ގާސިމް ސިންގަޕޫރަށް ގެންދިއުމަށްޓަކައި ފުރޮޅުލީ ގޮނޑިއެެއްގައި: ގާސިމްގެ ފަރުވާ މުއްދަތު އިތުރުކުރަން ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފައި
27 ސެޕްޓެމްބަރ 2017 - 21:30
ސިންގަޕޫރުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބޭރުގައި ހުންނެވުމުގެ މުއްދަތު އިތުރު ކުރުމުގެ އަމުރަކަށް އެދި އޭނާގެ ފަރާތުން ހުށަހެޅި މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ސިވިލް ކޯޓުން ހަމަޖައްސައިފި އެވެ.
ތިން އަހަރުގެ ޖަލު ހުކުމެއް އައިސްފައި ވަނިކޮށް، ގާސިމް ސިންގަޕޫރަށް ވަޑައިގަތުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދިނީ އޭނާގެ ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށެވެ. ފުރަތަމަ ދިން 10 ދުވަސް ހަމަވުމުން އިތުރު 10 ދުވަސް ދިނުމަށް ފަހު ކަރެކްޝަންސް އިން އެންގީ ގާސިމް އަނބުރާ ރާއްޖެ ވަޑައިގަތުމަށެވެ.
އެކަމަކު ރާއްޖެ ވަޑައިގަތުމަށް ސިންގަޕޫރުގެ އެއާޕޯޓަށް ވަޑައިގަތުމުން، ގާސިމްގެ ސިއްހީ ހާލަތު ހުރިގޮތުން މަތިންދާބޯޓަށް ގާސިމް އަރުވަން ސިންގަޕޯ އެއާލައިންސް އިން ދެކޮޅު ހަދާފައިވާ ކަމަށް ގާސިމްގެ ފަރާތުން ވަނީ ބުނެފަ އެވެ. ގާސިމްގެ ފަރުވާ އަށް ސިންގަޕޫރުގައި ހުންނެވުމަށް އިތުރު ފަސް ދުވަސް ކަރެކްޝަންސް އިން މިހާރު ވަނީ ދީފަ އެވެ.
ގާސިމް ބޭރުގައި ހުންނެވުމުގެ މުއްދަތު އިތުރުކޮށް ދިނުމަށް އެދި އޭނާގެ ވަކީލުން ހުުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ ސިވިލް ކޯޓުގައި ބާއްވާއިރު، އެއީ ޝަރީއަތް ފެށުމުގެ ކުރިން، ސުލްހަވެރި ހައްލެއް ލިބޭތޯ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަންގައި ބާއްވާ އަޑުއެހުމެކެވެ. މައްސަލަައިގެ ޝަރީއަތް ހިންގާނީ އެ މަރުހަލާއިން ހައްލެއް ނުލިބިއްޖެ ނަމަ އެވެ.
އެ މައްސަލާގައި ގާސިމްގެ ފަރާތުން އެދިފައި ވަނީ އޭނާއަށް ދަތުރު ކުރުމުގެ ހުއްދަ ލިބެންދެން ބޭސްފަރުވާގެ މުއްދަތު އިތުރުކޮށް ދިނުމަށެވެ.
ގާސިމްގެ ހިތުގެ އޮޕަރޭޝަނެއް މިދިޔަ ހަފުތާގައި ސިންގަޕޫރުގައި ކޮށްފައިވާއިރު، އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް އެ ގައުމުގައި މަޑުކުރަން ޑޮކްޓަރުން އޮތީ އަންގައިފަ އެވެ.
ގާސިމްގެ ފަރުވާގެ މުއްދަތު އިތުރުކުރަން ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތް މާދަމާ ފަށާއިރު، ގާސިމް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި، ގާސިމް ފަރުވާއަށް ބޭރަށް ފޮނުވަން އަންގާފައި އޮތް ބައި އެޓާނީ ޖެނެރަލްގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާވެލާވެލި
28 September 2017
އެމީހުންގެނައި ޑިމޮކްރެސީގެ ސަބަބުން ޢާއްމު މީހާ އޮންނަންޖެހޭ ކޮންމެ ގޮޅިއެއްގައި އެ މީހުންނަށްވެސް ޖެހޭނީ ތިބެވެން. މީ ނޫންތަ އޭގެ މާނައަކީ؟
ދޮން އާމިރު
28 September 2017
މީ އަސްލު މިގައުމު މިހާލަތަށް ވައްޓާލި މޭސްތިރި.
އިސްމާއިލް ނަސީމް
28 September 2017
ދެން އަވަހައް ވަޑައިންނަވާ. ކުޑަގޮޅިއަކީ އެހާގޯސް ތަނެއް ނޫނޭ!