"ވަން ފުވައްމުލަށް" މޫމްމެންޓުން ކުރިއަށް ގެންދާ ކެމްޕެއިންގެ ތެރެއިން.
29 އޯގަސްޓް 2017 - 10:04
ރަށް ގިރުމުގެ މައްސަލަ އަށް ހައްލެއް ހޯދަން ފުވައްމުލަކުގައި ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.
"ވަން ފުވައްމުލައް" މޫމްމެންޓުން "ސޭފް ފުވައްމުލައް" ނަމުގައި ކުރިއަށް ގެންދާ މި ކެމްޕެއިނުން ބުނީ މައިގަނޑު މަގުސަދަކީ ރަށުގެ އިރުމަތީ ފަރާތުން ގިރާ ސަރަހައްދުގައި ރިވެޓްމެންޓް ޖަހަން ޕްލޭންކޮށްފައިވާ މަސައްކަތް ވީހާ ވެސް އަވަހަށް ފެށޭތޯ ބެލުން ކަމަށެވެ.
"ރަށް ގިރުމަކީ ފުވައްމުލަކަށް ދިމާވެފައިވާ އެންމެ ނުރައްކާތެރި މައްސަލަ. އެކަމަށް ހައްލެއް ހޯދަން ވާހަކަ ދެކެވޭތާ 10 އަހަރަށްވުރެ ގިނަދުވަސްވީ. އެކަން ހުއްޓުވަން އެކަށީގެންވާ ގޮތަކަށް އަމަލީ މަސައްކަތްތަކެއް ކުރެވިފައެއް ނެތް،" ކެމްޕޭނުގައި އިސްކޮށް އުޅުއްވާ އިސްމާއީލް ރަފީގް ވިދާޅުވި އެވެ.
"ރަށުގެ އާނުގަނޑުން ވަރަށް ބޮޑުބައެއް ދަނީ ހަލާކުވަމުން. އާނުގަނޑު ހުސްވެ ރަށުގެ ފަސްގަނޑާ ޖެހުމުން ވަރަށް ބާރު ސްޕީޑެއްގައި ރަށް ގިރައިގެން ދާނެ ކަމުގެ ބިރު އެބައޮތް. މިހާރު ވެސް ބައެއް ސަރަހައްދުތަކުން ވަނީ އާނުގަނޑުން ގާތްގަނޑަކަށް 20-30 ފޫޓު ފުނޑުފުނޑުވެގެން ގޮސްފައި."
ފުވައްމުލަކުގެ އިރުމަތީ ފަރާތުން ގިރާ ސަރަހައްދުގައި މީހަކު މަޑުކޮށްލައިގެން.
އިސްމާއިލް ވިދާޅުވީ މި މައްސަލައަށް ހައްލެއް ނުލިބޭ ކޮންމެ ދުވަހަކީ ރަށުގެ ފަސްގަނޑުން އިތުރުބައެއް ގިރައިގެން ދާނެ ދުވަހެއް ކަމަށެވެ. އަދި ދުވަސްވީ ވަރަކަށް އެކަން ހައްލުކުރަން ކުރަންޖެހޭ މަސައްކަތާއި ހަރަދުތައް ވެސް އިތުރުވެގެން ދާނެ ކަމަށެވެ.
އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ސަރުކާރުން ރާވާފައިވާ ޕްރޮޖެކްޓަށް ޖުލައި މަހުގެ މަހުގެ ތެރޭގައި ގަތަރު ފަންޑުން ލޯނު ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސާފުކުރުމުގެ އިތުރުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ވެސް ކުރާނެ.
މި ކެމްޕޭނުގެ ދަށުން ރަށުގެ ގޮނޑުދޮށް ސާފު ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ނުވަ ދުވަހުގެ ތެރޭގައި ބޮޑެތި ކަޅު ކޮތަޅުގެ 390 ކޮތަޅު ކުނި ވަނީ ނަގާފަ އެވެ. ސާފުކުރުން ނިންމާލާނީ ރަށް ވަށައިގެން މުޅި ގޮނޑުދޮށް ސާފުކުރެވުމުން ކަމަށް ރަފީގް ވިދާޅުވި އެވެ. ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުމުން ރަށް ގިރުން އަވަސްވެގެން ދާނެތީ، އެކަމަށް ހޭލުންތެރިކުރުވުމަށް ވެސް ހަރަކާތްތަކެއް ބާއްވާނެ އެވެ.
ފުވައްމުލަކުގެ އިރުމަތީ ފަރާތުން ގިރާ ސަރަހައްދު.
"ރައްޔިތުންނަށް ކުރާ އިލްތިމާސްއަކީ ގިރާ ސަރަހައްދު ހަމަލޮލުން ބައްލަވާލައްވަން ވަޑައިގެން، އެ ސަރަހައްދު ހިމާޔަތްކުރަން ޕްލޭންކްރެވިފައިވާ ކަންކަން އަވަސްކުރަން އެންމެން އެއްބައިވަންތަކަން ދައްކާ އެކަމަށް މަސައްކަތް ކުރުން،" އިސްމާއިލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހިވަކު
29 August 2017
ތޮށިލުމަށްވުރެ ރަގަޅުވާނީ ގުދުރަތީ ހައްލެއް. އެތަކެއް ގަރުނަކުން އުފެދިފައޮތް ގުދުރަތީ ވެއްޓެއް ތޮށިލައި ގޮތްގޮތްހެދީމަ ވާނީ ހަލާކު. މިހާރުވެސް ރަށުގައި އިމާރާތް ގިނަވެ މާލޭ ފާޑުޖަހަން ފަށައިފި. ހިތްފަސޭހަކަން އެދަނީ ގެއްލެމުން. ރަށުގެ ކަންތަކުގެ ކުރީ ސަފުގައި އުޅޭ މީހުން ހަދާނެ ގޮތަކަށް ހަދަން ދޫކޮއްފިއްޔާ މުޅި ރަށް މައްޗަށް ހެލިކޮތަޅެއްގަ ގޮންގިރިޓުގެނެސް އޮއްސާފަ ބުނާނެ މިއޮތީ ތަރައްގީކޮއްފައޭ.
ޖާޑިބެ
29 August 2017
ތިދެންބަކު މޮޔަވާ ވަރުކަމެއްތަ ބޮސްކާލެސް ގެނެސް 1 ހަފްތާއިން ހިއްކާލެވޭނެ
ކޮމެންޓޭ
29 August 2017
ފުވައްމުލަކުގައި ރަށް ގިރުމުގެ މައްސްލަ ގުދްރަތީ ހާާދިސަޔައް ވުރެ ބޮނޑަށް ގިރެނީ ރަށުގެ ރައްޔިތުންގެ ސަބަބުން އެމީހުން ރަށުގެ ގޮނޑު ދޮށުން ވެލިއާ ފަސް އަދި ހޭޅި ފަށުން ގަސް ކެޑުމުގެ ސަބަބުން މިހާރުވެސް ތި ސާފް ކުރުމުގެ ޕްރެޖްކެޓް ހުއްޓާލާާތާާ ދެހަފްތާ ނުވަނީސް އަނެއްކާ ހުންނާނީ އަތިރިމަތި ކުނީގެ ގޮނޑަކަށް ހަދާފަ ފުރަތަމަ ރަށުގެ ރައްޔިތުން ތަރައްގީވާން ވީ ފުވައްމުލަކު ދަރިއެއްގެ ހައިސިއްޔަތުން މިހެން މ ބުނެލީ އަޅުގަނޑުގެ ހިތަށް ވެސް އަސަރު ކުރޭ ރަށް ނެތިގެންދާތަން ފެނުނީމަ
ދިރާސާ
29 August 2017
އަސްލު މަސްއަލަ އަކީ ރައްރަށުގަ ބަދަރު ހެދުން..
ދަރިގޮހޮރު
29 August 2017
އާއްމު ރައްޔިތުންނަށް ގޮނޑު ދޮށުން ވެލި ނެގުން މަނާ، އެކަމަކު ރަށުގެ ވެރިން ބޮޑެތި ލޮރީތަކުން ބަނދަރަށް ޖަމާވާ ވެލި ނަގައިގެން ގޮސް ރަށުގެ ބޯޅަ ދަނޑަކަށް އަޅާލީމާ އޯކޭ. އެވެސް ހަމަ ރަށުގެ ގޮނޑުދޮށުގައި ދައުރުވާ ވެލި، ރަށް ގިރާ އެންމެ ބޮޑު ސަބަބަކީ ވެލި ކޮޅު ހުސްކުރުން.
ދޮންހަސަނު
29 August 2017
ރަނގަޅު ކަމެއް! މީގެ އިތުރުން ކެމްޕެއިން ޖައްސަންވީ ވެލި ނެގުން ހުއްޓުވުމަށް. 10 އަހަރުވަންދެން ރިވެޓްމަންޓް ޖެހޭތޯ މަސައްކަތް ކުރިއިރު ޕިކަޕުތައް ފުރާ ކޮންމެދުވަހަކުވެސް ދިޔައީ ވެލިނަގަމުން.
އަލީއަހުމަދު
29 August 2017
މިވަރަށް ރަށް ގިރަމުންދާއިރުވެސް އަންހެންވެރިންވެސް ގެއަށް ކަށި ވެލިލާން ވެލިނަގާލެއް މަދެއްނުވޭ. އަދި ފިރިހެންވެރިންވެސް ޕިކަޕް ޕިކަޕުން ވެލިނެގުން ނުހުއްޓާ. އަހަރެެމެން ރަށާދޭތެރޭ ނުވިސްނާ ވިސްނުމެއް އެހެންބަޔަކު ނުވިސްނާނެ.
މުހައްމަދު މަނިކު
29 August 2017
ފުވައްމުލަކު އެކަންޏެއްނޫން، ރާއްޖޭގޭ ވަރަށްގިނަ ރަށްތަކަށް މިއީ ވަރަށް ބޮޑު މައްސަލައެއް. ރައްރަށުގެ ރައްޔިތުންނަށްވެސް މީގެ ހުރި ނުރައްކާ ވަޒަންކުރަން އުދަގޫ
އަހަރެން123
29 August 2017
ފާއިތުވާ ކޮންމެ ދުވަހަކާއި އެކު ރަށަށް ލިބޭ ގެއްލުން ބޮޑުވެ، ހައްލުކުރަން ހޭދަކުރަންޖެހޭ ފައިސާ ވާނީ ގިނަ. ވީހާވެސް އަވަހަކަށް ދާއިމީ ހައްލެއް ހޯދަންޖެހޭ މިކަމަށް
ހޭޅިބޯ
29 August 2017
މިއީ ވަރަށް ސީރިއަސް މައްސަލައެއް. ފުވައްމުލަކު ޒުވާނުން ތަކެއް އިސްނަގައިގެން މި ކުރާ މަސައްކަތަކީ މުޅި ރާއްޖެއަށް ނަމޫނާ މަސައްކަތެއް. އެ ކުދިން ސާފު އެ ކޮށްލަނީ ހާދަ ބޮޑު ސަރަހައްދެކޭ. މުޅި ރަށްވަށާ ޖެހޭ އިރު ގޮޑުދޮށް ސާފު ކުރުމުގެ އެންމެ ބޮޑު މަސައްކަތަށް މިކަން ވާނެ ހެން ހީވަނީ. މި ކުދިންނަށް ތައުރިފު ހައްގު. ސާބަސް، ސާބަސް ތިޔަ ޒުވާނުނަށް