ރާއްޖޭގެ މަސްވެރިން މަސް ބާނަނީ: މި އަހަރު މަސްވެރިކަމުގެ އާމްދަނީ އަށް ބޮޑު ވެއްޓުމެއް އަންނާނެ ކަމަށް، ބައެއް ކުންފުނިތަކުން ބުނޭ
23 ނޮވެމްބަރ 2017 - 13:25
މި އަހަރު ރާއްޖެ އަށް ބޭނި މަހުގެ ސައިޒް ކުދިވެ، މަހުގެ ފެންވަރު ދަށްކަމުން، އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ ދަށަށް ގޮސްފައިވާ ކަމަށް މަސްވެރިކަމުގެ ބައެއް ތަޖުރިބާކާރުން މިއަދު ބުނެފި އެވެ.
މި ކަންބޮޑުވުން މި އައީ މިދިޔަ ތިން އަހަރު ރޯމަހުގެ އެކްސްޕޯޓް ރަނގަޅު ހާލަތެއްގައި ހިފެހެއްޓި، އާމްދަނީ ވެސް ރަނގަޅުވެފައި އޮއްވަ އެވެ.
މަސްވެރިކަމުގެ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި މިދިއަ ތިން އަހަރު ރާއްޖޭގެ މަސްވެރިން 90 ކިލޯއަށް ވުރެ ބަރު ކަންނެލި ބޭނުމަކީ އާންމު ކަމެކެވެ. ނަމަވެސް މި އަހަރުގެ ހާލަތަށް ބަލާއިރު ފެންނަނީ، ވިޔަފާރީގެ ގޮތުން ބެލިކަމުގައި ވިޔަސް، ނާއުއްމީދީ މަންޒަރެކެވެ.
ރާއްޖެއިން އެންމެ ފުޅާ ދާއިރާއެއްގައި މަސް ބޭރުކުރާ އެންސިސް ފިޝަރީޒްގެ ޖެނެރަލް މެނޭޖަރު ހުސެއިން އަފީފް ވިދާޅުވީ މިހާރު ގަންނަން ލިބޭ މަހުގެ 70 ޕަސެންޓަކީ 30 ކިލޯއިން ދަށުގެ މަސް ކަމަށެވެ. އެކަމަކު މީގެ ކުރީ އަހަރުތަކުގައި އެ ނިސްބަތް އުޅެނީ އެންމެ 10 ޕަސެންޓްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ކަނޑުގެ ދިރުންތަކާ ބެހޭ ދިރާސާތައް ކުރަމުން އަންނަ މޯލްޑިވްސް މެރިން ރިސާޗު ސެންޓަރަށް ލިބިފައިވާ މައުލޫމާތުތަކުން ވެސް ރާއްޖެއިން ބާނާ މަހުގެ ސައިޒަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން އެނގެ އެވެ. އޭގެ ފަހަތުގައި ތަފާތު ސަބަބުތައް ހިމެނެ އެވެ.
