ދިވެހި ސިފައިންގެ ކްލަބް ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
10 ޑިސެމްބަރ 2017 - 09:20
ސީލައިފް ގްލޯބަލް ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ބައިގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުން ދިވެހި ސިފައިންގެ ކްލަބް މޮޅުވިއިރު، ދެ ވަނަ މެޗުން މޮޅުވެ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ރެކޯޑް ދަމަހައްޓައިފި އެވެ.
އިއްޔެ ހަވީރު ފުރަތަމަ ބުރުން ދެ ވަނަ ހޯދި ސިފައިން މޮޅުވީ މި ބުރުން ފަހު ވަގުތު ފުރުސަތު ހޯދި ސީލައިފް ސްޕޯޓްސް ކްލަބާ ވާދަކޮށެވެ. ފުރަތަމަ ބުރުގެ ފަހު މެޗު ކުޅުނުތާ 24 ގަޑިއިރު ހަމަނުވަނީސް ސީލައިފް ކުޅުނު ދެ ވަަނަ މެޗުން ސިފައިން އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. ސިފައިން ސެޓުތައް ގެންދިޔައީ 25-19، 25-15 އަދި 25-13 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާން ކުޅުންތެރިއާ މުހައްމަދު އިދުރީސް އެވެ.
ރޭ ކުޅުނު މެޗުން ޕޮލިސް އަތުން މޯލްޑިވިއަނުން މޮޅުވިއިރު، އެ ޓީމުން ވަނީ މި މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފަ އެވެ. ޕޮލިސް އަތުން މޯލްޑިވިއަން މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެ ޓީމުން ސެޓުތައް ގެންދިޔައީ 25-22، 25-18 އަދި 25-16 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކީ މޯލްޑިވިއަން އަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕާކިސްތާނުގެ ކުޅުންތެރިއާ މުރާދު ޖީހާން އެވެ. މޯލްޑިވިއަން އިން އެސޯސިއޭޝަން ކަޕް ކާމިޔާބުކުރިއިރު ވެސް ޕާކިސްތާނު ގައުމީ ޓީމަށް ކުޅޭ މުރާދު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުން ސިފައިން ނުކުންނާނީ ޕޮލިހާ ދެކޮޅަށެވެ. އަދި މިރޭ ކުޅޭ މެޗުގައި މޯލްޑިވިއަން ކުޅޭނީ ސީލައިފް ސްޕޯޓްސް ކްލަބާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy