06 ޑިސެމްބަރ 2017 - 10:44
ބޭރޫތު (ޑިސެމްބަރު 6) - ސައުދީ އަރަބިއާގައި ހުންނަވާ އިސްތިއުފާ އިއުލާން ކުރެއްވިތާ މަހެއް ފަހުން ލުބުނާނުގެ ބޮޑު ވަޒީރު ސައުދުލް ހަރީރީ ރަސްމީކޮށް އިސްތިއުފާ އަނބުރާ ގެންދަވައިފި އެވެ.
ނޮވެމްބަރު މަހު 4 ވަނަ ދުވަހު ސައުދީ އަރަބިއާގައި ހުންނަވާ ހަރީރީ އިސްތިއުފާ އިއުލާން ކުރެއްވީ މަގާމުގައި ހުންނަވައިފި ނަމަ އަމިއްްލަ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ވިދާޅުވެފަ އެވެ. އޭގެ ފަހުން، މީގެ ދެ ހަފުތާ ކުރިން ގައުމަށް ވަޑައިގެން، ރައީސް މިޝޭލް އަޔޫންއާ މަޝްވަރާ ކުރެއްވުމަށް ފަހު ވަނީ އިސްތިއުފާ ދެއްވުން މަޑުޖައްސާލައްވައިފަ އެވެ.
ކެބިނެޓުގެ ބައްދަލުވުމަށް ފަހު ހަރީރީ އިއްޔެ ނެރުއްވި ބަޔާނުގައި ވިދާޅުވީ މައްސަލަ މިހާރު ހައްލު ވެއްޖެ ކަމަށާއި ސަރުކާރުގައި ހިމެނޭ ހުރިހާ ބައިވެރިން ވެސް މިހާރު ވަނީ އެހެން އަރަބި ގައުމުތަކުގެ ދާޚިލީ ކަންކަމާ ނުބެހުމަށް އެއްބަސްވެފައި ކަމަށެވެ. ހަރީރީ ކުރިން ވަނީ ސަރުކާރު ކޯލީޝަނުގައި ހިމެނޭ ހިޒްބުﷲ އިން މެދުއިރުމަތީގައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
ލުބާނުގެ ކެބިނެޓުގެ ބައްދަލުވުމެއް އިއްޔެ ބާއްވަނީ. --ފޮޓޯ:އޭއެފްޕީ
ހިޒްބުﷲ އިން ތުހުމަތުކުރި ގޮތުގައި ހަރީރީ އިސްތިއުފާ ދެއްވަން މަޖްބޫރުކޮށްފައި ވަނީ ސައުދީ އަރަބިއާގެ ނުފޫޒުންނެވެ.
ހަރީރީ އިސްތިއުފާ ދެއްވީ ސައުދީ އަރަބިއާ އިން މަޖްބޫރުކޮށްގެން ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް ހަރީރީ ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ.
ހަރީރީ އާއި ސައުދީ އަރަބިއާ ދެމެދު ގާތް ގުޅުންތަކެއް އޮވެ އެވެ. ލުބުނާނުގެ އިތުރުން ސައުދީގެ ރައްވެހިކަން ވެސް ހަރީރީގެ އަތުގައި އޮވެ އެވެ. ހަރީރީގެ ވިޔަފާރި އާއި އަމިއްލަ ގެދޮރު ސައުދީގައި ހުރުމުގެ އިތުރުން އޭނާގެ ފިއުޗާ މޫވްމަންޓް ޕާޓީ އަށް ވެސް ސައުދީން މަދަދު ފޯރުކޮށްދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
06 December 2017
ފަލަސްތީނަށް ފައިދާތަކެއްވާތީ ކަރުގަހިފާފިއްތާލީ