ވިޔަފާރި / އެމްޓީޑީސީ

އެމްޓީޑީސީ: ފަހަރަކު ރިސޯޓެއް ވިއްކަމުން، ހުލިވަމުން!

އެމްޓީޑީސީން މި އަހަރު ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ: ދެން އޮތީ ކުންފުނި އުވާލުންބާ؟

ޓޫރިޒަމްގެ ފައިދާ އާއްމުނަށް ހޯދައިދޭން އުފެއްދި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން ފުރަތަމަ ތަރައްގީކުރި ސ. ހެރަތެރެ ރިސޯޓް ނުހިންގިގެން ބޭރުގެ ބަޔަކަށް ވިއްކާލި އެވެ؛ ކުންފުނި ނާކާމިޔާބުވުމުގެ ފުރަތަމަ ނިޝާނެވެ.

އޭގެ ފަހުން ނިޔާމަ މޯލްޑިވްސް ހިންގާ ދ. އެނބޫދޫފުއްޓާއި އޮޅުވެލި ވެސް މިދިޔަ އަހަރު ވަނީ ވިއްކާލައިފަ އެވެ؛ ހުރިހާ ހަރު މުދަލެއް ވިއްކާ ބަޔަކަށް ވެ ނިމެނީ އެވެ.

އެންމެ ފަހުން މިހާރު އަނަންތާރާ ހިންގާ ބ. ކިހަވައް ހުރަވަޅި ވެސް ވިއްކާލަން މިދިޔަ ހަފުތާގައި ވަނީ އިއުލާންކޮށްފަ އެވެ؛ ކުރިންސުރެ ވެސް ގިނަ މީހުން ގަބޫލުކުރި ގޮތަށް، އެމްޓީޑީސީ މި އޮތް ހުސްވަނީ އެވެ.

ރައްޔިތުންގެ އެތައް ހާސް ބަޔަކު ހިއްސާވާ ކުންފުނިން ކުއްޔަށް ދީފައިވާ ރަށްތަކުގެ ތެރެއިން ބާކީ މިހާރު އޮތީ އަޔާޑާ މޯލްޑިވްސް ހިންގާ ގދ. މަގުއްދުވާ އެވެ؛ މިހާރު އުފެދޭ ސުވާލަކީ އެ ރަށުގައި "ވިއްކާ ބޯޑު" އަޅުވާނީ ކޮން އިރަކުން ހެއްޔެވެ؟

އެމްޓީޑީސީން އުލިގަމުގައި ހަދަން ފެށި ސިޓީ ހޮޓަލުގެ އިމާރާތެއް: މިހާރު އެތަނުގައި ހުރި އެއްޗެހި ވަނީ ނީލަން ކިޔާފައި

އެމްޓީޑީސީން ސިޓީ ހޮޓަލެއްގެ ގޮތުގައި ހއ. އުލިގަމުގައި ތަރައްގީކުރަން ފެށި ހޮޓަލުގެ މަސައްކަތް ކުރިއަށް ނުގެންދެވި މިހާރު ވަނީ ސާމާނުތައް ނީލަން ކިޔައިފަ އެވެ. އޭގެ ފަހުން ހަދަން ފެށި ހދ. ނާގޯށީގެ މަސައްކަތް ވެސް ކުރިޔަށް ނުގެންދެވި ވަނީ ހުއްޓިފަ އެވެ. މިހާރު އެމްޓީޑީސީން މަސައްކަތްކުރަމުން ދަނީ އެ ރަށް ވެސް ބަޔަކަށް ވިއްކާލެވޭތޯ އެވެ.

ގާތްގަނޑަކަށް 42.6 މިލިއަން ޑޮލަރުގެ އަގު ހުރި ރަށް ގަތުމަށް ހަތަރު ޕާޓީއަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

"ގަނެގެން ނުވަތަ ޖޮއިންޓްވެންޗާ އުސޫލުން ހިންގަން ވެސް ނެގޮޝިއޭޓް އެބަ ކުރޭ. ބޭނުންވަނީ މި އަހަރު ނިމުމުގެ ކުރިން އިންވެސްޓަރަކާ އެކު ކުރިޔަށް ދާން،" އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޝުޖާއު ވިދާޅުވި އެވެ.

ނާގޯށި ދޫކޮށްލާއިރު އެ ރަށުގެ 37 ޕަސެންޓް ވަނީ ނިމިފަ އެވެ.

އެމްޓީޑީސީން ކުއްޔަށް ދީގެން ހިންގާ ހުރިހާ ތަނެއްހެން ވިއްކާލާއިރު އެ ކުންފުނި އޮތީ މާލީ ގޮތުން ވަރަށް ބޮޑަށް އަޑިއަޅާލައިފަ އެވެ. ކުންފުނި އުފެދުނު ފަހުން އެންމެ ދެ ފަހަރު ހިއްސާގެ ފައިދާ ބެހި ނަމަވެސް މިހާރު އެއްވެސް މަންފާއެއް ނުލިބޭތާ އެތައް އަހަރެއް ވެއްޖެ އެވެ.

ކުންފުނީގެ ހާލަތު ދަށްވުމުން ކުންފުނީގެ ހަރުމުދާ ވިއްކާލުމަކީ އޮތް ހަމައެކަނި ހައްލު ހެއްޔެވެ؟ އެކަމާ މެދު ބައެއް ފަރާތްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ހާއްސަކޮށް ކުންފުނި ހިންގުމުގައި ކުރިން އިސްކޮށް އުޅުއްވި ބައެއް ބޭފުޅުންނާއި އިންޑަސްޓްރީގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި ހަރުމުދާ ވިއްކާލަން ޖެހޭނީ ކުންފުނި ބަނގުރޫޓުވެ ހެދޭނެ އިތުރު ގޮތެއް ނެތިގެންނެވެ.

"އެމްޓީޑީސީ ކޮޅަށް ޖަހަން ބޭނުން ނަމަ އެއީ ސަރުކާރަށް ނުކުރެވޭނެ ކަމެއް ނޫން. ސަރުކާރުން އެކަން ކޮށްނުދީފި ނަމަ ކުންފުނީގެ ހާލަތު ދާނީ ދަށްވަމުން. މިހާރު އެއޮތް ހާލަތުން ވެސް ކުންފުންޏަކީ ބޮޑު ފައިދާއެއް ނެރޭ ތަނަކަށް ބަދަލުކުރަން މާ ގިނަ ދުވަހެއް ނުނަގާނެ. ބޭނުންވަނީ އެކަންކުރުމުގެ ހިތްވަރު،" އެމްޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

އެމްޓީޑީސީން ވިއްކާލި ނިޔާމަ ރިސޯޓު: އެ ރަށް ވިއްކާލީ ވެސް ކުންފުންޏަށް ލިބެމުން ދިޔަ ގެއްލުންތައް ފޫބައްދަން ކަމަށް ބުނޭ

އޭނާ ވިދާޅުވި ގޮތުގައި އެމްޓީޑީސީ އަކީ، މިހާރު ހުއްޓާލާފައިވާ ގައުމީ ޝިޕިން ކުންފުނި، އެމްއެންއެސްއެލް ކަހަލަ ކުންފުންޏެއް ނޫނެވެ.

"އެމްޓީޑީސީގައި އަދިވެސް އެބަހުރި ތަރައްގީކުރެވޭނެ ތަންތަން. އެތަންތަން ތަރައްގީކުރެވޭނެ ގޮތްތައް ހޯދައިގެން އެކަން ނުކުރެވެންވީ ސަބަބެއް ނެތް. އެ ކުންފުންޏަށް ވުރެ މާ ކުޑަ އަމިއްލަ ކުންފުނިތަކުން ވެސް އެ ދަނީ ރިސޯޓަކަށް ފަހު ރިސޯޓެއް ހުޅުވަމުން،" ކުރީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އެމްޓީޑީސީގެ މިސްރާބު މިހާރު ހުރީ ކުންފުނި އުވާލުމާ ދިމާލަށެވެ. ކުއްޔަށް ދީފައި ހުރި ރަށްތައް ވިއްކާލުމުގެ މައިގަނޑު ސަބަބަކީ އެއީ ކަމަށް ވެސް ދެކެ އެވެ.

"މިހާރު ކަންތައްތައް ކުރަމުން އަންނަ ގޮތުން ލަފާކުރެވެނީ ސްޓްރެޓެޖީއަކީ ކުންފުނި ހުއްޓާލުން ކަމަށް. އެސެޓްތައް ވިއްކާލުމަށް ފަހު ހިއްސާދާރުންނަށް ކޮންމެވެސް އެއްޗެއް ދީފައި ހުއްޓާލަން އުޅޭ ކަމަށް ވެސް އަޑުއިވޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޓީޑީސީއަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ބޭނުންވަނީ ކޮމިޓްމަންޓް ކަމަށެވެ.

"ވަރަށް ރަނގަޅު ސަރަހައްދުތަކުން ނުލާހިކު ރީތި ރަށްތަކެއް ދީފައި އެއޮތީ. އެހެންވީމަ އެ ރަށްތައް ތަަރައްގީކުރަން އިންވެސްޓަރުން ހޯދުމަކީ ވެސް ދަތި ކަމަކަށް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

އެ ކުންފުނީގެ އެހެން މެނޭޖިން ޑިރެކްޓަރަކު ވިދާޅުވީ އެމްޓީޑީސީ އަޑިއަޅާލި މައިގަނޑު ސަބަބަކީ ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ކުލި ދައްކަން ޖެހޭ އުސޫލު ބަދަލުވުން ކަމަށެވެ.

"ރަށްތައް ހިންގަން ކުއްޔަށް ދޫކުރީ އޭރު ގާނޫނުގައިވާ ގޮތަށް ކުލި ނަގަން. ފަހުން އެ ބަދަލު ގެނައުމުން އެގޮތަށް އެއްބަސްވާކަށް ބޭނުންނުވި ކުއްޔަށް ހިފި ފަރާތްތަކުން. އޭގެ ސަބަބުން ކުންފުންޏަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނު،" އޭނާ ވިދާޅުވި އެވެ.

"އެ ގެއްލުމުން އަދިވެސް އަރައިނުގަނެވިގެން އެ އުޅެނީ."

އެމްޓީޑީސީގެ ހަރުމުދާ ވިއްކާލަނީ ހިއްސާދާރުންނަށް ރަނގަޅު ފައިދާއެއް އަންނަ އަހަރު ހޯދައިދޭން ކަމަށް މެނޭޖްމަންޓުން ބުނެ އެވެ. އަދި މިހާރު އިއުލާންކޮށްފައިވާ ކިހަވައް މި އަހަރުގެ ތެރޭގައި ވިއްކާލެވޭނެ ކަމަށް އުއްމީދުކުރެ އެވެ.

ޝުޖާއު ވިދާޅުވީ އަނަންތާރާ އިން ހިންގާ ކިހަވައް ހުރަވަޅީގެ ކުލީގެ މިލްކުވެރިކަން ވިއްކާލަން އިއުލާންކުރީ މާކެޓްގައި ލިބޭނެ އެންމެ ރަނގަޅު އަގެއް ހޯދަން ކަމަށެވެ. އަދި އެ ރަށް ވިއްކާލުމުގެ ކުރިން އަނަންތާރާއާ ވެސް ވާހަކަދެއްކި ކަމަށް އޭނާ ވިދާޅުވި އެވެ.

އަނަންތަރާ ކިހާވައް ރިސޯޓުގައި ހުންނަ ކަނޑު އަޑީގެ ރެސްޓޯރަންޓް: އެ ރިސޯޓު ވެސް އެމްޓީޑީސީން ވަނީ ވިއްކާލަން ނިންމާފައި-- ފޮޓޯ: އަނަންތަރާ

"މި ރަށް ވިއްކާލަން ނިންމީ ހިއްސާދާރުންނަށް ރަނގަޅު ފައިދާއެއް މި އަހަރު ހޯދައިދޭން ވެގެން. މީގެ ކުރިން ކުންފުނިން ނިންމާފައިވާނެ ސަބްލީސް ކޮށްފައިވާ ދެ ރަށެއް ވިއްކާލަން. އޭގެ ތެރެއިން އެއް ރަށް އަޅުގަނޑުމެން މިހާރު ވާނީ ވިއްކާލާފައި،" ޝުޖާއު ވިދާޅުވި އެވެ.

"ހިއްސާދާރުންނަށް ފައިދާއެއް މި އަހަރު ހޯދައިދޭން އަޅުގަނޑުމެން މި މަސައްކަތްކުރަނީ. އެގޮތުން މިރަށް ވިއްކާލާނީ މާކެޓުން ލިބެން އޮތް އެންމެ ރަނގަޅު އަގެއް ހޯދުމަށް ފަހު."

އެމްޓީޑީސީއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ ފައިދާ ހޯދައިދިނުމުގެ މަގުސަދުގައި އުފެއްދި އެކަމަކު ބަނގުރޫޓުވާން ދޫކޮށްލާފައިވާ ކުންފުންޏެކެވެ. އެ ކުންފުނި ކޮޅަށް ޖެހި މެނޭޖްމަންޓެއް އަދި ނާދެ އެވެ. އެހެންކަމުން ދެން ވެސް ފެންނާނީ އެމްޓީޑީސީގެ މުދާ ވިއްކަމުން ދާ ތަނެވެ. އަދި އެކަން އާންމުންނަށް ގަބޫލުކުރުވަން ކޮންމެވެސް ވާހަކައެއް ދައްކާ ތަނެވެ.

39 ކޮމެންޓް, 54 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 2%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގާދިރު

29 November 2017

ރައޔިތުންނައްފައިދާހޯދަދޭންތަޔާމީނައްފައިދާހޯދަދޭންތަ

The name is already taken The name is available. Register?

އަލްޖިބްރާ

26 November 2017

މިސަރުކާރު މިރާއްޖޭގައި އޮވެގެން ރާއްޖެ ހުލިވަމުން ދާގޮތް އެންމެނަށްވެސް ފެނިގެން ދާނެ ! ދަރާވިކި ގޮތްހުސްވީމަ ހުރިހާ ބޮޑުން ، ފަހަރަކު މީހެއް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ގޮސް ހުސްވާނެ ! މިރާއްޖޭގަ ތިބި ބަޔަކަށް ރާއްޖޭގެ ތޮށިގަޑު ލިބުނަސް މޮޅު ! އަތްޖަހަން ތިބޭ !

The name is already taken The name is available. Register?

