ފާރިސް: އޭނާ ބަންދުކުރި މައްސަލައިގެ އިސްތިއުނާފް މެދުކަނޑާލީ އޭނާގެ ވަކީލުން އެދުނު އެދުމަކާ ގުޅިގެން --ފޮޓޯ/ިމހާރު
26 އޮކްޓޯބަރ 2017 - 20:49
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ އިސްތިއުނާފް ޝަރީއަތް މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު އަންނަ އަންގާރަ ދުވަހު ބާއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
ރިޝްވަތުގެ މައްސަލާގައި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލާގައި ފާރިސް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައިގެ ޝަރީއަތް މެދުކެނޑުނީ ފާރިސްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ފާރިސްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކީ ހައި ކޯޓުގައި މައްސަލަ ބަލާ ބެންޗަށް ބަދަލު ގެނެސްފައިވާތީ އެއީ ގާނޫނާ ޚިލާފް ކަމެއް ކަމަށް ބުނެ އެވެ.
ބެންޗް ބަދަލުކުރި މައްސަލަ ފާރިސްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައި، އެ ކޯޓުން އެކަމުގައި ގޮތެއް ނިންމަންދެން ހައި ކޯޓުން ޝަރީއަތް މަޑުޖައްސާލަން އޭނާގެ ފަރާތުން އެދުމުން ހައި ކޯޓުން ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ޝަރީއަތް މަޑުޖައްސާލައިފަ އެވެ.
އެ ޝަރީއަތް އަންނަ އަންގާރަ ދުވަހު ބާއްވަން ހައި ކޯޓުން ހަމަޖެއްސީ ބެންޗް ބަދަލުކުރި މައްސަލާގައި ސުޕްރީމް ކޯޓުން ޖަވާބު ދިނުމުންނެވެ. ސުޕްރީމް ކޯޓުން މި މަހުގެ 10 ވަނަ ދުވަހު އަންގާފައިވަނީ ބެންޗް ބަދަލު ކުރި ކުރުމާ މެދު ގޮޮތެއް ނިންމަން ޖެހޭނީ ހައި ކޯޓުން ކަމަށެވެ.
ފާރިސްގެ އިސްތިއުނާފް މައްސަލަ ބަލާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަލީ ސަމީރުގެ ބަދަލުގައި ފަނޑިޔާރު ޝުޖާއު އުސްމާނު ވަނީ ހަމަޖައްސައިފަ އެވެ. އެކަމަކު ފާރިސްގެ ވަކީލުން ބުނަމުންދަނީ މަގްބޫލު ސަބަބެއް ނެތި އެގޮތަށް ބެންޗް ބަދަލު ނުކުރެވޭނެ ކަމަށާއި އެއީ ސުޕްރީމް ކޯޓުން ކުރިން ނެރެފައިވާ އަމުރަކާ ޚިލާފް ކަމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޑަފްް
26 October 2017
ތިއީ ކުށެއްކުރި މީހާ ކައިރީގަ ކަލޭ މައްސަލަ ބަލާފަ ގޮތެއް ނިންމާލާށޭ ބުނުން ފަދަ ކަމެއް. މިނޫން ދުވަހެއް މިމީހުންނަށް ނާންނާނީބާ.
ބޮން
26 October 2017
ބޮލުން ކަޓުވާލީއެވެ. މެމްބަރުންގެ ގޮނޑީގެ މައްސަލައިގައިވެސް ބޮލުން ކަޓުވާލީއެވެ. ޒިންމާ ނަގަން ފަސްޖެހެނީ ކޮން ފަރާތެއްގެ ފިއްތުމާއި މަޖުބޫރު ކަމާ ހެދި ހެއްޔެވެ.