ކުޅިވަރު / ޗެމްޕިއަންސް ލީގު

ފަހު ވަގުތު ސެވިއްޔާ އިން ލިވަޕޫލާ އެއްވަރުކޮށްފި

ލިވަޕޫލްގެ ވައިނަލްޑަމް (ވ) ސެވިއްޔާގެ ބަނޭގާ ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

22 ނޮވެމްބަރ 2017 - 10:07

ސެވިލް، ސްޕެއިން (ނޮވެމްބަރު 22) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލް ފުރަަތަމަ ހާފުގައި ތިން ލަނޑު ޖަހާފައި އޮއްވާ ދެ ވަނަ ހާފުގައި ސެވިއްޔާ އިން ތިން ލަނޑު ޖަހައި 3-3 އިން އެއްވަރުކޮށްފި އެވެ.

މި ނަތީޖާއާ އެކު ވެސް ލިވަޕޫލް އޮތީ ގްރޫޕް އީގެ އެއް ވަނައިގައި ފަސް މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސެވިއްޔާ އަށް ފަސް މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ސްޕާޓަކް މޮސްކޯ ރޭ އަމިއްލަ ދަނޑުގައި މަރިބޯއާ 1-1 އިން އެއްވަރުވިއިރު، ސްޕާޓަކަށް ވަނީ ފަސް މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް މަރިބޯ އަށް ފަސް މެޗުން ލިބުނީ 2 ޕޮއިންޓެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުގެ ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އެވެ. އަނެއް ލަނޑު ޖެހީ ސަޑިއޯ މާނޭ އެވެ. މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ފިލިއްޕޭ ކުޓީނިއޯ އާއި މުހައްމަދު ސަލާހަށް ލިބުނެވެ.

ދެ ވަނަ ހާފުގައި ސެވިއްޔާގެ ފުރަތަމަ ދެ ލަނޑު ފްރާންސްގެ ފޯވާޑް ވަސިމް ބެން ޔެޑާ ޖެހީ ލިވަޕޫލްގެ އަލްބާޓޯ މޮރޭނޯ ހެދި ދެ ގޯހަކުންނެވެ. ފުރަތަމަ ލަނޑު ހިލޭ ޖެހުމަކުން ބޮލުން ޖެހިއިރު، ދެ ވަނަ ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ. ސެވިއްޔާ އަށް މެޗުގެ އިތުރު ވަގުތުގައި އެއްވަރުކޮށްދިނީ ގުއީޑޯ ޕިޒާރޯ އެވެ.

ރޭގެ މެޗުން މޮޅުވެގެން ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި ލިވަޕޫލަށް ދެ ވަނަ ބުރުގެ ޖާގައެއް ޔަގީންވާނެ އެވެ. އެހެން ނަމަވެސް އެއްވަރުވުމުން އެ ޓީމަށް މުބާރާތުން ކެޓުމުގެ ބިރު ވެސް އެބައޮތެވެ. އެއީ އަންނަ މަހު ހަ ވަނަ ދުވަހު އަމިއްލަ ދަނޑުގައި ސްޕާޓަކްއާ ދެކޮޅަށް ކުޅޭ މެޗުން ބަލިވެއްޖެނަމަ އެވެ.

މިއީ މީގެ ތިން އަހަރު ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ލިވަޕޫލް އަތުން ތިން ގޯލުގެ ލީޑެއް ގެއްލުނު ފުރަތަމަ ފަހަރެވެ. ރޭގެ މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ ދެ ވަނަ ހާފުގައި ކުޅުންތެރިން މާ ބޮޑަށް މެޗު ފަސޭހަކޮށްލީ ކަމަށެވެ.

ރޭ މެންޗެސްޓާ ސިޓީ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ވަނީ ނެދަލެންޑްސްގެ ފެޔަނޫޑް އަތުން 1-0 އިން މޮޅުވެފަ އެވެ. މެޗު ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ސިޓީ މޮޅުކޮށްދިނީ ރަހީމް ސްޓާލިން އެވެ. މި މޮޅާ އެކު ސިޓީން ވަނީ ދެ ވަނަ ބުރުގެ ޖާގައެއް ހޯދައިފަ އެވެ.

ގްރޫޕް އެފްގެ އެއް ވަނައިގައި ސިޓީ އޮތީ 100 ޕަސެންޓް ރެކޯޑަކާ އެކު ފަސް މެޗުން 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ފަސް މެޗުން ނުވަ ޕޮއިންޓާ އެކު ޔޫކްރޭނުގެ ޝަހުތަރު ޑޮނެސްކު އެވެ. ތިން ވަނަގައި އޮތީ ރޭ ޝަހުތަރު އަތުން 3-0 އިން މޮޅުވި ނަޕޯލީ އެވެ. ނަޕޯލީ އަށް ވަނީ ފަސް މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް ފެޔަނޫޑަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454