30 އޯގަސްޓް 2017 - 10:12
އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިއަދު އަނަންތަރާ ކިހާވަށް ވިލާސް އާއި ސޮނޭވާ ފުށި ބަައްދަލުކުރާއިރު މި މެޗު ވެގެންދާނީ މި މުބާރާތުގައި އެންމެ މޮޅު ކުޅުން ދައްކަމުން އަންނަ ދެ ކުޅުންތެރިންގެ ވެސް ވާދަވެރި މެޗަކަށެވެ.
އަނަންތަރާ ފައިނަލަށް ގެންދިއުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ގައުމީ ޓީމުގެ ކުޅުންތެރިއާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ. އަދި ސޮނޭވާ ފައިނަލުގައި ވާދަކުރާއިރު އެ ޓީމު ކުޅުނު ގިނަ މެޗުތަކެއްގައި ތަފާތު ދެއްކީ ގައުމީ ޓީމުގެ އަލީ ހުޒާމް އެވެ.
މި ދެ ޓީމަކީ މި ފަހަރު ޒޯން ފަހެއްގެ ފައިނަލުގައި ވެސް ކުޅުނު ދެ ޓީމެވެ. ފައިނަލުން ވާދަވެރި ކުޅުމަކަށް ފަހު ކުރިހޯދީ ސޮނޭވާފުށިންނެވެ. ފައިނަލު މެޗުގެ މޮޅު ކުޅުންތެރިއަކީ ހުޒާމް އެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ބަނޑޮސް އައިލެންޑް ރިސޯޓުން ހޯދިއިރު އެ ޓީމަށް އެންމެ މޮޅު ކުޅުމެއް ދައްކައިދިނީ ކުޑަކާއްޓޭ އެވެ. މި ވަގުތު ރާއްޖޭގެ ވޮލީބޯޅަ އަށް ބަލާއިރު ބޮޑެތި މެޗުތަކުގައި އެންމެ ތަފާތު ދައްކާ ކުޅުންތެރިއަކީ ވެސް ކުޑަކާއްޓޭ އެވެ.
އެކަމަކު މި ފަހަރުގެ މުބާރާތުގެ މިހާ ހިސާބަށް ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު ހުޒާމް ހުރީ ރަނގަޅު ފޯމެއްގަ އެވެ. ސޮނޭވާ އިން ކުޅުނު ގިނަ މެޗުތަކުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ހުޒާމް އަކީ ފައިނަލަށް ނުކުންނައިރު އެ ޓީމުގެ ކޯޗު އިބްރާހިމް ރަޝީދު (ސަތޯ)ގެ އެންމެ މުހިއްމު ކުޅުންތެރިއާ އެވެ.
ރިސޯޓް ވޮލީ މުބާރާތަކީ ފާއިތުވި އަހަރުތަކަށް ބަލާއިރު އަހަރަކަށް ވުރެން އަހަރެއް ފޯރިގަދަކޮށް ކުރިއަށް ގެންދާ މުބާރާތެކެވެ. އެހެން އަހަރުތަކާ ހިލާފަށް މި އަހަރު އެއް ޓީމަށް ކުޅެވޭ ގައުމީ ޓީމުގެ ކުޅުންތެރިންގެ އަދަދު ވަނީ މަދުކޮށްފަ އެވެ. މިއީ ހުރިހާ ޓީމެއް ވެސް ވަރުގަދަކޮށް ބޭއްވުމުގެ ނިޔަތުގައި ކުރިކަމެއް ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.
އެ ނިންމުމުގެ ނަތީޖާ މުބާރާތުގެ ފައިނަލުން ފެންނަން އޮތްކަން ޔަގީންވަނީ ފައިނަލުގައި ވާދަކުރާ ދެ ޓީމު އެ ހިސާބަށް އައުމުގައި ހުޒާމް އާއި ކުޑަކާއްޓޭގެ ދައުރު ބޮޑުވުމުންނެވެ.
ޒޯން ޗެމްޕިއަންސް ލީގު ފައިނަލު މެޗު އޮންނާނީ ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު މެންދުރު ފަހު 1 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަކާ
30 August 2017
މައި ލަވްލީސް ❤️❤️❤️
މުގާބޭ
30 August 2017
އަމައްޔާއި.
ތަމަޅަ
30 August 2017
ލޮލް. އެއްވެސް ވަދަވެރިއެއް ނޫން އަދި އެއްވެސް ފޯރި ގަދަ އެއްނޫން. ޓީމުގެ ތިބޭ 12 ކުޅުންތެރިންގެ ބުރަ މަސައްކަތުން މޮޅުވާނީ. ދަގަނޑޭ ލަނޑު ޖެހީމަ ޓީމު މޮޅު ވާނީ އެކަމް ޑިފެންޑަރުންގެވެސް މަސައްކަތުން މޮޅުވާނީ.
ކޯކް
30 August 2017
ތަމަޅައިންނަށް ފޯރި ގަދަ ވާނީ ކްރިކެޓް