27 ޖުލައި 2017 - 08:40
ލަންޑަން (ޖުލައި 27) - މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް މި ފަހަރުގެ ޓްރާންސާފާ މާކެޓްގައި ވޭން ރޫނީ އޭނާގެ ކުރީގެ ކްލަބް އެވަޓަންއާ ގުޅެން ނިންމި ނިންމުމަކީ ޖަޒުބާތީ ނިންމުމެއް ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ތޭރަ އަހަރަށް ފަހު ރޫނީ ޔުނައިޓެޑް ދޫކޮށް އެވަޓަންއާ ގުޅުނީ އެ ޓީމުގެ ފޯވާޑް ރޮމެލޫ ލުކާކޫ ޔުނައިޓެޑާ ގުޅުނު އެއްބަސްވުމުގެ ތެރެއިންނެވެ. އެވަޓަން އިން ލުކާކޫ ވިއްކަން ބުނި އަގަކީ 100 މިިލިއަން ޕައުންޑެވެ. އެހެން ނަމަވެސް ރޫނީ އެވަޓަން އަށް ދޫކޮށްލާ ގޮތަށް 75 މިލިއަން ޕައުންޑަށް ލުކާކޫ ޔުނައިޓެޑަށް ވިއްކަން އެވަޓަން އިން އެއްބަސްވި އެވެ.
"އަހަރެން ރޫނީ ވިއްކާލާން ބޭނުމެއް ނޫން. އެކަމަކު ކުޅުމުގެ ފުރުސަތު އޭނާ ބޭނުންވާ ވަރަށް ނުލިބޭނެތީ އޭނާ ބޭނުންވި ކްލަބް ބަދަލުކުރަން. ދެން ކުރީގެ ކްލަބް އެވަޓަންއާ ގުޅެން ފުރުސަތު އޮތުމުން އޭނާ ނިންމީ ޖަޒުބާތީ ނިންމުމެއް އެއީ،" މޮރީނިއޯ ބުންޏެވެ.
އޭނާ ބުނީ ރޫނީގެ އުމުރުން އަދި 31 އަހަރު ކަމަށާއި ކޮންމެ ޓީމެއްގައި ވެސް ތަފާތު ދެއްކޭނެ ފެންވަރު އަދި ވެސް އޭނަގެ އެބަހުރި ކަމަށެވެ.
"ރޫނީގެ ހުނަރާ މެދު ސުވާލު އުފެއްދެން ނެތް. ކޮންމެ ޓީމެއްގައި ވެސް އޭނާ އަށް ތަފާތު ދެއްކޭނެ،" މޮރީނިއޯ ބުންޏެވެ.
މި ސީޒަނަކީ ޔުނައިޓެޑަށް ވަރަށް މުހިއްމު އަހަރެއް ކަމަށާއި ޕްރިމިއާ ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރުން މުހިއްމު ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.
"މިދިޔަ ސިޒަނުގައި އަހަރެމެން ލީގު ނިންމާލީ ހައެއްގައި. އެއީ މި ކްލަބަށް ހައްގު މަގާމެއް ނޫން. އެކަމަކު އަހަރެމެން ނިންމި ނިންމުމެެއްގެ ސަަަބަބުން އަހަރެމެން އެ ހިސާބަށް ވެއްޓުނީ. އެކަމަކު މިހާރު މުޅިން ތަފާތު ހާލަތެއް މިއީ. ޓީމު ވަރުގަދަ ވެއްޖެ. ދެން ބޭނުންވަނީ ކާމިޔާބީ،" މޮރީނިއޯ ބުންޏެވެ.
އޭނާ ބުނީ ޔުނައިޓެޑްގެ ޕްރީ ސީޒަން ދަނީ ވަރަށް ރަނގަޅަށް ކަމަށާއި މިއީ އޭނާ ޓީމެއް ގޮވައިގެން އެންމެ ރަނގަޅަށް ސީޒަނަކަށް ތައްޔާރުވާ ފަހަރު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy