06 ޑިސެމްބަރ 2017 - 14:31
މެޑްރިޑް (ޑިސެމްބަރު 6) - ރެއާލް މެޑްރިޑަށް ކުޅޭ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފާޑުކިޔަން އަދި އަވަސް ކަމަށާއި ސީޒަނުގެ ކުރިއަށް ހުރި މެޗުތަކުގައި އޭނާ ތަފާތު ދައްކާނެ ކަމަށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގައި މި ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހީ ރޮނާލްޑޯ އެވެ. އޭނާ ވަނީ މިހާތަނަށް އެ މުބާރާތުގައި އަށް ގޯލު ޖަހައިފަ އެވެ. އެހެން ނަމަވެސް ސްޕެނިޝް ލީގުގައި ރޮނާލްޑޯ އަށް މިހާތަނަށް ޖެހިފައިވަނީ ދެ ގޯލެވެ. ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާއާ ހަތަރު ވަނައިގައި އޮތް ރެއާލާ ދެމެދު އަށް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
"ރޮނާލްޑޯ އަކީ ވަރަށް މޮޅު ކުޅުންތެރިއަކަށް ވީމަ އޭނާ އާންމުކޮށް ލަނޑު ޖަހާ ވަރަށް ނުޖަހައި މަދު ދުވަސްކޮޅެއް ވިޔަސް ގިނަ ބަޔަކު އެ ވާހަކަ ދައްކާ. ކުރީގެ ފޯމު އެނބުރި އަންނަން ދެން ރޮނާލްޑޯ މަސައްކަތް ކުރާނެ. އޭނާ މޮޅަށް ކުޅުނީ މީގެ އަހަރުތަކެއް ކުރިންނެއް ނޫން. މިދިޔަ ސީޒަނުގައި ވެސް ތަފާތު ދައްކައިފި. އަދި ސީޒަނުގެ މެދަކާ ހަމަށް ނުދަނީސް ރޮނާލްޑޯ އަށް ފާޑުކިޔުން އިންސާފުވެރިއެއް ނޫން،" މިރޭ ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޒިދާން ބުންޏެވެ.
ލަނޑު ނުޖެހުމުގެ މައްސަލަ ދިމާވެފައިވަނީ ހަމައެކަނި ރޮނާލްޑޯ އަކަށް ނޫނެވެ. މުޅި ރެއާލް ޓީމުން ވެސް ފަހަކަށް އައިސް އެ މައްސަލަ ދަނީ ފެންނަމުންނެވެ. މި އަހަރު ސެޕްޓެމްބަރު މަހުގެ ކުރިން ރެއާލުން ވަނީ ޖެހިޖެހިގެން 73 މެޗު ލަނޑު ޖަހައިފަ އެވެ. އެހެން ނަމަވެސް އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން ތިން މެޗެއްގައި ރެއާލަށް ވަނީ ލަނޑެއް ކާމިޔާބު ނުކުރެވިފަ އެވެ.
"ތެދެއް އަހަރެމެން ލަނޑު ޖެހުން ޓީމެއްގެ ގޮތުގައި ވެސް ރަނގަޅު ކުރަންވެއްޖެ. ލީގު ތަށި ދިފާއުކުރަން ބޭނުންނަމަ ގިނަ މައްސަލަތަކެއްގެ ހައްލު ވަރަށް އަވަހަށް ހޯދަން ޖެހޭ. އެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ލަނޑު ނުޖެހުމުގެ މައްސަލަ،" ޒިދާން ބުންޏެވެ.
ގްރޫޕް އެޗްގެ އެއް ވަނައިގައި ޓޮޓެންހަމް ހޮޓްސްޕާސް އޮތީ ފަސް މެޗުން 13 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލަށް ފަސް މެޗުން ލިބުނީ 10 ޕޮއިންޓެވެ. ގްރޫޕްގެ ފަހު މެޗުތަކަށް ނުކުންނައިރު މި ދެ ޓީމަށް ވެސް ވަނީ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފަ އެވެ. އެއީ ގްރޫޕުގައި އޮތް އަނެއް ދެ ޓީމު ކަމަށްވާ ޑޯޓްމަންޑާއި އަޕޮއެލް އަށް ލިބިފައިވަނީ ފަސް މެޗުން ދެ ޕޮއިންޓެވެ.
ރެއާލާއި ޑޯޓްމަންޑް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯސާ
06 December 2017
އޭރިއާތެރޭގަ ބޯސާޖަހައިގެން ހުންނަމީހަކު ކީއްވެހޭ ލަނޑު ނުޖެހެންވީ..
ރޮނާލްޑޯ
06 December 2017
ސީޒަނުގެ މެދަކާ ހަމަޔަށް ގާތްގަނޑަކަށް އާދެވެނީ. ލިގުގަ 38 މެޗް ކުޅެންޖެހޭ. 14 މެޗް ކުޅެވިއްޖެ. ލީގުގަ ޖެހުނީ އެންމެ 2 ގޯލް. ޗެންޕިއަންސް ލީގުގަ 8 ގޯލް ޖެހާފައޭ ކިޔާފަ ފޮނި ވާހަކަ ނުދައްކާ. މިހާރު އެހެރަ އަސުރުން ތިރިވަނީ
ބޮޑާލްޑޯ
06 December 2017
ބޮޑާލްޑޯ ފަހަތައް ގޮސް ގެއްލޭނި މިހާރު އެހުރީ ފޯމުކަޓާ އަސަޑުވެފަ
ރޮނީލްޑޯ
06 December 2017
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާޔޯ އެކަމަކު ސްޕެނިޝް ލީގުގައި ޓޮޕް ސްކޯރާރ ލިސްޓްގައި މިވަގުތު ގަދަ 10 ގައިވެސް ނުހިމެނޭ. މެސީމެން 15 ލަނޑު ޖަހާފައިވާއިރު މިސޮރަށް އަދި ދެގޯލެއްވަރު ޖެހުނީ. ވަރިހަމަތާދޯ