ބޮޑު ވަޒީރުކަމުން ދުރުކުރި ނަވާޒް ޝަރީފް އާއި އަަނބިކަނބަލުން ކުލްސޫމް ނަވާޒް: ބައި-އިލެކްޝަން ފަސޭހަކަމާ އެކު ކުލްސޫމް ކާމިޔާބު ކުރައްވާނެ ކަމަށް ޕާޓީން ބުނޭ. --ފޮޓޯ:ގެޓީ އިމޭޖަސް
11 އޯގަސްޓް 2017 - 21:50
އިސްލާމްއާބާދު (އޮގަސްޓް 11) - މަގާމު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ތަމްސީލް ކުރެއްވި ދާއިރާ އަށް އަނބިކަނބަލުން ކުލްސޫލް ނަވާޒް ވާދަކުރައްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ޕެނަމާ ޕޭޕާސް އިން ލީކު ކުރި މައުލޫމާތާ ގުޅިގެން ނަވާޒް ޝަރީފުގެ އާއިލާގެ މައްޗަށް ކުރި ކޮރަޕްޝަނުގެ ތުހުމަތުތައް ސުޕްރީމް ކޯޓުން ބެލުމަށް ފަހު ޕާލަމެންޓުގެ މެންބަރެއްގެ ގޮތުގައި ހުންނެވުމުގެ ޝަރުތު ނަވާޒް ޝަރީފްގެ ފުރިހަމަ ނުވާ ކަމަށް މިދިޔަ މަހު 28 ގައި ކޯޓުން ނިންމުމާ ގުޅިގެން އެ ގޮނޑި އަށް ވާދަކުރައްވާނެ ކަމަށް ކުރިން އިއުލާންކޮށްފައި ވަނީ ނަވާޒް ޝަރީފުގެ ކޮއްކޮ ޝަހުބާޒް ޝަރީފެވެ. އަދި ނަވާޒް ޝަރީފުގެ ބަދަލުގައި ބޮޑު ވަޒީރު ކަމަށް ގެންނަން ނިންމާފައި ވަނީ ވެސް ޕަންޖާބު ޕްރޮވިންސްގެ ގަވަރުނަރު ޝަހުބާޒެވެ. އެއީ ޕާލަމެންޓުން ހުސްވި ގޮނޑި އަށް ޝަހުބާޒް ވާދަކުރުމަށް ޕާލަމެންޓަށް ގެނެސް ބޮޑު ވަޒީރުކަން ދޭ ގޮތަށެވެ.
ޝަހުބާޒަށް ޕާލަމެންޓަށް ވަޑައިގެންނެވެންދެން ބޮޑު ވަޒީރު ކަމަށް ހަމަޖައްސާފައި ވަނީ ނަވާޒް ޝަރީފް ވަރަށް އިތުބާރު ކުރައްވާ ބޭފުޅެއް ކަމަށްވާ ކުރީގެ ޕެޓްރޯލިއަމް މިނިސްޓަރު ޝާހިދު ޚައްގާން އައްބާސީ އެވެ. ނަމަވެސް ނަވާޒް ޝަރީފުގެ ޕާކިސްތާން މުސްލިމް ލީގު-ނަވާޒް ޕާޓީން މިހާރު ވަނީ އަންނަ އަހަރުގެ އިންތިޚާބާ ހަމައަށް އައްބާސީ މަގާމުގައި ބަހައްޓަން ނިންމައިފަ އެވެ.
ލާހޯރު ހިމެނޭ ދާއިރާ އަށް ކުލްސޫމް ވާދަކުރުމަށް ބޭނުންވާ ލިޔުންތައް ޕާޓީގެ ފަރާތުން މިހާރު ވަނީ އިލެކްޝަން ކޮމިޝަނަށް ފޮނުވައިފަ އެވެ. މީގެ ކުރިން ދުވަހަކު ވެސް މަގާމަކަށް ކުލްސޫމް ވާދަކުރައްވާފައި ނުވި ނަމަވެސް ބައި-އިލެކްޝަނުގައި ބޮޑު ތަފާތަކުން އެކަމަނާ ކާމިޔާބު ކުރައްވާނެ ކަމަށް ޕާޓީން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންބޮޑުވޭ
12 August 2017
އޭނަ ބުމަ ކިހިނެތް ވެފަ ބާ އެހުންނަނީ... ސަހާދެއް...
ކުލްސޫމް
12 August 2017
ވަށްތަރުގޮތެއްހުރޭ
ރަދީފް އެންޑް ރަފައިދާ
11 August 2017
މުޅި އާއިލާ މިކަމުގެތެރޭގާ އުޅޭތީ މައްސަލައަކީ. ދެން ކަންކަންވެސް ދާނީ ކަރަޕްޝަނަށް މަުފައިވާގޮތަށް.