ވިޔަފާރި / މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2017

ފައިނޭންޝަލް އެކްސްޕޯ: ގެދޮރާ ބެހޭ ހުރިހާ ކަމެއް

ފައިނޭންޝަލް އެކްސްޕޯގައި ހުޅުމާލޭއާ ބެހޭ މައުލޫމާތު ދިނުމަށް ގާއިމުކޮށްފައިވާ ސްޓޯލަށް ޒިޔާރަތްކުރި ބަޔަކަށް މައުލޫމާތު ދެނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ދަރުބާރުގޭގައި މިހާރު ކުރިއަށް ދާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަށް ވަދެ އިރުކޮޅެއް ހޭދަކޮށްފި ނަމަ، މިވަގުތު މާލޭ ސަރަހައްދުގައި ކުރިއަށް ގެންދާ ގެދޮރު މަޝްރޫއުތަކާ ބެހޭ އެތައް މައުލޫމާތެއް، އަދި ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް ބޭންކްތަކުން ލިބެން ހުރި ޚިދުމަތްތައް، ވަރަށް ތަފްސީލުކޮށް ލިބެން އެބަ ހުއްޓެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިރޭގެ ނިޔަލަށް ކުރިޔަށް ގެންދާ އެކްސްޕޯ މިފަހަރު ހާއްސަކޮށްފައި ވަނީ ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމާ ބެހޭ މައުލޫމާތު ދިނުމަށެވެ. މި އެކްސްޕޯގައި ރާއްޖޭގައި ރިއަލް އެސްޓޭޓްގެ ވިޔަފާރިކުރާ ވަރަށް ގިނަ ކުންފުނިތަކާއި ބޭންކުތަކުން ބައިވެ އެވެ.

ގެދޮރު ގަތުމަށާއި އަމިއްލަ ފަރާތްތަކުން ބިންތައް އިމާރާތްކުރަން ހުރި ފުރުސަތުތަކާއި މާލީ އިދާރާތަކުން ފައިނޭންސް ހޯދޭނެ ގޮތްތަކާ ބެހޭ މައުލޫމާތާއި ބައެއް ހިދުމަތްތަކަށް ފޯމް ވެސް ބަލައިގަނެ އެވެ.

ދަރުބާރުގެ ރަންނަބަނޑޭރި މާލަމާއި މަތީ ހުރިހާ މާލަމެއް ފުރެންދެން އޮތީ ގެދޮރާ ބެހޭ މައުލޫމާތު ދޭ އެކި ސްޓޯލްތަކުންނެވެ. ރަންނަބަނޑޭރި މާލަން ހާއްސަކޮށްފައި ވަނީ ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކަށެވެ.

ހުޅުމާލޭގައި އަލަށް ހަދާ އެޕާޓްމަންޓްތަކަކާ ބެހޭ މައުލޫމާތު އެކްސްޕޯގެ ސްޓޯލަކުން މީހަކަށް ކިޔައިދެނީ --ފޮޓޯ: ހުސެއިން ވަހީދު /މިހާރު

މި އެކްސްޕޯގައި ރިއަލްއެސްޓޭޓް ވިޔަފާރިކުރާ ބައެއް ކުންފުނިތަކުން ވަނީ އަލަށް ހަދާ އެޕާޓްމަންޓްތައް ވިއްކަން ވެސް ފަށައިފަ އެވެ. އަދި ބައެއް ބޭންކުތަކުން ވަނީ އާ ހިދުމަތްތައް ވެސް ތައާރަފްކޮށްފަ އެވެ.

ދަރުބާރުގޭގެ ސިޑިން އަރައިގެން ދާއިރު ސިފަވަނީ ހުޅުމާލޭގެ ފިތުރޯނު ގަސްތައް ހުންނަ ސަރަހައްދެވެ. ފާރުގައި ހަރުކޮށްފައިވާ ބެލްކަނިތަކުން ދައްކައިދެނީ އެޕާޓްމަންޓްތަކެއްގެ ބޭރު ހުންނަ ގޮތެވެ. ސްޓޯލްތަކަށް ވަނުުމުގެ ކުރިން ފެންނަ އޮނުތަކުން ދައްކައިދެނީ ހުޅުމާލޭގައި އަލަށް ހަދާފައިވާ ސެންޓްރޯ މޯލެވެ. އަދި ސެންޓްރަލް ޕާކު ސިފަވާ ގޮތަށް ބެންޗްތައް ވެސް ބަހައްޓާފައިވެ އެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ބާއްވާ ދަރުބާރުގެއަށް ގެނެސްފައިވާ ބަދަލެއް --ފޮޓޯ: ބްލަކް

މި އިވެންޓް މެނޭޖްކުރާ ބްލަކްގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހުޝާމް ވިދާޅުވީ މިފަހަރު ތަފާތު ގޮތަށް އެކްސްޕޯ ދައްކައިދޭން ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާނެ ކަމަށެވެ.

"ވަރަށް ބޮޑަށް މީހުން ޝައުގުވެރިވާނެ ކަންތައްތައް ހިމަނާފައިވާނެ،" އޭނާ ވިދާޅުވި އެވެ.

ހުޝާމް ވިދާޅުވި ގޮތުގައި އެކްސްޕޯއަށް އަންނަ މީހުންނަށް ކޮފީ އާއި ކެއިންބުއިމުގެ ކަންތައް ހަމަޖައްސައިދޭނީ ސަލްސާ ކެފޭ އާއި މެރާކީ ކޮފީންނެވެ. ބައެއް ގަޑިގަޑީގައި ލައިވް މިއުޒިކް ވެސް ގެނެސްދެ އެވެ.

ފައިނޭންޝަލް އެކްސްޕޯގައި ހުޅުމާލެ ސިފަވާ ގޮތަށް ޒީނަތްތެރިކޮށްފައި --ފޮޓޯ: ބްލަކް

ހުޅުމާލެ އާއި މާލޭގައި ރިއަލްއެސްޓޭޓްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރެއިން ލޭންޑް ޑިވެލޮޕާސްގެ އިސް އޮފިޝަލަކު ވިދާޅުވީ އެކްސްޕޯގެ ސަބަބުން އާ ކަސްޓަމަރުން ލިބުނު ކަމަށެވެ.

"އަޅުގަނޑުމެން ހުޅުމާލެ އާއި މާލޭގައި ބޮޑު ތިން ޕްރޮޖެކްޓެއް އެބަ ހިންގަން. މި ތަނަށް އައި ވަރަށް ގިނަ ކަސްޓަމަރުންނަށް އެތަންތަނާ ބެހޭ މައުލޫމާތު ދީފައިވާނެ. އަދި އެޕާޓްމަންޓްތައް ގަންނަން ޝައުގުވެރިވެގެން ބައެއް މީހުން ބުކްކުރި،" އެ އޮފިޝަލް ވިދާޅުވި އެވެ.

މަރުކަޒީ ބޭންކުން މިފަހަރު އެކްސްޕޯ ހާއްސަކޮށްފައި ވަނީ ރާއްޖޭގެ އެންމެ ބޮޑު އިޖުތިމާއީ އެއް މައްސަލައަށް ހައްލު ހޯދެން ހުރި ފުރުސަތުތަކަށް އަމާޒުކޮށްގެންނެވެ. އެގޮތުން ފައިނޭންސް އާއި ހައުސިންގެ ދާއިރާއިން ޖުމްލަ 30 ފަރާތުން އެކްސްޕޯގައި ބައިވެރިވި އެވެ.

"މިހާރު ރައްޔިތުންނަށް އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ ދަތިކަން. އެކަމަށް ހުރި ހުރިހާ ފުރުސަތުތަކެއް ވިހާ ވެސް ފަސޭއިން ލިބޭނެ ގޮތް ހަމަޖައްސައިދޭން އަޅުގަނޑުމެން މިފަހަރު އަމާޒުކުރީ،" އެމްއެމްއޭގެ މީޑިއާ ކޯޑިނޭޓަރު މަންސޫރު ޒުބައިރު ވިދާޅުވި އެވެ.

އެކްސްޕޯގައި ބޭއްވި ސެމިނާއެއްގައި އާއްމުންނަށް މައުލޫމާތު ދެނީ --ފޮޓޯ: ހުސެއިން ވަހީދު /މިހާރު

އޭނާ ވިދާޅުވީ އެކްސްޕޯގައި މާލީ އެކި ކަންކަމާ ބެހޭ މައުލޫމާތު ދޭން ކަމާ ބެހޭ ތަޖުރިބާކާރުން ވެސް ބައިވެރިކޮށްފައިވާނެ ކަމަށެވެ. އަދި އޭގެ އިތުރުން ބޭންކުތައް ބައިވެރިކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެތަންތަނުން ލިބެން ހުރި ހައުސިން ފައިނޭންސްގެ ފުރުސަތުތައް ރައްޔިތުނަށް އަންގައިދޭން ކަމަށް ވެސް މަންސޫރު ވިދާޅުވި އެވެ.

އެކްސްޕޯގައި ރާއްޖޭގެ އެންމެ ބޮޑު ބޭންކް، ބީއެމްއެލްގެ ސްޓޯލެއް ވެސް ހިމެނެ އެވެ. އެ ސްޓޯލްގައި ބޭންކުގެ ސެލްފް ސާވިސް ބޭންކިން ތަޖުރިބާކޮށްލެވޭ ގޮތަށް އޭޓީއެމެއް ހުއްޓެވެ. އަދި އެ ބޭންކުން ދޭ އެކި ވައްތަރުގެ ހައުސިން ލޯނުގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ވެސް ފޯރުކޮށްދެ އެވެ.

ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ ހައުސިން ލޯނާ ބެހޭ މައުލޫމާތު ހޯދަން އެތަނުގެ ސްޓޯލަށް ވަރަށް ގިނަ ބަޔަކު މިހާތަނަށް ޒިޔާރަތްކުރި ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ބޭންކުން ލިބެން ހުރި ހުރިހާ ހައުސިން ފައިނޭންސްގެ މައުލޫމާތުތައް ދެމުން. ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކުރެވޭ،" އޮފިޝަލް ވިދާޅުވި އެވެ.

އެކްސްޕޯއިން ދިމާވި ބައެއް މީހުން ބުނި ގޮތުގައި ރާއްޖޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބޭނީ ކުޑަ އިންޓަރެސްޓް ރޭޓެއްގައި، ފަސޭހަ ގޮތެއްގައި ބޭންކުތަކުން ލޯނު ލިބިގެން ކަމަށެވެ.

"ރާއްޖޭގައި ރިއަލްއެސްޓޭޓްގެ ވިޔަފާރި ފުޅާވެ ވަރަށް ގިނަ އެޕާޓްމަންޓްތައް އެބަހުރި. އެކަމަކު އެތަންތަން އަޅުގަނޑުމެން ކަހަލަ ވިޔަފާރިއެއް ނެތް އާދައިގެ ވަޒީފާއެއްގައި އުޅޭ މީހަކަށް ގަނެވޭކަށް ނެތް ޑައުންޕޭމަންޓާއި އިންޓަރެސްޓް ރޭޓް ބޮޑުވުމުން،" ސްޓޯލަކުން ދިމާވި މީހަކު ބުންޏެވެ.

ފައިނޭންޝަލް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ގަވަރުނަރު އަޒީމާ އާއި ހައުސިން މިނިސްޓަރު މުއިއްޒު އަދި ބޭންކެއްގެ އިސް ވެރިއަކު ވާހަކަދައްކަވަނީ --ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި ލޯނު ލިބޭނެ ގޮތްތައް ބޭންކުތަކުން ފަހިކޮށްގެން ނޫނީ ހައުސިން މައްސަލައަށް އެދެވޭ ހައްލެއް ނުލިބޭނެ ކަމަށް ވިދާޅުވެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވެސް ވަނީ ވާހަކަދައްކަވައިފަ އެވެ.

ފައިނޭންޝަލް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ ގެދޮރު އިމާރާތް ކުރުމާއި ގެދޮރު ގަތުމަށް ހެޔޮ އަގުގައި ލުއި ފަސޭހަކަމާ އެކު ލޯނު ލިބޭނެ ގޮތް ރާއްޖޭގެ ބޭންކްތަކުން ހަދަން ޖެހޭ ކަމަށެވެ. އެގޮތުން އެންމެ އާދައިގެ ވަޒީފާ އަދާކުރާ މީހާއަށް ވެސް އޭނާގެ އަމިއްލަ ގެއެއް ނުވަތަ ފްލެޓެއް އިމާރާތްކުރަން ނުވަތަ ގަތުމަށް ލޯނު ލިބެން ޖެހޭނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

"ގެދޮރުވެރިކަމާ ނުލައި ވެސް ގައުމުގެ އިގްތިސާދު ވަރަށް ބާރަށް ކުރިއަށް ގެންދެވިދާނެ. އެހެން ނަމަވެސް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރެވޭނީ ނުވަތަ ރައްޔިތުން ބާރުވެރި ކުރެވޭނީ ނުވަތަ ގައުމުގެ ތަރައްގީގެ ފޮނި މީރުކަން ގެނެސްދެވޭނީ އެންމެންނަށް ވެސް އަމިއްލަ ގެދޮރު ލިބިގެން،" އަޒީމާ ވިދާޅުވި އެވެ.

16 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 72%
icon sad icon sad 4%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝަރީފް މައްލާ

08 July 2017

މީހަމަ ސަރުކާރުގެ ވެރިންގެ ޖީބު ބަރުކުރަން އެމީހުންނާ ގުޅުން އޮންނަ ކުންފުނިތަކަށް ފައިދާކުރުވަން ހިންގާ ޖަރީމާ. ޓީވީތަކަށް އަރާ ގެދޮރުވެރިކުރުވާ ވާހަކަ ދައްކާއިރު އެބުނާ ގެދޮރުވެރި ކަމެއްލިބޭނެ އާދައިގެ އިންސާނެއް މިޤައުމަކު ނެތް. 2 މިލިއަން 3 މިލިއަން މީ އާދައިގެ ބަޔަކަށް އެކަށީގެންވާ އަދަދު ތަކެއްތަ؟ ތިބުނާ ބޯހިޔާވަހިކަމުގެ އުފާވެސް އޮތީ ސަރުކާރުގެ ވެރިންނާ...... ސިޔާސީ މީހުންނާ ވިޔަފަރިވެރިންނަށް. ގޮތެއް ނެތިގެން އުޅެނީ އެމީހުންތަ؟ ބަލަ ސިވިލްސާވިސްގަ މަސައްކަތް ކުރީމަ މި ލިބެނީ 6000 ރުފިޔާ. 2-3 މީހުންވެގެން މާލެއިން ރަން އަގުގަ ކުލިދެއްކީމަ މަހުގެ ބާކީބައި ބަނޑަށް ކުޅުޖަހައިގެން މެނޭޖްކުރަން މި ޖެހެނީ. ނިކަމެތިން ޢަދިވެސް ނިކަމެތިހާލުގަ

The name is already taken The name is available. Register?

ދަންޑަހިލު

08 July 2017

ތިޔަ ކޮންމެ އެކްސްޕޯއަކީވެސް ފައިދާކުރަނިވި ކަންކަން. ނަމެވެސް އިޚްލާސްތެރިކަމެއްނެތި ކޮންމެކަމެއްގައިމެ މަކަރާއި ހީލަތްތެރިކަން އިންތިހާއަށް އެކުލެވުނީމަ އެއިން އެއްކަމަކުންވެސް ޙަޤީޤީ ފައިދާއެއް ޢާއްމު ރައްޔަތުންނަކަށް ނުކުރާނެ މީ މައްސަލައަކީ، ދެލޮލަށްވެސް ފެނޭ، ކަންފަތަށްވެސް އިވޭ، ބީހުނީމަވެސް އެނގޭ.

The name is already taken The name is available. Register?

އަރާވާ

08 July 2017

މުއިޒޫ ކޮބާތާ ކުޅުދުއްފުށީގާ އަޅާ ރޯހައުސްތައް އެކަން ނިންމަންވެއްޖެއެއްނު، މިހާރު 3 ސަރުކާރު ނިމިދަނީ ރޯހައުސް ތައް ހުރެ ހަލާކުވަނީ ކާކު މިކަމުގަ ޒިންމާ ނަގަނީ!

The name is already taken The name is available. Register?

ދިސްވޭ

08 July 2017

ފައިނޭންޝަލް އެކްސްޕޯ އިން ގެދޮރާއި ބެހޭ ހުރިހާ ކަމެއް ހިންގިނަމަވެސް ތިޔާ ތަނުން އަމިއްލަ ކުންފުނި ތަކުން ތަރައްގީ ކުރާ ރިއަލް އެސްޓޭޓް އަކީ އެއީ އާންމު މީސް މީހުންނަށް ކަތާވާ ވަރުގެ ތަންތަނެއް ނޫނެވެ. ބުނަނީ އޭ ބީއެމްއެލް އިން ވެސް ހޯމް ލޯން ދެމޭ. ލޯން އަށް އެޕްލައި ކޮށްގެން 6 މަސް ވާއިރު ވެސް ބީއެމްއެލް އިން ޚަބަރެއް ނުވެއެވެ. އާދައިގެ މީހަކު އަމިއްލަ ކުންފުންނެއް ގައި މަސައްކަތް ކުރާ ނަމަ ކުންފުނީގެ އޮޑިޓް ރިޕޯރޓް އަށް ދަންދެން މުވައްޒަފު މީހާ އަމިއްލަ އަށް ބޭންކް އިން ހޯދާ ލޯން އަށް އެޕްލައި ކުރަން ޖެހޭތީވެ އެކަން ނުކުރާނެ އެއްވެސް އަމިއްލަ ކުންފުންނަކުން. މުވައްޒަފުންގެ އަތަށް ކުންފުނީގެ އޮޑިޓް ރިޕޯރޓް އެއް ނުދޭނެއެވެ. އަދި އެއް ނުދޭ ރަނގަޅަށް މިކަމެއް. ދެން އޮތީ މާލެ ސަރަހައްދު ނޫން ރާއްޖެތެރޭގައި ފްލެޓްސް ގަންނަން ދޭ ލޯން އެއީ އެމެން ނުދައްކާނެ ލޯން ކަން އެއީ ކަށަވަރު ކަމެކެެވެ.

The name is already taken The name is available. Register?

މައި

08 July 2017

ހުޅުމާލޭ ޕުރަޖެކްޓަކީ ފެއިލްޑް ޕުރެޖެކްޓެކެވެ. ދުވަހަކުވެސް އެޕުރަޖެކްޓު ކާމިޔާބެއް ނުވާނެއެވެ. ސަބަބުތައް ބައިވަރެވެ. ރާއްޖެ އުފެދިފައިވާ ގޮތާ ދިވެހި އާއްމުރައްޔިތުންގެ ދިރިއުޅުމުގެ ހާލަތެވެ. އާއިލާތަކުގެ ސައިޒާއި ދިރި އުޅުމުގެ ވައްޓަފާޅިއެވެ. ޑިމޮކްރެޓިކް ނިޒާމެވެ. ރައްޔިތުންގެ ސިޔާސީ ވިސްނުމާ މިނިވަންކަމަށް ކުރާ ލޯއްބެވެ. ސަގާފަތެވެ... ހުޅުމާލެ ޕުރޮޖެކްޓް ހިންގާތާ ވިއްސަކަށް އަހަރު ވެދާނެ ނޫންތޯއެވެ. އެތައް ބިލިއަން ރުފިޔާއެއް ހަރަދު ކުރެވިއްޖެ ނޫންތޯ އެވެ. ނަމަވެސް އާބާދު ކުރެވުނީ ކިތައް ރައްޔިތުންނެއް ތޯއެވެ. މިހާރުވެސް ހުޅުމާލޭގަ ތިބި ގިނަ ރައްޔިތުންނަކީ ވަގުތީގޮތުން ތަންތަން ކުއްޔަށް ހިފައިގެން ވަޒީފާ އަށާއި ދަރިންނައް ތައުލީމު ހޯދަ ދިނުމުގެ ބޭނުމުގަ އައިސްތިބި އަތޮޅުތެރޭ ރތްރަށުގެ ރައްޔިތުން ނޫންތޯއެވެ. ހުޅުމާލެއަށް އެ ހަރަދު ކުރި ފައިސާ ރައްޔިތުން ދިރިއުޅޭ ރާއްޖޭގެ އާބާދީ ތަކަށް ހަރަދު ކުރިނަމަ މިހާރު ގައުމު އޮންނާނީ ތަރައްގީވެފަނޫންތޯއެވެ. ތިކަމަކާއިހެދި މުޅި ގައުމު ދަރާ ވިކެނީ ނޫންތޯ އެވެ. އެބިމުން ރއްޔިތުންނަށް ގޯތި ދޫކޮށްފަ މުޅި ގައުމާއިގެން އުޅެން ވެއްޖެ ނޫންތޯއެވެ. އެތާގާ ހިންގާ ޕުރޮޖެކްޓް ތަކުން ވަކި ބައެއްގެ ޖީބު ފުރުނީމަކާ އެކަނި ނިމުނީއަކީ ނޫންތޯއެވެ.

The name is already taken The name is available. Register?

ޒުވައްނާއިން

08 July 2017

ހުޅުމާލެ ޕްރޮޖެކްޓަކީ ރަނގަޅު ޕްރޮޖެކްޓެއް. ރާއްޖޭގެ އާބާދީ ބޮަޑު މާގިނަ ރަށްރަށެއް ނެތް. ކުޅުދުއްފުށި، ތިނަދޫ ފުވައްމުލައް، އައްޑޫ ފަދަ ރަށްރަށުން ގިނަ ޚިދުމަތްތައް ލިބޭ. ޙިދުމަތުގެ ފެންވަރު އެންމެ ރަނގަޅު ނުވެދާނެ. ޢެރަށްރަށަށް ނުގޮސް މާލެ މީހުން އަންނަނީ އެމީހުން މާލޭގައި އުޅެން ބޭނުންވާތީ.....ހުޅުމާލެ އަކަސް މާލެއަކަސް އަދި އެހެންރަށަކަސް ކޮންމެހެން އެރަށްރަށުގައި އުޅެންޖެހެނީ އެރަށަށް އުފަން މީހުންނެއް ނޫން. ޢެހެނވީމަ ހުޅުމާލޭގަވެސް ބޭނުންބަޔަކަށް އުޅުމުގެ އިޚްތިޔާރު އޮންނަން ޖެހޭ. ހުޅުމާލެއިން ތަނެއް ލިބިފަ އެތަން ކުއްޔަށް ދިނުމަކީ މައްސަލައެއް ނޫން. ކުއްޔައް ދޭ މީހާ ގެ އެހެން ޕްލޭނެއް އޮތިއްޔާ ހަމަ ކުއްޔަށް ދޭންވީ. ޢޭރުން ހަމަ އެހެން މީހަކަށް އެތަނުން އެބަ ބޯހިޔާވަހިކަން ލިބޭ. މީގަ މުހިންމީ ކުއްޔަށް ނުދިނުމެއް ނޫން. ބަލަންވީ ހައްޤުވެރިންނަށް އިސްކަން ދޭން. ތަންކޮޅެއް ދެފުއް ފެންނަ ސިޔާސަތެއް ގެންގުޅެންވީ. ރާއްޖޭގެ އާބާދީގެ ނިސްބަތުން ހުޅުމާލޭގެ ޕޮޕިއުލޭޝަން ކުޑައެއް ނޫން. ހުޅުމާލެއަކީ ޒަމާނީ ހިތްފަސޭހަ އަދި ދުނީޔޭ ތަރައްޤީވެފައިވާ ސިޓީތައް ނަމޫނާއަކަށް ބަލައިގެން ތަރައްޤީ ކުރަމުން އަންނަ ތަނެއް. ބޮޑެތި ކަންތައް ކުރަން ވަގުތު ނަގާނެ. ސަރަުކާރުގެ އިޚްލާސްތެރިކަމެއް ހުރިއްޔާ މުސްތަޤުބަލުގައި ހުޅުމާލެ( ޔޫތު ސިޓީ ވެގެންދާނީ) ހީވެސް ނުކުރާހާ ރިވެތި ސިޓީއަކަށް.

The name is already taken The name is available. Register?

ރާކަނިދޯ

08 July 2017

ތިކަހަލަ މޮޅެތި ފޮނިބަސްތައް ނިކަމެތިން އަހާތާ ކިތައްމެ ޒަމާނެއް ލޯނު ލިބެނީވެސް ދެނީވެސް މަހުޖަނުންނަށް. ގޯތި ލިބޭމީހާވެސް މިދާންޖެހެނީ މަހުޖަނުން ކައިރިޔައް ވިހި ތިރީސް އަހަރައް ދީގެން ބޯހިޔާ ކޮއްލެވެނީ

The name is already taken The name is available. Register?

މައިސަން

08 July 2017

ދިވެހި ރައްޔިތުންނަށް ހައްގުވާ މިންވަރަކީ ތީއެއްނޫނެވެ. ބިމަކީ ދިވެހި ރައްޔިތުންގެ ބިމެވެ. ރައްޔިތުންނަށް ބޯހިޔާ ވެހިކަން ބިނާ ކުރުމަށްޓަކާ ގޯތި ދޫކުރާށެވެ. ސަރުކާރުން އެހީވާން ބޭނުންނަމަ ރައްޔިތުންނަށް ހަރަދު ކުޑަކޮށް ގޯތީގާ ގެދޮރު ބިނާކުރެވޭނެ މަގު ފަހިކޮށްދޭށެވެ. ލުއި ލޯނުވެސް ދެވިދާނެއެވެ. އޭރުން ހަރަދު ކުޑަވެފާ އާއިލާތައް އަމިއްލަ ގޭގަ، އަމިއްލަ ގޯތީގަ ނަފްސާނީ ،ސިއްހީ ދުޅަހެޔޮ ދިރިއުޅުމެއް ދިރި އުޅޭނެއެވެ. ދަރިންގެ ތައުލީމާއި ތަރުބިއްޔަތަށް ފުރުސަތު ލިބޭނެއެވެ. ދިރި އުޅުމަކީ އެއީނޫންތޯއެވެ. އޭރުން ސަރުކާރަށް ވެސް މާ ލުއިވެފާ ބޭރުގެ ބޮޑަތި ލޯނުތަކުގާ ތާށިވާކަށް ނުޖެހޭނެ ނޫންތޯއެވެ.ސަރުކާރުން ބަލަން ޖެހެނީ މަދުފަރާތަކަށް ވިޔަފާރިން ލިބިދާނެ ފައިދާއަކަށްވުރެ އާއްމު ރައްޔިތުންނާ ދޭތެރޭގައެވެ. ރައްޔިތުން ރެފިއުޖީންނަށް ހަދާ އަޅުވެތި ކުރުމުގެ ސިޔާސަތު ސަރުކާރުން ހުއްޓާލަން އެބަޖެހެއެވެ. ރައްޔިތުމީހާގެ ބަޖުބޫރީ ހާލަތުގެ ފައިދާ ނަގަން މަސައްކަތް ނުކުރާށެވެ ، ރައްޔިތުންނަށް ލިބޭ އާމްދަނީއާ ނުބައްދަލު ދަރަނި ތަކެއް ރައްޔިތުމީހާގެ ބޮލުގަ އަޅުވާފަ ކުޑަކުޑަ ކޮޓަރިތަކައް ލާފަ އާއިލާތައް ހަލާކު ކޮށްނުލާށެވެ. ބިން އެބައޮތެވެ ބިން ބޮޑުކުރެވެން ވެސް އެބައޮތެވެ. އެތެއް ރަށެއްގެ ބިން ހިއްކާފަ ގޯތި ދޫނުކޮށް ސަރުކާރުން ހިފަހައްޓާފަ އެބަ އޮތެވެ.

The name is already taken The name is available. Register?

ހަވަނަ ހިއްސު

08 July 2017

މި ކާކައް ހަދާދޭ ތަންތަނެއްތަ ސަރުކާރުން؟ ސަރުކާރުން ރަނައްވުރެ އަގުހެޔޮ ބިން އެއްވެސް އަގަކާނުލާ އިއުލާން ކުރުމަކާ ނުލާ އަމިއްލަކުންފުނިތަކައް ދީފަ މި އެޕާޓްމަންޓުތައް ދޭބައެއް ވިއްކާއަގެއްވެސް ސަރުކާރުން މޮނީޓާ ނުކުރޭ؟ މީންތަނެއްގެ އަގު ތިން މިލިޔަނައްއަރާ. މީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަމެއްނޫން. ވިޔަފާރިވެރިން އިތުރައް މުއްސަދިކުރަން ހިންގާ ޖަރީމާއެއް.

The name is already taken The name is available. Register?

ރޮކެޓް ސައިންސް

08 July 2017

މާލެ ސަރަހައްދު ކިޔާ ސަރަހައްދަކަށް މީހުން އެއްކުރެވޭތޯ ތިބަލަނީ ރާއްޖޭގައި މީހުން އެއްކުރެވޭނެ އެހެން ތަނެއް ނެތިގެންހެއްޔެވެ. މަޖުބޫރީ ހާލަތެއްގައި ނޫނީ ތިތާކު ދިރިއުޅޭކަށް ބޭނުމެއް ނޫނެވެ.

The name is already taken The name is available. Register?

