ޕާކިސްތާނުގެ ބޮޑު ވަޒީރުކަމުގެ މަގާމަށް ހަމަޖައްސަން ނިންމި ޝަހުބާޒް ޝަރީފް. --ފޮޓޯ:ރޮއިޓާސް
29 ޖުލައި 2017 - 23:32
އިސްލާމްއާބާދު (ޖުލައި 29) - ސުޕްރީމް ކޯޓުގެ ހުކުމަކަށް ފަހު މަގާމު ގެއްލުނު ނަވާޒް ޝަރީފުގެ ބަދަލުގައި ކޮއްކޯފުޅު ޝަހުބާޒް ޝަރީފަށް ބޮޑު ވަޒީރުކަން ދޭން ޕާޓީން ނިންމައިފި އެވެ.
ޕަންޖާބު ޕްރޮވިންސްގެ ޗީފް މިނިސްޓަރުގެ މަގާމުގައި މިހާރު ހުންނެވި ޝަހުބާޒަށް ބޮޑު ވަޒީރުކަން ދެވޭނީ ނޭޝަނަލް އެސެމްބްލީގެ މެންބަރަކަށްވުމަށް ފަހު އެވެ. އެހެންވެ ވެރިކަން ކުރާ ޕާކިސްތާން މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން) ގެ ބައްދަލުވުމުގައި ނިންމާފައި ވަނީ ޝަހުބާޒަށް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ލިބެންދެން ވަގުތީ ގޮތުން ބޮޑު ވަޒީރުގެ މަގާމަށް ކުރީގެ ޕެޓްރޯލިއަމް މިނިސްޓަރު ޝާހިދު ޚައްގާން އައްބާސީ ހަމަޖައްސަން ނިންމައިފަ އެވެ. އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ނަވާޒް ޝަރީފެވެ.
ޝަހުބާޒް، 65، ޕާލަމެންޓުގެ ބައި-އިލެކްޝަނުގައި ވާދަކުރުމުގެ ކުރިން ޕަންޖާބުގެ ގަވަރުނަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވަން ޖެހެ އެވެ. ޕާލަމެންޓުގެ ބައި-އިލެކްޝަން 45 ދުވަހު ތެރޭ ބާއްވަން ޖެހެ އެވެ. އައްބާސީ އަކީ ނަވާޒް ޝަރީފް ވަރަށް އިތުބާރު ކުރައްވާ ބޭފުޅަކަށްވުމުން ޝަހުބާޒަށް ބޮޑު ވަޒީރުކަން ދިނުމަށް އޭނާ މަގާމުން އިސްތިއުފާ ދެއްވާނެ އެވެ.
ޕާޓީގެ ބައްދަލުވުމުގައި ނަވާޒް ޝަރީފު ވިދާޅުވީ ބޮޑު ވަޒީރުކަމުގެ މަގާމާ ގުޅޭ ގޮތުން ޝަހުބާޒްއާ މަޝްވަރާ ކުރައްވާފައިވާ ކަމަށާއި އޭނާ އަށް މަގާމަށް އާދެވެންދެން އައްބާސީ އަށް ބޮޑު ވަޒީރުކަން ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތުގައި ނަވާޒް ޝަރީފުގެ އާއިލާގެ ބޭފުޅުންނަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލަތައް ހުރުމާ އެކު ޚާއްސަ ކޮމިޝަނަކުން އެކަން ތަހުގީގު ކުރުމަށް ފަހު ސުޕްރީމް ކޯޓަށް ހުށަހެޅި ރިޕޯޓަށް ބެލުމަށް ފަހު ކޯޓުން ނިންމާފައި ވަނީ ބޮޑު ވަޒީރުކަމުގައި ދެމިހުރުމުގެ ޝަރުތު ނަވާޒް ޝަރީފުގެ ފުރިހަމަ ނުވާ ކަމަށެވެ. އެހެންވެ ކޯޓުގެ ނިންމުމާ ގުޅިގެން ނަވާޒް ޝަރީފު ވަނީ ހުކުރު ދުވަހު އިސްތިއުފާ ދެއްވައިފަ އެވެ. ސުޕްރީމް ކޯޓުން ވަނީ ނަވާޒް ޝަރީފުގެ އަންހެން ދަރިކަނބަލުން މަރިޔަމް އާއި އޭނާގެ ފިރިކަލުން ސަފްދަރު އަދި ފިނޭންސް މިނިސްޓަރު އިޝާގު ދާރުގެ މައްސަލަ ނޭޝަނަލް އެކައުންޓިބިލިޓީ ބިއުރޯ އިން ބެލުމަށް އަންގައިފަ އެވެ.
ތިން ވަނަ ފަހަރަށް ބޮޑު ވަޒީރުކަމުގެ މަގާމު އަދާކުރައްވާ ނަވާޒް ޝަރީފު މަގާމުން ދުރުކުރީ ދައުރު ހަމަވާން އަހަރެއްހާ ދުވަހަށްވެފައި ވަނިކޮށެވެ. ނަވާޒް ޝަރީފް ކުރިން ވަނީ 1990 އިން 1993 އަށް އަދި 1997 އިން 1999 އަށް ބޮޑު ވަޒީރުކަން ކުރައްވައިފަ އެވެ. އެ ދެފަހަރު ވެސް ވަނީ ދައުރު ހަމަވުމުގެ ކުރިން މަގާމުން ދުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީފް
30 July 2017
މިޤައުމުގެ ... ބޮޑެތި ކުންފުނިތައް ދިރުވާލިއަސް ސުޕްރީމް ކޯޓުން ކީއްކުރަން ފުލުހުންވެސް ހޭވެސް އަހާނުލާނެ.
ގިޓާބެ
30 July 2017
ނަވާޒޫ ތިގޮތަށް ކޮއްކޮ އަކަށް ވެރިކަން ހޯދަދޭން މަސެްކަތް ކޮށް ހޯދަ ދިން ބޭބެ އަކަށް ޖެހުނު ދަތުރު އެންމެ ފަހުން ޒިޔާތަތް ކުރި ޤައުމުން ނުފެނޭބާ؟؟
އަދުރޭ
30 July 2017
ކޮއްކޮ ވެރިކަމަށް އަރާފަ ބޭބެ އަށް ގޮތް ގޮތް ހަދާލީމަ ހުންނާނީ ތަގަޅަށް
ރަދީފް އެންޑް ރަފައިދާ
29 July 2017
އަދި ނަވާޒު އެންބުރި 4 ވަނަ ފަހަރަށް އަންނާނެކަމަށް އުންމީދުކުރަން. އަދި 4 ވަނަ ފަހަރަށް އަނެއްކާވެސް ވެރިކަމުން ދުރުކުރާނެކަމަށް އުންމީދުކުރަން............ މީ ދެން މަޖާކަމެއް.