ބްރެޒިލްގެ ފަރިތަކުރުންތަކުގެ ތެރެއިން ނޭމާ.--- ފޮޓޯ: އޭއެފްޕީ
11 ނޮވެމްބަރ 2017 - 14:01
ލިއްލޭ، ފްރާންސް (ނޮވެމްބަރު 11) - ޕީއެސްޖީގެ ކޯޗު އުނާއި އެމެރީ އާއި ފޯވާޑް އެޑިސަން ކަވާނީއާ މައްސަލަ ޖެހިފައިވާ ކަމަށް ބުނެ އެ ޓީމަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާއާ ގުޅުވައިގެން މީޑިއާގައި ދައްކާ ވާހަކަތަކުގެ ސަބަބުން އޭނާ ހިތަށް އަސަރުކޮށްފައިވާ ކަމަށް ބުނެފި އެވެ.
ޕެނަލްޓީ ޖަހާނެ ކުޅުންތެރިއަކު ނިންމަން ނޭމާ އާއި ކަވާނީ މެދުގައި މައްސަލަ ބޮޑުވެފައިވާ ކަމަށް ބުނެ މީޑިއާގައި ވާހަކަ ދެކެވުނު އެވެ. އެކަން ދޮގުކޮށްފައިވަނިިކޮށް ފްރާންސްގެ މީޑިއާތަކުން ވަނީ ކަވާނީ ވިއްކާލުމަށް ނޭމޭ ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ ގާތުގައި އެދުނު ކަމަށް ބުނެ ރިޕޯޓްކޮށްފަ އެވެ. ނޭމާ އެކަން ދޮގުކުރި ފަހުން ދެން މީޑިއާތަކުން ފެތުރީ ޕީއެސްޖީގެ ކޯޗު އެމެރީ އާއި ނޭމާއާ ދެމެދު މައްސަލަތަކެއް އުފެދިފައިވާ ކަމުގެ ވާހަކަތަކެވެ.
ރޭ ޖަޕާން އަތުން 3-1 އިން ބްރެޒިލް މޮޅުވި މެޗަށް ފަހު އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ބުނީ ދޮގު ވާހަކަތަކުގެ ސަބަބުން އޭނާ ހިތަށް އަސަރުކޮށްފައިވާ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޓީޓޭ (ކ) ވާހަކަ ދައްކަމުންދާއިރު ނޭމާ މޭޒުމަތީގައި ބޯ އަޅާލައިގެން.
"ހަގީގަތެއް ނެތް ވާހަކަތައް މީޑިއާގައި ނުދެއްކުން އެދެން. ކްލަބްގައި އަހަރެންނާ އެއްވެސް މައްސަލައެއް ނެތް. ޕީއެސްޖީ އަށް އަހަރެން އައީ ކޮންޓްރެކްޓަކާ އެކު. ކޯޗާ (އެމެރީ)އާ ވެސް ވާހަކަ ދެއްކިން. އަހަރެން ވާނީ އެ ވާހަކަ ޓީޓޭ (ބްރެޒިލް ކޯޗު) އެޑޫ (ޓީމް ކޯޑިނޭޓަރު) ގާތުގައި ވެސް ބުނިން. މީޑިއާގައި ދައްކާ ވާހަކަތަކުގެ ސަބަބުން އަހަންނަށް އަސަރުކުރާ ވާހަަކަ. އަހަންނަކީ ވެސް އިންސާނެއް. އަހަރެން ވެސް ހިތާމަކުރަން. ކުރެވުނު ކުށަކަށް އަހަރެން މައާފަށް އެދެން،" ރޮވިފައިހުރެ ނޭމާ ނޫސްވެރިންނަށް ބުނެދިނެވެ.
ބްރެޒިލްގެ ކޯޗު ޓީޓޭ ބުނީ އޭނާ އާއި ނޭމާއާ ގުޅުވައިގެން ވެސް މީޑިއާގައި ވާހަކަތަކެއް ދެކެވުނު ކަަމަށެވެ.
"މީހުން ބުނި އަހަންނާ ނޭމާއާ ދެމެދު ވެސް މައްސަލަތަކެއް ހުރި ކަމަށް. އެކަމަކި އެއީ ވެސް ދޮގެއް. އަހަރެންނާ ނޭމާއާ މެދު އޮތީ ކުޅުންތެރިއަކާއި ކޯޗަކާ ދެމެދު އޮންނާނެ އެންމެ ރަނގަޅު ގުޅުން. ނޭމާގެ ކަންތައްތަކާ ގުޅޭގޮތުން ފާޑުކިއުމުގެ ކުރިން އޭނާގެ އަހުލާގު ދަސްކުރުން މުހިއްމު،" ޓީޓޭ ބުންޏެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޓީޓޭ ސުވާލުތަކަށް ޖަވާބުދިން އިރު ނޭމާ ހުރީ އިސްޖަހައިގެންނެވެ. އަދި ޓީޓޭގެ ވާހަކަ ދައްކަނިކޮށް ނޭމާ ވަނީ އޭނާ ގާތުން ހުއްދަ ހޯދުމަށް ފަހު ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްބެ
11 November 2017
މަށަކައް ހިއެއްނުވޭ ނޭމާ ޕީއެސްޖީގަ ހުރީ އެހާއުފަލުން ހެނެއް، ފްރާންސް ލީގުގަ މާބޮޑު ޗެލެންޖެއް ނީންނާނެއެއްނު ހުރިހާ އުފަލަކީ ރުފިޔާއެއްނޫން..
ފްލޮރިންޓީނޯ ޕެރޭޒް
12 November 2017
ނޭމާ ރެއާލް އަށް ދާ މަގުމަތީގަ ޕީ.އެސް.ޖީގަ މަޑުކޮށްލީ