ކުޅިވަރު / މާޒިޔާ ސ.ރ.ކ

އީގަލްސްގެ ވިސްނުން އުމެއިރާއި އަސަދުﷲ ހިފަހައްޓަން

މާޒިޔާ އަކީ މި ސީޒަނުގެ އެންމެ ވަރުގަދަ ޓީމު ކަމަށާއި އެކަމަކު އީގަލްސް އިން އެ ޓީމުގެ މުހިއްމު ކުޅުންތެރިންނަށް ސަމާލުވެގެން، ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައިގެން ކުޅެފި ނަމަ އެ ޓީމު ބަލިކުރެވޭނެ ކަމަށް އީގަލްސްގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ބުނެފި އެވެ.

މި ދެ ޓީމު ފުރަތަމަ ބުރުގައި ކުޅުނު މެޗުން މާޒިޔާ މޮޅުވީ 1-0 އިންނެވެ. އޭގެ ފަހުން މާޒިޔާ ހުރިހާ މެޗަކުން މޮޅުވަމުން އައި ނަމަވެސް އެންމެ ފަހުން ކުޅުނު މެޗުން ވިކްޓަރީ އަތުން ވަނީ 1-0 އިން ބަލިވެފަ އެވެ. ކުރީކޮޅު އީގަލްސްގެ ފޯމް ދަށްވި ނަމަވެސް އެ ޓީމު ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗުން ނިއު ރޭޑިއަންޓާއި ޔުނައިޓެޑް ވިކްޓަރީ ބަލިކޮށްފަ އެވެ.

ސާންތީ ބުނީ ލީގުގެ ގަދަ ހަތަރެއް މި ވަގުތު ކަށަވަރުވެފައި އޮތީ މާޒިޔާ އަށް އެކަނި ކަމަށާއި އެހެންކަމުން ގަދަ ހަތަރަކަށް އަރަން އޮތީ އުނދަގޫ މަސައްކަތެއް ކަމަށާއި ދެން އޮތް ކޮންމެ މެޗަކީ ވެސް ފައިނަލެއް ކަމަށެވެ.

"މާޒިޔާ އަކީ އަބަދުވެސް އެންމެ ސްޓްރޯންގް ޓީމު. އެންމެ އޯގަނައިޒް ޓީމު ޓެކްޓިކަލީ ވެސް. މާ ތަފާތު ކުޅުންތެރިންތަކެއް ނެތަސް ޓީމެއްގެ ގޮތުގައި ވަރަށް ތަފާތު. އެ ޓީމު އޮތް ހިސާބުން ވެސް އެކަން އެނގޭ. އެކަމަކު އީގަލްސް ވެސް ފަސޭހަނުވާނެ. އެއީ އަޅުގަނޑުމެންނަށް ވެސް ފަރުޖައްސާލެވޭކަށް ނެތް. މިހާލަތުގައި ގަދަ ހަތަރަކަށް ވަންނަން ބަލަހައްޓައިގެން ނުތިބެވޭނެ،" ސާންތީ ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ ބުރުގައި މާޒިޔާ އަތުން ބަލިވިޔަސް މެޗުގެ ބޮޑު ބައި ޑޮމިނޭޓްކުރީ އޭނާގެ ޓީމުން ކަމަށާއި އެހެންކަމުން އެ ޓީމު ބަލިކުރެވިދާނެ ކަމަށެވެ.

މާޒިޔާ ކުޅުނުއިރު އަޅުގަނޑުމެން މުޅި މެޗު ޑޮމިނޭޓްކުރިން. އެކަމަކު މާޒިޔާގެ ތަފާތު މި ނެރެނީ އުމެއިރާއި އަސަދުﷲ. އެކަމާ ވިސްނައިގެން، ނިއުއާ ދެކޮޅަށް ކުޅުނު ގޮތަށް ޓެކްޓިކަލް ޑިސިޕްލިންގައި ހިފަހައްޓައިފިއްޔާ މިއީ (މާޒިޔާ ބަލިކުރުން) ނުވާވަރުގެ ކަމެއް ނޫން. ޕޮއިންޓެއް ލިބުނަސް ކާމިޔާބަކަށް ވާނީ،" ސާންތީ ބުންޏެވެ.

ސާންތީ ބުނީ ބޮޑު ބްރޭކަކަށް ފަހު ނުކުންނައިރު އުނދަގޫތަކެއް ހުރެދާނެ ކަމަށާއި ސަބަބަކީ ވާދަވެރި މެޗެއް ނުކުޅެ ހަމައެކަނި ޕްރެކްޓިސްކުރަން ޖެހުން ކަމަށެވެ. އަދި ރޯދަމަހަށް ވުމުން ކުޅުންތެރިންގެ ވެސް ކުދިކުދި މައްސަލަތަކެއް ހުރި ކަމަށް އޭނާ ބުންޏެވެ.

"އެކަމަކު މިހާރު ޓީމު ތެރެއަށް ބަދަލުތަކެއް އައިސް ޓީމަށް ވެވެން އޮތް އެންމެ ރަނގަޅަށް ތައްޔާރުވެފައި އޮތީ. ހަގީގަތުގައި މި މެޗު އެފްއޭއެމުން ކުޑަ ދުވަސްކޮޅެއް ލަސްކޮށްދިނީތީ ޝުކުރުއަދާކުރަން. ކުރިން ހަމަޖެހިފައި އޮތް ތާރީހުގައި ކުޅުނު ނަމަ މައްސަލަތަކެއް ދިމާވީސް،" ސާންތީ ބުންޏެވެ.

ސާންތީ ވަނީ ކްލަބަށް އިސްކަންނުދީ ފުޓްސަލް ކުޅެން ދިޔަ މައްސަލައިގައި ޓީމުގެ ޒުވާން ތިން ކުޅުންތެރިން ކަމަށްވާ އިބްރާހިމް މުބީން (މުއްކި) އާއި ރިހާމް އަބްދުލްގަނީ (ބޮބީ) އާއި ހަސަން ރާއިފް (ހަންނަ) މި ބުރުގައި ނުކުޅުވަން ނިންމައިފަ އެވެ. އެކަމަކު ސާންތީ އަށް އޮތް ހިތްހަމަޖެހުމަކީ އިތުބާރު ވިންގާ އަހުމަދު ނާޝިދު (ނައްޓޭ) ފިޓްވުމާއި މި ސީޒަނަށް ގެނައި މިސްރު ޑިފެންޑަރު މަހުމޫދު ސައީދު ވެސް އަނިޔާއަށް ފަހު ކުޅޭވޭ ގޮތް ވުމެވެ.

ގަދަ ހަތަރަކަށް ނުވެދިދާނެތީ އެކަމުގެ ޕްރެޝަރު އެބައޮތްތޯ އެހުމުން ސާންތީ ބުނީ ފުޓްބޯޅައިގެ ކޯޗުންނަށް އޮތް އެންމެ ހިތްގައިމުކަމަކީ ޕްރެޝަރު އޮތުން ކަމަށާއި ކާމިޔާބު ހޯދައިނުދެވިއްޖެއްޔާ ޒިންމާ ނަގާނެ ކަމަށެވެ.

"ކޮންމެ ދުވަހަކު މިކަމަށް އެޓެންޑްވާ މީހަކަށް އެނގޭނީ މިކަމުގައި ހުރި ދަތިތައް. ކްލަބުގައި ވެސް އިޝޫތަކެއް އެބަހުރި. އެކަމަކު ގަދަ ހަތަރަކަށް ނުވަދެވިއްޖެއްޔާ އަޅުގަނޑުމެގެ މައްސަލައެއް ކަމަށް ގަބޫލުކުރާނީ. އެއީ އަޅުގަނޑު ފެއިލްވުން. އެކަމުގެ ޒިންމާ ނަގާނަން. އެކަމަކު އަޅުގަނޑުމެން މިދިޔަ އަހަރު ޕްރެޒިޑެންޓްސް ކަޕް ނަގާފައި މި އަހަރު ގަދަ ހަތަރަކަށް ނުވަންނަންވީ ސަބަބެއް ނުވިސްނޭ،" ސާންތީ ބުންޏެވެ.

ތާވަލުގެ އެއް ވަނައިގައި އޮތް މާޒިޔާ އާއި ހަ ވަނައިގައި އޮތް އީގަލްސް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 10 ޖަހާއިރެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 33%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454