19 ޖޫން 2017 - 11:58
މެޑްރިޑް (ޖޫން 19) - ޓެކްސް އަށް މަކަރު ހެދިކަމުގެ ދައުވާ ސްޕެއިނުން ކުރާނެކަން އިއުލާންކުރުމާ އެކު ކްލަބް ދޫކޮށްލަން ނިންމާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބްގައި މަޑުކުރަން އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް އެދިއްޖެ އެވެ.
މެޑްރިޑްގައި ހުންނަ ޕްރޮސެކިއުޓަރުންގެ އޮފީހުން ރޮނާލްޑޯގެ މައްޗަށް ދައުވާ ކުރަނީ 2011 އިން 2014 އާ ދެމެދު 14.7 މިލިއަން ޔޫރޯ އިން ޓެކްސް އަށް މަކަރު ހެދިކަމުގެ ތުހުމަތުގަ އެވެ. މި މައްސަލައިގައި ރެއާލުން ރޮނާލްޑޯ އަށް މާ ބޮޑު އެހީތެރިކަމެއް ފޯރުނުކޮށްދޭތީ ކްލަބާ އޭނާއާ ދެމެދު ވަނީ މައްސަލަތަކެއް ކުރިމަތިވެފަ އެވެ.
ރާމޯސް ބުނީ ރޮނާލްޑޯ އަކީ ރެއާލަށް އަދިވެސް ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށެވެ.
"ރޮނާލްޑޯ އަކީ އަދިވެސް އަހަރެމެން ޓީމަށް މުހިއްމު ކުޅުންތެރިއެއް. އެކަން ފެނިގެންދިިޔަ މިދިޔަ ސީޒަނުގައި އަހަރެމެން ޗެމްޕިއަންސް ލީގާއި ލާލީގާ ހޯދިއިރު. އަހަރެންގެ ނަޒަރުގައި ރޮނާލްޑޯ އަށް އޭނާ ބޭނުންވާ ކާމިޔާބު ހޯދޭނީ ރެއާލުގައި ހުރެ. އަހަރެން އެދެނީ އޭނާ މި ކްލަބްގައި މަޑުކުރަން،" ރާމޯސް ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން ދުނިޔޭގެ އެއް ވަނަ ކުޅުންތެރިއާ ރޮނާލްޑޯ ވަނީ އޭނާގެ އޭޖެންޓް ޖޯޖް މެންޑޭޒް ގާތުގައި އޭނާ އެހެން ކްލަބަކަށް ބަދަލުވުމުގެ މަސައްކަތް ކުރިއަށްގެންދަން އެދިފަ އެވެ.
ރޮނާލްޑޯ ހޯދަން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އާއި އޭނާގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ފްރާންސްގެ ގަދަބާރު ޕީއެސްޖީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ރޮނާލްޑޯ އާއި އަލްވާރޯ މޮރާޓާ ގެނައުމަށްޓަކައި މެންޗެސްޓާ ޔުނައިޓެޑުން 210 މިލިއަން ޔޫރޯ އާއި ގޯލްކީޕަރު ޑޭވިޑް ޑެހެއާ ރެއާލް މެޑްރިޑަށް ހުށަހަޅާން ތައްޔާރަށް އޮތްއިރު، ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް ވަނީ ރޮނާލްޑޯ ގަންނަން 100 މިލިއަން ޕައުންޑަށް ވުރެ ބޮޑު ބިޑެއް ކުރަން ފަސް ނުޖެހުމަށް ޗެލްސީގެ ބޯޑަށް އަންގައިފަ އެވެ.
އިއްޔެ ކޮންފެޑެރޭޝަން ކަޕްގައި ރޮނާލްޑޯގެ ޕޯޗުގަލް ވަނީ މެކްސިކޯއާ 2-2 އިން އެއްވަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިކިމަސް
20 June 2017
ތިކަހަލަ ޓެކްސްއައް މަކަރުހަދާ ފީކާއްޓެއް ބަހައްޓާނިކަމެއްނެތް ވަރައްފޫހިވެއްޖެ
ރަދީފް
19 June 2017
ރޮނާލްޑޯ އާދެބަލަ ވިކްޓްރީ ސްޕޯޓްސް ކްލަބަށް. ވ.ވެދުން