ލަންކާގެ މިދިޔަ މަހުގެ އިންފްލޭޝަން ވަނީ 7.8 ޕަސެންޓަށް އަރާފައި.
10 ނޮވެމްބަރ 2017 - 12:39
ކޮލަމްބޯ (ނޮވެމްބަރު 10) - ތަކެތީގެ އަގުތައް ރެކޯޑް މިންވަރަކަށް އުފުލެމުންދާތީ ކާބޯތަކެތީގެ މުހިންމު ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ ކުޑަކުރަން ސްރީ ލަންކާ އިން ނިންމައިފި އެވެ.
މާލީ ވަޒީރު މަންގަލަ ސަމަރަވީރާ ވިދާޅުވީ ތަކެތީގެ އަގު މައްޗަށް ގޮސް ދިރިއުޅުމުގެ ޚަރަދުތައް އަތްނުފޯރާ ހިސާބަށް ދާތީ، އެ މައްސަލަ އަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކާބޯތަކެތީގެ މުހިންމު ހަ ބާވަތެއްގެ ޓެކްސް ވަރަށް ބޮޑުތަން ކުޑަކުރަން ނިންމާފައިވާ ކަމަށެވެ. ޓެކްސް ކުޑަ ކުރަން ނިންމި ބާވަތްތަކުގެ ތެރޭގައި މުގާއި ފިޔާ، އަލުވި، ކައްކާ ތެޔޮ، ހިކިމަސް އަދި ރެހި ހިމެނެ އެވެ.
ސަމަރާވީރާ ވިދާޅުވީ ޓެކްސް ކުޑަކުރުމުން ސަރުކާރަށް މަހަކު 10 މިލިއަން ޑޮލަރު ގެއްލުންވާނެ ކަމަށެވެ. އަދި ބަޖެޓުން އެބައި ފޫބައްދާނީ އާ ޓެކްސްތަކުންނާއި ބައެއް ދާއިރާތަކުން ޚަރަދުތައް ކުޑަކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ޓެކްސްތައް ކުޑަކޮށްފައި މި ވަނީ ލަންކާ އަށް ބޭރު ފައިސާ ވަންނަ އެންމެ މުހިންމު އެއް ވަސީލަތް ކަމަށްވާ ބޭރުގައި މަސައްކަތް ކުރާ މީހުން ގައުމަށް ފޮނުވާ ފައިސާ 7.4 ޕަސެންޓް ދަށްވެފައިވާ ދުވަސްވަރެއްގަ އެވެ.
ކޮލަމްބޯ ކޮންޒިއުމާ ޕްރައިސް އިންޑެކްސް ދައްކާ ގޮތުން މިދިޔަ މަހު އިންފްލޭޝަން ވަނީ 7.8 ޕަސެންޓަށް އަރައިފަ އެވެ. މިއީ 2013 ވަނަ އަހަރު ޕްރައިސް އިންޑެކްސް ތައާރަފް ކުރި ފަހުން އެންމެ މައްޗަށް ދިޔަ ފަހަރެވެ. ދިރިއުޅުމުގެ ޚަރުތައް މައްޗަށް ގޮސް ފައިސާގެ އަގު ދަށްވުމުގެ މައިގަނޑު ސަބަބެއް ކަމަށް ސަރުކާރުން ބުނެފައި ވަނީ ކާބޯތަކެތީގެ އަގުތައް މަތިވުމުން ކަމަށެވެ.
ލަންކާ އަށް މި އަހަރު ކުރީކޮޅު ކުރި ވިއްސާރައިގައި އެތައް ހާސް އޭކަރެއްގެ ހަނޑުލާއި ތަރުކާރީ ދަނޑުތައް ވަނީ ހަލާކުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްލޮބޭ
11 November 2017
ޕަކްސަ ވައްޓާލާފަ މައިތިރިނުވެގެން އެއުޅެނީ