ޔޫރަޕިއަން ކޮމިޝަންގެ ރައީސް ޖީން-ކްލައުޑެ ޔުންކާ. --ފޮޓޯ:ރޮއިޓާސް
02 ޖުލައި 2017 - 15:19
ބްރެސަލްސް (ޖުލައި 2) - ޔޫރަޕިއަން ކޮމިޝަންގެ ރައީސް ޖީން-ކްލައުޑެ ޔުންކާ ސްމާޓްފޯނެއް ނުގެންގުޅުއްވާ ކަމަށް އޭނާ އެއްބަސްވެވަޑައިގެންފި އެވެ.
"މިއީ އަޅުގަނޑު ބުނަން ޖެހޭ ވާހަކައެއް ނޫން. އެކަމަކު ވެސް ބުނަން ޖެހޭނީ އަޅުގަނޑު ސްމާޓްފޯނެއް ނުގެންގުޅޭ ވާހަކަ،" އުމުރުން 62 އަހަރުގެ ޔުންކާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
އީޔޫގެ ބައެއް ފަރާތްތަކުން ބުނި ގޮތުގައި ޔުންކާ ގެންގުޅުއްވަނީ އެންމެ ކުރީގެ ނޮކިއާ ބައްތި ފޯނެކެވެ. ޔޫރަޕިއަން ކޮމިޝަންގެ ރައީސް ޔުންކާ އަކީ ލަގްޒަމްބާގުގެ ކުރީގެ ބޮޑު ވަޒީރެވެ.
ސްމާޓްފޯނެއް ނުގެންގުޅުއްވާ ކަމަށް ޔޫރަޕިއަން ކޮމިޝަންގެ ރައީސް އެއްބަސްވެވަޑައިގެންފައި މި ވަނީ އެޕަލް އިން އައިފޯން އުފެއްދިތާ 10 އަހަރު ފަހުންނެވެ. ޓެކްނޮލޮޖީއާ ދުރު ހަމައެކަނި ސިޔާސީ އިސް ބޭފުޅަކީ ޔުންކާ އެކަންޏެއް ނޫނެވެ. ޖަރުމަނުގައި 2005 ވަނަ އަހަރުން ފެށިގެން ޗާންސެލާކަން ކުރައްވާ އެންޖެލާ މާކެލްގެ ޓްވިޓާ އެކައުންޓެއް އަދިވެސް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy