އޮކްސްފޯޑުގައި ކިޔެވުމުގެ ފުރުސަތު ލިބިފައިވާ ޒިމްބާބުވޭ އަށް އުފަން ބްރިއަން ވައިޓް
07 ސެޕްޓެމްބަރ 2017 - 06:33
މިހާރު އުމުރުން 21 އަހަރު ވެފައިވާ ބްރިއަން ވައިޓް އަކީ ޒިމްބާބުވޭގެ ޔަތީމުޚާނާއެއްގައި އުޅެ ބޮޑުވި ކުއްޖެކެވެ. މީގެ ފަސް އަހަރު ކުރިން އިނގިރޭސި ދެމަފިރިއަކު އޭނާ އެޑޮޕްޓްކޮށްގެން އެ ގައުމަށް ގެންދިއުމުން އޭނާ އުޅެމުން ދަނީ އިނގިރޭސި ވިލާތުގަ އެވެ.
އާދަޔާޚިލާފު ތޫނު ވިސްނުމެއް ލިބިފައިވާ މި ޒުވާނާއަށް އޮކްސްފޯޑް ޔުނިވަސިޓީގައި ކިޔަވާނެ ފުރުސަތު ލިބުނަސް އޭނާއަށް އެ ފުރުސަތުގެ ބޭނުން ހިފޭ ގޮތް ވީ ވަރަށް ވަރުގަދަ ހަނގުރާމައެއް ކޮށްގެންނެވެ.
ބްރިއަން ވައިޓް ކިޔެވި ވޮލްވާހެމްޕްޓަންގެ ދަރިވަރުން ވައިޓް ސިފަކުރަނީ، އޭނާ ކިޔެވުމުގައި ހޯދާ އާދަޔާޚިލާފު މޮޅު ނަތީޖާތަކުގެ ސަބަބުން، ޖީނިއަސް އެއްގެ ގޮތުގަ އެވެ. އެހެންވެ އޮކްސްފޯޑް ޔުނިވަސިޓީއަށް އެޕްލައިކޮށްގެން އެތަނުގައި ކިޔެވުމުގެ ފުރުސަތު ވައިޓަށް ވަރަށް ފަސޭހައިން ލިބުނެވެ. ނަމަވެސް އެހިސާބުން އޭނާއަށް މައްސަލަތަކާ ކުރިމަތިވި އެވެ.
މައްސަލައަކަށްވީ އޭނާ އެހެން ގައުމަކުން ގެނެސްފައިވާ ކުއްޖަކަށް ވުމެވެ. މި ހަނގުރާމަ އޭނާއަށް ކާމިޔާބު ކޮށްދިނުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އޭނާގެ އެކުވެރިޔާ ލޫކް ވިލްކޯޒް އެވެ. ވައިޓަށް އިނގިރޭސި ވިލާތުގައި ހުރެވޭނެ ގޮތް ހަދައިދިނުމަށް އެދި އެކުވެރިޔާ ވަނީ ހޯމް އޮފީހަށް ޕެޓިޝަނެއް ހުށަހަޅާފަ އެވެ. މި ޕެޓިޝަންގައި ވައިޓަށް ހެޔޮ އެދޭ 110،000 މީހަކު ސޮއިކުރި އެވެ. އަދި މި ޕެޓިޝަން ހުށަހަޅައި އަދި އެމީހުން ކުރި ބުރަ މަސައްކަތުން އޭނާއަށް އިތުރު ހުރަހެއް ނެތި އިނގިރޭސި ވިލާތުގައި ހުރެގެން ކިޔެވޭނެ ގޮތް މިހާރު ވަނީ ހަމަޖެހިފަ އެވެ.
ވައިޓަކީ ކުޑައިރު މައިންބަފައިން ނުބަލަން އެއްލާލި ކުއްޖެކެވެ. އޭނާ ހޮވައިގެން ގެންގޮސް އުމުރުން ހަ އަހަރު ވަންދެން ގެންގުޅެފައިވަނީ ޒިމްބާބުވޭގެ ޔަތީމުޚާނާއެއްގަ އެވެ. އެ ދުވަސްވަރު ޒިމްބާބުވޭގައި މަސައްކަތް ކުރަމުންދިޔަ ޕީޓާ ވައިޓަށް ބްރިއަން ވައިޓް ތައާރަފްވި އެވެ. އޭރުވެސް ޕީޓާގެ ޒިމްބާބުވޭ އަނބިމީހާގެ ދެ ދަރިން ތިއްބެވެ. ނަމަވެސް އޭރުއްސުރެ ޕީޓާ ވަނީ ބްރިއަންއާ ހަވާލުވެ ޒިމްބާބުވޭގައި އޭނާއަށް ކިޔަވައިދީފަ އެވެ. އަދި ފަހުން ބޮޓްސްވާނާ އަށް ފޮނުވައިގެން ވެސް ކިޔަވައިދިނެވެ. އޭގެ ފަހުން އުމުރުން 15 އަހަރުގައި އޭނާގެ އެޑޮޕްޓްކުރި މީހުންނާ އެކު އިނގިރޭސި ވިލާތުގައި އުޅުމުގެ ފުރުސަތު ލިބުނީ އެވެ.
ބްރިއަން ވައިޓަށް އޮކްސްފޯޑްގައި ކިޔެވުމުގެ ފުރުސަތު ތަނަވަސްވެފައިވާ ކަން އެތަނުގެ ޕްރިންސިޕަލް އަދި ގާޑިއަން ނޫހުގެ ކުރީގެ އެޑިޓަރު ކުރި ޓުވީޓެއްގައި ވެސް ޔަގީން ކޮށްދީފައިވެ އެވެ.
"އުފާވެރި ޚަބަރެއް. ހޯމް އޮފީހުން ބްރިއަން ވައިޓް އޮކްސްފޯޑަށް ކިޔަވަން ދިއުމުގެ ހުއްދަ ދީފި،" ޕްރިންސިޕަލްގެ ޓުވީޓްގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy