ޝާހްރުކް އަދި "އޭ ދިލް ހެ މުޝްކިލް"ގެ ލީޑް ދެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އައިޝްވަރިޔާ ރާއި
07 ޖުލައި 2016 - 07:28
ދާދިފަހުން ޝާހުކް ޚާން ވަނީ އޭނާގެ ބެސްޓް ފްރެންޑް އަދި ފިލްމު ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް އަލަށް ޑައިރެކްޓްކުރާ "އޭ ދިލް ހެ މުޝްކިލް"ގެ ޓްރެއިލާ އާއި ބައެއް ލަވަތައް ބަލައިފަ އެވެ.
ރަންބީރު ކަޕޫރާއި އައިޝްވަރިޔާ ރާއި އަދި އަނުޝްކާ ޝަރުމާ އާއި ފަވާދު ޚާން ލީޑް ރޯލުތައް ކުޅެފައިވާ މި ފިލްމުގެ ޓްރެއިލާ ކަރަންގެ ގޭގައި ޝާހްރުކާއި އަންހެނުން ގޯރީ އަށް ދެއްކުމުން ގޯރީ ޓްރެއިލާއާ މެދު ހިތްހަމަޖެހުނަސް ޝާހްރުކް އެހާ ހިތްހަމައެއް ނުޖެހުނެވެ. އަދި ފިލްމަށް ބައެއް ބަދަލުތައް ގެންނަން އޭނާ ކަރަން އަށް އިރުޝާދު ދިން ކަމަށް ވެސް އެވެ.
މުމްބައި މިރާގައި ބުނެފައިވާ ގޮތުން އެ ފިލްމަށް ގެންނަން ޝާހްރުކް ބުނެފައިވާ ގިނަ ބަދަލުތަކަކީ ވަރަށް ސީރިއަސް ބަދަލުތަކެވެ. އަދި ޝާހްރުކް ބުނި ގޮތަށް ކަރަން އެބަދަލުތައް ގެންނަން ވެސް ވަނީ ގަސްތުކޮށްފަ އެވެ. ޝާހްރުކް އާއި ކަރަން އަކީ ގާތްއެކުވެރިންގެ އިތުރުން އެކަކު އަނެކަކުގެ ފިލްމުތަކަށް ފާޑުކިޔާ ރަނގަޅުވާނެ ގޮތްތައް ކިޔައިދޭ ބަޔަކަށް ވާތީ ޝާހްރުކް މިގޮތަށް ފާޑުކިޔުމުން ކަރަން އުފަލުން އެކަން ގަބޫލުކުރުމަކީ ހައިރާންވާ ވަރުގެ ކަމަކަށް ނުވެ އެވެ.
އެހެން ނޫނަސް ފިލްމަކީ ބޮޑެތި ތަރިން ހިމެނޭ އަގުބޮޑު ޕްރޮޖެކްޓަކަށް ވާއިރު އެންމެ މަދުވެގެން ވެސް 100 ކްރޯޑު (1000 މިލިއަން ރުޕީސް) ވަރު ނުލިބިއްޖެ ނަމަ ކަރަން އަށް ވެސް ހުތުރުވާނެތީ ކަރަން އެކަމާ ވިސްނާނެ ކަން ޔަގީނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy