ކުޅިވަރު / ޗެމްޕިއަންސް ލީގު

ލިވަޕޫލް އެއްވަރުވިއިރު، ސިޓީ އަށް ބޮޑު މޮޅެއް

ސެވިއްޔާ ދެ ކުޅުންތެރިން ކައިރިން ލިވަޕޫލްގެ ކުޓީނިއޯ (މ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

14 ސެޕްޓެމްބަރ 2017 - 09:38

ލިވަޕޫލް (ސެޕްޓެމްބަރު 14) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލް އަމިއްލަ ދަނޑުގައި 2-2 އިން ސެވިއްޔާއާ އެއްވަރުވިއިރު، ރަށުން ބޭރުގައި ނެދަލެންޑްސްގެ ޗެމްޕިއަން ފެޔަނޫޑް އަތުން 4-0 އިން މެންޗެސްޓާ ސިޓީން ބޮޑު މޮޅެއް ހޯދައިފި އެވެ.

މިއީ 2014 ވަނަ އަހަރަށް ފަހު ލިވަޕޫލް ޗެމްޕިއަންސް ލީގުގައި ވާދަކުރާ ފުރަތަމަ ސީޒަނެވެ. އެ ފަހަރު ލިވަޕޫލަށް ގްރޫޕް ސްޓޭޖް ފަހަނައަޅައި ނުދެވުނެވެ.

ރޭގެ މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި ލިވަޕޫލްގެ ޑިފެންޑަރު ޑޭޔާން ލޮވްރެން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ސެވިއްޔާ އަށް ލީޑުނަަގައިދިނީ ވިސާމް ބެން ޔެޑާ އެވެ. ލިވަޕޫލަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 21 ވަނަ މިނިޓްގައި ރޮބާޓޯ ފިރްމީނޯ އެވެ.

ލިވަޕޫލަށް ލީޑުނަގައިދޭން އެމްރޭ ޗާން އާއި ސަޑިއޯ މާނޭ އަށް ލިބުނު ފުރުސަތުތައް އެ ކުޅުންތެރިންނަށް ބޭނުމެއް ނުހިފުނު ނަމަވެސް މެޗުގެ 37 ވަނަ މިނިޓްގައި މިސްރުގެ މިޑްފީލްޑަރު މުހައްމަދު ސަލާ ވަނީ އެ ޓީމަށް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑުނަގައިދީފަ އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ތިން ވަނަ ލަނޑެއް ޖަހަން ލިވަޕޫލަށް ލިބުނު ޕެނަލްޓީން އެ ޓީމުގެ ފިރްމީނޯ ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. ސެވިއްޔާ އިން އެއްވަރުކުރީ މެޗު ނިމެން 18 މިނިޓަށް ވެފައި ވަނިކޮށް އާޖެންޓީނާގެ މިޑްފީލްޑަރު ޔަކީން ކޮރޭއާ ޖެހި ގޯލުންނެވެ.

ސެވިއްޔާ އިން އެއްވަރުކުރުމުން ލިވަޕޫލުން ވަނީ ނިމިދިޔަ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އަށް ގެންދަން މަސައްކަތްކުރި ބްރެޒިލްގެ މިޑްފީލްޑަރު ފިިލިއްޕޭ ކުޓީނިއޯ ކުޅެން އަރުވައިފަ އެވެ. މިއީ މި ސީޒަނުގައި ލިވަޕޫލަށް ކުޓީނިއޯ ކުޅެދިން ފުރަތަމަ މެޗެވެ.

މި މެޗުގެ ދެ ވަނަ ހާފްގައި ލިވަޕޫލަށް ލިބުނު އެއްލުންތަކެއްގައި ބޯޅަ ލަސްކުރަން އުޅުމުގެ ސަބަބުން ސެވިއްޔާގެ ކޯޗު އެޑުއާޑޯ ބެރިއްޒޯ ވަނީ ބެންޗުން ފޮނުވާލައިފަ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ދެ ވަނަ ރީނދޫ ކާޑާ އެކު ލިވަޕޫލްގެ ޖޯ ގޯމޭޒަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ނަތީޖާ އަށް ބަލާއިރު މި މެޗު ދިޔައީ އެންމެ ބޭނުންވި ގޮތަށް ނޫން ކަމަށާއި ތަނަވަސްކުރި ފުރުސަތުތަކަށް ބަލާއިރު މިއީ ދެން ހުރި މެޗުތަކުގައި ރަނގަޅު ކުރެވޭނެ ގިނަ ކަންތައްތަކެއް ފެނިގެންދިޔަ މެޗެއް ކަމަށެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި މަރިބޯ ވަނީ ރަށުން ބޭރުގައި ސްޕާޓަކް މޮސްކޯއާ 1-1 އިން އެއްވަރުކޮށްފަ އެވެ.

ފެޔަނޫޑް ކޮޅަށް ރޭގެ މެޗުގެ ފުރަތަމަ 25 މިނިޓް ތެރޭ ސިޓީން ވަނީ ތިން ލަނޑު ޖަހައިފަ އެވެ. މި ލަނޑުތައް ކާމިޔާބުކުރޯ ޖޯން ސްޓޯންސް، ގަބްރިއެލް ޖީސޫސް އަދި ސާޖިއޯ އަގުއޭރޯ އެވެ. މެޗުގެ ދެ ވަނަ ހާފްގައި ސިޓީގެ ހަތަރު ވަނަ ލަނޑު ޖެހީ ސްޓޯންސް އެވެ.

މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހަށް ފަހު ޗެމްޕިއަންސް ލީގު މެޗެއްގައި ސިޓީ ކޮޅަށް ލަނޑެއް ނުވަދެ ނިމުނު ފުރަތަމަ މެޗެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ރޭ ޔޫކްރޭނުގެ ޝަހުތަރު ޑޮނެސްކުން ވަނީ އިޓަލީގެ ނަޕޯލީގެ މައްޗަށް 2-1 އިން ކުރި ހޯދައިފަ އެވެ. ޝަހުތަރުގެ ދެ ލަނޑު ޖެހީ ޓައިސަން އާއި ފެކޫންޑޯ ފެރޭރާ އެވެ. އަދި ލިބުނު ޕެނަލްޓީ އަކުން ނަޕޯލީގެ ލަނޑު ކާމިޔާބުކުރީ ޕޮލެންޑުގެ ފޯވާޑް އަރްކަޑިއުޒް މިލިޗް އެވެ.

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454