ކުޅިވަރު

މިހާރު އަމާޒަކީ މާލޭ ލީގު ކާމިޔާބު ކުރުން: ސެކުލޮސްކީ

މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެސްޓީއޯ މާލޭ ލީގުގައި ފަހު ތިން މެޗާ ކުރިމަތިލާއިރު މާޒިޔާ އިން ފުރަތަމަ ކަނޑައެޅި ޓާގެޓް ހާސިލްވެއްޖެ ކަމަށާއި މިހާރު އަމާޒަކީ މާލޭ ލީގު ކާމިޔާބު ކުރުން ކަމަށް އެ ޓީމުގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

ލީގުގައި އިއްޔެ ނިއު ރޭޑިއަންޓް ކުޅުނު މެޗުން ވިކްޓަރީއާ އެއްވަރުވުމުން މިއަދު ހަވީރު ކްލަބް ވެލެންސިއާގެ މައްޗަށް ކުރިހޯދައިގެން މާޒިޔާ އަށް އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ. މާޒިޔާ އެއް ވަނައިގައި 11 މެޗުން 25 ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި އޮތް ނިއު އަށް އެއް މެޗު އިތުރަށް ކުޅެގެން ލިބިފައިވަނީ 25 ޕޮއިންޓެވެ. މާޒިޔާ އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ.

"ފުރަތަމަ ޓާގެޓް ހާސިލްވެއްޖެ. އެއީ ޕްރިމިއާ ލީގު. އެއީ ޕްރިމިއާ ލީގަށް ދާއިރު މުހިއްމެއް ނުވޭ މާލޭ ލީގުގެ އެއް ވަނަ ހޯދުމެއް ހަތަރު ވަނަ ހޯދުމެއް. އޭގެން ކުރާ ފައިދާއެއް ނެތް. ކޮންމެ ކާމިޔާބެއް ލިބުމުން ވެސް ދެން ޖެހޭނީ އަނެއްކާ އެ އަށް ވުރެން ބޮޑު ޓާގެޓަކަށް ދާން. އެގޮތުން މިހާރު އަމާޒަކީ މާލޭ ލީގު،" ސެކުލޮސްކީ ބުންޏެވެ.

މި ސީޒަނުގައި މިހާތަނަށް މާޒިޔާ ވަނީ ދެ ފަހަރެއްގެ މަތިން ވެލެންސިއާއާ ކުޅެފަ އެވެ. މާޒިޔާ އިން ޗެރިޓީ ޝީލްޑް އުފުލައިލީ 1-0 އިން ވެލެންސިއާ ބަލިކުރުމަށް ފަހު އެވެ. އޭގެ ފަހުން މާލޭ ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ކުޅުނު މެޗު ނިމުނީ 3-0 އިން މާޒިޔާ މޮޅުވެގެންނެވެ.

"ވެލެންސިއާ އަކީ ވަރުގަދަ ޓީމެއް. އަހަރެންނަށް އެނގޭ އެ ކުޅުންތެރިންގެ ފެންވަރު. އެ ޓީމާ ދެކޮޅަށް ނުކުންނައިރު އަހަރެން ހަމައެކަނި ބަލަނީ ލީގު ތާވަލަކަށް ނޫން. އަހަރެން މެޗުތައް އެނަލައިޒް ކުރިއިރު އެ މީހުން ދައްކަމުން އަންނަ ކުޅުން ވަރަށް ރަނގަޅަށް ފެނުނު،" އިދިކޮޅަށް ނުކުންނަ ވެލެންސިއާއާ ބެހޭގޮތުން ސެކުލޮސްކީ ބުންޏެވެ.

މާލޭ ލީގުގައި ދެން އޮތް ތިން މެޗު ވެސް އޮތީ ގާތްގާތުގައި ކަމަށް ވުމުން އެއްވެސް ޓީމަކަށް ފަސޭހަނުވާނެ ކަމަށާއި އެއްވެސް ޓީމަކަށް އެޑްވާންޓޭޖެއް އޮތް ކަމަށް ނުދެކޭ ކަމަށް ސެކުލޮސްކީ ބުންޏެވެ.

"ކުރިއަށް އޮތް 10 ދުވަހުގެ ތެރޭ އަހަރެމެންނަށް އެބައޮތް ތިން މެޗު. އުނދަގޫ ޝެޑިއުލެއްގައި މީގެ ކުރިން ކުޅެގެން ބޭނުންވާ ޕޮއިންޓް ލިބިފައިހުރީ. ދެން ލީގުގައި ކުރިއަށް ހުރި މެޗުތައް ގާތްގާތުގައި ހުރުމަކުން މާ ބޮޑު އުނދަގޫތަކެއް ކުރިމަތިވާނެހެން ހިއެއް ނުވޭ. މީގެ އެޑްވާންޓޭޖްތަކެއް ނެތް،" އޭނާ ބުންޏެވެ.

ސެކުލޮސްކީ ބުނީ ލީގު ޗެމްޕިއަންކަން ޔަގީންވާނީ ނިއު އާއި މާޒިޔާ ބައްދަލުކުރާ ފަހު މެޗުން ކަމަށް ބުނަން ނޭނގޭ ކަަމަށެވެ.

"ކޮންމެ ޓީމަކަށް ދެ މެޗު އެބައޮތް ފަހު މެޗުގެ ކުރިން. މި މެޗުތަކުން ވެސް ނުކުންނާނެ ނަތީޖާއެއް ނޭނގެ. އެހެންވުމުން ކޮންމެ ގޮތަކަށް ބަދަލުވުމުގެ ފުރުސަތު ވެސް އެބައޮތް. އަހަރެން ވިސްނަނީ ކުރިއަށް އޮތް މެޗަށް،" އޭނާ ބުންޏެވެ.

ސީޒަން ހުޅުވުމަށް ކުޅުނު މައިލޯ ޗެރިޓީ ޝީލްޑް މެޗުގެ ތެރެއިން މާޒިޔާގެ އަސަދުﷲ އާއި ވެލެންސިއާގެ ޝިފާން ބޯޅަ ހޯދަން މަސައްކަތް ކުރަަނީ--. ފޮޓޯ:ނިޝާންއަލީ/މިހާރު

ލީގުގައި އީގަލްސް އަތުން މާޒިޔާ ބަލިވި މެޗުގައި ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން އެފްއޭއެމުން ވަނީ މާޒިޔާގެ ދެ އެސިސްޓަންޓް ކޯޗުން ކަމަށްވާ އަހުމަދު ސުޒެއިރާއި މުހައްމަދު ސުވެއިދު (ސްވެޓޯ)ގެ އިތުރުން ކްލަބް ވައިސް ޗެއާމަން އަބްދުﷲ މޫސާ އަށް އަދަބު ދީފަ އެވެ. އަދި އެންމެ ފަހުން ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން މިއަދުގެ މެޗަށް އަސްހަދު އަލީ (އަޑޭ) ވެސް ވަނީ ސަސްޕެންޑްވެފަ އެވެ.

"އަހަރެންނަށް އޮތް ކަންބޮޑުވުމަކީ އެއް ކުޅުންތެރިއަކު (އަޑޭ) ސަސްޕެންޑްވެފައިވުން. ދެން ސަސްޕެންޑްވެފައިވަނީ ކުޅޭ މީހުންނެއް ނޫން. އެމީހުން (ދެ އެސިސްޓަންޓް ކޯޗުން) ޓްރެއިނިންގައި އެ މީހުންގެ މަސައްކަތް ކުރޭ. ބެންޗުގައި ނެތަސް ބެންޗު ފުރަގަހުގައި ތިބެ ވެސް އެ މީހުން އަހަންނަށް އެހީވާނެ،" ސެކުލޮސްކީ ބުންޏެވެ.

މާޒިޔާ އިން ވަނީ އެ ޓީމުގެ ފަހަތަށް ކުޅޭ ރުމޭނިއާގެ ޑިފެންޑަރު އަންދްރެއި ކޯޑޯސްގެ އެދުމާ އެކު އޭނާ ދޫކޮށްލައިފަ އެވެ.

ލީގުގެ ފަހު ތިން މެޗަށް ނުކުންނައިރު އެންމެ ޕްރެޝަރު ކުޑަވާނެ ޓީމަކީ ވެލެންސިއާ އެވެ. އެއީ އެ ޓީމަށް މިހާރު ގަދަ ހަތަރެއްގެ ފުރުސަތު އެއްކޮށް ގެއްލިފައި ވުމުންނެވެ.

ލީގުގައި މިއަދު މާޒިޔާއާ ދެކޮޅަށް ނުކުންނައިރު ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ކުރިން ކުޅުނު މެޗުތަކުގައި ވެސް މާ ބޮޑު ތަފާތެއް ނަތީޖާތަކުން ނުފެންނާތީ މި މެޗާ މެދު ކުރެވޭ އުއްމީދު ބޮޑު ކަމަށެވެ.

"ދެ މެޗު މި ކުޅުނީ ހަގީގަތުގައި ވަރަށް ހަނި ތަފާތަކުން ދެ މެޗު ވެސް ނިމިފައި މި އިންނަނީ. އޭގެ މާނަ އަކީ މި ދެ ޓީމުގެ ތަފާތު މާ ބޮޑުވެގެނެއް ނޫނޭ މި އުޅެނީ. އަޅުގަނޑުމެންނަށް ޕޮއިންޓެއް ނުލިބޭތަން މި ތަފާތަކީ. އިރާދަކުރެއްވިއްޔާ މި މެޗުގައި ނުކުންނަނީ ތިން ޕޮއިންޓަށް ޓާގެޓް ކޮށްގެން އެކަން ކުރަން،" ފެސްކޯ ބުންޏެވެ.

އޭނާ ބުނީ ވެލެންސިއާ އިން މިހާރު މަސައްކަތް ކުރަމުންދަނީ އަންނަ އަހަރުގެ މާލޭ ލީގުން ޖާގަ ހޯދަން ކުޅޭ މާލޭ ލީގު ކޮލިފިކޭޝަނަށް ދާއިރު ޓީމު ހަމައަކަށް އެޅުމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު ނެތް ޕްރެޝަރެއް. އެއީ ފޯކަސް މި އިނީ މާލޭ ލީގުގައެއް ނޫން. އެހެން ދިމާލެއްގައި. އަޅުގަނޑުމެންގެ ޓީމުގައި މި އަހަރު ފެށިއިރު ތިބި ކުޅުންތެރިންގެ ބޮޑު ޕަސެންޓެއް މިހާރު ވަނީ ގެއްލިފައި. އޭގެ ތެރޭގައި ހިމެނޭ ސްޓްރައިކިން ޑިޕާޓްމެންޓް އެއްކޮށްހެން ނެތި މި ކުޅެނީ. އޭގެ ބަދަލުގައި މިދިޔަ ދެ މެޗުގައި ރަނގަޅު ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދެމުން މިދަނީ،" ޓީމުގެ މިހާރުގެ ހާލަތު އޮޅުންފިލުވައިދެމުން ފެސްކޯ ބުންޏެވެ.

އޭނާ ބުނީ ޓްރާންސްފާ މާކެޓް ހުޅުވެން ކުޑަދުވަސް ކޮޅަކަށް ވެފައިވާއިރު ވެލެންސިއާ އިން ވެސް ޓީމު ރަނގަޅު ކުރަން ކުޅުންތެރިން ގެންނާނެ ކަމަށެވެ.

"ވެލެންސިއާ ކޮންޓްރެކްޓްގައި ތިބި ކުޅުންތެރިން އެ ޓީމުގައި ތިބޭނެ ކަމުގެ ޔަގީންކަން އެބައޮތް. އިތުރު ކުޅުންތެރިން ގެންނަން ވެސް މަސައްކަތް ކުރަމުން މި ދަނީ. ދެން މެނޭޖްމަންޓަށް އެނގޭނީ އެ ބޭފުޅުންގެ ނިންމުމެއް،" ފެސްކޯ ބުންޏެވެ.

ވެލެންސިއާ އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454