ޗިލެކްސް ކެފޭ: މިތަން ބަންދުކުރީ ގާނޫނީ މައްސަލަތަކެއް ހުރުމުންނާއި އެތަން ތަރައްގީ ކުރަން ނިންމާފައިވާތީ ކަމަށް ސަރުކާރުން ބުނޭ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
26 ޖޫން 2017 - 19:03
މާލޭގެ އަލިމަސް ކާނިވަލުގައި "ޗިލެކްސް" ކެފޭ ހިންގި އިމާރާތް ތަޅާލައިފި އެވެ.
ނައިބު ރައީސް އަބްދުﷲ ޖިހާދަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެއްގެ ހިއްސާ އޮންނަ ކުންފުންޏަކުން ހިންގަމުން އައި ޗިލެކްސް ކެފޭ، ހައުސިން މިނިސްޓްރީން ވަނީ މި މަހުގެ ކުރީކޮޅު ބަންދުކޮށް، އެތަން ހުސްކޮށްފަ އެވެ. ހައުސިން މިނިސްޓްރީން އޭރު ބުނެފައިވަނީ ޗިލެކްސް ކެފޭ ހިންގި އިމާރާތް ހުސްކުރީ އެތަނާ ބެހޭ ގޮތުން ގާނޫނީ މައްސަލަތަކެއް ހުރުމުންނާއި ތަން ހުރި ސަރަހައްދު ތަރައްގީ ކުރަން ސަރުކާރުން ނިންމާފައިވާތީ އެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ތެރެއިން ނުފޫޒު ގަދަ ބޭފުޅުންތަކަކާ ގާތްގުޅުމެއް އޮންނަ އަދި އޭގެ ތެރެއިން ބައެއް ބޭފުޅުން ވެސް ގިނަ ވަގުތު ހޭދަކުރައްވާ ޗިލެކްސް ހިންގި އިމާރާތް ތަޅާލުމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ބަހެއް އަދިއެއް ނުލިބެ އެވެ.
ޗިލެކްސް ހިންގި އޯޝަން ޕާޗް ކުންފުންޏަށް ސަރުކާރުން އެ ބިން 2015 ގައި ދިނީ ކުރިން އެ ބިން ހަވާލު ކޮށްފައިވާ އިބްރާހިމް ނަސީމް ކިޔާ މީހެއްގެ އަތުން އެތަން އަތުލުމަށް ފަހު އެވެ. އެކަމަކު މިދިޔަ މަހު ސިވިލް ކޯޓުން ނިންމީ ނަސީމް އަތުން ސަރުކާރުން އެތަން އަތުލީ ގާނޫނާ ޚިލާފަށް ކަމަށާއި އެތަން ދިނުމާ ބެހޭ ގޮތުން ނަސީމާ ދެމެދު ހެދި އެއްބަސްވުން އަދިވެސް ދެމި އެބައޮތް ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ނަސީމަށް ލިބޭ ހުރިހާ ހައްގެއް އޭނާ އޮތީ އިސްމާއިލް ޝުޖާއު (ކާޓިއުންސް ޝުޖާއު) އަށް ބަދަލުކޮށްފަ އެވެ. އެހެންވެ ކޯޓުން ސަރުކާރަށް އެންގީ 15 ދުވަހުގެ ތެރޭގައި އެތަން ޝުޖާއު އަށް ދިނުމަށެވެ. ޗިލެކްސް ހުސްކުރަން ހައުސިން މިނިސްޓްރީން އެންގީ އެ ހުކުމްކުރި ފަހުންނެވެ.
އެކަމަކު ޗިލެކްސް ހުސްކުރަން ހައުސިން މިނިސްޓްރީން އެންގުމުގެ ކުރިން އޯޝަން ޕާޗް ކުންފުނިން ވަނީ ސިވިލް ކޯޓުގެ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުންބެ
28 June 2017
ވަރަށް ކަޑަ....
އުމަރު
27 June 2017
މިއީ އިޤްތިސާދީ މާހިރަކު ކަންތަށް ކުރާނެ ގޮތެއްނޫން، މިއީ ކުދި މެދުފަންތީގެ ވިޔާފާރި، ހަމަ މިގޮތަށް ޓީޖެޑީކާރީގައި ހުރި ހުރިހައި ކަޑަތަށްވަނީ ތަޅާލައި އެތަންތަން އަތުލާފައި އެތަނުގައި ޕާކެއް ހަދާފައި، އޭގެ ސަބަބުން އެތަކެއް ކުދި މެދުފަންތީގެ ވިޔަފާރިތަށް ނެތިގެންގޮސް އާއިލާތަކެއް ހާލުގައި ޖެހުނު، އެކަމަކު އަދިވެސް ގޮވަމުން ގެންދާނެ ގެޓްސެޓް ޕްރޮގްރާމޭ، ތިޔަތަނުގައި ވިޔަފާރިކުރަން އެމީހުން ފެށީ ސަރުކާރުން އެކި ދުވަސްވަރުގައި ކުއްޔަށްދީގެން، ދެން އެމީހުންނަށް އެހެންގޮތެއް ދައްކާފައި ތިޔަރަން ތަޅާލައި އަތުލަންޖެހޭނީ
މުޖުމަރާ
27 June 2017
މުއިޒު ގެ ސަބަބުން ދައުލަތައް ލިބޭ ގެއްލުން އަދަދު ކުރެވި ޢޭގަ ބަދަލު އޭނާ އަތުން ވެސް ނެގެންޖެހޭނެ.
މަންޖެ
27 June 2017
"ޗިލެކްސް ކެފޭ ހިންގި އިމާރާތް ހުސްކުރީ އެތަނާ ބެހޭ ގޮތުން ގާނޫނީ މައްސަލަތަކެއް ހުރުމުންނާއި ތަން ހުރި ސަރަހައްދު ތަރައްގީ ކުރަން ސަރުކާރުން ނިންމާފައިވާތީ އެވެ." ހާބަރު ކަޑަތައް ހުރިތަން ތަރައްގީކުރާ ގޮތަށްތޯ؟؟ ތަޅާލިތާ 2 އަހަރު. އެއްކަމެއްވެސް ނުކުރޭ. މީހުންނަށް އުނދަގޫކުރުމާ ޖެއްސުންކުރިން މިމީހުންގެ ކަމަކީ.
ބޮލައްތުރާ
27 June 2017
އަނެއްކާ އާ ނައިބު ރައީސެއް އަންނަނީބާ؟
ގޮޅާބޯ
26 June 2017
ކޯޓުން ހުކުމް ކުރުމުން އެތަން ހަވާލު ކުރުމުގެ ބަދަލުގަ ތަން ތަޅާ ލުން، ގަދަ މިނިސްޓަރެއް މުއިއްޒު ތީ ވ. ޥެދުން
ކޮލޮމްބޯ
26 June 2017
ދެން ކޯރޓުން ސަރުކާރަށް އަންގާނީ އެތަނަށް ބަދަލު ދިނުމަށެވެ. އޭރުން ކުރި އިންވެސްޓްމަންޓުގެ ތިންގުނަ ލިބޭނެއެވެ. މިއީ މާމޮޅު ވިޔަފާރިއެކެވެ.