މިނިސްޓަރު ޝިޔާމް: މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/މިހާރު
10 ޑިސެމްބަރ 2025 - 13:23
ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު މަސްވެރިންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދޭ މިންވަރަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަސް ސަރުކާރުން ރަސްމީކޮށް ފާހަގަކުރާ ރ. ދުވާފަރުގައި ރޭ ބޭއްވި "މަސްވެރިންގެ ގުންޒަރު" ގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މަސްވެރިންނަށާއި މަސްވެރިކަމުގެ އިންޑަސްޓްރީއަށް ރައީސް ވެވަޑައިގެންނެވި ވައުދުތައް ގިނަވީ އެ އިންޑަސްޓްރީގެ ހާލަތު އޮތްގޮތުން ކަމަށެވެ. އަދި ވައުދުތައް ގިނަ ނަމަވެސް ރައީސް ގެންދަވަނީ ވައުދުތައް ފުއްދަވަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބައެއް ވައުދުތަކަކީ ކުޑަކޮށް ދުވަސް ނަގާ ކަންތައްތައް، އެއީ މާލީ ގޮތުން ތަރުތީބުތަކެއް، އިންތިޒާމުތަކެއް ގެންނަން ޖެހޭ ވައުދުފުޅުތަކަށް ވާތީއާ އެކީގައި." ޝިޔާމް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ [ތެރެއިން] ގާތްގަނޑަކަށް ހުރިހާ ވައުދުފުޅުތަކެއް ފުއްދޭ ވަރަށް އަޅުގަނޑުމެންނަށް މަސައްކަތްތަކެއް ތަރުތީބުކޮށް ކުރެވޭ،" ޝިޔާމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަސްވެރިންނަށްޓަކައި ކުރާ މަސައްކަތްތަކުގައި މަސްވެރިންގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަކުރާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މަސްވެރިންނާ ގުޅުން ހުރި މައްސަލަތައް ނުވަތަ ގޮންޖެހުންތަކަށް ހައްލު ހޯދަން ވަގުތު ހޭދަވަނީ އެއީ ޒަމާންވީ ގޮންޖެހުންތަކަކަށް ވާތީ އެވެ. އަދި އެކަންކަމަށް ވަގުތު ހޭދަވާ ކަން ގަބޫލު ކުރައްވާ ކަމަށާއި އެކަންކަމަށް ކުރަންޖެހޭ ހޭދަތަކެއް އެބަހުރި ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގެ މަސްވެރިކަމުގެ އިންޑަސްޓްރީ ޒަމާނުއްސުރެ ބައްޓަން ކުރެވިފައި އޮތީ އެ އިންޑަސްޓްރީއަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ގޮތަށް ކަމަށާއި އެއީ އެހެން ބައެއް ގައުމުތަކުގައި ވެސް އެކަން އޮތްގޮތް ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"މިގޮތަށް ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތަކެއް ސަރުކާރަށް އެބަ ހުރޭ،" އޭނާ ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި ސަރުކާރުތަކަށް އެންމެ އުނދަގޫވާ ކަމަކީ މަސް ގަންނަ އަގު ސަރުކާރުން ކަނޑައަޅާފައި ވަނިކޮށް ދުނިޔޭގެ ބާޒާރުން އެ އަގު ނުލިބުމުން، ކޭޝްފްލޯ މެނޭޖްކުރަން ޖެހުމެވެ. އަދި އެކަން އެއީ ދަތިކަމަކަށްވީ މި ސަރުކާރަށް އެކަނި ނޫން ކަމަށާއި އެއީ ސަރުކާރުތަކަށް ކުރިމަތިވާ ދައްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެމްސް
11 December 2025
ފިޝަރީޒް މިނިސްޓްރީ އަކީވެސް މިފްކޯ ކަހަލަ ކުންފުންޏެއްބާއެވެ؟ އަދި ފިޝަރީޒް މިނިސްޓަރ ގެ ދައުރަކީ ކޮބައިބާއެވެ؟
ނަސޭހަތެއް
10 December 2025
ކޮންމެ ސަރުކާރަކުންވެސް މަސްވެރިން ޅޮސްއުނދޯއްޔަށްލަނީ. މަސްވެރިންނަށް އޮޅުވާލަނީ. މިފްކޯ މިނިވަންކަމާއެކު ވިޔަފާރިކުރަން ދޫކޮށްލާ. ސިޔާސީ ބޭނުމަށް މިފްކޯ ގުރުބާން ނުކުރޭ. ޑިމާންޑާއި ސަޕްލައި އޮންނަ ގޮތެއްގެ މަތިން މަސްވެރިންއަތުން މަސް ގަނެވޭނެގޮތަށް ބާއްވާ. މަސްވެރިން ބާނާ ހުރިހާ މަހެއް ކިރޭވަރަށް މިފްކޯ ފުޅާކުރޭ. ނުވަތަ އެހެން ފަރާތްތަކަށް މަސް ގަތުމަށް ފުރުޞަތު ދީ. މަސްވެރިންނަށް ކޮށްދޭންވީ މިކަންތައް. މަސްވެރިން ހާރުވަން ނޫޅޭ.
ސައްޔާރާ
10 December 2025
މިނިސްޓްރީ ރަނގަޅު މަސައްކަތްކުރޭ. މާދެން މޮޅޭވެގެން ގަދަވެގެން މިފްކޯ އަމިއްލަ ކަންތައްތަކުގަ އުޅެންހަދައިގެން ވައުދު ފުއްދުން ލަސްވަނީ. މިފްކޯއަންގަނީ މިނިސްޓްރީ ނުޖެހެޔޯ ކަންކަމާބެހޭކަށް. ފިނޭންސްއިންނޯ މިފްކޯ އަނބުރަންޖެހޭނީ. އެނބުރެމުން އައިސް މިޖެހެނީ މިނިސްޓްރީގަ.