15 ސެޕްޓެމްބަރ 2017 - 18:52
އިރުގެ ނިޒާމުގައި ހިމެނޭ ގޭހުގެ ބިޔަ ޕްލެނެޓް ސެޓާންގެ ވަށައި އެނބުރި، އެތައް ދިރާސާތަކެއް ހެދުމަށް ފަހު އެމެރިކާގެ ޖައްވީ އުޅަނދު ކެސީނީ ފުނޑުފުނޑުވެ، އޭގެ ދަތުރު މިއަދު ނިންމާލައިފި އެވެ.
އެކަމަކު 20 އަހަރުގެ ދަތުރުގެ ހަނދާންތަކާއި ޖައްވީ އިލްމުގެ ތެރެއަށް އޮއްސާލި އެތައް ބައިވަރު މައުލޫމާތުތަކެއްގެ ސަބަބުން ކެސީނީ އަކީ މިހާތަނަށް ހިންގި ޖައްވީ އެންމެ ކާމިޔާބު އެއް މަޝްރޫއު އެވެ.
ދުނިޔެއާ 1.4 ބިލިއަން ކިލޯމީޓަރު ދުރުގައި ވާ ސެޓާންގެ ވަރުގަދަ އެޓްމޮސްފިއާގެ ތެރޭގައި ކެސީނީއަށް ހިފަހައްޓާލެވުނީ، ބެލެވޭ ގޮތުގައި، 45 ސިކުންތުގެ ވަގުތުކޮޅަކަށެވެ. އެ ފުނޑުފުނޑުވެ، ހިރަފުހަށް ވެގެން ދިޔައީ ރާއްޖޭ ގަޑިން މިއަދު ހަވީރު ގާތްގަނޑަކަށް 5 ޖަހާކަންހާ އިރު އެވެ.
ކެލިނޯފިޔާގައި ހުންނަ ޖެޓް ޕްރޮޕުލްޝަން ލެބޯރަޓަރީގައި ތިބި ކެސީނީ މަޝްރޫއުގެ އެންމެހާ ބައިވެރިންނާ މުހާތަބުކުރައްވާ ނާސާގެ އާލް މައިޒް އެންމެ ފުރަތަމަ ވެސް ވިދާޅުވީ "އެންމެންނަށް މަރުހަބާ" ކަމަށެވެ.
"މިއީ ހަމަ އާދަޔާހިލާފު މަޝްރޫއުއެއް، މިއީ ހަމަ އާދަޔާހިލާފު ޖައްވީ އުޅަނދެއް، އަދި ތިޔަ އެންމެންނަކީ ވެސް އާދަޔާހިލާފު ޓީމެއް،" މައިޒް ވިދާޅުވި އެވެ.
"މި މިޝަން މިހާ ހިސާބުން ނިމުނުކަން އިއުލާންކުރަން."
އެޕްރީލް 2016 ގައި ކެސީނީން ނެގި މި ފޮޓޯ އިން ސެޓާންގެ އުތުރު ހެމިސްފިއާ އެ ފެންނަނީ ހޫނު މޫސުން ފެށުމާ އެކު ތަންކޮޅެއް ނުސާފު ގޮތަކަށެވެ. މި ސަރަހައްދުގެ ފިނި މޫސުމުގައި ފެންނަ ނޫ ކުލައިގެ ހިތްގައިމުކަން މި ފޮޓޯތައް ނެގި ދުވަސްވަރު ވަނީ ވަރަށް ބޮޑަށް ފުސްވެފަ އެވެ.
ސެޓާންގެ ރިންގްތަކުގެ ފިނިހޫނުމިނާއި އެ އުފެދިފައިވާ ގޮތް ދިރާސާކުރުމުގެ ފުރުސަތު ސައިންސްވެރިންނަށް ހޯދައިދިނީ ކެސީނީންނެވެ. ރިންގްތަކުގެ މި ފޮޓޯ ނެގީ ސެޓާންގެ ބިމާ 1.2 މިލިއަން ކިލޯމީޓަރު ދުރުންނެވެ. ރިންގްތައް އުފެދިފައި ވަނީ މައިގަނޑު ގޮތެއްގައި ގަނޑުފެނުގެ ބައިތަކުންނެވެ. ވަރަށް ކުދިކުދި އެތިއެތިކޮޅުން ފެށިގެން އެ ބައިތަކުގެ ބޮޑުމިން އެތައް މީޓަރަކަށް އަރަ އެވެ.
ކެސީނީގެ ކުރިން ސައިންސްވެރިން ގަބޫލުކުރީ ސެޓާންގެ ހަ ވަނައަށް އެންމެ ބޮޑު ހަނދު އެންސެލަޑޫސް އަކީ ހަމައެކަނި ގަނޑުވެފައިވާ ހަރު އެތިގަނޑެއް ކަމަށެވެ. އެކަމަކު ކެސީނީން ނެގި މި ފޮޓޯއިން، އެ ހަނދުގެ ބިންގަނޑުން މައްޗަށް ފެން ބުރާތަން ފެނެ އެވެ. މިހާރު އެނގެނީ ގަނޑުފެންގަނޑުގެ ދަށުގައި ދެމިފައިވާ ބޮޑު ކަނޑެއް އޮތް ކަމެވެ. އެ ފެނުގެ އަސަރު ދެނެގަނެވޭހާ ކައިރިން ކެސީނީ ހުރަސްކުރުމުން އެނގުނީ ދިރުމެއް އުފެދެން ބޭނުންވާ ހުރިހާ އަސާސްތަކެއް އޭގައި ހުރި ކަމެވެ. މިއީ ދުނިޔެ ފިޔަވައި ކާއިނާތުގެ އެހެން ތަނަކުން އެއްވެސް ކަހަލަ ދިރުމެއް ހޯދަން ކުރާ މަސައްކަތުގައި އުޅަނދެއް ފޮނުވަން އެންމެ އެކަށީގެންވާ ތަން ކަމަށް ބެލެވެ އެވެ.
ސެޓާންގެ އެންމެ ބޮޑު ހަނދު ޓައިޓަން އަކީ ވެސް ދިރުމެއް އުފެދެން އެކަށީގެންވާ މާހައުލެއް އޮތް ތަނެއް ކަމަށް ސައިންސްވެރިން ލަފާކުރެ އެވެ. އާންމު އެއްވެސް އަލިކަމަކަށް ފޫއަޅުވާލެވޭ ވަރަށް ވުރެ އެޓްމޮސްފިއާ ބޯވެފައި ފުސްކޮށް އޮތް ނަމަވެސް، އިންފްރާރެޑް ބޭނުންކޮށްގެން ނެގި މި ފޮޓޯ އިން ޓައިޓަންގައި ދިޔާ މީތޭންގެ ކަނޑުތައް ދެމިފައިވާތަން ފެނެ އެވެ.
ސެޓާންގެ ނޯތު ޕޯލްގައި 25،000 ކިލޯމީޓަރުގެ ފުޅާ ހެކްޒަގަންއެއް ހިމެނެ އެވެ. އޭގެ މެދުގައި އުފެދިފައިވާ ބިޔަ ތޫފާންގެ ވަށައިގެން ކޮންމެ 10 ގަޑިއިރާއި ބައިން އެ ހެކްޒަގަން އެއް ފަހަރު އެނބުރެ އެވެ.
ކެސީނީން ނެގި ސެޓާންގެ ނޯތު ޕޯލްގެ މި ފޮޓޯއިން އެ ފެންނަނީ 4000 ކިލޯމީޓަރުގެ ބޮޑު ހަރިކޭންއެކެވެ. މުޅި އަހަރު ދުވަހަށް އެ ތޫފާން ދެމިގެންދެ އެވެ. އެކަމަކު ތޫފާން އެ އެގޮތަށް އެނބުރެމުން ދަނީ ކޮން ސަބަބަކާ ހެދި ކަމެއް އަދި ނޭނގެ އެވެ.
ސެޓާންގެ ހަނދެއް ކަމަށްވާ އެންމެ 8 ކިލޯމީޓަރުގެ ޑަފްނިސް ކުޑަޔަސް އޭގެ އެނބުރުމުން ރިންގްތަކުގައި ރާޅުބާނީ އުފައްދަ އެވެ. އަދި ރިންގްތަކުގެ ބައެއް ގަނޑުފެންތައް ނައްޓައިގެން ގޮސް ހަނދުގައި ހަރުލާފައި ވެސް ވެ އެވެ.
ސެޓާންގެ ވަށައިގެން 62 ހަނދު ދައުރުވާކަން ވަނީ ކަށަވަރުވެފަ އެވެ. ޕްލެނެޓްގެ ރިންގުތަކުގެ ކުރިމައްޗަށް ވާ ގޮތަށް މި ފޮޓޯގައި އެ ވަނީ ޓައިޓަން އާއި ޑައޯނީ އެވެ. އޮރެންޖް ކުލައިގެ ފުސްކަމެއްގެ ގޮތުގައި ފެންނަ ޓައިޓަން އަކީ އެޓްމޮސްފިއާއެއް ހިމެނޭ ހަމައެކަނި ހަނދެވެ. ޑައޯނީ އުފެދިފައި ވަނީ މައިގަނޑު ގޮތެއްގައި ގަނޑުފެނުންނެވެ. އެކަމަކު ކެސީނީން ފޯރުކޮށްދިން މައުލޫމާތުތަކުން އެ ހަނދުގެ ގަނޑުފެނުގެ އަޑީގައި ދިޔާ ފެނުގެ ކަނޑެއް ވާ ކަމުގެ ނިޝާންތައް ލިބުނެވެ.
ޖުލައި 13، 2013 ގައި ކެސީނީ ވަނީ ސެޓާންގެ ހިޔަނީގެ ތެރެއިން ހުރަސްކޮށްފަ އެވެ. ރިންގުތަކުގެ ދޭތެރެއިން އަވި ފޭދިފައިވާ ތަނުގެ ފޮޓޯތަކެއް އެ އުޅަނދުގެ ކެމެރާ އިން ނެގި އެވެ. މި މަންޒަރު ތައްޔާރުކޮށްފައި އެވަނީ އޭގެ 141 ފޮޓޯ ބޭނުންކޮށްގެންނެވެ.
ކެސީނީގެ 20 އަހަރުގެ ދަތުރުގައި ދުނިޔޭގެ ފޮޓޯ ވެސް ނެގި އެވެ. އެކަމަކު ދުނިޔެއާ ގާތްގަނޑަކަށް 1.4 ބިލިއަން ކިލޯމީޓަރު ދުރުގައި ވާ ސެޓާންގެ ސަރަހައްދުން ނެގި އެ ފޮޓޯގައި ދުނިޔެ ފެންނަނީ ނޫ ކުލައިގެ ކުޑަކުޑަ ތިއްކެއް ވަރަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ނަސީރު
17 September 2017
ހާދަ ފޮތުގެ ވާހަކަ ދައްކާ މީހުން ނެތޭ! ކޮބާތަ ސަލަފު؟
ނަންހާމަކުރަންބޭނުން
17 September 2017
ކޮބާ ކަސީނީ އެންމެފަހުން ނެގި ފޯޓޯ؟
ޒެޑްސް 1
16 September 2017
މެންޓަލޭ ކީކޭތަ ބުނަނީ؟ މިކަހަލަ ސައިންސް ތަކަށް ވެސް އޭނަ ނިކަން މޮޅުވާނޭ.
ގހގޖހކކ
16 September 2017
ކަލޯ އާލަމްތަކަށް ރަަހުމަތޭ ކިޔަނީ ގުރުއާން ތަރުޖަމާ ކުރުމުގެ އޮޅުމަކުންތަ؟ ނޫނީ ހަމަ އެތައް އާޔަތަކުން މާނަދޭހަވާ ގޮތްތަ؟ އެހެންކަމަށް ވަންޏާ ޔުނިވާރސްއެއްނޫން މަލްޓިވާރސް، ބައިވަރު ޔުނިވަރސް ހުރީތަ. ކޮބައިތަ އުގޭލު. އިންސާނާއަކީ ޒައްރާއެއް. މި އެއްޗިސާ އަޅާ ބަލާއިރު. ނިކަމެތި. ވައްކަން ކޮށްފައި ބަހައްޓާ އިހެއް ފަހެއް ވާކަމަށް ނުބަލާ
ޢަސާ
15 September 2017
ޥިސްނާ ބަޔަކައް އިބުރަތެއް
ޙެހެ
16 September 2017
ކޯއްޗެކޭތަ މިކިޔަނީ.
ބުގެ ހަސަންދީދީ
15 September 2017
މަގޭ ހިތަށް އަރަނީ ދުނިޔެއާ 1.4 ބިލިޔަން ކިލޯމީޓަރު ދުރުން ނެގި ފޮޓޯ ދުނިޔެއަށް ފޮނުވަން ކިހާ ވަގުތެއް ނަގާނެބާއޭ.
