ނިއު އާއި އީގަލްސް ރޭ ކުޅުނު މެޗުގެ ތެރެއިން: ދަގަނޑޭ (ވ) އީގަލްސްގެ ސިފާއު ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
30 ނޮވެމްބަރ 2017 - 08:36
އެފްއޭ ކަޕުގައި ކްލަބް އީގަލްސް އަތުން ރޭ 5-1 އިން ނިއު ރޭޑިއަންޓް މޮޅުވި މެޗުގެ ފަހު ކަށިގަނޑާ އެކު ފެނިގެންދިޔައީ ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ގޮސް އީގަލްސްގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ)އާ ސަލާމްކޮށް ވާހަކަ ދައްކަން ފެށި ތަނެވެ. ޒުވާން ޓީމެއް ގޮވައިގެން އީގަލްސް އިން ލީގުގެ އެންމެ ރަނގަޅު ފޯމުގައި އޮތް ޓީމާ ދެކޮޅަށް ދެއްކި ހިތްވަރުން އޮސްކާ ވަނީ އެ ޓީމަށް މަރުހަބާ ކިޔައިފަ އެވެ.
ވަރުގަދަކޮށް އޮތް ނިއު އިން ޒުވާން އީގަލްސް ޓީމު ބަލިކުރިއިރު މި މެޗުގައި ޖުމްލަކޮށް އީގަލްސް އިން ރަނގަޅަށް ކުޅެން މަސައްކަތްކުރި އެވެ. ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ނުލިބުމުން އީގަލްސް އިން ވަނީ އެ ޓީމަށް ކުޅޭ ރަނގަޅު ކުޅުންތެރިން އެކި ޓީމުތަކަށް ކުރު މުއްދަތުގެ އެއްބަސްވުމުގެ ދަށުން ދޫކޮށްލައިފަ އެވެ.
އީގަލްސް އިން އެފްއޭ ކަޕުގައި ބައިވެރިވި މަގުސަދަކީ އަންނަ މަހު ފަށާ 21 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް މިލްކުކުރުމަށެވެ.
"އީގަލްސް އިން މި ކުރާ ކަމަކީ ހުނަރުވެރި ޅަ ކުޅުންތެރިން ގެނެސްގެން އެ ކުޅުންތެރިންނަށް ފުރުސަތު ދިނުން. މި މެޗުގައި ވެސް މުޅިން އަލަށް ގަލޮޅު ދަނޑަށް ފަސް ވަރަކަށް ޕްލޭޔަރުން ނެރެވިއްޖެ އެކުދިންގެ ޕާފޯމަންސް ވެސް ވަރަށް ރަނގަޅު ކަމަށް މި ފެންނަނީ. ކޯޗެއްގެ ގޮތުގައި ލިބޭ އުފަލަކީ މީހުން އެމީހުންގެ ވާހަކަ ދެއްކުން. ދެންމެ އަޅުގަނޑު މިތަނަށް އައުމުގެ ކުރިން ވެސް ނިއު ރޭޑިއަންޓުގެ ކޯޗު ވަކިވަކި ކުޅުންތެރިންގެ ހުނަރު ފާހަގަކޮށްފި،" ޝާކިއްޓެ ބުންޏެވެ.
ރޭގެ މެޗުގެ ތެރެއިން އީގަލްސް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ޝާކިއްޓެ ބުނީ މި ކުޅުންތެރިން ލައިގެން ކުރެވުނީ ހަ ޕްރެކްޓިސް ކަމަށާއި އެހާ ވަރުގެ ތައްޔާރީ އަކާ ބަލާއިރުގައި ތަފާތު ބޮޑު ޓީމަކާ ދެކޮޅަށް ނުކުމެ އެ ޓީމުން ދެއްކި ކުޅުމުން ޕޮޒިޓިވް ގިނަ ކަންތައްތަކެއް ފެނިގެންދިޔަ ކަމަށެވެ.
"އީގަލްސްގައި މިހާރު މިއޮތް ޓީމާ ނިއު ރޭޑިއަންޓުގެ އެ އޮތް ޓީމާ އެއީ އަޅުވާ ކިޔޭނެ ދެ ޓީމެއް ނޫން. އެއްވެސް ގޮތަކުން ބެލިޔަސް ތަޖުރިބާގެ ގޮތުން ވެސް ހުނަރަށް ބެލިޔަސް ވެސް. ނިއު ރޭޑިއަންޓު ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް އަޅުގަނޑުމެން ނުކުތީ 21 ޓީމެއް (21 އަހަރުން ދަށުގެ) ސީނިއާ އެންމެ ކުޅުންތެރިއަކު ލައިގެން. ދިމާވީ ފިޓްނަސްގެ މައްސަލަ އެއީ މަދު ޕްރެކްޓިހެއް ކުރެވުނީ،" ޝާކިއްޓެ ބުންޏެވެ.
އޭނާ ބުނީ ދިވެހި ފުޓްބޯޅަ އަށް ދިމާވެެގެން އުޅޭ ކީޕަރުންގެ މައްސަލަ އަށް ވެސް މި މެޗުން އުއްމީދީ ކަންތައްތަކެއް ފެނިގެންދިޔަ ކަމަށެވެ.
"ރާއްޖޭގައި މިހާރު ކީޕަރުންގެ މައްސަލަ ޖެހިގެން އަބަދު އެ ވާހަކަ ދައްކަނީ. މިއަދު އަޅުގަނޑުމެންނަށް މުޅިން އަލަށް ދެ ކީޕަރުން ވެސް ދަނޑު މައްޗަށް ނެރެވިއްޖެ. 17 އަހަރުގެ ގޯލްކީޕަރަކާއި 19 އަހަރުގެ ގޯލްކީޕަރެއް. އެމީޙުންގެ ޕާފޯމަންސް ވެސް ރަނގަޅު ފުރަތަމަ މެޗާ ބަލާ. މިއީ ވެސް ޕޮޒިޓިވް ކަމެއް،" އޭނާ ބުންޏެވެ.
ނިއުގެ ކޯޗު އޮސްކާ ބުނީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލަށް މި މެޗުން އުއްމީދީ ކަންތައްތަކެއް ފެނިގެން ދިޔަ ކަމަށާއި އީގަލްސް އިން ފެންވަރު ރަނގަޅު ޒުވާން ކުޅުންތެރިންތަކެއް ފެނިގެން ގޮސްފި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިީގަލްސް
02 December 2017
ޙަޖަމް ހުސޭނު! ޢީގަލްސް ތިބި ވަރު ކޯޗުންނަށް ވުރެ ވަކި މޮޅު ކޯޗުންނެއް ނުތިބޭނެ ޒުވާން ކުޅުންތެރިން ތަމްރީން ކުރަން. އީގަލްސް ރޮކްސް
އައްޓަމަސް
30 November 2017
ދިވެހިންގެ އާދަމީ އަބަދުވެސް ބަލިވެއްޖެނަމަ މަދު ޕްރެކްޓިސް! މަސް ނުބޭނުނީމަ ކަނޑު ނުބައި! މޮޅުވެއްޖެނަމަ މަމޮޅެއްނު
ހުސޭނު
30 November 2017
19 އަހަރުން ދަށުގެ ޤައުމީޓީމު ގޮވައިގެން ނުކުމެ އާޓީމެކޭ ތިކިޔަނީ އެމީހުން އިހަކައްދުވަހަކު އެއައީ އިންތަނޭޝަނަލް މުބާރާތެއް ނިންމާފަ.އެފްއޭއެމް އިން މިހާރު ހިންގަނީ އީގަލްސްގެ ޔޫތުދިވެލޮޕްމަންޓް ޕޮރޮގްރާމް އެހެންވީމަތާ 19 އަދި 21 ޓީމްގެ ހުރިހާކުޅުންތެރިން އީގަލްސްގަ.މީސާންތީ ކުރާކަމަކީ
ޥަރުކެއްޓި
30 November 2017
ޙުސޭނާ ބަލަ އެއީވެސް ޓެލެންޓެކޭ، ސާންތީ ކަލެއަށް ވުރެ މޮޅުވީމަ ވަރު އެރީ ދޯ
ާާއައްޔަ22
30 November 2017
ރާއްޖޭގެ ބޮޑެތި ކުލަބް ތަކުގައި އީގަލްސް އަށްވުރެން މާ ފައިސާ އޮއްނާނެ، ކީއްވެ ޒުވާން ކުޅުންތެރިން ނުގެންދަނީ ؟ ޒުވާން ކުޅުންތެރިން ނުގެންގުޅެވޭނެ ކޮންމެ ކޮންމެ ކޯޗަކަށް، އީގަލްސް ގައި ތިބި ކޯޗިންގް ޓީމް ވަރުގެ އެހެން ކޯޗިންގް ޓީމް އެއް އެއްވެސް ޓީމަކު އަދިއެއް ނެތް، ޒުވާން ކުޓުންތެރިން ޓުރޭން ކުރާކައް، މީ ހަގީގަތކީ.