މެރިން ރިސާޗް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލް ޑރ. މުހައްމަދު ޝިހާމް ވިދާޅުވީ އެގޮތަށް ދިމާވުމުގެ އެއް ސަބަބަކަށް ރާއްޖޭގެ ސަރަހައްދަށް ވަންނަ މަސް އައިނުތައް މަދުވުން ހިމެނޭ ކަމަށެވެ. އެގޮތަށް ދިމާވަނީ ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ކުރިން ބޭރުގެ ބޯޓުފަހަރުން ދާ އަޅައިގެން މަސްވެރިކަން ކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުރިން 90 ކިލޯ، 100 ކިލޯ، 130 ކިލޯގެ ކަންނެލި ބާނާއިރު މިހާރު އާންމުކޮށް ބާނަނީ 70 ކިލޯ، 80 ކިލޯގެ ކަންނެލި ކަމަށް މަސް ގަންނަ ފަރާތްތަކުން ބުނޭ،" ޝިހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ކާނާ ހޯދުމަށް އިންޑިއާ ކަނޑުގެ އެހެން ސަރަހައްދުތަކުން ރާއްޖެ އަށް މަސް އަންނަކަން ދިރާސާތަކުން ފާހަގަވާ ކަމަށެވެ. އެކަމަކު އެ މަސްތައް ރާއްޖެ ސަރަހައްދަށް ވަނުމުގެ ކުރިން ދާ އަޅައި ނެގުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަން ދަށްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅަނގު އިންޑިއާ ކަނޑުގައި އޮއިވާލި ކަނދުފަތިތަކެއް ދޫކޮށްގެން މާ ގިނައިން މަސް ހިފުމުގެ މައްސަލަ ވެސް މިހާރު ވަނީ ބޮޑުވެފަ އެވެ. އޮޔާ ދާ ގޮތަށް ދާތަކެއް ހިމެނޭ އެތައް ހާސް ކަނދުފައްޗެއް ދޫކުރާއިރު އޭގައި ޖީޕީއެސް އާއި އެކޯ ސައުންޑާ ބުޅިއެއް ހަރުކޮށްފައި ހުރެ އެވެ. އަދި ދާ އޮންނަ ހިސާބާއި ދަލުގައި ޖެހޭ މަހުގެ އަދަދު ވެސް ބޯޓުފަހަރަށް ދެނެގަނެވެ އެވެ.
އެއް ބަޔަކު އެހާ އެޑްވާންސްކޮށް އިންޑިއާ ކަނޑުން މަސް ހިފަމުން ދާއިރު ކަރުމަޅި ދާ އަޅައިގެން ސްރީ ލަންކާ އާއި ޕާކިސްތާންގެ މަސްވެރިން ވެސް ގިނަ އަދަދެއްގެ މަސް ހިފަ އެވެ.
ބޭރުގެ ބޯޓަކުން ދާ އަޅައިގެން މަސްވެރިކަން ކުރަނީ: ރާއްޖޭގެ ސަރަހައްދަށް މަސް ވަނުމުގެ ކުރިން ބައެއް ބޯޓުފަހަރުން މަސްތައް ކަހާލާ
ޝިހާމް ވިދާޅުވީ ތިމާވެއްޓަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވެސް މަސްވެރިކަމަށް ނުބައި އަސަރުތަކެއް ކުރާ ކަމަށެވެ. އެގޮތުން ކަނޑުގައި ކާނާ އުފެދޭ މިންވަރު ދަށްވުމުން މަސް އުފެދޭ މިންވަރު ވެސް ދަށަށް ދާ ކަމަށް ވިދާޅުވި އެވެ.
މަސް ގަންނަ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ކޮންމެ ތިން އަހަރެއް ނުވަތަ ހަތަރު އަހަރަކުން މަސްތައް ކުދިވެ، އާމްދަނީ ދަށަށް ދެ އެވެ. އެކަމަކު ޝިހާމް ވިދާޅުވީ ތަފާސްހިސާބަށް ބަލާއިރު އެފަދަ ސައިކަލެއް އުޅޭކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
ރާއްޖެއިން މަސް އެކްސްޕޯޓްކުރާ ކުންފުންޏެއްގެ ވެރިޔަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ މިހާރު ބާނާ މަސް ކުދިވެފައި އަދި ފެންވަރު ދަށްކަމުން އާމްދަނީގެ 60 ޕަސެންޓް ދަށް ވެފައިވާ ކަމަށެވެ.
"މަހުގެ ކޮލިޓީ ދަށްވަނީ ކީއްވެގެންކަމެއް ސީދާ ނޭނގޭ،" ދިވެހި މަސްވެރިން މަސް ބޭނުމަށް ފަހު ރައްކާކުރާ ގޮތުން ފެންވަރު ދަށްވަނީތޯ ނުވަތަ ގުދުރަތީ ގޮތުން މަހުގެ ކޮލިޓީ ދަށީތޯ ސުވާލުކުރުމުން، އޭނާ ވިދާޅުވި އެވެ.
"މަހުގެ ކޮލިޓީ ދަށްވީމާ ބޭރުކުރަން ލިބޭ މަސްކޮޅު މަދުވަނީ. މަސް މި ގަންނަނީ އަގު ބޮޑުކޮށް، އެހެން ގަނެފައި އަޅުގަނޑުމެންނަށް އެ މަހުން ނެގޭ މިންވަރު ދަށްވީމާ، ވަރަށް ބޮޑު އަސަރެއް ކުރޭ އާމްދަނީއަށް."
އެންސިސްގެ އަފީފް ވިދާޅުވި ގޮތުގައި މަސް ލިބޭލެއް މަދުވުމުން މަހުގެ އުފެއްދުންތައް އުފެއްދޭ ވަރު ވެސް މިހާރު ވަނީ ދަށަށް ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝައިނި
26 November 2017
ރާއްޖެ ސަރަހައްދު ގަދާއަލަނި ސަރްކާރް ބޯޓޮފަހަރް މަސް ނުގަނެ ވާނެ އެއްނުން ކުއްޖޭ ކިޔާފަ
އޭކޭ
25 November 2017
ބާނާމަސްކުދިވެގެންނޫން މަހުގެ އަގެންނެތީ ބާނާމަސްކޮޅު ގެންދާ ގައުމުތަކުގެ ކުރިމަތީ ގޮއްދޫ ނުކުރާތި
ހައްދު ފަަހަނަ
24 November 2017
ގުދުރަތީވަސީލަތްތަށް ހައްދު ފަަހަނަ އަޅާވަރައް އަބިޔުސް ކުރުމުގެ ނަތީޖާ، ފައިސާބޭނުމަސް ތީތަންކޮޅެއްބޮޑުވަރު!
ސައްދާމް
24 November 2017
ދިވެހިރާއްޖޭގެ ކަނޑުން މިޔަރުގެ އުނދަގޫ ވަރަށް ބޮޑުވެ ކަނޑު މަހެއް އަދި ފަރު މަހެއް ވެސް ބާނަން އުނދަގޫ ކަމަކަށް ވެއްޖެ..........ހަމަ އެކަނި ފަތުރުވެރިން މިޔަރު ބަލަން ދޫކޮށްލާފައި ދިވެހި މަސްވެރިން ކުރާ މަސައްކަތުން އެއްޗެއް ނުލިބުމަކީ ވަރަށް ދެރަ ކަމެއް.......... ނޫސްވެރިން ވެސް މިކަމުގައި އެހީތެރިވުމަށް އެދެން............
ހަސަން
23 November 2017
ކަނޑުން ބަޔެއް ވިއްކާލާފަ އޮތުންވެސް އެކަށީގެންވޭ ... އެހާވެސް ނުބައި ނުލަފާ ބަޔެއް ވެރިކަން ކުރަން އަރާ މިތިބީ ....
ރާއްޖޭގަ
25 November 2017
ރާއްޖޭގަ ހިންގާ ހުރިހާމައްސަލައެއްގެ ޒިންމާ ވެސް ވެރިކަންކުރާމީހިން ހަވާލުކުރުމުގެ ބަދަލުގައި އަމިއްލައަށްވެސް ޒިންމާނަގަން ދަސްކުރަންޖެހޭ ނޫނީ ކަންތައްތައް ހަމަ މިއަށްވުރެންވެސް ގޯސްވަމުންދާނީ.. ހަގީގަތުގައި މިކަމުގެ ޒިންމާބޮޑީ ހުރިހާ ދިވެހިރައްޔިތުންނަށް.
އަލްޖިބްރާ
23 November 2017
ހާސް ކަޑާލާ ! ހުންނާނެ މޮޅު އެކޮނޮމިސްޓެއް ! އަންގާލާ ! ހުރިހާކަމެއް ރަގަޅުވާނެ !