ކެސީނީ
15 September 2017
މިގޮތަށް ކޮމިއުނިކޭޓް ކުރަނީ ރޭޑިއޯ ވޭވްސް ބޭނުންކޮށްގެން. ގާތްގަނޑަކަށް 1ގަޑި އިރާއި 30މިނެޓް ވަރު ކަމަށްވަނީ ސެޓާން ކައިރީގަ ހުރެ ފޮނުވާ އެއްޗިހި ލިބެން.
ކްރިޓިކަލް
15 September 2017
މިއީ ކެސިނީގެ ހަދިޔާއެއް ނޫން... މިއީ 4 ބިލިޔަން ޑޮލަރުގެ އަގު ހުރި ފޮޓޯ...
ގެދާނޯމޮސް
15 September 2017
ސެޓާންގެ އެންމެ ބޮޑުހަނދު ޓައިޓަން ގައި ސްކެއަރ ޓައިޕަށް އިން ގޮޅިއެއް އެބަފެނެއެވެ. އަދި ދުނިޔޭގެ ޖައްވުން ނޫކުލަ ފެންނަނީ ކަނޑުތަކުން އެޅޭދަޅައިންކަން ޔަގީން ވާއިރު މާދުރުން ނޫކުލަ ފެންނަގޮތަށް ފޮޓޯތަށް އެބަފެނެއެވެ. އަދި ސެޓާންގެ ރިންގްތަކުން ދަނބުކުލަ ފެންނައިރާ އޮރެންޖް ކުލަވެސް އެބަޖެހެއެވެ. އަދި ރިންގްތައް ފޫއަޅުވާފައި ވަނުމަކީ ކިހާފަސޭހަކަމެއްތޯވެސް އެބަސުވާލު އުފެދެއެވެ. ރިންގެއްގެ އެންމް ސްޓޯންއެއްގައި ޖެހުނަސް ފުނޑުވެގެން ދާނެކަމަށް ލަފާކުރެވެއެވެ. ވަކިހިސާބަކުން އެޑިޓިންގް ބޭނުން ކުރީތޯވެސް އެބަހީތަށް އުފެދެއެވެ. އަދި އޭގެ ދަތުރުގައި ސެޓާން އާކައިރި ނުވަނީސް ދުނިޔޭގެ އެއްވެސް ފޮޓޯއެއް ނުނެގިވީ ކީޢްވެތޯއެވެ. އުދުހުމުގެ ތެރޭގައި ފޮޓޯނަގާ އެއްޗަކުން ދުރުދަތުރު ގެ ތެރޭގައި ނެގޭނެ ފޮޓޯތަކެއް ނެތްކަމީ ދެރަކަމެކެވެ. ދުނިޔޭގެ އޯބިޓުން ދުރުން ނަގާ ފޮޓޯތަކުން ފެންނަނީ ފޭޑްލައިން ތަކެެވެ. ނަމަވެސް ސެޓާންގެ ލައިންތައް ޝާޕްވެފަ އެހުންނަނީ ކީޢްވެތޯއެވެ.
ޙެހެ
15 September 2017
ސެޓާން ގެ ރިންގު ގަ ހުންނަނީ ގަނޑުފެން. އެއީ ތި ހީކުރެއްވި ގޮތަށް އެހާ ކާރިކާރީގަ ހުންނަ ގަނޑުފެން ތަކެއް ނޫން. މާލެއިން އައްޑުއާ ދެމެދު ހުންނަ ދުރުމިން ބައެއް ދެ ގަނޑުފެންގަނޑު ދޭތެރޭ ހުރޭ.
ފޮޓޯޝޮޕް
15 September 2017
އަސްލު ފޮޓޯތަކަކީ ބްލެކް ނ ވައިޓް ފޮޓޯ، ކުލަ ޖައްސާފައިވަނީ ބަލާލަން ރީތިވާގޮތަށް، އަދި އަސްލު އިންނާނެހެން ހީވާކަހަލަ ގޮތަކަށް، އިންސާނުންގެ ލޮލަށް ނުފެންނަ ގިނަ ކުލަތައް އާރޓިސްޓުން ގެ ހިޔާލުން ކުލަޖައްސާލަނީ، މީގެ އަސްލު ފޮޓޯތަށް ނާސާ ވެބްސައިޓުން ފެންނާނެ،
ބިލް
17 September 2017
އުޑުގަ ނޫކުލަ ޖެހިފަ ހުރީ ކަނޑުގެ ދަޅައަކުން ނޫން. ތިއުޅެނީ ކޮން ގަރުނެއްގެ ފޮތްތަކެއް ކިޔައިގެން ބާ؟