ރިޕޯޓް / ސިއްހަތު

ޕްލާސްޓަރު ނައްޓާލަދޭން އާދޭސްކުރިން، މިއީ ހޮސްޕިޓަލްގެ މައްސަލައެއް: އަލަމް

އަލަމް އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި

ތ. ތިމަރަފުށީ ކައުންސިލް އިދާރާގެ ޕުރޮޖެކްޓް އޮފިސަރު، އަލަމް އައްބާސް، 23، އާންމުކޮށް ފުޓްބޯޅަ ކުޅެން ގޮހެއް ނޫޅެ އެވެ. ނަމަވެސް މި މަހުގެ ހަތް ވަނަ ދުވަހު ކުޅެން އުޅެނިކޮށް އޭނާއަށް ކުރިމަތިވީ، އިންސާނަކަށް ވަރަށް މަދުން ނޫނީ ދިމާނުވާނެ ފަދަ ނުރައްކާތެރި ސިއްހީ މައްސަލައެކެވެ؛ ކަނާތު ފައިގެ ކުޑަ ހުޅަށް ލިބުނު ގެއްލުމަކާ ގުޅިގެން އެޅި ޕްލާސްޓަރުގަނޑާ އެކު ފައިގެ އެއް ބައި ގިރުނީ އެވެ.

އޭޑީކޭ ހޮސްޕިޓަލްގައި އޮވެ، ޒުވާނާ ވަނީ އޭނާއަށް އެކަން ދިމާވި ގޮތް ކިޔައިދީފަ އެވެ.

"ފައިގައި ބޯޅަ ޖެހުނުލެއް ބާރުކަމުން ފައި ދުޅަވީ. ދެން އެދުވަހު ދިޔައީ ތިމަރަފުށީ ސިއްހީ މަރުކަޒަށް. ތަދުވާ ތަންތާ އުނގުޅާ ބޭހާއި ކާ ބޭސް ގުޅަތަކަކާ ދިން. ދުޅަވެފައި އިން ވަރު ބޮޑުކަމުން އެމީހުން ބުނީ އެކްސްރޭ ނަގާލީމައޭ ކަށްޓަށް ކަމެއް ވެފައި އިނިއްޔާ އިނގޭނީ."

އެކަމަކު ތިމަރަފުށީ ސިއްހީ މަރުކަޒުގައި އެކްސް ރޭ ނެގޭކަށް ނުހުރެ އެވެ. އެހެންކަމުން އަލަމް ގެންދިޔައީ އެ އަތޮޅު ހޮސްޕިޓަލް ހުންނަ ވޭމަންޑުއަށެވެ. އެކްސްރޭ ނެގުމަށް ފަހު ޑޮކްޓަރު ބުނީ ފައިގައި ރެނދެއް ލާފައި ހުރި ކަމަށެވެ.

"ރެނދެއް ލައިފައޭ ބުނެ ޕްލާސްޓަރު އެޅީ. ޕްލާސްޓަރު އެޅީމަ އަޅުގަނޑު އައީ ގެއަށް [ރަށަށް]. އެމީހުން ބުނީ ތިން ދުވަސް ފަހުން އަންނާށޭ ޕްލާސްޓަރު ނަގަން."

ރަށަށް ގޮސް އޭނާ ހިނގާ ބިނގާވެ ނޫޅޭ ކަމަށް ބުންޏެވެ. އަލަމް ކިޔައިދިން ގޮތުގައި ކާން ވެސް ގެންނަނީ އެނދުކައިރި އަށެވެ.

އެކަމަކު ޕްލާސްޓަރު އަޅާފައި ހުރިލެއް ބާރުކަމުން ތަދު ބޮޑުވެ، އެ ހާލުގައި އޭނާ އަށް ކެތްކުރެވުނީ ދެ ދުވަހު އެވެ.

އަލަމްގެ ފައިގެ ބައެއް ގިރިފައި

އަނެއްކާވެސް އަތޮޅު ހޮސްޕިޓަލަށް، ވޭމަންޑުއަށް ދިޔައީ އެވެ. އޭނާ ބުނާ ގޮތުގައި ޕްލާސްޓަރުގަނޑު ނައްޓައިދޭން އާދޭސްކުރުމުން ވެސް ޑޮކްޓަރު އެއްބަހެއް ނުވި އެވެ.

"ނައްޓައިދޭށޭ ބުނީމާ ބުނީ ޑޯންޓް ވޮރީއޭ، ރަނގަޅުވާނޭ. އެހެން ބުނެ އިތުރަށް ބޭސް ދިނީ. ވަރަށް ގިނައިން ބުނިން ނައްޓައިދޭށޭ. އެކަމަކު ނައްޓައެއް ނުދިން،،" އަލަމް ބުންޏެވެ.

ތަދަށް ލުޔެއް ނުލިބި އަނެއްކާވެސް އޭނާ ދިޔައީ ރަށަށެވެ. ފްލާސްޓަރުގަނޑުގެ ސަބަބުން ފައިގައި އުފެދުނު ފާރުގަނޑު ފެޅި، ދޮސްތައް ނުކުންނަން ފެށީ އަނެއް ދުވަހު އެވެ.

"އެހިސާބުން އަޅުގަނޑު [ތިމަރަފުށީ] ސިއްހީ މަރުކަޒަށް ދިޔައިމަ އެމީހުން ނައްޓައިދިނީ. އެތެރޭގައި ހުރީ ދޮސްތަކާއި އެއްޗިސް ހެދިފައި. ދެން އެމީހުން ސާފްކުރީ،" އަލަމް ބުންޏެވެ.

އޭރު ކުޑަ ހުޅާ ދިމާލުން ބޮޑު ބައެއް ވަނީ ގިރިފަ އެވެ.

އެހިސާބުން އޭނާ އަނެއްކާވެސް ވޭމަންޑޫ ހޮސްޕިޓަލަށް ދިޔަ އެވެ. އެކަމަކު ހޮސްޕިޓަލުން އިތުރު ފަރުވާ ދެވެން ނެތުމުން ފޮނުވީ ލ. ގަމުގައި ހުންނަ ސަރަހައްދީ ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުން ލަފާދިނީ އޮޕަރޭޝަން ކުރާށެވެ. ނަމަވެސް އެކޮޅުން އޮޕަރޭޝަން ނުކޮށް މާލެ އައިސް އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ދެއްކީ އެވެ.

ފާރުގަނޑު ބޮޑުކަމުން ފުރަތަމަ ހީކުރީ އެ ފައި ބުރިކޮށްލަން ޖެހޭނެ ކަމަށެވެ.

"އެކަމަކު މިހާރު އިހުސާސްވޭ ރަނގަޅުވަމުން އަންނަކަން،" އަލަމް ބުންޏެވެ.

ފަރުވާ ދިނުމުގައި އިހުމާލުވެފައި

ޕްލާސްޓަރު އަޅައިގެން ދިމާވި މިވަރުގެ ސިއްހީ މައްސަލައެއް އާންމުންނާ ހަމައަށް ތިލަވި މިއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން ވަރަށް ގިނަ ބައެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފަ އެވެ. އެކަމަކު އެ ސުވާލުތަކަށް ޖަވާބު ދޭން ރާއްޖޭގެ ބޮޑެތި ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން ބޭނުމެއް ނުވެ އެވެ. މި މައްސަލާގައި މި ވަގުތު ވާހަކަ ނުދައްކަން އެ ޑޮކްޓަރުން އެއްބަސްވެފައިވާ ކަމަށްވެ އެވެ.

ނަމަވެސް ކުރިން އޭޑީކޭގައި ސީނިއާ މެޑިކަލް އޮފިސަރެއްގެ މަގާމު ފުރުއްވި އަދި މިހާރު އަމިއްލަ ގޮތުން ބަލިމީހުންނަށް ފަރުވާ ދެއްވަމުން ގެންދަވާ ޑރ. އުސާމާ އަލީ އުމަރު ވިދާޅުވީ އަލަމްގެ ފަޔަށް އެވަރު ވެފައި އެ އޮތީ ފަރުވާ ދިނުމުގައި އިހުމާލެއް ވުމުން ކަމަށް ލަފާކުރެއްވޭ ކަމަށެވެ.

"ހަގީގަތުގައި އިންފެކްޓްވެފައި ވަނިކޮށް އެކަމަށް ފަރުވާ ނުކޮށް ކަށްޓަށް ފަރުވާ ދޭން އުޅެފައި ތި އޮތީ. އިންފެކްޓްވެފައި ވަނިކޮށް ޕްލާސްޓަރު އެޅީމަ އިތުރަށް އިންފެކްޓް ވެފައި ވާ ކަމަށް ލަފާކުރެވެނީ،" އުސާމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަމަށް ދެން ފަރުވާ ކުރަން ޖެހޭ އެއް ގޮތަކީ ހަށިގަނޑުގެ އެހެން ސަރަހައްދަކުން މަހާއި ހަން ނަގައިގެން ފައިގެ އެތަންކޮޅަށް ލެއްވުމެވެ.

ޑޮކްޓަރުން ބުނަނީ ރަނގަޅު ކުރެވޭނެ ކަމަށް

އަލަމް އަށް އޭޑީކޭ ހޮސްޕިޓަލުން މިހާރު ފަރުވާދެމުން އަންނަ އިރު އޭނާގެ ބެލެނިވެރިޔާ މުހައްމަދު އައްސަދު ބުނިގޮތުގައި އޭޑީކޭއަށް އަވަހަށް ގެނެވުމަކީ ބޮޑު ނަސީބެކެވެ. މިހާރު އޭނާގެ ފައި ރަނގަޅުކުރެވޭނެ ކަމުގެ ޔަގީންކަން ޑޮކްޓަރުން ދީފައިވާ ކަމަށް އައްސަދު ބުންޏެވެ.

އޭޑީކޭ ހޮސްޕިޓަލްގައި އޮވެ އަލަމް "މިހާރަ"އަށް އިންޓަވިއު ދެނީ -- ފޮޓޯ: އަމާނީ

"އޭޑީކޭ ހޮސްޕިޓަލުން ދެމުންދާ ފަރުވާ ވަރަށް ރަނގަޅު. އަދިވެސް ވަރަށް ބޮޑަށް އިންފެކްޝަން އެބަހުރި، އެކަމަށް އެދަނީ ފަރުވާ ކުރަމުން،" އައްސަދު ބުންނެވެ.

އެކަމަކު އަލަމްގެ ހާލަތާ ބެހޭ ގޮތުން އޭޑީކޭއިން ވަކި އެއްޗެއް ބުނާކަށް ބޭނުމެއް ނުވެ އެވެ.

އަލަމް ގަބޫލުކުރަނީ އޭނާގެ ފައި އެ ހާލަތަށް ދިޔައީ ފައިގައި ރިއްސަން ފެށުމުން ތ. އަތޮޅު ހޮސްޕިޓަލުން ޕްލާސްޓަރުގަނޑު ނައްޓައިނުދިނުމުން ކަމަށެވެ.

"އެމީހުންގެ މައްސަލަ މިއީ. [ޕްލާސްޓަރު] ނަގައިދޭން ޖެހޭނެ ދެއްތޯ. ތަދުވާވަރުން މި ދިޔައީ، ކެތް ނުކުރެވޭވަރުން،" އަލަމް ބުންޏެވެ.

ތ. އަތޮޅު އެ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ޒަކީ ވިދާޅުވީ އެ ހާދިސާ އެގޮތަށް ހިނގުމުން ހިތާމަކުރައްވާ ކަމަށެވެ. ނަމަވެސް އަލަމްގެ މައްސަލާގައި އެ ހޮސްޕިޓަލްގެ އިހުމާލެއް އޮތް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

."ޕްލާސްޓަރު އެޅި ފަހުން [އަލަމް] މޫދަށް އެރުނޭ ވެސް ބުނޭ. އަދި މާ ގިނައިން ހިނގި ކަމަށް ވެސް އެބަ ބުނޭ. އެކަމުގައި ހޮސްޕިޓަލުގެ އިހުމާލެއް ވާކަމަށް ގަބޫލެއްނުކުރެވޭ،" ޒަކީ ވިދާޅުވި އެވެ.

އެކަމަކު އަލަމް އެ ވާހަކަތައް ދޮގުކުރެ އެވެ. އޭނާ ބުނީ ޕްލާސްޓަރު އެޅި ފަހުން އޭނާ އޮތީ ގޭގައި ކަމަށެވެ.

އަލަމް ވޭތުކުރަމުން އަންނަ އުނދަގޫ މި ދަނޑިވަޅުގައި އޭނާ އަށް މިހާރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފައި ބުރިކޮށްލަން ނުޖެހި ސަލާމަތް ވާނެކަމުގެ އުއްމީދު ޑޮކްޓަރުންގެ ފަރާތުން ލިބުމެވެ. ނަމަވެސް ތ. އަތޮޅު ހޮސްޕިޓަލްގެ އިހުމާލް އޭނާގެ ހަނދާނުން ފޮހެވޭނެ ކަމަކަށެއް ނުބެލެވެ އެވެ.

