ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

ޕްރެޝަރެއް ނެތުމުން ނިޒާމްބެ ހުރީ އިތުބާރާ އެކު

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ދ. ކުޑަހުވަދޫއާ ދެކޮޅަށް ނުކުންނައިރު އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މަގާމުގެ ޕްރެޝަރެއް ނެތި މުޅި ޓީމުން އޭނާ އަށް ކުރާ އިތުބާރު ކަމަށް އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅުވެ ރަނގަޅު ފޯމެއްގައި އޮތް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

މިއީ ޓީސީ ފުރަތަމަ ޑިވިޝަންގައ ވާދަކުރާ ތިން ވަނަ އަހަރެވެ. މިދިޔަ ދެ އަހަރު އެ ޓީމު ވަނީ ލީގުގެ ދެ ވަނަ ހޯދައިފަ އެވެ. ފޯމެޓަށް ގެނައި ބަދަލާ އެކު މި ފަހަރު ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބުނީ ކުރީގެ ފުރަތަމަ ޑިވިޝަން ޓީމުތަކުގެ މެދުގައި ކުޅެވުނު މާލޭ ލީގުގެ ގަދަ ހަތަރަކަށެވެ. ގަދަ ހަތަރަކުން ޓީސީ ޖާގަ ހޯދީ އެންމެ ފަހު ވަގުތު އެވެ.

ޕްރިމިއާ ލީގަށް ނުކުތްއިރު ގިނަ ބަޔަކަށް ގަބޫލުކުރެވުނީ ލީގަށް ވާދަކުރާނީ ނިއު ރޭޑިއަންޓާއި މާޒިޔާ ކަމަށެވެ. އެހެން ނަމަވެސް ޓީސީ ވަނީ މިހާތަނަށް ކުޅުނު މެޗުތަކުގައި ތަފާތު ދައްކައިފަ އެވެ. ލީގުގައި އެންމެ ފަހުން މާޒިޔާ އަތުން ހޯދި މޮޅުން އެކަން ފެނިގެންދިޔަ އެވެ. ލީގުގެ އެއް ވަނައިގައި ނިއު ރޭޑިއަންޓް ނުވަ މެޗުން 24 ޕޮއިންޓާ އެކު އޮތްއިރު އެ ޓީމު ފަހަތުން ދެ ވަނައިގައި ވިއްދާފައި ޓީސީ އޮތީ ނުވަ މެޗުން 22 ޕޮއިންޓާ އެކު އެވެ.

ނިޒާމްބެ ބުނީ އަދިވެސް ޓީސީ އަކީ ބޮޑު ކްލަބެއްގެ ގޮތުގައި ނުދެކޭ ކަމަށާއި ކާމިޔާބު ހޯދަން ކުރަން ޖެހޭ މަސައްކަތް ގިނަ ކަމަށެވެ.

"ބޮޑު ޓީމެކޭ ބުނީމަ ނޭނގޭ ކިހިނެއް ކަމެއް މިންގަނޑު ކުރަނީ. ހަމަގައިމުވެސް ދެން މި އުޅޭ ޓީމުތަކާ ކިޔާއިރު ޓީސީ ހަމަގައިމުވެސް ވަަރަށް ޅަ. މިއީ ތިން ވަނަ އަހަރު. މި ލެވެލްގެ ފުޓްބޯޅައިގައި ވަރަށް ޅަ. ފަހަރުގައި ވެދާނެ (ބޮޑު ޓީމެކޭ އެ ބުނަނީ) މިދިޔަ ދެ އަހަރު އޮތް ލީގުގައި އޮތް ހިސާބަށް ބަލާފައި ކަމަށް. މިދިޔަ ދެ ސީޒަނުގައި ވެސް ޓީސީ އޮތީ މި ހިސާބެއްގައި. ދެން މި ސީޒަނުގައި މި ހިސާބުގައި އޮތީމަ ކުޅުންތެރިންގެ މޮޓިވޭޝަން ތަންކޮޅެއް ހައި ކޮށް އުޅެނީ. ވަރަށް މަސައްކަތްކުރަން އޭތި އޯވަ ކޮންފިޑެންސަކަށް ނުވޭތޯ. އެއީ ޓީސީ ކުޅުންތެރިން ގަބޫލުކުރޭ އަދިވެސް ކުރަން ޖެހޭ މަސައްކަތް ގިނަކަން،" އޭނާ ބުންޏެވެ.

ލީގުގެ ފުރަތަމަ ބުރުގައި ޓީސީ ވަނީ 6-1 އިން ކުޑަހުވަދޫ ބަލިކޮށްފަ އެވެ. ކުޑަހުވަދޫ ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ގދ. ތިނަދޫއާ އެއްވަރުކޮށްފަ އެވެ. ނިޒާމްބެ ބުނީ ކުރިން ކުޅުނު މެޗުތަކަށް ބަލައިގެން މި މެޗަށް ތައްޔާރުނުވާނެ ކަމަށެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އާއި ދ. ކުޑަހުވަދޫ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ލީގެއްގައި ހަމަ ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ޕޮއިންޓް ހޯދުން މުހިއްމުވާނެ. މި ބުރަށް އައިއިރު ހުރިހާ ޓީމެއް ވެސް ހަމަ ބޮޑުތަނުން ރަނގަޅުކޮށްފައިވަނީ. މިދިޔަ ބުރުގެ ނަތީޖާ އަށް ބަލާފައި މި މެޗަށް ނުކުމެގެން ރަނގަޅެއް ނުވާނެ. އެއަށް ވުރެން ބޮޑަށް މި މެޗު ފަސޭހަނުވާނެ ކަމަށް ކުޅުންތެރިންނަށް ވިސްނައިދެމުން މިދަނީ. ޓީސީގެ ކެރިއަރުގައި މި ކަހަލަ މެޗެއް އަދި ފަސޭހައެއް ނުކޮށްލާ ގަބޫލެއް ވެސް ނުކުރަން ކޮށްލާނެ ކަމަށް. ކުރީިކޮޅު ގޯލެއް ޖެހިއްޖިއްޔާ ވަރަށް ރަނގަޅަށްދާނީ. އެކަމަކު ގަބޫލުކުރެވޭ ގޮތުގައި ކުޑަހުވަދޫ ނުކުންނާނީ ބޮޑަށް ޑިފެންސިވް ގޭމަކަށް،" ނިޒާމްބެ ބުންޏެވެ.

ޓީސީ އަކީ މި ފަހަރުގެ މުބާރާތުގައި ކުޅޭ ޓީމުތަކުގެ ތެރެއިން އެންމެ ގިނައިން ތަފާތު ކުޅުންތެރިންނަށް ފުރުސަތު ދިން އެއް ޓީމެވެ. އަދި އެ ގިނަ މެޗުތަކުގައި އެ ޓީމުގެ ފުރަތަމަ އެގާރަ އަށް ވެސް ވަނީ ގިނަ ބަދަލުތަކެއް އައިސްފަ އެވެ. ނިޒާމްބެ ބުނީ ޓީސީގެ ތަފާތަކީ ކުޅުންތެރިން ޓީމެއްގެ ގޮތުގައި ކުރާ ހިތްވަރާއި ޓީމުގެ ތެރޭގައި ފުރަތަމަ އެގާރަ އަށް އެ އޮންނަ ވާދަވެރިކަން ކަމަށެވެ.

"ކުޅުންތެރިން އެއް ހިތްވަރެއްލައިގެން އެއް އަޒުމެއްގައި މަސައްކަތްކުރާތީ. ކޮންމެ ކުޅުންތެރިއަކަށް ވެސް ޔަގީނެއް ނުވޭ އެގާރައިގައި ކުޅެވޭނެކަން. ޓީމު ތެރޭގައި މަގާމުގެ ވާދަވެރިކަން އޮތުމަކީ ހަގީގަތުގައި ކުރިއަރަން ލިބޭ ފުރުސަތުތަކެއް. އެންމެ ބޮޑު ސިއްރަކީ އެއީ ކަންނޭނގެ. ދެން އަސްލު މީގެ އެންމެ ބޮޑު ކްރެޑިޓެއް ދޭނީ ކުޅުންތެރިންނަށް،" އޭނާ ބުންޏެވެ.

ޓީސީގައި ހުރެގެން މިހާތަނަށް މާ ބޮޑު ޕްރެޝަރުތަކެއް އައިސްފައިނުވާ ކަމަށާއި އެންމެންގެ އިތުބާރާ އެކު ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ހުރި ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.

"ވަަރަށް އުނދަގޫ ދަނޑިވަޅުތަކުގައި ވެސް ކުޅުންތެރިން ވެސް މެނޭޖްމަންޓުން ވެސް އިތުބާރު ކުރޭ. ދެން މެނޭޖްމަންޓުން ވެސް ގަބޫލުކުރޭ މި ލެވެލްގެ ފުޓްބޯޅަ އަށް އެމީހުން އާ ކަމަށް. ދަސްކުރަން ޖެހޭ އެއްޗެހި އެބަހުރިކަން. މި ޓީމުގެ ބެންޗުގައި ހުންނަން ދަތިތަކެއް ނެތް. ނަތީޖާ ނެރެން ހުރީ. އެކަމަކު މިހާތަނަށް މި ކްލަބްގެ މެނޭޖްމަންޓުގެ ޓާގެޓް އަބަދުވެސް ހުންނާނީ އޯވަ އެޗީވްކޮށްފައި. އެހެންވެ އަދި ނެތް ޕްރެޝަރެއް،" ޓީސީ އަށް މި އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ކާމިޔާބު ކޮށްދިން ނިޒާމްބެ ބުންޏެވެ.

ލީގުގެ އެންމެ ފުލުގައި އޮތް ކުޑަހުވަދޫ އާއި ޓީސީ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަަހަ

25 October 2017

މެޗް އެއްވަރުކޮށްލައިގެންވެސް، ކުޑަހުވަދޫ ޓީމު އެންމެނަށް ސައެއް ލިބިދާނެ. މަގޭމެން މިތިބީ ސައެއްދީގެންވެސް ކުދަހުވަދޫއަށް ސާބަސްދޭން.

The name is already taken The name is available. Register?

މަގޭ

25 October 2017

ކުޑަހުވަދޫ މީހުން ކިޔަނީ މަމެން... "މަގޭމެން" މިހެން ނުކިޔާނެ...ހެހެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454