07 އޮކްޓޯބަރ 2017 - 09:25
ލަންޑަން (އޮކްޓޯބަރު 7) – ކްލަބް ފުޓްބޯޅަ ސީޒަނުގެ ތެރޭގައި އަންނަ އިންޓަނޭޝަނަލް ބްރޭކުގެ މުއްދަތު އިތުރުކޮށް، އަދަދު މަދުކުރަން ފީފާ އިން ވިސްނަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ކްލަބް ފުޓްބޯޅަ އާއި ބައިނަލްއަގްވާމީ ފުޓްބޯޅަ އަށް ހަމަހަމަ އުސޫލެއް ގެންނަން ފީފާ އިން ބޭނުންވާއިރު އެ އިދާރާ އިން މިހާރު އަންނަނީ މިކަމާ މެދު ހިޔާލު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މިހާރު ކްލަބް ފުޓްބޯޅަ ސީޒަނެއްގައި ބައިނަލްއަގްވާމީ ފުޓްބޯޅަ އަށް ދެ ހަފުތާގެ މުއްދަތަށް ހަތަރު ފަހަރަށް ސީޒަން މެދުކަނޑާލަ އެވެ. މި ސީޒަނުގައި މިހާތަނަށް އެއް ބްރޭކް އައިސްފައިވާއިރު މިހާރު ކުރިއަށް ދަނީ ދެ ވަނަ ބްރޭކެވެ. އަދި ނޮވެމްބަރު މަހާއި މާޗު މަހު ވެސް ބްރޭކް އަންނާނެ އެވެ.
ބައިނަލްއަގްވާމީ ފުޓްބޯޅަ އަށް ކްލަބް ފުޓްބޯޅަ މެދުކަނޑާލުމުން ކްލަބްތަކުގެ ފޯމަށް އަސަރުކުރެ އެވެ. ފުލް ޓީމާ އެކު ޓްރެއިނިން ނުކުރެވުމުގެ އިތުރުން އަނިޔާގެ މައްސަލަތައް ވެސް ދިމާވެ އެވެ. މީގެ އިތުރުން ދެކުނު އެމެރިކާ ބައްރުގައި މެޗުތައް ކުޅުމަށް ފަހު އެނބުރި ޔޫރަޕަށް އައުމަށް ކުޅުންތެރިން ދިގު ދަތުރުތަކެއް ކުރަން ޖެހުމަކީ ވެސް ކަންބޮޑުވުމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy