތަ ބައެއްގެ ޤައުމެއްތަ؟؟ މިކަމަށް ހައްލެއް ބޭނުންވޭ !!!!
ބޮންދު
15 June 2017
އަހަރެން ގޭ ހުރިހާ ކުނި އުކަނީ 100 ، 2 ފަހަރު އުކަނީ،
ޙަނީ
15 June 2017
ޢައްޑޫ އިންވެސް ހަފުތާއަކު 3 ދުވަހު ކުނިނަގާ ދޭނެވާހަަކަބުނި އެކަމަކު ހަފުތާއަކު 1 ދުވަހުވެސް ނުނެގޭ. ޢެންމެ 2 ވެހިކަލް ބޭނުންކޮށްގެން ކިހިނެއް މުޅި އަތޮޅުން ކުނި ނަގާނީ؟ މިކަމީ ރަނގަޅު ކަމެއް. މިއަށްވުރެ ބޮޑަށް ރޭވިގެން ފެށިނަމަ ރަންގަޅުވީސް.