47 ކޮމެންޓް, 458 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 81%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނުކުޅޭ ސޮރު

21 September 2017

ސްޕޯޓްސް އަކީ ސިއްހަތު ރަންގަޅު ވާކަމެއްތޯ ނޫނީހަލާކު ވާކަމެއްތޯ

The name is already taken The name is available. Register?

ހުއްބުލްވަތަން

19 September 2017

އަޑުއަހާ ގޮތުގައި ޑޮކްޓަރުންނާއި ޓީޗަރުން ގެނައުމުގައިވެސް ކޮރޮޕްޝަންގެ މައްސަލަތައް ހިމެނޭ. މިވެރިން ކޮންމެ ކަމެއްގައިވެސް ކޮރޮޕްޝަން ބައިވެރިކުރާކުރުން ވަރަށް ހަރުކަށި އިބާރާތުން ކުއްވެރިކުރަން.

The name is already taken The name is available. Register?

ހައިރާން

19 September 2017

އަހަރެން ޕްލާސްޓަރު އަތުގެ އަތްތިލާގަޔާއި އުޅޮބޮށްޓާއި ހަމައަށް އަޅައިގެން ވޮލީ ކުޅޭ މޫދަށް ގޮސް ހެދިން. އަޖައިބެއް؟ ކާކުތަ ޕްލާސްޓަރު އަޅައިގެން މޫދަށް ދާނީ؟ ދެން ހިގާ ބިގާވެ އުޅެދާނެ ކަމަށް ގަބޫލު ކުރެވޭ، މަޑުން ނުހުރެވިގެން. އާއްމުކޮށް ފިރިހެނުން. އަމިއްލަ ކުށް ގަބޫލު ނުކޮށް، ކުށް ފޮރުވަން ދޮގު ހަދާ މީހުން ދެކެ ވަރަށް ވަރަށް ރުޅިއާދޭ.

The name is already taken The name is available. Register?

އިބޫ

18 September 2017

ޔާﷲ އާލަމް ގެ ފަޔަށް ރަނގޅާު އަވސް ޝިފާ މެދުވެރި ކުރައްވާށި.... މި ރަށްރަށުގައި މި ބައިތިއްބަނީ އަޅޭ އެލްބޯޑު ޑރ އިންތަ؟؟

The name is already taken The name is available. Register?

އަތްފުނާ

18 September 2017

އަލަމް އެ ކިޔައިދިނީ ހަގީގަަތަށް އެކަންވީގޮތް.އާންމުކޮށް ރައްރަށުގައި ޑޮކްޓަރުންނޭ ކިޔާމިހުންނަކީ މާލެގެ ބައެއް ހޮސްޕިޓަލްތަކުގައި އަތް ގާތްކޮށްދެން އުޅެފައިގޮސް ޑޮކުޓަރުންނޭ ކިޔައިގެން އެޅޭ މީހުން.ރަނގަޅަ ކޯސްވެސް ފުރިހަމަ ނުކޮށް ދޫކޮށްލައިފަ ތިބޭ މިހުން.މިމައްސަލާގައި މޮޅުކަމަށް ދައުވާ ކުރާ ޑޮކުޓަރުން އެއްޗެކޭ ބުނަން ޖެހޭނޭ އަދި ހަނު ހުންނާނަމަ އެފަދަ ޑޮކުޓަރުން އެކަށިގެންވާ ބާރެއް ބޭނުން ކޮށްގެން އެ ހަނުހުރުން ކަނޑާލަންވީ.އަލަމް ރަނގަޅުވީމަ އިހުމާލުވި ޑޮކްޓަރާ އަދި ނަރުހުންނާ ދެކޮޅަށް ދައުވާ ކުރަންވީ އަދި ތިކަމުގައި ރައްޔިތުން ތިބޭނީ އަލަމްއާ އެއްކޮޅަށް

The name is already taken The name is available. Register?

ޕިންކީ

18 September 2017

އެބުނީނު ހޮސްޕިޓަލްގެ އިހުމާލެއް ނެތޭ.. އެހެންވީމަ ކުއްވެރި ވާނީ އަލަމް އަރައިގެން ހުރި ބޫޓު ދޯ.. ނޫނީ ކުޅެން އުޅުނު ދަނޑު ކަންނޭގެ.. ބޯ ހަލާކު.. ??

The name is already taken The name is available. Register?

ބުޝްރީ

18 September 2017

ތ. އަތޮޅު ހޮސްޕިޓަލް ހުރުން އެންމެ މުހިންމީ އާބާދީ މަދު ވޭމަންޑޫ ގަތޯ އާބާދީ ބޮޑު ތިމަރަފުށީ ގަތޯ މިވެސް ހަމަ އުފެދޭ ސުވާލެއް ؟ ދުއާ އަކީ އަލަމް އަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން.

The name is already taken The name is available. Register?

ބޭބެ

18 September 2017

.މަޤާމަށްް އެކަށީީގެންް ނުވާ މީހުންް އައްޔަނު ކުރީމާ ވާނީީ ތިިހެންް. އިތުރު މީހަކަށްް އަނިިޔާއެއްް ނުދޭނިިސް ޑޮޮނުޓަރު ބޭރުކުރޭ..

The name is already taken The name is available. Register?

ބަލާކަށެއް ނުހުންނާނަން

18 September 2017

އަހަރެން މީ އަލަމް ނަމަ ކެތްނުކުރެވޭ ހާލަތަށް ދިޔައިމަ އަމިއްލައަށް ޕްލާސްޓަރު ކޮށާލީމުސް ދެން ފަހުން ވާނެ ގޮތެއް މޮޅަށް ދެނެވޮޑިގެންވާނީ މާތްﷲ، އަލަމްގެ ފައި ރަންގަޅު ވަމުން އަންނާތީ އެކަމާ އުފާކުރަން، އަލަމް ބަލި އެނދުގެ އޮވެގެން ވެސް މާތްﷲ އަށް ޝުކުރު ދަންނަވާތި، އިރާދަކުރެއްވިއްޔާ ރަނގަޅުވެ އާދައިގެ މަތިން ދިރިއުޅުމައިގެން ކުރިއަށް ދެވޭނެ

The name is already taken The name is available. Register?

ދަންތުރަ

18 September 2017

ކެތް ނުކުރެވިގެންކަމަށް ބުނެ ބަލިމީހާ އެތައްސަކުވާއެއްކޮށް އެދުމުން އެތަން ޑޮކްޓަރަށް ބަލާނުލެވުނީ ކީއްވެތޯ؟؟/ އެއީ އެއްދުވަހަކުން ދެދުވަހަކުން ވާނެ ވަރެއްނޫން، އެޑޮކްޓަރާމެދު ހަރުކަށިފިޔަވަޅު އެޅެންވާނެ، ބޭރުމީހެއްނަމަ އެނާގެ ފާސް އެއީ ސައްހަ ފާހެއްތޯ ބަލާއި ތަހްގީގެއްކުރެވެން ޖެހޭނެ. އެބައުޅޭ ދަސްކުރާ ނަރުހުން ފާޑުގެ ޑޮކްޓަރުންވެސް ޜާއްޖޭގައި އުޅޭ ޑޮކްޓަރުންގެ ނަމުގައި އައިސް. މިކަން ބަލަންޖެހޭނެ. ރާއްޖެއަކީ ބޭރު ދަސްކުރާ ޑޮކްތަރުންގެ ތަހްލީލުކުރާ މަރުކަޒެއްނޫން. ތިޔަ ޑޮކްޓަރު ރަށުން ބޭރުވެސް ކުރަންވީ؟؟؟ މެޑިކަލް ނެގްލިޖެންސް އާބެހޭ ގާނޫނެއް ފާސްކޮށްލަދީބަލަ ރައީސް އަށް މިދަންނަނީ.

The name is already taken The name is available. Register?

އަހުން

18 September 2017

މީހަމަ ދަސްކުރާ ތަނެއް، މިތާ އުޅޭ ދަސްކުރާ ޑަކްޓަރުން އުޅޭނީ އަބަދުވެސް އެކަކަށްވުރެން ގިނައިން އަނެކަކު އޮޕަރޭޝަންތައް ކުރެވޭތޯ، ސެޓުފިކެޓު ރީތިކުރަން، ޚާއްސަކޮށް މާބަނޑު އަންހެނުން މިތާ މިއުޅޭ މީހުނަށް ދެއްކުން ބިރުބޮޑު، އެކަމަކު ކީއްކުރާނީ ދޯ، ފުރައިގެން ރަނގަޅު ފަރުވާލިބެންއޮތް ހިސާބަކަށް ދެވޭނީވެސް މަޖްލިސް މެމްބަރުންނާ ފައިސާގޯނި އުފުލާ މީހުނާ މިފަދަ ދޮޅަހަކަށް މީހުނަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454