ޢަލީ ފާއިލް
23 November 2017
ތީ މަސް އަގުދަށްކޮށް ގަންނަން ދައްކާ ވާހަކައެއް. ދުނިޔޭގެ ބާޒާރުގަ މަސް އަގު ދައްވެގެންތަ 35 އަށް 25 ރުފިޔާ އަށް ތިގަންނީ ތިޔަށް ކިޔަނީ މަސްވެރިން ފެލުން. މަސްކިރަން ޑިޖިޓަލް ކައްޓާ އެއް ނުލިބިގެންތަ ކަންމަތީ ފިހާރަގަ ހަޑޫކިރަން ބޭނުންކިރާ ވައްތަރުގެ ކައްޓާއެއް ބޭނުންކުރަނީ.. 900 ގްރާމް އިނަސް އެ ނޯޓެއް ނުކުރާނެ ސީދާ ކިލޯ ހަމަ ނުވާތީ. ޥިސްނާ 70000 ކިލޯ މަސްކިރާ އިރު މިގޮތަށް ކިތައް ކިލޯ މަސްވެރި މީހާ އަތުން ކިތައް ކިލޯ ގެއްލޭނެ. ކިތައް ރުފިޔާ އެގެއްލެނީ. މިހާރު މަސްވެރިން ބޭނުންވަނީ ޑިޖިޓަލް ކައްޓާއިން މަސް ކިރަން. ޙެޔޮނުވާނެ މަސްކިރާ މީހުން މަސްވެރިންނަށް ތިހެންހަދަން.
ޔާމިން
23 November 2017
ވެރިމީހާ އެސްއެމްއެސް ކޮއްލީމަ ހިފަހައްޓާ ބޯޓްފަހަރު ކޯސްޓްގާރޑްން ދޫކޮއްލަންޔާ މަސްކުދިވާނެ. ކޮބާ ޝައިނީ
އަހުމަދުބެ
23 November 2017
ސަރުކާރުގެ ޒިންމާ ވަރަށް ބޮޑެވެ. ބޭރު މީހުންނަށް ކަނޑު ވަނީ ހިބައިން ދީފައެވެ. ސަރަހައްދައް ވަދެ ދާ އަޅާ މަސްކޮޅު ކަހާލައިގެން ދާން ވީއެވެ. ބުރަ މަސައްކަތުން އޮޑި ދޯނި ފަހަރުން ފަހާ ދުވެ ބޯޓެއް ހިފަހައްޓައިފިނަމަ އެބޯޓެއް ސަލާމަތް ވަނީއެވެ.
ގަބުޅި
23 November 2017
މިހެން ދިމާވާން މެދުވެރިވެދާނެ ހާލަތްތަށް ގިނައެވެ. ނަމަވެސް ހައިރާނެއްނުވެއެވެ. ދުނިޔޭގެ އެހެން މަސްވެރި ގައުމުތަކަށްވެސް މިޒާތުގެ މައްސަލަތައް ދިމާވާތީ، އެފަރާތްތަކުން ހަދާހެން ރަނގަޅު ސްޓަޑީ އެއް އަވަހަށް ހެދުން މުހިންމުއެވެ. އަދި ރާއްޖެއަށް ކޮންޓްރޯލް ކުރެވޭނެ ފަދަ ކަންތައްތައް އަވަހަށް ތަންފީޒު ކުރަން ވެސް ޖެހެއެވެ. ފާހަގަ ކުރެވޭ އެއްކަމަކީ، މަސްކަނދުގެ ކައިރީގައި އަދި އެނޫންވެސް އެހެން މަސްއައިނު ތަކުގައި އުޅޭ ކުދިމުށިމަސް ސައިޒުގެ ކަންނެލި، ކަޅުބިލަމަސް ފަދަ ތަކެތި ގަނޑުކޮށް ދާޖަހައިގެން ނަގާފައި ގެނެސް މާރކޭޓްގައި ވިއްކަން ބަހައްޓާފައި ހުންނަތަން ފެންނަކަމެވެ. މީ އަޅުގަނޑުމެން ދިވެހިން އެހާ އަޅާލާ ކަމަކަށް ނުވެއެވެ.