ފާރިސް އަނބުރާ މާފުށީ ޖަލަށް ގެންދަނީ: އޭނާގެ އިސްތިއުނާފް އަޑުއެހުން ކެންސަލްކުރީ ވަކީލުންނާ ބައްދަލުވުމުގެ ފުރުސަތު ދިނުމަށް ފަހު އަޑުއެހުން ކުރިއަށް ގެންދިއުމަށް---މިހާރު ފޮޓޯ/ހުސެއިން ވަހީދު
08 ނޮވެމްބަރ 2017 - 10:53
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ވެސް އޭނާގެ އެދިވަޑައިގަތުމަކަށް ހައި ކޯޓުން މިއަދު ކެންސަލްކޮށްފި އެވެ.
މިއަދުގެ އަޑުއެހުން ކެންސަލްކުރީ ވަކީލުންނާ ބައްދަލުވުމުގެ ފުރުސަތު ފާރިސް އަށް ލިބިވަޑައިނުގަންނަވާތާ ދުވަސްތަކެއް ވެފައިވާތީ، އެ ފުރުސަތު ދިނުމަށް ފަހު އަޑުއެހުން ކުރިއަށް ގެންދަން ފާރިސްގެ ފަރާތުން އެދުމުންނެވެ.
މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސްގެ އިސްތިއުނާފުގެ މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ކަމަށް ވާއިރު އެ ދުވަހުގެ ފަހުން ވަކީލުންނާ ބައްދަލުވުމުގެ ފުރުސަތު ފާރިސް އަށް ލިބިވަޑައިނުގަންނަވާ ކަމަށް ވަކީލުން ބުނެ އެވެ. އެކަމަކު ވަކީލުންނާ މާދަމާ ބައްދަލުވުމުގެ ފުރުސަތު ފާރިސް އަށް ދޭން ހަމަޖެހިފައިވާތީ، އޭގެ ފަހުން އަޑުއެހުން ކުރިއަށް ގެންދަން އޭނާގެ ފަރާތުން އެދުނެވެ.
ފާރިސްގެ އިސްތިއުނާފް މައްސަލަ ހިނގަމުން ދަނިކޮށް، އެ މައްސަލަ ހައި ކޯޓުން ބަލާ ބެންޗް ބަދަލުކޮށްފައިވާތީ އެއީ ގާނޫނާ ޚިލާފަށް ކުރި ކަމެއް ކަމަށް ބުނެ އެކަމުގެ ޝަކުވާ ފާރިސްގެ ވަކީލުން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. ސުޕްރީމް ކޯޓުން ނިންމީ އެކަމުގައި ގޮތެއް ނިންމަން ޖެހޭނީ ހައި ކޯޓުން ކަމަށެވެ.
ފާރިސްގެ އިސްތިއުނާފް އަޑުއެހުން ފާރިސްގެ އެދިވަޑައިގަތުމަކަށް ކެންސަލް ކުރިއިރު ރިޝްވަތުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތުގެ އިއްޔެގެ އަޑުއެހުން ވެސް ވަނީ ފާރިސްގެ އެދިވަޑައިގަތުމަކަށް ކެންސަލްކޮށްފަ އެވެ. އެ އަޑުއެހުން ވެސް ކެންސަލްކުރީ ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ލިބުމަށް ފަހު އަޑުއެހުން ކުރިއަށް ގެންދަން ފާރިސްގެ ފަރާތުން އެދުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy