07 އޯގަސްޓް 2017 - 15:09
ރަސްފަންނުގައި ހަދާ ޕެވިލިއަން ހިންގަން ބްރަދާސް ކޭޓަރިންއާ އެކު ހެދި އެއްބަސްވުން އުވާލައި، އަލުން ބިޑަށް ލައިފި އެވެ.
ޕެވިލިއަން ތަރައްގީކުރާ އެމްޑަބްލިއުއެސްސީން ބްރަދާސް ކޭޓަރިންއާ އެކު މިދިޔަ އޮކްޓޯބަރު 31ގައި ސޮއިކުރީ ކޭއެފްސީ އާއި ޕިއްޒާ ހަޓް ފަދަ ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ރެސްޓޯރަންޓް ބްރޭންޑުތައް ހިމެނޭ ގޮތަށް، ޕެވިލިއަން ތަރައްގީކޮށް ހިންގާ ގޮތަށެވެ. ދިހަ އަހަރު ދުވަހުގެ އެއްބަސްވުން އުވާލި ސަބަބެއް އެމްޑަބްލިއުއެސްސީން އާއި ބްރަދާސް ކޭޓަރިން އިން ސާފުވާ ގޮތެއް ނުވި އެވެ. ނަމަވެސް އެތަން އިމާރާތްކުރުމުގެ މަސައްކަތް މިހާރު ކުރަނީ މާޒިޔާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެންނެވެ.
ރަސްފަންނުގައި ހަދާ ޕެވިލިއަން ތަރައްގީކޮށް ހިންގުމުގެ އެއްބަސްވުމުގައި ބްރަދާސް ކޭޓަރިން އާއެކު އެމްޑަބްލިއުއެސްސީން މިދިޔަ އޮކްޓޯބަރު 31 ވަނަ ދުވަހު ސޮއިކުރަނީ. ނަމަވެސް މިހާރު ވަނީ އެ އެއްބަސްވުން އުވާލާފައި.
ބްރަދާސް ކޭޓަރިންއާ އެކު އެ ތަން ތަރައްގީކޮށް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރި ދުވަހު އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވި ގޮތުގައި ބްރަދާސް ކޭޓަރިންއާ ހަވާލުކުރުމާ އެކު، ކުރިއަށް އޮތް ފަސް މަސްދުވަހުގެ ތެރޭގައި އެ ތަނުގެ މަސައްކަތް ނިންމާނެ ކަމަށެވެ. ނަމަވެސް އެ ކުންފުނިން އެތަނާ ހަވާލުވުމަށް ފަހު މިހާތަނަށް އެތަނުގައި އެ ކުންފުނިން އެއްވެސް މަސައްކަތެއްކޮށްފައެއް ނުވެ އެވެ.
އެމްޑަބްލިއުއެސްސީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ފަރާތުން ދޭ މައުލޫމާތާ އެއްގޮތަށް މާލެ ވެސްޓް ކޯސްޓް ބީޗް ޕެވިލިއަން ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު އެ ކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އެ ކުންފުނިން ބުނީ އެތަން ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 15 ދުވަހު ޕްރީބިޑް މީޓިންއެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށައަޅަން ޖެހެނީ މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 2:30ގަ އެވެ. އެ ތަން ހިންގަން ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށައަޅާއިރު 50،000ރ.ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހެ އެވެ.
ރަސްފަންނުގައި ހަދަމުން އަންނަ ޕެވިލިއަން: އެތަން ހިންގަން މިދިޔަ އަހަރު އޮކްޓޯބަރު މަހު ބްރަދާސް ކޭޓަރިންއާއެކު ސޮއިކުރި އެއްބަސްވުން ވަނީ އުވާލާފައި.
އެމްޑަބްލިއުއެސްސީން ބުނީ އެތަން ހިންގަން ހަވާލުވާ ފަރާތުން ޕާފޯމަންސް ގެރެންޓީގެ ގޮތުގައި 250،000ރ. ބިޑް އެވޯޑްކުރާތާ ފަސް ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެ ކަމަށެވެ.
ދެ ބުރި އަށް ހަދާ ރަސްފަންނުގެ ޕެވިލިއަން ރޭނުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ. ރެސްޓޯރަންޓް އަދި ކެފޭތައް ހުންނަނީ ފުރަތަމަ ބުރީގަ އެވެ. އެންމެ ތިރީ ބުރީގައި ހަދަނީ ފަސް ފާހާނަ ހިމެނޭ ގޮތަށް، މޫދަށް އެރޭ މީހުން ފެންވަރާނެ ތަނަކާއި އާއްމުންނަށް އިށީނދެ ތިބެވޭނެ ޖާގައެކެވެ. އަދި އެ ތަނުގައި ލުއި ކާނާ ފަދަ ތަކެތި ވިއްކާ ފިހާރައެއް ވެސް ހަދަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުމީހާ
08 August 2017
ބިޑައްލަަނެ ކަމެއްނެތް ރައްޔިތުންގެ ލޮލުގައި އަނދުން އަޅު ވަން. ތިހެން ނުހަދާ ނިއުޕޯޓައް ދީ ތިތަންވެސް.
އާބަނދަރު
08 August 2017
ޕްރޮޖެކްޓް ލިބޭނީ ނިއުޕޯޓް އަށް... ބްރިޖް ޕްލެޓްފޯމު ވެސް އެމީހުންނަށް.. ސަރުކާރުގެ ހުރިހާ ހަފުލާއެއްގެ ބިލެއް މީރުކުރުންވެސް އެމީހުންނަށް.. މިނިވަން 50 ގެ ރިސެޕްޝަންގައި ހިނގި ބޮޑު ކަރަޕްޝަނަށް ފަހު، މި އަހަރުގެ މިނިވަން ދުވަހު ރިސެޕްޝަނުގައި ބިލެއްމީރުކޮށްލުން ލިބުނީ ނިއު ޕޯޓްއަށް..
އަހުމަދުބެ
07 August 2017
މޫދައް އެރޭމީހުންގެ ހާލަތު ކައިރިން ބަލާނެތަނެއް ހަދަނީއެވެ. ކޮފީވެސް ލިބޭނެ ކަމަށްވެއެވެ.
ދީދީ
07 August 2017
މޫދައް އެރެންދަނީ ކުޑަކުދިން ނާ ސުކޫލުކުދިން، އެތާމަތީ ކޮފީބޯ ތަނެއް ހެދީމަ ކިހިނެއް ތިޔަވަނީ.
ޅަބޭ
07 August 2017
ކޮބާ ކޭއެފްސީ އާއި ޕިއްޒާ ހަޓް ވަރައް މީރުދޯ. ޝުކުރިއްޔާ ވަރައް ބޮޑައް ބްރަދާސް ކޭޓަރިންގެ ކުދިންނައް. ހާއްސަކޮއް ހުސެން އައް.
އުދުހޭ
07 August 2017
ބްރިޖް ބަލަން ހެދި ޕްލެޓްފޯމާ ދާދި އެއްގޮތަކަށް ދާނެ ތަނެއް ކަމަށް ބެލެވޭ! ޕްރޮޖެކްޓް ލިބޭނީ ވަކި ބަޔަކަށް!
ޕޮޕްޖޯއި ސްޓާރާޑާ
07 August 2017
މަތަ؟؟
ރަދުން
07 August 2017
ކެންސަލް ކުރި ފަރާތަށާ ކެންސަލްވި ފަރާތަށް ޓެކްސް ދައްކާ އާއްމު ރައްޔިތުމީހާއަތުން ރަނގަޅު ބަދަލެއް ދެއްވާތި