ފިލިޕީންސްގެ ރައީސް ޑުޓާޓެ: މަސްތުވާތަކެއްޗާ ދެކޮޅު ހަނގުރާމައިގައި 7،000 އަށް ވުރެ ގިނަ މީހުން ވަނީ މަރާފައި. --ފޮޓޯ:ގެޓީ އިމޭޖަސް
30 ޖުލައި 2017 - 18:34
މެނީލާ (ޖުލައި 29) - މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުން އޮންނަ ކަމަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ތުހުމަތު ކުރައްވާފައިވާ މޭޔަރަކަށް ފުލުހުން ބަޑިން ހަމަލާދީ އަވަހާރަކޮށްލައިފި އެވެ.
މިންޑަނާއޯ ޖަޒީރާގެ އޮޒަމިޒް ސިޓީގެ މޭޔަރު ރޭނާލްޑޯ ޕަރޮޖިނޮންގެ ގެއަށް ދިން ހަމަލާގައި އޭނާގެ އަންހެނުންނާއި އިތުރު 10 މީހަކު ވެސް ވަނީ މަރާލައިފަ އެވެ.
އޮފިޝަލުން ބުނީ ކޯޓު އަމުރަކާ އެކު ޕަރޮޖިނޮން ހައްޔަރު ކުރަން ފުލުހުން ދިއުމުން އޭނާގެ ސެކިއުރިޓީ ގާޑުން ވަނީ ބަޑިޖަހައިފައި ކަމަށެވެ. ރައްދުގައި ފުލުހުން ވެސް ހަމަލާދީ މޭޔަރު އަވަހާރަކޮށްލީ ކަމަށް އޮފިޝަލުން ބުންޏެވެ. ނަމަވެސް ޕަރޮޖިނޮންގެ ތަރުޖަމަނާކު ވަނީ އެކަން ދޮގުކޮށްފަ އެވެ. އޭނާ ބުނީ މޭޔަރުގެ ކޭމްޕުން އެއްވެސް ހަމަލާއެއް ނުދޭ ކަމަށެވެ.
ފުލުހުންގެ ހަމަލާގައި މޭޔަރުގެ ކޮއްކޮއަކު ވެސް ވަނީ މަރުވެފަ އެވެ. ނަމަވެސް އެ ހަމަލާ އިން ވަނީ މޭޔަރުގެ އަންހެން ދަރިކަނބަލުން އަދި އެ ސިޓީގެ މޭޔަރުގެ ނައިބު ސަލާމަތްވެފަ އެވެ. ފުލުހުން ވަނީ މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށް ބަލާ މޭޔަރުގެ ދަރިކަނބަލުން ހައްޔަރުކޮށްފަ އެވެ.
ޕަރޮޖިނޮން އަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ޑުޓާޓެ ސަރުކާރުން ފަށާފައިވާ ހަނގުރާމައިގައި އަވަހާރަކޮށްލި ތިން ވަނަ މޭޔަރެވެ. މަސްތުވާތަކެއްޗާ ދެކޮޅު ކެމްޕޭން ޑުޓާޓެ ފެއްޓެވެނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. ވޭތުވެދިޔަ އަހަރެއްހާ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނުގައި ވަނީ 7،000 އަށް ވުރެ ގިނަ މީހުން މަރައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނިޔާ
31 July 2017
ތުހުމަތެއްގެ މައްޗަށް ކަން ނިންމާނަމަ ތިޔައީ ވ ބޮޑު އަނިޔާވެރިއެއް!!!
ގަތުލްއާމް
31 July 2017
މަސްތުވާ ތަކެއްތީގެ ވިޔަފާރިއާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެ. އަދަބު ދިނުމުގައި ވަކި މީހަކަށް ބަލައިގެންވެސް ނުވާނެ. މި މަރުގެ ފަހަތުގައި ފަހަރެއްގައި އެހެންސިއްރުތަކެއްވެސް ވެދާނެ. ޑްރަގޭ ކިޔައިފަ ސިޔާސީ ވާދަވެރިއެއްގެ ފުރާނަ ދުއްވައިލީ ކަމަށްވެސް ވެދާނެ.
އަބްދުއްލާ
30 July 2017
މޭޔަރެއް އެހެން މީހެއް ތަފާތެއްނުވާނެ ، މަސްތުވާތަކެތީގެ މައްސަލާގަ ހަރުކަށި ފިޔަވަޅު އަޅަންވާނެ.
ގުޑް
30 July 2017
ނަމޫނާ ޤައުމެއް އަދިވެސް ހަރުކަށި ފިޔަވަޅު ތަކާއެކު މަސްތުވާއެއްޗެއް ވިއްކާ ގޭންގުތައް މުލުން ލުފެލަން ޖެހޭނެ.