30 ޖުލައި 2017 - 15:52
އިސްލާމްއާބާދު (ޖުލައި 29) - އާ ބޮޑު ވަޒީރު އިންތިޚާބު ކުރުމަށް ޕާކިސްތާނުގެ ޕާލަމެންޓް އަންގާރަ ދުވަހު ބައްދަލު ކުރަން ނިންމައިފި އެވެ.
އާއިލާގެ ކޮރަޕްޝަނުގެ މައްސަލައެއްގެ ތަހުގީގަށް ފަހު ސުޕްރީމް ކޯޓު މެދުވެރިކޮށް ނަވާޒް ޝަރީފުގެ މަގާމު ގެއްލުމާ ގުޅިގެން ވެރިކަން ކުރާ ޕާޓީގެ ފަރާތުން ބޮޑު ވަޒީރުކަމުގެ މަގާމަށް މިހާރު ވަނީ ނަވާޒް ޝަރީފުގެ ކޮއްކޮ ޝަހުބާޒް ޝަރީފް ނޮމިނޭޓްކޮށްފަ އެވެ. ނަމަވެސް ނަވާޒް ޝަރީފު މަގާމުން ދުރުކުރުމުން ހުސްވި ގޮނޑި އަށް ޝަހުބާޒް އިންތިޚާބު ކުރުމަށް ފަހު ނޫނީ އޭނާ އަށް ބޮޑު ވަޒީރުކަމަށް ވަޑައިނުގެންނެވޭނެ އެވެ. ޕާލަމެންޓުގެ އަޣުލަބިއްޔަތު އޮންނަ ޕާކިސްތާން މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން) އިން މިހާރު ވަނީ ތެލާ ބެހޭ ކުރީގެ ވަޒީރު ޝާހިދު ޚަގާން އައްބާސީ އަށް ވަގުތީ ގޮތުން ބޮޑު ވަޒީރުކަން ދޭން ނިންމައިފަ އެވެ.
ޕަންޖާބު ޕްރޮވިންސްގެ ޗީފް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝަހުބާޒް ފާހަގަކުރެވިފައި ވަނީ އާއިލާގެ ތެރޭގައި އޮތް ކޮރަޕްޝަނުގެ މައްސަލަތަކާ ދުރު ބޭފުޅެއްގެ ގޮތުގަ އެވެ. އޭނާ އަދާކުރައްވަމުން ގެންދަވަނީ ޕްރޮވިންސްގެ ގޮނޑިއަކަށް ވާތީ ބޮޑު ވަޒީރުކަމަށް ވަޑައިގަތުމުގެ ކުރިން ނޭޝަނަލް އެސެމްބްލީ އަށް އިންތިޚާބުވާން ޖެހެ އެވެ.
ނޭޝަނަލް އެސެމްބްލީ ސެކްރެޓޭރިއަޓުން ވަނީ ބޮޑު ވަޒީރު ކަމަށް ނޮމިނޭޓްކުރާ ބޭފުޅަކާ ބެހޭ ލިޔުންތައް މާދަމާ ދޭއް ޖެހުމުގެ ކުރިން ފޮނުވުމަށް އަންގައިފަ އެވެ. އަދި ބޮޑު ވަޒީރު އިންތިޚާބު ކުރުމަށް ބާއްވާ ބައްދަލުވުން އަންގާރަ ދުވަހު ތިނެއް ޖަހާއިރު ބާއްވާނެ ކަމަށް ވަނީ ބުނެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ނަވާޒް ޝަރީފު ތަމްސީލް ކުރެއްވި ޕަންޖާބު ޕްރޮވިންސްގެ އިންތިޚާބު އިއުލާންކޮށްފަ އެވެ. އިންތިޚާބު ބާއްވަން 45 ދުވަސް ހޭދަވާނެ ކަމަށް ބެލެވެ އެވެ. ޕަންޖާބަކީ ނަވާޒް ޝަރީފުގެ އާއިލާގެ ބާރު ވަރަށް ގަދަ ސަރަހައްދެކެވެ.
އިދިކޮޅު ފަރާތްތަކުން ވެސް ބޮޑު ވަޒީރުކަމަށް ނަމެއް ހުށަހަޅާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް 342 މެންބަރުން ހިމެނޭ ޕާލަމެންޓުގެ އަޣުލަބިއްޔަތު ހޯދުމަކީ ފަސޭހަ ކަމަަކަށް ނުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy