މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާނެ ދިވެހިން ހޯދަން އުނދަގޫވެފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު މަދުކޮށް، އެ ދެ ދާއިރާ އަށް ދިވެހިން ނެރުމަށް ކުރާ މަސައްކަތާ ގުޅޭ މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޕްރައިމަރީ އިންޑަސްޓްރީގެ ވަޒީފާތަކަށް ދިވެހިން ހޯދުމުގައި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށެވެ.
"ވަކިން ހާއްސަކޮށް މަސްވެރިކަން. މަސްވެރިކަމަކީ ވަރަށް ޔުނީކް މަސައްކަތެއް. އަދި އަޅުގަނޑުމެން މި ކުރާ ހޭންޑް ލައިން އަދި ޕޯލް ލައިން މަސްވެރިކަމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ނުކުރާ މަސްވެރިކަމެކޭ ބުންޏަސް ކުށަކަށް ނުވާނެ. ކުރޭ އެކަމަކު ނިސްބަތުން ވަރަށް މަދު،" ޝިޔާމް ވިދާޅުވި އެވެ.
މަސްވެރިކަމުގެ ސިނާއަތުގައި އިސްވެ ކުރިން ހަރަކާތްތެރިވީ ދިވެހިން ކަމަށް ވިޔަސް މިހާރު ދިވެހިން ހޯދުން ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންވެ، ޒުވާނުން މަސްވެރިކަމަށް ޝައުގުވެރި ކުރުވައި އެ ސިނާއަތަށް ނެރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
އެގޮތުން މިހާތަނަށް ފަސް ޒުވާނަކު، ރާއްޖޭގައި އެންމެ ރަނގަޅަށް މަސްވެރިކަންކުރާ ފަސް ދޯންޏަކަށް އަރުވައިގެން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެ ފަސް ޒުވާނުން މަސްވެރިކަމުގައި މިހާރު ދެމިތިބި ކަމަށް ޝިޔާމް ވިދާޅުވި އެވެ. މި އަހަރު އިތުރު ޒުވާނުންނަށް އެ ޕްރޮގްރާމް ހިންގަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކަންބޮޑުވުމާ އެކު ޝިޔާމް ވިދާޅުވެދެއްވީ މަސްވެރިކަމަށް ދިވެހިން ނުނުކުންނަ ސަބަބުތަކެވެ. އެގޮތުން މަސްވެރިންނަށް ސިޔާސީ ވަޒީފާތައް ދިނުމާއި މީގެ ކުރިން އެކި ސަރުކާރުތަކުން މަސްވެރިން ބާކީކޮށްލުން ހިމެނޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"މަސްވެރިކަމުގައި އުމުރު ހޭދަކޮށް އެ މަސައްކަތް ހުއްޓަލާ އުމުރަށް ދާއިރު ވެސް ދައުލަތަށް އެއީ ކޮން މަސައްކަތެއްގައި އުޅުނު، ކިތައް ދަރިން ބޮޑުކޮށް މުޖުތަމައަށް ނެރުނު މީހެއްތޯ ވެސް ނޭނގޭ،" މިނިސްޓަރު ވިދާޅުވި އެވެ.
"މިހާ ހިދުމަތްތެރި ބައެއް މަސްވެރިންނަކީ. ދައުލަތެއް ނުދަނޭ. އެއްވެސް ބޭންކެއް ނުދަނޭ. ފައިނޭންސިން އިންސްޓިޓިއުޓެއް ނުދަނޭ. ކުއްޖަކަށް ކިޔަވައިދެން ލޯނެއް ނުނެގޭ. ގެދޮރު އިމާރާތްކުރަން ވެސް ލޯނެއް ނުނެގޭ. އެހެންވީމާ ދައުލަތް އަދި މާލީ ނިޒާމު ވެސް ނުދަންނަ ބަޔަކަށް މަސްވެެރިން ވެފައި މި އޮންނަނީ."
މަސްވެރިން ކުރާ މަސައްކަތް ބަލައިގަނެ ދަފްތަރެއް އެކުލަވާލައި ލޯނު ލިބޭ ބަޔަކަށް ހެދީ މި ސަރުކާރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.