ދުނިޔެ / ސީރިއާ

ސުލްހައިގެ ވާހަކަތަކަށް ސީރިޔާގެ ވަފްދު ޖެނީވާ އަށް

ސީރިޔާ ސަރުކާރުގެ މަންދޫބު ބައްޝާރުލް ޖައުފަރީ (ވ) އާއި އދ.ގެ މަންދޫބު ޑި މިސްތޫރާ އެމެރިކާގެ ނިއު ޔޯކްގައި ބައްދަލު ކުރައްވަނީ. --ފޮޓޯ ރޮއިޓާސް

ޖެނީވާ (ރޮއިޓާސް) - ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ އަށް ސުލްހަވެރި ހައްލެއް ހޯދުމަށް އދ. މަޖިލީހުން މެދުވެރިއެއްގެ ދައުރު އަދާކުރާ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ސީރިޔާ ސަރުކާރުގެ ވަފްދު ޖެނީވާ އަށް ހިނގައްޖެ އެވެ.

ހަފުތާއެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ސީރިޔާގެ ވަފްދު ޖެނީވާ އަށް މި ދިޔައީ، ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވުމުގައި ސީރިޔާ ސަރުކާރުގެ ސީރިއަސްކަމެއް ނެތް ކަމަށް، އެ މަޝްވަރާތަކުގައި ބައިވެރިވާ ހުޅަނގުގެ ގައުމުތަކުގެ މަންދޫބުން ސުވާލު އުފައްދާފައިވާ ދަނޑިވަޅެއްގަ އެވެ. ސުލްހައިގެ ވާހަކަތަކުގައި އދ.ގެ ފަރާތުން މެދުވެރިއެއްގެ ދައުރު އަދާ ކުރައްވާނީ ސްޓެފަން ޑި މިސްތޫރާ އެވެ.

އދ. މެދުވެރިއެއްގެ ދައުރު އަދާކުރާ ގޮތަށް މިހާތަނަށް، ސުލްހައިގެ ވާހަކަތަކުގެ އަށް ބުރެއް ބާއްވައިފި އެވެ. އެއީ ސީިރިޔާ ސަރުކާރުގެ ވަފްދާ އެކު ބޭއްވި ބައްދަލުވުންތަކަކާއި ސީރިޔާގެ އިދިކޮޅު ޖަމާއަތްތަކާ އެކުގައި ބޭއްވި ބައްދަލުވުންތަކެކެވެ.

ޑި މިސްތޫރާ އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާ މަޝްވަރާތަކުގައި މިހާރު އެންމެ ބޮޑަށް ދެކެވެމުން ދަނީ ސީރިޔާގެ ގާނޫނުއަސާސީ އިސްލާހު ކުރުމާއި އެ ގައުމުގައި މިނިވަން އިންސާފުވެރި ރިއާސީ އިންތިހާބެއް ބޭއްވުމާ ބެހޭ ގޮތުންނެވެ.

ނަމަވެސް ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ ސީރިޔާގެ އިދިކޮޅު ފަރާތްތަކުން ބާރުއަޅަނީ، އިންތިހާބަކަށް ދިއުމުގެ ކުރިން ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު މަގާމުން ވަކިވެ އިންތިގާލީ ސަރުކާރެއް ގާއިމުކުރުމަށެވެ. އަދި އިންތިގާލީ ސަރުކާރުގައި ބައްޝާރުގެ އެއްވެސް ދައުރެއް އޮވެގެން ނުވާނެ ކަމަށް އިދިކޮޅު ޖަމާއަތްތަކުން ބުނެ އެވެ.

ސީރިޔާގެ ހަނގުރާމައިގައި އަނިޔާ ލިބިފައިވާ ދެ ކުޑަކުއްޖަކު އުރާލައިގެން މީހަކު ދަނީ.

އެންމެ ފަހުން ބާއްވަން ތާވަލު ކުރި ސުލްހައިގެ ވާހަކަތައް ކަނޑައެޅީ މި މަހުގެ ފަސް ވަނަ ދުވަހު ޖެނީވާގައި ބާއްވާށެވެ. ނަމަވެސް އެ ބައްދަލުވުންތަކަށް ސީރިޔާ ސަރުކާރުގެ ވަފްދު ހާޒިރު ނުވުމުން، ސުލްހަވެރި ގޮތުގައި މައްސަލަ ހައްލު ކުރުމުގެ ވިސްނުމެއް ސީރިޔާ ސަރުކާރުގައި ނެތް ކަމަށް ހުޅަނގުގެ ޑިޕްލޮމޭޓުން ބުނެ އެވެ.

ސީރިޔާގެ ދާޚިލީ ހަނގުރާމަ އަށް ސުލްހަވެރި ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ ޑިޕްލޮމޭޓުން މަސައްކަތް ކުރަމުން އަންނަ އިރު، ސީރިޔާގައި ކުރަމުންދާ ހަނގުރާމަ ވެސް ދަނީ ދުވަހުން ދުވަހަށް ވަރުގަދަވެ ހަނގުރާމައިގައި އާންމުންނަށް ލިބޭ ގެއްލުން ބޮޑުވަމުންނެވެ.

އެ ގޮތުން ސީރިޔާގެ ވެރިރަށް ދިމިޝްގުގެ ރަށްބޭރު ސަރަހައްދުތަކުގައި ހިންގަމުންދާ ހަނގުރާމައިގައި ޒަޚަމްވެފައިވާ ގިނަ އަދަދެއްގެ ކުޑަކުދިންނަށް އަވަސް ފަރުވާ ދިނުމަށްޓަކައި އަމާން ތަނަކަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް، އދ.ގެ ކުޑަކުދިންނާ ބެހޭ އިދާރާ ޔުނިސެފުން ވަނީ ގޮވާލައިފަ އެވެ.

ޔުނިސެފުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ހަނގުރާމައިގައި ޒަޚްމަވި ފަސް ކުއްޖަކު މިދިޔަ ހަފުތާގައިވަނީ އެކަށީގެންވާ ފަރުވާ ނުދެވިގެން މަރުވެފަ އެވެ. އޭގެ އިތުރުން ސިއްހީ އަވަސް ފަރުވާ އަށް ކޮންމެހެން ބޭނުންވާ 137 ކުއްޖަކު މިހާރު ވެސް އެބަތިބި ކަމަށް އެ ބަޔާނުގައިވެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454