ޖަރުމަނުގެ ޗާންސެލާ މާކެލް (ވ) އާއި ފްރާންސްގެ ރައީސް އޮލެންޑާ (ކ) އާ އެކު ބޮޑު ވަޒީރު ކެމަރަން ބައްދަލުވުމެއްގައި: އިނގިރޭސިން އީޔޫ އިން ވަކިވުމާ ގުޅޭ ގޮތުން އީޔޫގެ ލީޑަރުންނާ ކެމަރަން މަޝްވަރާ ކުރައްވާނެ. --ފޮޓޯ:އޭއެފްޕީ
28 ޖޫން 2016 - 11:25
ލަންޑަން (ޖޫން 28) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމަށް ބުރާސްފަތި ދުވަހު ނެގި ވޯޓުގައި އިނގިރޭސިން ނިންމި ފަހުން އީޔޫގެ ލީޑަރުންނާ ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވަން ނިންމަވައިފި އެވެ.
ބްރަސެލްސްގައި ބާއްވާ އީޔޫ ސަމިޓުގައި އިނގިރޭސިން އީޔޫ އިން ވަކިވުމުން ދިމާވާނެ މައްސަލަތަކާއި ދެން ކުރިއަށްދާނެ ގޮތަކާ ބެހޭ ގޮތުން ކެމަރަން މަޝްވަރާ ކުރައްވާނެ އެވެ.
އިނގިރޭސިން އީޔޫ އިން ވަކިވުމާ ގުޅޭ ގޮތުން މި ސްޓޭޖުގައި އެއްވެސް ނުރަސްމީ މަޝްވަރާއެއް ކުރިއަށް ނުގެންދާނެ ކަމަށް ޖަރުމަނާއި ފްރާންސް އަދި އިޓަލީން ވަނީ ބުނެފަ އެވެ.
ކެމަރަން ވިދާޅުވީ އީޔޫ އިން ވަކިވުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ތެރޭގައި ޚާއްސަ ޔުނިޓެއް އުފައްދާފައިވާ ކަމަށެވެ. އަދި ލިޒްބަން ޓްރީޓީއާ އެއްގޮތަށް އީޔޫ އިން ވަކިވުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެމަނިކުފާނަށް ފަހު އަންނަ އޮކްޓޯބަރު މަހު ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާ ފަރާތަކުން ކަމަށް ވެސް ވިދާޅުވި އެވެ. އީޔޫ އިން ވަކިވުމުގެ ޓާމްސްއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ދެ އަހަރު ލިބޭނެ އެވެ.
އިނގިރޭސިވިިލާތް ވަކިވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޔޫރަޕިއަން ޕާލަމެންޓުގެ ޚާއްސަ ބައްދަލުވުމެއް މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އީޔޫ ސަމިޓުގެ ދެ ވަނަ ދުވަހުގެ ބައްދަލުވުން މާދަމާ ކުރިއަށް ގެންދާނެ އެވެ. މި ބައްދަލުވުމުގައި ކެމަރަން ބައިވެރިވެވަޑައިނުގަންނަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy