ކުޅިވަރު

އީގަލްސް އަށް ޕްރެޝަރު، ވެލެންސިއާ އަށް ގެއްލޭނެ އެއްޗެއް ނެތް

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ވެލެންސިއާ އާއި އީގަލްސް ކުޅޭއިރު، ވެލެންސިއާ އަށް ގެއްލޭނެ އެއްޗެއް ނެތްއިރު އީގަލްސް އަށް މިއީ ޕްރެޝަރު ބޮޑު މެޗެކެވެ.

މި މެޗާ ކުރިމަތިލާއިރު އީގަލްސް އޮތީ 17 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ގަދަ ހަތަރެއްގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ކުރިއަށް ދިއުމަށް މި މެޗުން މޮޅެއް ނުވަތަ މަދުވެގެން ޕޮއިންޓެއް އީގަލްސް އަށް ބޭނުންވެ އެވެ. ދެ ޕޮއިންޓާ އެކު ފުލުގައި އޮތް ވެލެންސިއާ އަށް ގަދަ ހަތަރެއްގެ ފުރުސަތެއް ނެތެވެ.

އީގަލްސްގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ގަދަ ހަތަރަކަށް ވަނުމުގެ ފުރުސަތު ހަތަރު ޓީމަކަށް އޮތުމާ އެކު ވާދަވެރިކަން ބޮޑުވެ ޕްރެޝަރު އެބައޮތް ކަމަށެވެ.

"އީގަލްސް އަކީ އާއްމުކޮށް ބޮޑެތި ޓީމުތަކާ ދެކޮޅަށް ރަނގަޅަށް ކުޅޭ ޓީމެއް. އެކަމަކު ޕްރެޝަރު ބޮޑުވީމާ އެ ޕްރެޝަރުގައި ހިފަހައްޓާލަން އުނދަގޫވަނީ. މިތިބަ ޅަ ޕްލެޔަރުން ގިނައިން ކުޅޭވަރަކަށް އެބައި ރަނގަޅުވާނެ. ވިކްޓަރީ މެޗުގައި ވެސް ޕްރެޝަރާ ކުރިމަތިވި،" ސާންތީ ބުންޏެވެ.

އޭނާ ބުނީ ޕްރެޝަރު އޮތަސް އީގަލްސް އަށް ފަރުޖައްސާލެވެން ނެތް ކަމަށާއި ކޮލިފައިވާން ބޭނުން ނަމަ ކުރިއަށް އޮތް ހަތަރު މެޗުން މަދުވެގެން ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށެވެ.

"މިއަދު މޮޅުވެއްޖެއްޔާ ގަދަ ހަތަރެއް 70 ޕަސެންޓް ޔަގީންވީ. އެހެންކަމުން މިއީ ވަރަށް މުހިއްމު މެޗެއް،" ސާންތީ ބުންޏެވެ. "އެންމެ ފަހުން ކުޅުނު މެޗުގައި މައްސަލަތަކެއް ދިމާވި ރޯދަމަހު އެއްކޮށް ރޭގަނޑު ޕްރެކްޓިސްކޮށްފައި ކުއްލިއަކަށް ހަވީރު ކުޅެން ޖެހުމުން. މި މެޗުގައި އެފަދަ އެއްވެސް ކަމެއް ދިމާނުވާނެ."

ސާންތީ ވަނީ ކްލަބަށް އިސްކަންނުދީ ފުޓްސަލް ކުޅެން ގޮސްފައިވާތީ މުހިއްމު ތިން ކުޅުންތެރިން އަހުމަދު މުބީން (މުއްކި) އާއި ހަސަން ރާއިފް (ހަންނަ) އަދި ރިހާމް އަބްދުލްގަނީ (ބޮބީ) މި ބުރުގައި ބޭނުންނުކުރަން ނިންމައިފަ އެވެ.

ސާންތީ ބުނީ އެ ކުޅުންތެރިން ތިބި ނަމަ އީގަލްސް އޮންނާނީ އެހެން ލެވެލެއްގައި ކަމަށާއި އެކަމަކު އޭނާ އަށް ނަތީޖާއާ އެއްވަރަށް ނުވަތަ އެއަށް ވުރެ އިސްކަންދެވޭނީ އަހުލާގަށް ކަމަށެވެ.

"މުއްކި އާއި ބޮބީ ނެތުމުގެ އިހުސާސް ކުރެވޭ ކޯޗެއްގެ ހައިސިއްޔަތުން. އެކަމަކު އަޅުގަނޑަށް ވަރަށް މުހިއްމު ޑިސިޕްލިން ވެސް. އެ ފިޔަވަޅު އެޅީތީ ގިނަ ކަންތައްތަކެއް ރަނގަޅުވެއްޖެ. ޒުވާން ކުޅުންތެރިން ޕްރެކްޓިހަށް ދޭ އަހަމިއްޔަތުކަން ވެސް ބޮޑުވެއްޖެ،" ސާންތީ ބުންޏެވެ.

ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ވެލެންސިއާ އަށް ގެއްލޭނެ އެއްޗެއް ނެތް ކަމަށާއި އެކަމަކު ގަދަ ހަތަރެއްގެ ފުރުސަތު ގެއްލިފައި ވިޔަސް ވެލެންސިއާގެ ސަމާލުކަން މެޗަށް ކުޑަނުވާ ކަމަށެވެ.

"ވަރަށް ޑިސިޕްލިން ކުޅުންތެރިންތަކެއް ތިބީ. ހަގީގަތުގައި އަޅުގަނޑުމެން އަތުން ގެއްލޭނެ އެއްޗެއް ގެއްލިއްޖެ. އަޅުގަނޑުމެންގެ މިވަގުތުގެ ފޯކަސް އަކީ ކުޅުންތެރިންނަށް ތަޖުރިބާ ހޯދަން ފުރުސަތުދީ ކުޅުންތެރިން ޓެސްޓްކޮށް އަދި ކުރިއަށް އޮތް ކޮލިފައިން އަށް ތައްޔާރުވުން. އެކަމަށް މި މަސައްކަތްކުރަނީ. ކުޅުންތެރިންގެ ސަމާލުކަމެއް ނުގެއްލޭ،" ފެސްކޯ ބުންޏެވެ.

އޭނާ ބުނީ އެ ޓީމުގެ ޓްރޭނަރު އިސްމާއިލް އާސިފް (ކުޑަހީނާ) އަލުން ޓީމާ ގުޅުމުން އޭނާ އަށް ވަރަށް ބޮޑު ފަސޭހައެއްވެއްޖެ ކަމަށާއި އޭގެ ސަބަބުން ކުޅުންތެރިންނަށް ވެސް އިތުރު ކުރިއެރުން ލިބޭނެ ކަމަށެވެ.

މި ދެ ޓީމު ފުރަތަމަ ބުރުގައި ކުޅުނު މެޗުން 3-0 އިން އީގަލްސް ވަނީ މޮޅުވެފަ އެވެ. މިއަދުގެ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454