15 ސެޕްޓެމްބަރ 2017 - 07:07
ރާއްޖޭ ގަޑިން މިއަދު ހަވީރު 3:30 އާއި 5:00 އާ ދެމެދު، ދުނިޔެއާ 1.4 ބިލިއަން ކިލޯމީޓަރު ދުރުގައި، ސައިންސްގެ ވަރަށް ކާމިޔާބު ދަތުރެއް ނިމުމަކަށް އަންނާނެ އެވެ. ސެޓާންގެ އެޓްމޮސްފިއާގެ ގޭސްތަކުގެ ތެރޭގައި، ވިރިގެން ދާނީ އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީއެސްއޭ) ގުޅިގެން ކުރިއަށް ގެންދިޔަ ކެސީނީ ޕްރޮޖެކްޓްގެ މައި އުޅަނދު، ކެސީނީ އެވެ.
މިއީ ސައިންސްގެ ވަރަށް ލޯބި ވާހަކައެއްގެ ނިމުމެވެ. އެ ނިންމުން އަންނަނީ ވެސް އެހާމެ ތަފާތު ގޮތަކަށެވެ. ސައިންސްވެރިން ބޭނުން ނަމަ ޖައްވުގެ ތެރެއަށް އޭގެ ޒާތުގައި ވާނެ އެއްޗެއް ވާން ކެސީނީ ދޫކޮށްލެވިދާނެ އެވެ. އެކަމަކު އެހެން ހަދައިފި ނަމަ ކުރިމަގުގެ އަގުހުރި އެތައް ދިރާސާތަކަކަށް ހުރަސް އެޅިދާނެތީ، ކެސީނީ ޕްރޮޖެކްޓްގެ ބައިވެރިން ނިންމީ ސެޓާންގެ އެޓްމޮސްފިއާގެ ތެރެއަށް ވައްޓާލާށެވެ.
ސައިންސްވެރިން ބުނާ ގޮތުގައި ކެސީނީ ދޫކޮށްލައިފި ނަމަ ސެޓާންގެ މުހިންމު ހަނދުތައް ކަމަށް ވާ ޓައިޓަން ނުވަތަ އެންސެލަޑޫސް އަށް ވެއްޓި އެތަންތަނުގެ ތިމާވެށި ގަޑުބަޑުކޮށްފާނެ އެވެ.
ކެސީނީން ނަގާފައިވާ ސެޓާންގެ މި ފޮޓޯ އިން އެ ފެންނަނީ ޕްލެނެޓްގެ ނޯތު ޕޯލް: މި ސަރަހައްދުގައި ވަރަށް ބިޔަ ތޫފާންތައް އުފެދިފައިވާ ކަމަށް ސައިންސްވެރިން ބުނޭ
އެންސެލަޑޫސްއާ މެދު ސައިންސްވެރިން ވަރަށް ބޮޑު އުއްމީދެއް ކުރެ އެވެ. ކެސީނީން ނެގި ފޮޓޯތަކުން އެ ހަނދުގެ ސައުތު ޕޯލް ސަރަހައްދުގައި ހުރި ވަޅުތަކުން މައްޗަށް ފެން އަރާ ތަން ފެނުނެވެ. މިހާރު ބެލެވޭ ގޮތުގައި އެގޮތަށް ފެން ބޭރުކުރަނީ ހަނދުގެ ހަރު ފަށަލައިގެ އަޑީގައި ދެމިގެން ދާ ފުން ކަނޑުންނެވެ.
ދިރުން އުފެދޭ ނަމަ ފެނަކީ އެންމެ މައިގަނޑު އަސާސް އެވެ. އެހެންކަމުން އެންސެލަޑޫސްގެ ތިމާވެށި ދިރާސާކުރަން މުސްތަގުބަލުގައި ހާއްސަ އުޅަނދުތަކެއް ފޮނުވުމުގެ ކުރިން ދުނިޔޭގެ އެހެން އެއްޗަކުން އެ ހަނދަށް އެއްވެސް ކަހަލަ ތަގައްޔަރުކަމެއް ގެންނާކަށް ނާސާ އިން ބޭނުމެއް ނުވެ އެވެ.
ދުނިޔޭގައި ގާއިމްކޮށްފައިވާ ކޮންޓްރޯލް ރޫމުގެ ބާރުގެ ދަށުން ކެސީނީ ނެއްޓުމުގެ ކުރިން ސެޓާންގެ އެޓްމޮސްފިއާގެ ތެރޭގައި އެ އުޅަނދު ވިރުވާލަން ސައިންސްވެރިން ނިންމީ އެ ފަދަ ނުރައްކަލަކުން ސަލާމަތް ވާށެވެ.
އެމެރިކާގެ ޖައްވީ އުޅަނދު ކެސީނީން ނަގާފައިވާ މި ފޮޓޯ އިން އެ ފެންނަނީ ސެޓާންގެ ހަނދު، އެންސެލަޑޫސްގެ ގަނޑުފެނުގެ ފަށަލަ
ކެސީނީ އުޅަނދުގެ އެންމެ ފަހުގެ މަސައްކަތަކަށް މިއަދު ވާނީ، ސެޓާންގެ އެޓްމޮސްފިއާގައި ހިމެނޭ މާއްދާތަކުގެ މައުލޫމާތު ފޮނުވުމެވެ. އެކަމަކު އެއީ އޭގެ އެންޓަނާ ދުނިޔެއާ އަމާޒުވެފައި ހުންނާނެ ކުޑަ ވަގުތުކޮޅުގެ ތެރޭގަ އެވެ. އެ ހާލަތުގައި ވެސް ލިބޭ މައުލޫމާތު ވާނީ ސައިންސްވެރިންނަށް ރަނަކަށެވެ.
މީގެ ކުރިން އިންސާނީ އެއްވެސް އުފެއްދުމެއް ސެޓާންގެ އެ ސަރަހައްދަށް ދަތުރުކޮށްފައެއް ނުވެ އެވެ.
ދުނިޔެ ނިސްބަތްވާ އިރުގެ ނިޒާމުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް ޕްލެނެޓް، ސެޓާން އާއި އޭގެ ހަނދުތަކާ ބެހޭ އެތައް ހާސް ދިރާސާތަކެއް ކުރުމުގައި ކެސީނީ ވަނީ ގާތްގަނޑަކަށް 13 އަހަރު ހޭދަކޮށްފަ އެވެ. މިއީ މަޝްރޫއު އެކުލަވާލި އިރު ސައިންސްވެރިން ކަނޑައެޅި އަމާޒަށް ވުރެ ވެސް ދިގު މުއްދަތެކެވެ.
ނާސާ އާއި އީއެސްއޭ އިން 3.9 ބިލިއަން ޑޮލަރު ހޭދަކޮށްގެން ހިންގި މަޝްރޫއުގައި، އޮކްޓޯބަރު 15، 1997 ގައި ކެސީނީ އުދުއްސާލީ، އީއެސްއޭ އިން ތައްޔާރުކުރި ކުޑަ އެހެން އުޅަނދެއް ކަމަށްވާ ހައިގެންސް، އޭގެ ތެރޭގައި ގުޅުވާލައިފަ އެވެ.
ހައިގެންސްގެ ބޭނުމަކީ ސެޓާންގެ އެންމެ ބޮޑު ހަނދު ކަމަށްވާ ޓައިޓަންގެ ބިމަށް ތިރިކުރުމެވެ. ޑިސެމްބަރު 24، 2004 ގައި ކެސީނީން އެ ދޫކޮށްލުމާ އެކު ޓައިޓަންއާ ދިމާއަށް ދަތުރުކޮށް ބިމަށް ތިރިކުރީ ޖެނުއަރީ 14، 2005 ގަ އެވެ.
ހައިގެންސް ވަނީ ޓައިޓަންގެ ބިމާއި އެޓްމޮސްފިއާއާ ބެހޭ އެތައް މައުލޫމާތެއް ސައިންސްވެރިންނަށް ފޯރުކޮށްދީފަ އެވެ.
ކެސީނީގެ ހިތްގައިމު ދަތުރުގެ އެންމެ ފަހު ފަސް މަސް ދުވަސް ހޭދަކުރީ ވެސް މީގެ ކުރިން އިންސާނުން އުފެއްދި އުޅަނދަކަށް ނުކުރެވޭ ވަރުގެ މަސައްކަތްތަކެއްގަ އެވެ. ސެޓާން އާއި އޭގެ ރީތި ރިންގްތަކުގެ ދެމެދަށް 22 ފަހަރު ކެސީނީ ވަނީ ވަދެފަ އެވެ. އެ ޑައިވްތައް ކުރީ ޕްލެނެޓާއި ރިންގުތަކާ ދެމެދު އޮންނަ 2،000 ކިލޯމީޓަރުގެ ސަރަހައްދަށެވެ. މީގެ ކުރިން ރިންގްތަކާ ބެހޭ ގޮތުން ސައިންސްވެރިންނަށް ލިބިފައިނުވާ އެތައް މައުލޫމާތަކާއި އެތައް ހާސް ފޮޓޯތަކެއް، އެއިން ކޮންމެ ހުރަސްކުރުމެއްގައި، ދުނިޔެއަށް ފޮނުވި އެވެ.
- 4.9 ބިލިއަން: ދަތުރުގައި ހުރަސް ކުރި ރާސްތާ
- 294: ސެޓާން ވަށައިގެން ޖެހި ފުރިހަމަ ބުރު
- 3،948: ޝާއިއުކުރި ސައިންސް ކަރުދާސް
- 453،048: ދުނިޔެއަށް ފޮނުވި ފޮޓޯ
- 5،000: މުޅި މަޝްރޫއުގައި މަސައްކަތްކުރި މީހުން
- 27: މަޝްރޫއުގައި ބައިވެރިވި ގައުމުތައް
- 3.9 ބިލިއަން: މަޝްރޫއުގެ އަގު
ހުރިހާ ވެސް ސިއްރަކީ 1977 ގައި ޖައްވަށް ފޮނުވާލި ނާސާގެ ވޮޔަޖާ 1 އުޅަނދެވެ. ސެޓާންގެ އެންމެ ކައިރި ފޮޓޯއެއް އޭރު އިންސާނުންނަށް ގެނެސްދިނީ އެ އުޅަނދެވެ. އެގޮތުން 1980 ގައި ފޮނުވި ފޮޓޯ އިން ފެނުނީ ގޭހުގެ އެ ބޮޑު ޕްލެނެޓްގެ ހިތްގައިމުކަމެވެ. އެހާ ހިސާބުން ސައިންސްވެރިންގެ ސިކުނޑީގައި އެނބުރެން ފެށީ ހަމައެކަނި ސެޓާންގެ ދިރާސާތަކަށް ހާއްސަ މަޝްރޫއުއެއް ހިންގުމުގެ ޚިޔާލުތަކެވެ.
"ވޮޔަޖާސް އިން އަހަރެމެންނަށް އަސްލު ގެނެސްދިން ސެޓާންގެ ވަރަށް ހިތްގައިމު ތަސްވީރެއް. އެއީ ވަރަށް ރީތި އަދި އެހާމެ ބޮޑު ގޭސް ޕްލެނެޓެއް،" ނާސާގެ ޕްލެނެޓްތަކާ ބެހޭ ސައިންސް ބައިގެ ޑިރެކްޓަރު ޖިމް ގްރީން ވިދާޅުވި އެވެ.
މަޝްރޫއުގެ މަސައްކަތް 1983 ހިސާބުގައި ފެށި ނަމަވެސް އެމެރިކާގެ ސިޔާސީ ބަދަލުތަކުގެ އަސަރު މަޝްރޫއުއަށް ކުރި އެވެ.
ނާސާ އަށް އޮތީ ސެޓާންގެ ވަށައިގެން ދަތުރުކުރާ އުޅަނދު ކެސީނީ ތަރައްގީކުރުމެވެ. އީއެސްއޭ ހަވާލުވީ ޓައިޓަންގެ ބިމަށް ތިރިކުރާ އުޅަނދުގެ މަސައްކަތާ އެވެ.
އެމެރިކާގެ އުޅަނދަށް ނަން ދިނީ، އިޓަލީ އަދި ފްރާންސްގެ ސައިންސްވެރިޔާ ޖުވާނީ ޑޮމޭނިކޯ ކަސީނީ އަށް ނިސްބަތްކޮށެވެ. ސަތާރަ ވަނަ ގަރުނުގައި އުޅުއްވި މި ސައިންސްވެރިޔާ ވަނީ ސެޓާންގެ ބައެއް ހަނދުތަކާއި ރިންގްތައް ހޯއްދަވައިފަ އެވެ.
އީއެސްއޭ އިން ހައިގެންސްގެ ނަން ދިނީ، 17 ވަނަ ގަރުނުގެ ސައިންސްވެރިޔާ އަދި ޓައިޓަން ހޯއްދެވި ނެދަލެންޑްސްގެ ކްރިސްޓިއާން ހައިގެންސްގެ ނަމާ ގުޅުވައިގެންނެވެ.
