ލަނޑު ޖެހުމަށް ފަހު ސެންޓޭ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
01 ޑިސެމްބަރ 2017 - 08:38
މޮޅު ކުޅުންތެރިއާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމު މިދިޔަ އަހަރު ޓީސީ ސްޕޯޓްސް ކްލަބުގައި ހޯދުމަށް ފަހު އަލީ ފާސިރު (ސެންޓޭ) މި ސީޒަނުގައި ނިއު ރޭޑިއަންޓަށް ބަދަލުވުމުން ގިނަ ބަޔަކު ތިބީ ސެންޓޭގެ އެ ކުޅުން ތަކުރާރުވާނެ ކަމަށް އުއްމީދު ކޮށްގެންނެވެ. އެހެން ނަމަވެސް ސީޒަންގެ ފުރަތަމަ ފަސް ވަރަކަށް މަހު ސެންޓޭގެ އެންމެ ރަނގަޅު ކުޅުން ނުފެނެ އެވެ. އެ ކުޅުން ފެންނަން ފެށީ މިދިޔަ ޖޫން މަހު ނިއު ކޯޗަކަށް ސްޕެއިނުގެ އޮސްކާ ބްރުޒޮން އައި ފަހުންނެވެ.
ސީޒަންގެ ކުރީކޮޅުގައި ސެންޓޭގެ ފޯމާ ގުޅޭގޮތުން ނޫސްވެރިންގެ ސުވާލުތަކަށް އޭރު ނިއުގެ ކޯޗަކަށް ހުރި ބެނާޑޯ ޓަވަރޭސް ދެމުން އައީ ނުސީދާ ޖަވާބުތަކަކެވެ. އޭނާ މާ ބޮޑަށް ވަކިވަކި ކުޅުންތެރިންގެ ވާހަކަތަކަށް ޝައުގުވެރިކަމެއް ނުދިނެވެ.
ޓަވަރޭސްގެ ކޯޗުކަމުގައި ސެންޓޭ އަށް ޖެހުނީ ހަތަރު ލަނޑެވެ. އޮސްކާ ހަވާލުވި ފަހުން ސެންޓޭ ވަނީ މިހާތަނަށް 12 ގޯލު ކާމިޔާބުކޮށްފަ އެވެ. ނިއު އިން ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު އެންމެ ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިއަކީ ސެންޓޭ އެވެ. މުހިއްމު ވަގުތުގައި ލަނޑު ޖަހައި ލަނޑު ޖަހަން އެހެން ކުޅުންތެރިންނަށް ފުރުސަތު ވެސް ތަނަވަސްކޮށްދިނެވެ.
"އަސްލު ސީޒަންގެ ކުރީކޮޅުގައި ވަރަށް އުނދަގޫކޮށް ދިޔައީ. އެ ކޯޗު (ޓަވަރޭސް) ކުޅުނީ ވަރަށް ބޮޑަށް ހައި ބޯލްސް އަށް ވިސްނައިގެން. އެހެންވެ އުނދަގޫތަކެއް ކުރިމަތިވި. ދެން މިހާރުގެ ކޯޗު (އޮސްކާ) ހަވާލުވި ފަހުން ޕްރެކްޓިސްތަކުގައި އޭނާ ވަރަށް ގިނަ މަގާމުތަކަށް އަހަރެން ޓެސްޓްކުރި. އަހަރެން ގާތުގައި ކުޅެވޭނެ އެންމެ ފަސޭހަގޮތްތައް ބުނެދިން. ދެން މި ކޯޗު (އޮސްކާ) ކުޅުވަނީ ވަރަށް ބޮޑަށް ޕާސިން ގޭމެއް. އޭގެން އަލުން ފޯމަކަށް މި އާދެވުނީ،" ސެންޓޭ ބުންޏެވެ.
ގްރީން ސްޓްރީޓްސްގެ ސާއިފް (ކ) ކައިރިން ނިއުގެ ސެންޓޭ ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޓަވަރޭސް އާއި އޮސްކާ ދެ ކޯޗުންނާ އެކު ވެސް އެންމެ ގާތުން މަސައްކަތްކުރީ ނިއުގެ އެސިސްޓަންޓް ކޯޗަކަށް ހުރި އަޝްރަފް ލުތުފީ (ސަމްޕަތު) އެވެ. ޕްރިމިއާ ލީގުގެ މެޗެއްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ސުވާލަކަށް ޖަވާބު ދެމުން ސަމްޕަތު ބުނީ ސެންޓޭ ކަހަލަ ކުޅުންތެރިންގެ ބޭނުން ހިފަން އޮސްކާ އަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.
"ސެންޓޭ މެންގެ ސްކިލް ބޭނުންކުރެވޭނީ ތިރިން ކުޅެގެން. މި ކުޅުންތެރިންނަކަށް ފަސޭހަ ނުވާނެ ހައި ބޯލްސް (މަތިން ބޯޅަ ޖަހައިގެން) ފުޓްބޯޅަ ކުޅެން. އެއީ ކަންނޭނގެ ދިމާވި މައްސަލަ އަކީ. އެކަމަކު މި ކޯޗު (އޮސްކާ) އައި ފަހުން ވަރަށް ބޮޑަށް ސެންޓޭ މެންނާ ގުޅޭ ފުޓްބޯޅައެއް މި ކުޅުވަނީ،" ކުރިން ގައުމީ ޓީމަށް ވެސް ކުޅުނު މިޑްފީލްޑަރު ސަމްޕަތު ބުންޏެވެ.
ސެންޓޭގެ އެންމެ ރަނގަޅު ކުޅުން ދެއްކުމުގައި ދެން އެހީތެރިވި އަނެއް ކުޅުންތެރިއަކީ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ. ސެންޓޭ ގިނަ ލަނޑު ޖެހީ ދަގަނޑޭ ތަނަވަސްކޮށްދިން ފުރުސަތުތަކުންނެވެ.
"އަސްލު ދަގަނޑޭ އަކީ އަހަންނާ ވަރަށް ބޮޑަށް ގުޅޭ ކުޅުންތެރިއެއް. އެއީ އޭނަ (ދަގަނޑޭ) ހުރިއްޔާ ދެން ތިބޭ ކުޅުންތެރިންނަށް ވަރަށް ފަސޭހަވޭ. ރަނގަޅު ވަގުތުގައި ބޯޅަދޭނެ. އަދި އެޓޭކު ކުރަންވީ ވަގުތުގައި އެ ބައި ވެސް ރަނގަޅަށް ދާނީ،" ސެންޓޭ ބުންޏެވެ.
ނިއުގެ ކޯޗުކަމާ އޮސްކާ ހަވާލުވުމަށް ފަހު ފުރަތަމަ ވެސް އޭނާ ބުނީ ކުޅުންތެރިން ދަސްކޮށް އޭނާ ބޭނުންވާ ސްޓައިލް ގެންނަން ހަތަރު ހަފްތާ ބޭނުންވާނެ ކަމަށެވެ. އޭނާ ބުނިގޮތަށް އެ ހަތަރު ހަފްތާ ފަހުން ނިއު އިން އަންނަނީ ތަފާތު ގެނެސްފަ އެވެ. އެ ޓީމު ވަނީ އެންމެ ފަހުން ކުޅުނު 13 މެޗުން ވެސް މޮޅުވެފަ އެވެ.
ސެންޓޭއާ ބެހޭގޮތުން އޮސްކާ ލީގުގެ މެޗެއްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ބުނީ އޭނާ އެ ޓީމާ ހަވާލުވިއިރު ރަނގަޅު ފޯމެއްގައި ސެންޓޭ ނެތްކަން އެނގޭ ކަމަށާއި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި އެހީ ވެގެން ފޯމު ގެއްލިފައިހުރި ކުޅުންތެރިންނަށް ހައްލެއް ހޯދުމަށް ކަމަށެވެ.
އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި އީގަލްސް އަތުން 5-1 އިން މޮޅުވި މެޗަށް ކާޑު ހަމަވުމުގެ ސަބަބުން ސެންޓޭ ވަނީ ސަސްޕެންޑްވެފަ އެވެ. އޭނާ ދެން ކުޅޭނީ އެ މުބާރާތުގެ ސެމީ ފައިނަލުގައި އާދިއްތަ ދުވަހުގެރޭ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗުގަ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޖޖހބގ
21 December 2017
ސެންޓޭ މީ މޭން އެކޭ!!
އަހާ !
03 December 2017
بِسْمِ اللَّهِ الرَّحْمَنِ الرَّحِيم ، ﷲއިރާދަފުޅުކުރެއްވިއްޔާ ދުވަހަކުވެސް ދެރަ ގޮތެއްވުމަކައް އެއްވެސް ބަޔަކައް ނުވަތަ އެއްވެސް އިންސާނަކައްވެސް ނޭދެން ! ( އޮސްކާގެ ގޭމްޕްލޭނުގެ ތެރެއިން ސެންޓޭ އަލުން ފޯމަށް ) ވަކި އިންސާނަކައް ވީމަ ބުނާ ވާހަކައެއް ނޫން ބުނާ ބަހެއްނޫން ސެންޓޭ އައް އިގޭނެ ކަމައް ، ވަރަށް ނާދިރު ، إن شاء الله ،
ޢަބުދުﷲ
05 December 2017
ޔާ ﷲ ކަލޭގެ ބަދުދުޢާއިން ރައްކާތެރި ކޮށްދެއްވާށި،..އާމިން.
ޖެރާޑް
01 December 2017
ފިރިލޯއަށް އަސަރުކޮށްފިތާ. ހޮކޭ 90 މިނެޓް ކުޅެޔޭ ބުނީމަ.
ހަނދުފުށި
01 December 2017
ކޮންތާކުންތަ ކުޅިބަލަން ދަޑަށް ވަންނަމީހުންގެ އަދަދު އެގޭނީ؟
ޓޮޓީ
01 December 2017
އޮސްކާ ކޯޗް ކޮށްދޭން ފެށިފަހުން ސެންޓޭ އެއް ނޫން ނިއުގަ މިވަގުތު ތިބި ހުރިހާ ކުޅުންތެރިންގެ ވެސް ކުޅުމަށްވެސް ބޮނޑް ބަދަލެއް އައިސް. މިހާރު ހޮކޭމެން އެކުޅެނި އެއްވެސް ވަރުބަލިކަމެއް ނެތި މެދުތެރޭ 90 މިނެޓް. އޮސްކާއަކީ މޮޅު ކޯޗެއް. މިކޯޗް ބަންސާމް ޖަހާނުގަންފިންޔާ ކިތައްމެހާވެސް ރަގަޅު
ޕިރްލޯ
01 December 2017
ހޮކޭ ނުކުޅޭނެ ދިވެހި ލީގުގެ އެންމެ މެޗެއްވެސް ފުރިހަމަ 90 މިނިޓަކު. ބަދަލުކުޅުންތެރިއެއްގެ ގޮތުގައިވެސް އެރި މެޗަށްވުރެ ގިނަ ވާނީ ނާރާ މެޗު
ހޯރަ
01 December 2017
މިފަހަރު ބެލެންޑޯ އެވޯޑް ހަންގް ވެރިޔަކީ ސެންޓޭ. މިކަމާ ދެބަސްވާނެ ކޯޗަކު އަދި ސަފޯޓަރަކުވެސް ނުހުންނާނެ ކަށްނޭ..