މޭކްއިޓް

08 July 2017

ފައިނޭންޝަލް އެކްސްޕޯގައި ގެދޮރާއި ބެހޭ ހުރިހާ ކަމެއް ހުރި ނަމަވެސް މާލެ ސަރަހައްދުގައި ގެދޮރު އިމާރާތް ކޮށް ވިއްކަމުން ދާ އަގުތަކަށް ބަލާއިރު ތިކަން އާންމު ރައްޔިތުންނަށް ނުވާނެއެވެ. ތިޔާ ކަން އެބަޖެހޭ ފަށަން އެމްޓީސީސީން. އެގޮތުން އެމްޓީސީސީން ފަށާ ފްލެޓްސް ތަކުގެ ޕޭމަންޓް 100 އަހަރުން ދައްކާ ގޮތަށް ބަހާލާ ކުއްޔަށް ހިފާ މީހާ މަހަކު ދައްކަން ޖެހޭ ކުއްޔަކީ އެއީ މަހަކު 2000 ރުފިޔާ އަށް ވުރެން ބޮޑު ނުކޮށް އަދި އޭނާ އަޕްފްރަންޓަށް ދައްކާ ފައިސާ އަކީއެއީ 10 ހާސް ރުފިޔާ އަށް ވުރެން މަތި ނުކޮށް މިއުސޫލުން އެބަޖެހޭ އެމްޓީސީސީން އަހަރަކު 24 ހާސް ހައުސިންގް ޔުނިޓްސް ހިމެނޭ ފްލެޓްސް ތައް މާލެ ސަރަހައްދަށް އިންޖެކްޓް ކުރަން. މިކަން ކުރެވޭނެ ސަރުކާރުން ސޮވެރިންގް ގެރެންޓީ ދީގެން ބީއެމްއެލް އިން ލޯން ނަގައިގެން. މީ ސަރުކާރެއް އޮތުމުގެ ބޭނުމަކީ. މީ ކެބިނެޓެއް އޮތުމުގެ ބޭނުމަކީ. މީ ސަރުކާރުގެ އިކޮނޮމިކް ކައުންސިލެއް އޮތުމުގެ ބޭނުމަކީ. މީ ރައީސް އެއް ހުރުުމުގެ ބޭނުމަކީ. މީ ރައްޔިތުންގެ މަޖްލީހެއް އޮތުމުގެ ބޭނުމަކީ. މީ އިސްލާހަށް މަސައްކަތް ކުރުމަކީ. ހިންދީ ރާގަށް ހަދާފައި ހުންނަ ލަވަ އެއް އެކަކު ކީ އޭނާ އަޑު ދަށުން ކޮޕީ ކޮށްގެން އަނެކަކު ބޮޑު ބެރު ލަވައެކޭ ކިޔާ ޔާރާދިލްދާރާ ލަވަކިޔުމުން އެނުވޭ ދޯ ލަވަ އަށް ވެސް އަދި މިއުޒިކް އަށް ވެސް. އެއީ ހައްޕުނު ދޯ. އެއީ ޗަކަސް ޗަކަސް ދޯ. މިކަން ކަން ބަދަލު ވެގެން ރާއްޖެ ލިޓިލް ސިންގަޕޯރ އަށް މީންސް ހުރި ގޮތެއް ގައި ބަދަލު ވާނީ. މޭކް އިޓް އަ ބެޓަރ ޕްލޭސް.

The name is already taken The name is available. Register?

ޑާޑާޑާޑާ

08 July 2017

އެމްޓީޓީސީ އަށޭ؟ ސަލްޓަންޕާކް ނުހެދުނު ބަޔަކަށް ކޮންކަމެއްވާނީ؟ އެތަން ނުހެދިގެން މިހާރު ސިފައިން އެކަމާ އުޅެނީ. ދެން ތިބުނަނީ ސަތޭކަ އަހަރުން ޚަލާސް ކުރާގޮތަށް ދޫކުރާ ވާހަކަ ނޭގޭތަ މީހާއޮންނާނީ ކަައްވަޅުގަ ކަމެއް؟ ތިކަހަލަ ދެކޮޅުނުޖެހޭ ވާހަކަ ނުދައްކާ މަޑުން ނުހުރެވެނީތަ؟ ތިކަހަލަ ދެއުޅިއެއްނުވާ ހިސާބު ދިމާނުވާ ކަންތަައް ކުރީމާ ވާނީ ބަގުރޫޓް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454