އުމަރު

26 November 2017

މިއީ ވަރަށްބޮޑު ރޭވުމެއްގެ ދަށުން ހިނގާކަމެއް، އެމްޓީޑީސީގެ ޗެއާމަނަކީވެސް އެސްޓީއޯގެ ޗެއާމަން، އޭނާގެ ބެލުމުގެ ދަށުގައި ހިންގާ ކުންފުނިތަށް ދަނީ ބަނގުރޫޓުވަމުން، އެމްޓީޑީސީގެ ހެރެތެރެވިއްކާލައިގެން ލިބުނު 30 މިލިއަން ޑޮލަރުވެސް ސަރުކާރުން ކާލީ، އެއީ 22 ހާސް ހިއްސާދާރުންގެ ހައްގެއް، އަދި އެމްއެމްޕީއާރްސީއަށް ރައްޔިތުންގެ ކުންފުނިން ފައިސާދިނުމާއި، އެލައިޑް އިންޝުއަރެންސް ކުންފުނިން ދަރަންޏަށް ފައިސާނެގުމާއި، އެތަނުގެ ހުރިހައި ރަށްތަކެއް ވިއްކާލުން ނޫން އެހެންކަމެއް އެމްޓީޑީސީގެ ބޯޑަކުން ނުކުރޭ، އެކަމަކު މިކުންފުންޏާއި ހަވާލުވެ ހުންނެވި މިނިސްޓަރުވެސް ހަމަ ގުޅިގެން އެތަން ގެންދަނީ ހުލިކުރަމުން އެތަން ފަނާކުރަމުން، މިބަލިކަށި ދިވެހިންނަށް ދެން ހަމަ މިނޫންގޮތެއްނެއް، ހުރިހައި މީހުންވެސް ބިރުންތިބެންވީ މިނޫންދުވަހެއް އަންނަންދެން

The name is already taken The name is available. Register?

ގޮށި

26 November 2017

އެމްޓީޑީސީގެ މިސާލަކީ މިގައުމުގެ ސިޔާސަތު ރަމްޒުކޮށްދޭ ވަރަށް އަލިގަދަ މިސާލެއް. ގައުމު ހުލިކޮށް ފައްޓަރުބައި ވިއްކާލާހިސާބަށް ގައުމު ދަރުވާލުން....ބޮޑުންގެ ޖީބަށްފައިސާ އަޅާ ބައިއެޅުން

The name is already taken The name is available. Register?

ކަލުބެ

26 November 2017

އާއްމު ފަރުދުންނަށް ފައިދާ ވާގޮތަށް ރިސޯޓް ހިންގޭ އިރު ސަރުކާރު ހިއްސާވާ ކުންފުންޏަކަށް މިކަން ނުކުރެވެންވީ ސަބަބެއްނެތް ، ކަޅުފައިސާގެ ޑީލްގެ ދަށުން ހިންގާ ޖަރީމާ މީ!!!!

The name is already taken The name is available. Register?

ފުރެންޑު

26 November 2017

30 އަހަރުގެ ހުދުމުހުތާރު ވެރިޔާ އާއްމުނަށޭ ކިޔާފަ މަހުޖަނުން އިންވެސްޓް ކުރަން ހެދި ފޭކް ކުންފުންޏެއް މީ.

The name is already taken The name is available. Register?

އަލީ_

26 November 2017

މިއީވެސް ކެމްޕޭނާ ދިމާކޮށް ހިއްސާދާރުންނަށް ބޮޑު ފައިދާއެއް ބަހަން ހިންގާ ޖަރީމާއެއް ދެއްތޯ؟

The name is already taken The name is available. Register?

ކޮލެޖް އިކޮނޮމިސްޓް

26 November 2017

ހިއްސާދާރުން ނަށް ކޮންމެހެން މިއަހަރު ބޮޑު ފައިދާ އެއް މި ދޭން ވިސްނަނީ ކީއްވީބާ؟ ބޮޑު ހިއްސާދާރަކީ އަންނަ އަހަރު ރިޔާސީ އިންތިޚާބަކަށް ތައްޔާރުވާ ސަރުކާރު. އިންތިޚާބު އައުމުގެ ކުރިން ވަރަށް ގިނަ ކަންކަން ކުރަން ރުފިޔާ ބޭނުންވާ ސަރުކާރެއް. އެހެން ޓޫރިޒަމް ކުންފުންޏެއް ހަދައިގެން އެމްޓީޑީސީ އުވާލަން ބޭނުން ވެފަ ތިިބި ބައެއް. ބޮޑު ފައިދާ މިއަހަރު ދޭން ރަށްކޮޅު ވިއްކާލީމަ އަންނަ އަހަރު ދެން އޮންނާނީ އެސެޓެއް ނެތް ދަރަނި ޚަލާސް ވެފަ އޮތް ކަރުދާހު ކުންފުންޏެއް. އުވާލަން ނިކަން ފަސޭހަ ވާނެ. ހަނދާނަށް އަންނަނީ ކުރީގެ މެނޭޖިން ޑިރެކްޓަރަކުގެ ހީލަތްތެރި ޕްލޭނެއް. އޭރު އޭނާ ބުނީ އެމްޓީޑީސީ އިން ރިސޯޓް އަމިއްލަ އަށް ހިންގުމަށް ވުރެ ފައިދާ ބޮޑު ރިސްކު ކުޑަ މޮޑެލް އަކީ ރިސޯޓް ހަދާފަ ކުއްޔަށް ދިނުމޭ. އަސްލު ނުފޫޒުގަދަ ބަޔަކު ހިއްސާ ކޮންޓްރޯލް ކުރި ހިސާބުން ފެށިގެން ވެރިކަމަށް އައި ތިން ސަރުކާރުގެ ވެސް އަމާޒު ހުރީ ކުންފުނި އިނދަ ޖައްސާލުން. އެހެންވެ ގާނޫނު ހަރުކަށި ކޮށް ފައި ލުޔެއް ނުދިނީ

The name is already taken The name is available. Register?

ޖަމީލު

26 November 2017

ޤާނޫނާ ޚިލާފަށް، ކުންފުނީގެ ބޯޑާ މެނޭޖްމަންޓު (އަދި އޭރުގެ އޮޑިޓަރާވެސް ގުޅިގެން) ޑިވިޑެންޑޭ ކިޔައިގެން ޙީލަތެއްގެ ތެރެއިން 90 ރުފިޔާ ބެހި ހިސާބުން، ތިޔަ ކުންފުނީގެ ދުވަސް ދިޔައީ. މިހާރު ދެން ހިއްސާދާރުން އޭއްޗެކޭ މީއްޗެކޭ ކިޔާނެ ކަމެއް ނެތް. އެންމެން ތި ތިބީ ކުންފުނީގެ ޤާނޫނާ ޚިލާފަށް ފައިސާ ނަގައިގެން. އަތަށް ލާރިކޮޅެއް ލިބިއްޖެއްޔާ ޙައްޤޫ އެއްޗެއްތޯ އެއްވެސް ޙިއްސާދާރެއް އޭޖީއެމްގައި ސުވާލުވެސް ކޮށްލިބާ؟؟؟ އެމްޓީޑީސީ އަކީ އުވާލަންޖެހޭ ތަނެއް. ހަމައެކަނި ސަރުކާރުން ކުއްޔަށް ރަށްތައް ނަގައިގެން އަނެއްކާ ސަބް ލީޒްކުރަންޏާ ކޮބައި ކުރެވޭ ވިޔަފާރިއަކީ؟؟ އެމްޓީޑީސީއިން ކުރާ ކަމަކީ، ދައުލަތުގެ ބަޖެޓަށް ވަންނަންޖެހޭ ފައިސާތަކެއް، 'ހިއްސާދާރުން' ނޭ ކިޔާ މަދު މީސްކޮޅަކަށް ބަހާލަނީ. މިއީ އިންސާފެއް ނޫން. އެމްޓީޑީސީ އުވާލަން ފެނޭ.

The name is already taken The name is available. Register?

ރުޅި

26 November 2017

ތިޔައީ ޓުއަރިޒަމްގެ އިސް ސަފުގައި ތިބި ބޭފުޅުން ޤަސްދުގައި ހުލިކޮށްލި ކުންފުންޏެއް.

The name is already taken The name is available. Register?

ގާދިރު

29 November 2017

މިވަރުންވެސް ރައްޔިތުން ހަމަ އަތްޖަހަނީ ގިނައިންއަތަފައިޖަހައިގެނވަހުދަތުހިފެހެއްޓޭނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454