ކެސީނީން ނަގާފައިވާ ސެޓާންގެ ރިންގްތަކުގެ ފޮޓޯއެއް: ރިންގްތަކާ ބެހޭ ގޮތުން ކުރިން ނޭނގޭ އެތައް މައުލޫމާތެއް އެ އުޅަނދުން ފޯރުކޮށްދިން
ކެސީނީގެ މަޝްރޫއުއަށް އެންމެ ބޮޑު ފިއްތުމެއް ކުރިމަތިވީ 1993 ގައި އެމެރިކާގެ ކޮންގްރެސް ތެރެއިންނެވެ. އެ މަޝްރޫއު ހުއްޓާލާނެކަމުގެ އިންޒާރު ވެސް ކޮންގްރެސް އިން ނާސާ އަށް ދިނެވެ. އެހާ ހިސާބުން އީއެސްއޭގެ އިސް ބައެއް ވެރިން އެމެރިކާގެ ނައިބު ރައީސް އަލް ގޯ ކަަހަލަ ބޭފުޅުންނަށް ސިޓީ ފޮނުވި އެވެ. އެމެރިކާ އާއި ޔޫރަޕް ގުޅިގެން ހިންގާ މަޝްރޫއުއެއް ހަމައެކަނި އެމެރިކާ ބޭނުންވާ ގޮތަށް ހުއްޓާލައިފި ނަމަ ކުރިއަށް އޮތް ތަނުގައި އެމެރިކާއާ ގުޅިގެން ސައިންސްގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމާ މެދު ސުވާލު އުފެދޭނެ ކަމަށް ސިޓީގައި ފާހަގަކުރި އެވެ.
ކެސީނީ އުދުއްސާލެވޭ ގޮތް ވީ، އެ މަޝްރޫއުގައި ޔޫރަޕް ބައިވެރިވެފައި އޮތުމުން ކަމަށް، ބައެއް ސައިންސްވެރިން ބުނެ އެވެ.
މަޝްރޫއު ކުރިއަށް ގެންދަން ފުރުސަތު ލިބުނު ނަމަވެސް ބަޖެޓްގެ ބައިތަކެއް އުނިކުރުމުން ނާސާ އަށް މަޖުބޫރުވީ ކެސީނީގެ ޑިޒައިނަށް ބަދަލުގެންނާށެވެ. ކުރިން އޮތީ ފޮޓޯ ނަގާއިރު އުޅަނދުގެ ބައެއް ބައިތައް އެނބުރޭ ގޮތަށް ހަދާށެވެ. އެކަމަކު އެ ޓެކްނޮލޮޖީއަށް ބަޖެޓް ނެތުމުން އެކަން އުނިކުރީ އެވެ.
ދަތިތަކަކާ އެކު އުދުއްސާ ލެވުނު ނަމަވެސް ކެސީނީގެ ދަތުރުގެ ނިމުން މިއަދު އެ އަންނަނީ ސައިންސްގެ ދުނިޔެ ހެއްވާލައިފަ އެވެ. އޭގެ ކުރިން ސެޓާން އާއި އޭގެ ރިންގްތަކުގެ އިތުރުން ހަނދުތަކާ ބެހޭ ގޮތުން ނުހޯދޭ އެތައް ކަމެއް، ސައިންސްވެރިންނަށް ތިލަކޮށްދީފަ އެވެ. އެތައް ލައްކަ ފޮޓޯއަކުން އަލްބަމްތައް ފުރާލައިފަ އެވެ.
"މިއީ ވަރަށް އުފާވެރި ވަގުތުކޮޅެއް، ހަމައެހެން ދެރަވާ ތަންކޮޅެއް ވެސް އޮވޭ،" ކެސީނީ މަޝްރޫއުގެ ސައިންސްވެރިއެއް ކަމަށް ވާ ލިންޑާ ސްޕައިލްކާ ވިދާޅުވި އެވެ.
"މިހާރު އަސްލު ފެންނަމުން މިދަނީ ނިމޭ ބަޔަކާއި އަލުން ފެށޭ ބައެއް. ނިމެނީ މައުލޫމާތު އެއްކުރުމުގެ ބައި. ފެށެނީ ކެސިނީން ލިބުނު މައުލޫމާތާ އެކު ސައިންސްވެރިންނާއި އިންޖީނިއަރުން އެހެން މަޝްރޫއުތަކެއްގައި ޝާމިލްވުމުގެ ބައި."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަނިކް
15 September 2017
ދިވެހިންނެއް ނޫޅޭ ކެސީނީއާހެދިއެއް. މިއުޅެނީ ދިރިއުޅޭނެގޮތެއްނެތިގެން.
ބިލާލް
15 September 2017
އެއީ ކަންނޭގެ މައްސަލައަކީ. އިންސާނުން ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފަ ހުރީ އަބަދުވެސް މިކަހަލަ ހުވަފެންތައް ހަގީގަތަށް ހެދުމުގެ މަސައްކަތުގަ އުޅެނިކޮށް. ހިތުގަ އުފެދޭ ސުވާލުތަކަށް ޖަވާބު ހޯދުމަށް އުޅެނިކޮށް. މަށަށް ޔަގީން ކެސީނީ ޕްރޮޖެކްޓު ތެރޭގަވެސް ކުރަން ބޭނުން ކަންކަން ކުރާނެ ގޮތް ހޯދުމުގެ ތެރޭގައި އާއްމު ދިރިއުޅުމުގަވެސް ފައިދާ ހުރިގޮތަށް ބޭނުން ކުރެވޭނެ ޓެކްނޮލޮޖީތައް އުފެދިފަ ހުންނާނެ. އަދި ފަހުން އާންމުންގެ ތެރެއަށް އެކަންތައްތައް އަންނާނެ. ގޮދަޑީގަ ބޭނުން ކުރާ މެމަރީ ފޯމު، ލެޑް ލައިޓު، ސްމޯކް ޑިޓެކްޓަރ، ސޯލާ ޕެނެލް، ޕެނަރޮމިކް ފޮޓޯގްރަފީ، ކޯޑްލަސް ޓޫލްސް، މިއީ ހަމަ މީގެ ބައެއް މަދު މިސާލު. މިބުނި ޓެކްނޮލޮޖީ ތަކަކީ ހަމަ އެކަނި ނާސާ ގެ ތެރެއިން އައި ތަކެތި. މިނޫން އެތައް ޓެކްނޮލޮޖީއެއް ހުންނާނެ އެކިއެކި މިކަހަލަ ސެންޓަރުތަކުން އުފެދިގެން އާންމުންނާ ހަމަޔަށް އައިއްސަ.
ސަޅިބައިސާ
15 September 2017
އިންސާނުންނަށް އެއްވެސް ފައިދާއެއް ނެތް ކަންކަމުގާ ބިލިއަނުން ހަރަދުކުރަނީ. ތިއަ ކެސީނިއޯއިން ހަނދުގާ ރަނާ ރިއްސާ ޖަވާހިރު ހުރިކަން އެނގުނަސް އަދި އެތަކެތި ބޯޓަކަށް އަޅައިގެން ގެނަޔަސް އެތަކެތި މިލްކުކުރާނީ މުއްސަނދިން. އޭގެ ބަދަލުގާ ތިއަ ޕުރޮޖެކްޓަށް ހޭދަކުރި ބިލިއަން ޑޮލަރުތައް ނިކަމެތިންނަށް ހޭދަކުރިނަމަ ދުނިޔޭގައި މިހާރު އުޅޭ ފަޤީރުންގެ ދެބައިކުޅަ އެއްބައި ފުދުންތެރިވީސް.
މުއްސަނދި އަލީ
15 September 2017
އިލްމް ހޯދާ އާކަންކަން ތަޖުރިބާ ކުރުމަކީ ބޭކާރު ކަމެއް ކަމެއް ދެކޭނީ ޖާހިލުން. ދުނިޔޭގައި ފަގީރުން ހުސްނުވާނެ ޖާހިލުކަން ދުނިޔޭގައި ގިނަކަމުން.
ޙެހެ
15 September 2017
ދުނިޔޭގައި މިއުޅޭ ފަގީރުންނަށް އެ ފައިސާ ޚަރަދު ކުރީމަ ދުވަސްކޮޅަކުން ދުނިޔޭގެ އެންމެންނާ އެއް އަދަދަކަށް ފަގީރުން، އެއްކަލަ ފައިސާ ލިބުނު ފަގީރުން އުފައްދާނެކަން ނުވިސްނޭކަމަކީ މިފަދަ ޕްރޮޖެކްޓް އަކާ ގުޅޭ ކަންކަން ނޭނގޭ ކަމުގެ ހެއްކެއް.
ނަޖުދު
15 September 2017
ސައުދީ ފަދަ މުއްސަނދި މުސްލިމުގައުމުތަކުން އެފައިސާ ހޭދަކުރަނީ ހަތިޔާރުގަނަގެން އެހެން މުސްލިމުންނާދެކޮޅަށް ބޭނުންކުރުމަށާއި ބޭކާރުގޮތުގައި ނާޗަރަންގީއަށް ހޭދަކުރުމުގައެވެ. އެމެރިކާއައި ޔޫރަޕުން މިހޭދަ ކުރަނީ ސައިންސާ އިލްމަށެވެ. މިއީ ވިސްނާ ބަޔަކަށް ހުރި ހެކިތަކެކެވެ.
ލުނބޯ
15 September 2017
މިހާރު ބަޔަކައް އެބަ އެނގެއެއްނު ނާސާއިން ހަނދައް ދާން ނޫޅެނީ ކިއްވެކަން... ކުރާނެ ކަންތައްތައް ނެތިގެނެއް ނޫނޭ އެމީހުން އެއުޅެނީ....
ހައްޤު ބަސް
15 September 2017
ސައިންސް ވެރިން ބުނާ ކޮންމެ އެއްޗެއް ( އަހަރެމެންގެ ބުއްދި ނުފޯރިއަސް) ޖެހިލުމެއް ނެތި އަހަރެމެން އެބަ ޤަބޫލް ކުރަމެވެ.ވީމާ އެއް ރެއްގެ ފަޖުރުގެ ވަޤުތު މުޢްޖިޒާތެއްގެ ގޮތުގައި ( ކުޑަ ހިންދު ކޮޅެއްގެ ތެރޭގައި) މައްކާ އިން ބައިތުލް މަޤްދިޝް އަށް އަދި ބައިތުލް މަޤްދިޝް އިން އުޑުތަކަށް މާތް ﷲ ގެ ރަސޫލާ މުހައްމަދުގެ ފާނު (ޟ) ކުރެއްވި އިސްރާ އާއި މިޢުރާޖް ގެ ދަތުރު ފުޅު ކާފަރުން ނަށް ޤަބޫލް ނުކުރެވެނީ ކީއްވެ ބާއެވެ.އަހަރެމެން އެންމެން ދުނިޔާގައި ކުރާހާ ކަމެއް ލިއުއްވޭނެ ކަމަށް އަންގަވާފައިވާ އެންގެވުން ޤަބޫލް ނުކުރަނީ ކީއްވެ ބާއެވެ.އެކަމަކު ކޮމްޕިއުޓަރ ގެ ނިޒާމުން ރެކޯޑް ކުރާ ހުރިހާ ކަމެއް މޯބަލް ފޯނުން މިކުރާ ހުރިހާ ކަމެއް ހަޤީޤަތެއް ކަމަށް އަހަރެމެން މިހާރު އެބަ ޤަބޫލް ކުރަނެވެ.
ޝީޝް
15 September 2017
ބައެއް މީހުން އުޅެނީ އަބަދު އެވިޑެންސް ހޯދަންވެގެން. އެވިޑެންސް ދެއްކީމަޔޯ ގަބޫލު ކުރެވޭނީ. ކޮން އެވިޑެންސެއްްތަ. ކޮންމެ ކަމަކަށް ހެކި ބޭނުންވަންޏާ މިދުނިޔޭގަ އުޅެވޭނެތަ.
ހަމަ ބުއްދި
15 September 2017
ދުނިޔެ އާއި ދުނިޔޭގައި ވާހާ ތަކެއްޗަކީ ނެތުމުގެ ތެރެއިން ވުޖޫދުވި ތަކެތި ކަމަށް އެއްމެން ވެސް ޤަބޫލް ކުރެއެވެ.ހަމަ އެހެންމެ، ދުނިޔެ އާއި ދުނިޔޭގައި ވާހާ ތަކެއްޗެއް ނެތި ފަނާވެ ދާނެ ކަމަށް ވެސް އެއްމެން ޤަބޫލް ކުރެއެވެ.އެކަމަކު ދުނިޔޭގައި މީހުން މަރައި މީހުންގެ މުދަލަށް ގެއްލުންދީ މީހުނަށް އަނިޔާ ކޮށްފައި "ފިލާގެން" އުޅުމަށް ފަހު މަރުވެ ދިޔަ މީހުނަށާއި ދުނިޔޭގައި ހިތުހުރި ގޮތަކަށް އުޅުނު މީހުނަށް އިންސާފު ކުރާނެ ދުވަހެއް ދުނިޔޭގެ "ފަހަތުގައި" ވާނޭ ކަމަށް ޤަބޫލް ނުކުރާ މީހުން އުޅެނީ ކީއްވެ ބާއެވެ.
ބައިރޯ
15 September 2017
ދުނިއޭގެ ތިމާވެށި ތަގައްޔަރު ވިއަސް ވަރިހަމަދޯ
ގެދާނޯމޮސް
15 September 2017
ކެސީނީ ގެ މިމިޝަންއިން މުޢުމިނުންނަށް އެވަނީ ދުނިޔެއާއި މެދު ވިސްނާލުމަށް ސެޓާންގެ އޯބިޓުން ދުނިޔެއާއި ހަނދުގެ ވެލިފުކެއްވާވަރު ގެ ފޮޓޯއެއް މިބިމަށް ދޫކޮށް ދީފައެވެ. މިއަދު 15 ސެޕްޓެމްބަރުގައި ސެޓާންގެ ބިމަށް ކެސީނީ އުޅަނދު ގެ ނިމުން ދޫޚޮށް ލާއިރު ބަޔަކު ފޫހިކަމެއްނެޔި އޭގެ ބޭނުން އެވަނީ 20 އަހަރު ހޭދަކޮށްފައެވެ. ލިބިގެން ދިޔައީ އިލްމީ ގޮތުން އަގުނުކުރެވޭ ވަރުގެ އިބުރަތް ތަކެކެވެ. މުއުމިނުންނަށް ލިބުނީ ކާއިނާތުގައި މިތިބެވެނީ ކިހާކުޑަމިން ވަރެއްގެ ބިމެއްގައިކަން ހަނަދުމައިގަ ބެހެއްޓުން މީ ވިސްނާލަން ރަނގަޅު ކަމެއްނޫންތޯއެވެ.
ބިސްކަލޯ
15 September 2017
މުއުމިނުންނޭ ކިޔޭ މީހުންގެ ގިނަބަޔަކު އުޅެނީ އެކަކު އަނެކަކު މެރުމުގައި ޝާމިލުވެގެން. ސައިންސާއި ކާއިނާތާމެދު ވިސްނާނެ ވަގުތެއް ނުވޭ އެމީހުންނަކަށް.
ބިސްކާލޯ
15 September 2017
"މުއުމިނުން" މި ބަހުގެ މާނަ ނުބައިކޮށް ނުނަގާ.
ބިސްގޮއްޔެ
15 September 2017
ބިސްކަލޯ! މުޢުމިނުންނަކީ، ﷲގެ ކުޅަދުންވަންތަކަމާއިމެދު ވިސްނާބައެއް. އެކަނލާނަގެ ވަނީ ޤުރުޢާނުގައި މުޢުމިނުންގެ ސިފަތައް ބަޔާންކޮއްދެއްވާފަ. ކަލޭ މުޢުމިނުން ތިކިޔަނީ ކޮންބަޔަކައް؟ ﷲތަޢާލާގެ އުފެއްދެވުމާއި ސައިންސަކީ ތަފާތު ދެއެއްޗެއް. އިންސާނީސައިންސަކީ ޒަމާންތަކަާއި އެކުވެ ބަދަލުވާ އެއްޗެއް ސަބަބަކީ އޭގެ މައިގަނޑު އަސާސް ބިނާވަނީ ތިއަރީތަކަށް ވުމުން، ތިއަރީ އަކީ ބަދަލްވާ އެއްޗެއްކަން އަހަރުމެން އެންމެން ޤަބޫލުކުރޭ! ﷲގެ އުފެއްދެވުމުގެ "ސައިންސް" އެއީ ބަދަލްވުމެއް ނުވާއެއްޗެއް! ދުޢާ އަކީ ﷲ މަޢުރިފާކޮށް ދެނެގަތުމުގެ ބުއްދިލިބިގެންވާ ޢިލްމީ ބައެއްކަމުގައި އަޅުގަނޑުމެން އެންމެން ލެއްވުން. އަދި ފުރިހަމަ މުޢުމިނުންގޮތުގައި ނިމިދާ ބައެއްކަމުގައި އަޅުގަނޑުމެން ލެއްވުން!